ލައިފްސްޓައިލް / ފަލަވުން

ފަލަ އެކަމަކު ފިޓު މީހުންނެއް ނޫޅޭނެ

އާދަޔާޚިލާފަށް ފަލަނަމަ ސިއްހީ މައްސަލަތައް ދިމާވުން ކައިރި

ފަލަޔަސް ސިއްހީ ގޮތުން ބަލާއިރު ފިޓް މީހުން އުޅޭނެ ކަމަށް ކުރެވިފައި އޮންނަނީ ކުށްހީއެއް ކަމަށް ޕޯޗްގަލްގެ ތަޖުރިބާކާރުން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ 3.5 މިލިއަން މީހުންގެ ސިއްހީ މައުލޫމާތަށް ބިނާކޮށް ހެދި ދިރާސާއަށް ފަހު ތަޖުރިބާކާރުން ބުނަނީ އާދަޔާ ޚިލާފަށް ފަލަކޮށް ތިބޭ މީހުންގެ އުމުރުގެ ކުރީކޮޅު ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ މައްސަލަތައް ނެތަސް އެމީހުންނަކީ އުމުރުން ދުވަސްވުމުން އެފަދަ ބަލިތަކުން ދިފާއުވާނެ ބައެއް ނޫން ކަމަށެވެ. ކުރީގެ ދިރާސާތަކާ މި ދިރާސާ ފުށުއަރަ އެވެ.

ފަލަޔަސް ފިޓޭ ބުނަނީ އާދަޔާ ޚިލާފަށް ފަލަޔަސް އެމީހުންގެ ލޭގެ ޕްރެޝަރާއި ހަކުރު އާދައިގެ ވަރެއްގައި ހުރުމުގެ ސަބަބުން އިތުރު ފެޓްސް އިން ގެއްލުމެއް ނުލިބޭނެކަމަށް ބަލާފަ އެވެ.

ފަލަޔަސް ފިޓް މީހުން ތިބޭ ކަމަށް ދައްކާ ވާހަކައިގެ ހަގީގަތް ހޯދުމަށް ޔުނިވަސިޓީ އޮފް ބާމިންހަމްގެ ސައިންސްވެރިން ކުރި މި ދިރާސާގައި، ބަލި މީހުންގެ ތެރެއިން 1995 އިން 2015 އާ ދެމެދުގެ މުއްދަތުގައި ޑޮކްޓަރަށް ދެއްކި އެތައް މިލިއަން ބައެއްގެ ޑޭޓާތައް ބެލި އެވެ.

މި ދިރާސާ ފެށުމުގެ ގޮތުން ސައިންސްވެރިން ދެނެގަތީ ފަލަބަލި ހުރި މީހުންގެ (ބޮޑީ މާސް އިންޑެކްސް 30 ނުވަތަ އެއަށް ވުރެ މަތީ މީހުން) ތެރެއިން ހިތުގެ ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން އަދި ހަކުރު ބަލީގެ އެއްވެސް ނިޝާނެއް އޭރު ނެތް މީހުންނެވެ.

ސައިންސްވެރިންނަށް ފާހަގަ ކުރެވުނު ގޮތުގައި ފަލަބަލި ޖެހިފައިވާ މީހުންނަކީ އެ ވަގުތަށް ސިއްހީ ބޮޑު މައްސަލައެއް ނެތް މީހުންނަށް ވިޔަސް އާދައިގެ ބަރުދަނުގެ މީހުންނަށް ވުރެ މި މީހުންނަށް ހިތުގެ ތަފާތު ބަލިތަކާއި ވާގިނެތޭބަލި އަދި ހިތް ފެއިލްވުން ފަދަ މައްސަލަތައް ޖެހުމުގެ ނުރައްކާ މާ ބޮޑެވެ.

ބްރިޓިޝް ހާޑް ފައުންޑޭޝަންގެ ޑރ. މައިކް ނެޕްޓަން ވިދާޅުވީ މިހާ ފުޅާދާއިރާއެއްގައި ކޮށްފައިވާ މިފަދަ ދިރާސާތަކުން، ކުރި ހީކުރެވިފައިވާ ހީކުރުންތަކަކީ ގޯހެއްކަން ފާހަގަކުރެވެނީ މަދު ފަހަރަކު ކަމަށެވެ.

"ކުރިން ހީވެފައި އޮންނަނީ ބަރުދަން އިތުރުވުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ ކޮލެސްޓްރޯލް މަތިވާތީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މެދުވެރިވާ ކަމަށް. ނަމަވެސް މިފަހަރުގެ މި ދިރާސާއިން އަހަރެމެންނަށް ހޯދިފައި މި ވަނީ ހުންނަންވާ ވަރަށް ވުރެ ބަރުދަން އިތުރު މީހުން ނުވަތަ ފަލަބަލީގެ މީހުންގެ ސިއްހަތު ރަނގަޅުކޮށް ތިއްބަސް އެމީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިންތިހާއަށް އޮންނަކަން،" ޑރ. ނެޕްޓަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަވުމުން އޭގެ ޒާތުގައި ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ އިތުރުވާ ކަމަށެވެ.

ނަމަވެސް މި ދިރާސާ އަދި ސައިންޓިފިކް ޖާނަލްތަކުގައި ޝާއިއުކޮށްފައެއް ނުވެ އެވެ. ސަބަބަކީ އެހެނިހެން އިދާރާތަކުން މި ދިރާސާ އަދި ރަނގަޅަށް ޗެކް ކޮށްފައި ނުވުމެވެ. އެ ތަންތަނުން ޗެކް ކުރުމަށްފަހު ނޫނީ މިއީ ސައިންސްގެ ރޮނގުން ކިހާ އިތުބާރު ހުރި އެއްޗެއް ކަމެއް ދެނެއެއް ނުގަނެވޭނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454