ޕީޕީއެމުން މިއަދު މާލޭގައި ލޮރީ ބުރެއް ބާއްވަނީ: މިކަން ކުރާކަށް އެމްޑީޕީއަކަށް ފުރުސަތެއް ނުދިން-- ފޮޓޯ-- ނިޝާން އަލީ/ މިހާރު
05 މެއި 2017 - 17:47
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މިއަދު ލޮރީ ބުރެއް ބާއްވަން އެ ޕާޓީއަށް ހުއްދަ ނުދިން ނަމަވެސް ޕީޕީއެމުން ލޮރީ ބުރެއް ބާއްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މިއަދު ހަވީރު 13 ޕިކަޕެއްގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ބާއްވަން ހަމަޖެއްސި ހަރަކާތް ނުބޭއްވޭނެ ކަމަށް އެ ޕާޓީއަށް އިއްޔެ ފުލުހުން ވަނީ އަންގާފަ އެވެ. އެކަމަކު އެކަން ހުޅުމާލޭގައި ކުރެވިދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެމްޑީޕީއަށް މިގޮތަށް އެންގި ނަމަވެސް ސިޓީ ކައުންސިލަށް ޕީޕީއެމުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް، މިއަދު ހަވީރު ވަނީ ލޮރީއެއްގައި އަޑުގަދަކުރާ ހަރުކޮށްގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި ދުއްވާފަ އެވެ.
ޕިކަޕު ބުރު ބާއްވާނެ ކަމަށް އަންގައި އެމްޑީޕީން ޕޮލިހަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ބުނެފައި ވަނީ މާލޭގެ މަގުތަކުގައި އުމްރާނީ ތަފާތު މަސައްކަތްކުރަމުންދާތީ މަގުތަކުގެ ޓްރެފިކް ބާރުބޮޑުވުމާ އަދި އާއްމުންނަށް ދަތިތަކާ ދިމާވެދާނެތީ މިވަގުތު ލޮރީ ބުރަށް ހުއްދަ ދިނުމަކީ ދަތިކަމެއް ކަމަށެވެ. ނަމަވެސް އެދިފައިވާ ހަރަކާތް ހުޅުމާލޭގައި ކުރިޔަށް ގެންދިއުމާ މެދު އިއުތިރާޒެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީން ފޮނުވި ސިޓީ ބުނެފައި ވަނީ މާލޭގެ މަގުތަކުގައި ލޮރީ ބުރު ބާއްވާނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 28 ވަނަ މާއްދާގެ ށ. އާއި ކައުންސިލް އިންތިހާބުގެ ގަވައިދުގެ 22 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ. މާލޭގައި ލޮރީ ބުރު ބާއްވަން ފުލުހުން ހުއްދަ ނުދިނުމުން އެމްޑީޕީން އެކަން ކުރީ ވިލިމާލޭގަ އެވެ. ލޮރީ ބުރެއްގެ ބަދަލުގައި އެމްޑީޕީން އެ ރަށުގައި ބޭއްވީ ހިނގާލުމެކެވެ.
ކައުންސިލް ކެމްޕޭންގެ ހުރިހާ ހަރަކާތެއް މިއަދު ހައެއްގެ ކުރިން ނިންމަން ޖެހެ އެވެ. އަދި މާދަމާ ވޯޓު ލާ ނިމެންދެން އެކަހަލަ އެއްވެސް ހަރަކާތެއް ކުރިއަކަށް ވެސް ނުގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އލހ
06 May 2017
ދައުލަތުގެ ހުރިހާ މުއައްސަސާއެއް ވަކިމީހަކަށް އަޅިދާސްވީމާ ފެންނާނެ މިކަހަލަ ކިތަންމެ ކަމެއް.
އީޖޯ
06 May 2017
ކީކޭ ދޯ ދެން ބުނާނީ . ބުނަން ބޭނުންވާ އެތި ބުނެފަ ނޭނގެ ދެވަނަ ފަހަރަށް އެއްޗެކޭ ބުނެވޭނެ ކަމެއް.