ފާރިސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ފުރުން މަނާކޮށްފައި އޮތީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ --ފޮޓޯ/މިހާރު
30 މެއި 2017 - 18:06
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރާއްޖެ އިން ބޭރަށް ވަޑައިގެންފި ނަމަ، ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން އޭނާ އަނބުރާ ރާއްޖެ ވަޑައިނުގެން ބޭރުގައި މަޑުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންވެ އެ ހުއްދަ ނުވަތަ ފާރިސްގެ ޕާސްޕޯޓް ދޫކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން އުޒުރުވެރިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ބޮޑުދައިތަގެ ހާލު ސީރިއަސްވުމާ ގުޅިގެން އޭނާގެ އަރިހަށް އެއް ހަފުތާގެ މުއްދަތަށް ސިންގަޕޫރަށް ވަޑައިގަތުމަށްޓަކައި ޕާސްޕޯޓް ދޫކުރެއްވުމަށް ތަކުރާރުކޮށް ފުލުސް އޮފީހުގައި އެދިވަޑައިގަތުމުން ވެސް ޕާސްޕޯޓް ދޫނުކުރި މައްސަލަ މީޑިއާ އަށް މިއަދު ތިލަވެފައި ވަނިކޮށް، ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާރިސްއާ ބެހޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.
އަދި ފާރިސްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާނާ އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކުރުމުން ވެސް، އެކަމަށް އިޖާބަ ނުދީ، ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅެނީ ފާރިސްގެ އާއިލާގެ އެހީތެރިކަމާ އެކު ކަމަށް މައުލޫމާތު ލިބޭ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ސޮފްވާނަކީ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާޕުޅު މައުމޫން އަބްދުލް ގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓެއްގެ އިތުރުން އެއީ މައުމޫން ފެކްޝަންގެ ކައުންސިލްގެ މެމްބަރެއް ވެސް އެވެ. ސޮފްވާން ހޯދުމަށް ދިވެހި ފުލުހުން ވަނީ އިންޓަޕޯލްގެ އެހީތެރިކަމަށް ވެސް މިދިޔަ އޭޕްރީލްމަހު އެދިފަ އެވެ.
"... މައްސަލައެއްގެ ތަހުގީގު ނިމުމުގެ ކުރިން އެއްވެސް ފަރާތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަކީ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވޭތީ އާއި ފާރިސް މައުމޫންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލައި، އެމަނިކުފާނަށް ރާއްޖެއިން ބޭޭރަށް ފުރައިވަޑައިގަތުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ މުއައްސަސާތައް އުޒުރުވެރިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހުންނަވާ ފާރިސް ރާއްޖެ އިން ބޭރަށް ފުރާވަަޑައިގަތުން ހުއްޓުވުމުގެ މައްސަލާގައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ފާރިސްގެ ބޮޑުދައިތަގެ އަރިހަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު، ސަރުކާރުގެ އިސް ދެ މަގާމެއް ފުރުއްވަމުން ގެންދަވާ ފާރިސްގެ އެއްބަނޑުއެއްބަފާ ދެ ބޭފުޅަކަށް ފަހިކޮށްދީ، ލުއިފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސައިދީފައިވާނެ އެވެ. ބެލޭވެ ގޮތުގައި އެއީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި ފާރިސްގެ ކޮއްކޮ މުހައްމަދު ޣައްސާން މައުމޫނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފާރިސްގެ ދައްތަ ދުންޔާ މައުމޫނެވެ.
މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދުންޔާ އާއި ޣައްސާން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު، ފާރިސް އާއި ޔުމްނާ މައުމޫން ހިމެނިވަޑައިގަންނަވަނީ ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު އިއްތިހާދުގެ އިސްބޭފުޅުންގެ ގޮތުގަ އެވެ.
ޣައްސާނާއި ޔުމްނާ މިހާރު ތިއްބެވީ ބޮޑުދައިތަގެ އަރިހުގައި ސިންގަޕޫރުގަ އެވެ.
ހޯމް މިނިސްޓްރީން ބުނީ މިފަދަ ކަންކަމުގައި ދިވެހި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާއެކު އެއް ހަމައަކުން އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ.
ފާރިސްގެ ބޮޑުދައިތަގެ އަރިހަށް ވަޑައިގަތުމަށްޓަކައި އޭނާގެ ޕާސްޕޯޓް ދޫކޮށްދިނުމަށް ތިން ފަހަރެއްގެ މަތިން ފުލުސް އޮފީހުގައި އެދިވަޑައިގެންނެވި ނަމަވެސް އޭގެ ތެރެއިން ޖަވާބު ދެއްވީ އެންމެ ފަހަރަކު އެވެ. އެއް ހަފުތާ އަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދިވަައިގެން މި މަހުގެ 17 ގައި ފުލުސް އޮފީހަށް ފޮނުއްވި ސިޓީގެ ޖަވާބުގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ފާރިސް އެދިވަޑައިގެންނެވި ގޮތަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.
އެންމެ ފަހުން މިދިޔަ އާދީއްތަަދުވަހު ފުލުސް އޮފީހަށް ފޮނުއްވި ސިޓީގައި ފާރިސް އެދިވަޑައިގެންފައި ވަނީ ޓްރެވެލް ޑޮކިއުމެންޓެއްގެ ދަށުން ނަމަވެސް އޭނާ އަށް ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމާ މެދު އިއުތިރާޒެއް ނެތް ކަމަށެވެ. އަދި އަރިހުގައި ފުލުހަކު ފޮނުވާ ގޮތަށް ހަމަޖައްސާ ނަމަ އެ މީހެއްގެ ދަތުރުގެ ޚަރަދަށް ވެސް ޒިންމާވާނެ ކަމަށް ފާރިސްގެ ސިޓީގައިވެ އެވެ. މި ސިޓީ އަށް ފުލުހުން އަދި ޖަވާބެއް ނުދެ އެވެ.
ފާރިސްގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެން އޭނާ ވަނީ ކްރިމިނަލް ކޯޓަށް ވެސް މި މަހުގެ 21 ގައި ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ ސިޓީގައި އޭނާ އެދިވަޑައިގެންފައި ވަނީ، އެއް ހަފުތާ އަށް ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދަ ޝަރުތުތަކާ އެކު ނުވަތަ ކަފާލާތުގެ ދަށުން ނަމަވެސް ދެއްވުމަށެވެ. އެގޮތުން ކޯޓުން ކަނޑައަޅާ ދުވަހެއްގައި މާލޭގައި ހުންނެވުމަށް ޝަރުތު ކޮށްފައި ނަމަވެސް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފަށް ފޮނުއްވި ސިޓީގައި ފާރިސް އެދިވަޑައިގެންފައިވެ އެވެ.
އޭގެ ޖަވާބުގައި ކޯޓުން ބުނެފައި ވަނީ، ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ފުލުހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވާތީ، ޕާސްޕޯޓް ދޫކުރުމުގެ ކަންތަކުގައި ފުލުހުންނަށް ހުށަހެޅުން ރަނގަޅު ވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީޝާ
31 May 2017
ފާރިސް އެއީ ކާކު؟
މަޅިމަސް
31 May 2017
އޭގެ މާނައަކީ އައްސާނާއި ދުންޔާ އަކީ ތި ބުނާ އާއިލާގެ ބަޔަކަށް ނުވަނީތޯ އެމީހުނަށް އިނާޔަތާއެކު ވަގުތުން ފުރުވާލީ.. މި އުޅޭ ސިކުނޑިއަށްވެސް ގަބޫލު ނުކުރެވޭ ޒާތުގެ ވާހަކަ ތިޔަފަދަ މުއައްސަސާަކުން ދައްކާތީ ދިވެއްސަކަށްވީތީ ލަދުވެތިވަން..
ވާނުވާ
31 May 2017
ދެން މާމަ ގެންނަންވީނު މާލެއަށް
ގަޅި
31 May 2017
'ޓެރަރިޒަމް" ގެ ކުށަށް ނިޔާކަޑައެޅިފައިވާ މީހުން ރާއްޖެއިން ބޭރަށް ބޭހަށް ފޮނުވަން ޖެހިލުން ނުވާ ސަރުކާރަކުން މި އުޅެނީ ކުށެއް އަދިމިހާތަނަށް ސާބިތުވެފައިނުވާ މީހެއް ރާއްޖެއިންބޭރަށްގޮސް ފިލާފާނެތީ! ތިމާމެން ގަމާރުވީމަ' ރައްޔިތުންވެސް ގަމާރުވާނެޔޭ ހީވަނީ.
އަހުމަދުބެ
31 May 2017
ފާރިޝް މަރުވެސް ވެދާނެ އެވެ. ދެން އޭނަ ގެ ފަރާތުން އެއްބާރު ލުން ހޯދޭނެ ހެއްޔެވެ؟ ތާކުންތާކު ނުޖެހޭ ވާހަކަ އެކެވެ.
މަޑު ޕިންކް ގަދަ ޔެލޯ
31 May 2017
ޕިންކީ ދެކެ، މަމެން މިހާރު ވަރަށް ފޫހިވެއްޖެ! ބިޓާއި އެކު، ދެން މަމެން ގުޅޭނީ ފުލެޓް ދޮންބެ ގެންގުޅުއްވާ ޕާޓީގައި!
ދދ
31 May 2017
އެއްދުވަހު ބުނާނެ ފާރިޝްގެ މައްސަލައެއް ނެތޯ އަނެއްދުވަހު ބުނާނެ މައްސަލަ ތަހުޤީގު ކުރަނީޔޯ؟ ދެކޮޅުޖެހޭބާ!
ފލފރސ
31 May 2017
ފިލާނެތަ... ނޫން ނުފިލާނެ... ފިލާފާނެތަ ފިލާފާނެ...
ހާމިދު
31 May 2017
"ހޯމް މިނިސްޓްރީން ބުނީ މިފަދަ ކަންކަމުގައި ދިވެހި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާއެކު އެއް ހަމައަކުން އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ." ކިހާ އިންސާފުވެރި. ބަލަ އިންސާފުވެރިކަމަށް ވާނީ ޢާއިލާގެ ދެ ފެކްޝަނަށްވެސް ހަމަހަމައަށް ފުރުސަތު ދިނިއްޔާ. އަނެއްކާ ފާރިޝް އެ ވިދާޅުވަނީ ތިމަންމަނިކުފާނާ އެކު ފުލުހުއެއް ފޮނުވައިފި ނަމަ ޚަރަދުވެސް ހަމަޖައްސާނަމޭ.
ދޮންފުތު
31 May 2017
ފާރިސްގެ އާއިލާގެ އެހީތެރިކަމާއެކު ސޮފްވާން ފިލައިގެން އުޅޭ ކަމަށްވަންޏާ ފާރިސްގެ އާއިލާގައި ތިބީ ކިތައް މީހުންތޯ ސުވާލު އުފެދޭ. އޭގެ ތެރޭގައި ހިމެނެނީ ފާރިސްއާއި ފާރިސްގެ އަބިކަނބަލުން އެކަނިތޯ ނުވަަތަ ފާރިސްއާއި ފާރިސްގެ އެއްބަނޑު އެއްބަފާ މީހުންތޯ ނުވަތަ މައިންބަފައިންނާއި އެއްބަޑުއެއްބަފާ މީހުންތޯ. މިހެން މި އަހާލެވުނީ މިހާތަނަށް ތިޔަ މައްސަލަ ތިހެންއޮތްއިރު ސޮފްވާން ފިލުވައިގެން އުޅޭ މައްސަލާގައި ފާރިސްގެ އަނބިކަބަލުންނާ ސުވާލުކުރި ވާހަކައެއްވެސް އަދި އާއިލާގެ އެއްވެސް މީހަކާ ސުވާލުކުރި ވާހަކައެއްވެސް ނޫހެއްގައި ލިޔެފައި އޮތްވައި ނުފެންނާތީ. ތިވަރުގެ ބޮޑުކަމެއް އެ އާއިލާއިން ކޮށްގެން އުޅޭއިރު ސުވާލުކޮށް ތަޙުގީޤު ނުކޮށް ތިބުމަކީ ސުވާލު އުފެދޭ ކަމެއް ނޫންތޯ. އިންޓަރޕޯލުން ރެޑްނޯޓިސް ނެރެގެން ހޯދަން އުޅޭ މީހަކު ފިލުވައިގެން އުޅޭ އާއިލާއެއްގެ އެންމެ މީހަކަށް ނުފުރޭނަމަ އެއީވެސް އަރަތެއް ނޫންތޯ.