މާލޭގެ ހައި ކޯޓް: އުތުރާއި ދެކުނުގައި ދެ ގޮފި ހެދުމުން ފަނޑިޔާރުންގެ ދަތިކަން ވަނީ ކުރިމަތިވެފައި
18 ޖޫން 2017 - 08:36
ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ހަމަޖެއްސީ ފަސޭހައިން އަދި އަވަސް ކަމާ އެކު އިސްތިއުނާފް މަރުހަލާގެ ބޭނުން ހިފުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭރު ވެސް އެ ބަދަލާ މެދު ގާނޫނީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ގޮފިތައް އުފެދުމާ އެކު ދިމާވާން ފެށި ވަރަށް ބޮޑު މައްސަލައެއް އޮތެވެ. ގޮފިތަކަށް ލާނެ ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިބޭނީ އިސް ފަނޑިޔާރާ އެކު ނުވަ ފަނޑިޔާރުންނެވެ. އެހެންވެ، ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސަން ޖެހުމުން މާލޭގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިބެން ޖެހެނީ ތިން ފަނޑިޔާރުންނެވެ. އެކަމަކު ހައި ކޯޓު އުތުރު ގޮފީގެ މަސައްކަތް ނުފެށޭތީ މާލޭގެ ހައި ކޯޓުގައި ހަތަރު ފަނޑިޔާރުން މިވަގުތު އެބަ ތިއްބެވެ.
ފަނޑިޔާރުން މަދުވުމުން އިސްތިއުނާފް ޝަރީއަތްތައް ލަސްވުމުގެ މައްސަލަ ކުރިމަތިވާން ފެށި އެވެ. އިސްތިއުނާފްގެ ބޭނުން ކެނޑޭއިރު ވެސް އިސްތިއުނާފް މައްސަލަ ނުފެށި އޮންނަ ހިސާބަށް ކަންކަން ގޮސް، ފާޑު ކިޔުންތައް އަމާޒުވާން ފެށި އެވެ.
މާލެ އާއި އުތުރާއި ދެކުނުގެ ގޮފިތަކުގައި ވެސް އެންމެ ތިން ފަނޑިޔާރުން ތިބެން ޖެހުމުން ދިމާވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ކޯޓުތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަންވާނީ "އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން" ނެވެ. ކިތަންމެ ކުޑަ މައްސަލައެއް ކަމަށް ވިޔަސް އެ ކޯޓުން ބަލަން މި ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެހެންވުމުން، ކޮންމެ ތަނެއްގައި ތިން ފަނޑިޔާރުން ތިބުމުން އެތަނަށް އަންނަ ހުރިހާ މައްސަލައެއް ވެސް ބަލަން މިޖެހެނީ އެ ތިން ފަނޑިޔާރުން ތިއްބަވައިގެންނެވެ.
މިހެންވުމުން، ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ސަލާމް ވިދާޅުވިޔަސް ނުވަތަ ޗުއްޓީއަށް ވަޑައިގަތަސް އެތަނެއްގެ ހުރިހާ ޝަރީއަތްތަކެއް ޖެހޭނީ މަޑުޖައްސާލާށެވެ. ހަމަ އެގޮތަށް މައްސަލައެއްގައި ފަނޑިޔާރެއްގެ މަސްލަހަތެއް އޮވެގެން ފަނޑިޔާރަކު އެ މައްސަލައެއް ބެލުމުން ތަނާޒުލްވެއްޖެ ނަމަ ވެސް އެ މައްސަލައެއް ބެލުން އެ ހިސާބުން މަޑުޖެހުނީ އެވެ.
ގޮފިތައް އުފެދުނު ފަހުން މިފަދަ ބައެއް ކަންކަން ހިނގި އެވެ. ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ކުރިން ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް މިދިޔަ އަހަރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން އިތުރު ފަނޑިޔާރަކު ހަމަޖެއްސެންދެން އެ ގޮފި ހުއްޓުނީ އެވެ.
ގޮފިތައް އުފައްދަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރިއިރު ވެސް އެކަމާ ދެކޮޅު މީހުން އެ މައްސަލަ ފާހަގަކުރި އެވެ. އެކަމަކު އޭރު މަޖިލީހުން އެގޮތަށް ފާސްކުރީ މާ ބޮޑު ވިސްނުމެއް ނެތި އެވެ. އާޚިރުގައި، ގޮފިތައް އުފެދުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވެ، މި އޮތީ ހައްލު ހޯދަން ޖެހިފަ އެވެ. އެއީ ފަނޑިޔާރުން އިތުރުކުރުމެވެ.
އެކަމަކު އެއީ ޝަރުއީ ދާއިރާއަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ގާނޫނު ބުނާ ގޮތުންހައި ކޯޓުގައި ތިބޭނީ ނުވަ ފަނޑިޔާރުންނެވެ. އެހެންކަމުން މި ޖެހެނީ ރައްޔިތުންގެ މަޖިލިހުން އެ ގާނޫނަށް ބަދަލު ގެންނާށެވެ. އެގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން ފާސްކުރި ބިލް މިއަދު ވަނީ ތަސްދީގުކޮށްފަ އެވެ. އެ އިސްލާހުން ފަނޑިޔާރުންގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެއީ ވެސް މާލޭގެ ހައި ކޯޓަށެވެ.
މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/މަޖިލިސް
އެ އިސްލާހުގައި ވަނީ "މި މާއްދާގެ ދަށުން ގާއިމްކުރެވޭ ހައި ކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައި ކޯޓަށް އައްޔަން ކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުންނެވެ،" މިހެންނެވެ.
އޭގެ މާނައަކީ އެ އިސްލާހުގެ ސަބަބުން މާލޭގެ ހައި ކޯޓުގައި ތިއްބަވާނީ ފަސް ފަނޑިޔާރުން ކަމެވެ. ކޮންމެ ގޮތްޕެއްގައި ތިބޭނީ މިހާރެކޭ ވެސް އެއްގޮތަށް ތިން ފަނޑިޔާރުން ކަމެވެ.
މާލޭގެ ހައި ކޯޓަށް އަހަރެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅަ އެވެ. އެހެންވެ އެ ކޯޓުގައި ފަސް ފަނޑިޔާރުން ތިބުމަކީ އެކަށީގެންވާ އަދަދެއް ކަމަށް ބުނެވިދާނެ އެވެ. އެކަމަކު އުތުރާއި ދެކުނުގެ ގޮފީގައި ތިން ފަނޑިޔާރުން ތިބުމުން މައްސަލަތައް ކުރިމަތިވާނެ އެވެ.
މިކަމަށް ހައްލެއް ގެނެވެން އޮންނާނެ ގޮތަކީ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރުކުރުމެވެ. އޭރުން މާލޭގައި ފަސް ފަނޑިޔާރުން އަދި ކޮންމެ ގޮތްޕެއްގައި ހަތަރު ފަނޑިޔާރުން ތިބޭނެ އެވެ. ފަނޑިޔާރަކު ސަލާން ވިދާޅުވިޔަސް ނުވަތަ މައްސަލައެއް ބެލުމުން ތަނާޒުލްވާން ޖެހުނަސް އޭނާގެ ބަދަލުގައި އެހެން ފަނޑިޔާރަކާ އެ މައްސަލައެއް ހަވާލުކުރެވޭނެ އެވެ.
އައްޑޫގައި ހުންނަ ދެކުނު ގޮތްޕަށް ހުށަހަޅާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެހެންވެ، މިއީ ދުރު މުސްތަގްބަލަށް ބަލާއިރު ވިސްނާލަން ޖެހޭ ނުކުތާއެކެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރު ކުރުމަކީ ދައުލަތަށް މާލީ ބުރައަކަށް ވެދާނެ އެވެ. އެކަމަކު މާލީ ބުރައަކަށް ވުރެ ބޮޑަށް ވިސްނަންވީ ރައްޔިތުންނަށް ފަސޭހައިން އަދި އަވަހަށް އަދުލު އިންސާފު ލިބޭނެ ގޮތަކަށް ހެދުމަށެވެ. ގޮފިތައް ގާއިމްކުރަން ދެއްކީ އެ މަގުސަދެވެ. އެހެންކަމުން މިހާރު މި އޮތީ އެ މަގުސަދު ހާސިލްވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
18 June 2017
އާދެ ހައިކޯޓްގައި ތިބެންވާނެ 50 ހަކަށް ފަނޑިޔާރުން ،،، އަދި ސްޕްރީމްކޯޓްގައި 20 ފަނޑިޔާރުން ،،، އޭރުންނޫންތޯ ދައުލަތުން ޙަރަދުކުރަންޖެހޭ މިންވަރު އިތުރުވާނީ ،،،، ވަރަށްވެދުން
ހިހީ ހަލާކު
18 June 2017
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް ބަދަލުކުރުމަކީ ދައުލަތަށް މާލީ ބުރައަކަށް ވެދާނޭ؟ ދައުލަތަށް މާލީ ބުރައަކަށްު ނުވޭތަ އެއްވެސް މަސައްކަތެއް ނުކޮށްތިބޭ ކޯޑިނޭޓަރުންނާއި ގޮނޑި ހޫނުކޮށްލަން ތިބޭ މިނިސްޓަރުންގެ ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނަށް ބޮޑެތި ޢަދަދުތަކުން މުސާރަ ދޭންޖެހުނީމަ.؟؟
ހުސޭނުބެ
18 June 2017
އެންމެ ރަނގަޅު ގޮތަކީ މާލޭގައި ހައިކޯޓުގެ ފަޑިޔާރުން އިތުރުކޮށް އަތޮޅުތަކުގެ މައްސަލަތައް ބަލަން ޓީމެއްގޮސް މައްސަލަތައް ބަލާ ނިންމާފަ އަންނަންވީ، މިހާރު އޮތްގޮތުން އޮފީސް ހިންގާނެ ބޮޑު އިމާރާތަކާ އެބޭފުޅޫންގެ ސެކިއުރިޓީ އާއި ކެއުމުާ ހުރުމުގެ ހަރަދު އެއްކޮށްލީމަ ވަރަށް ބޮޑު ހަރަދެއް ހިގާނެ. އަދި ކޮންމެ ކޮޅެއްގައި 3 ފަނޑިާރުން ތިއްބބެވީމަ ޗުއްޓީ ނެގުމާއި، ސަލާމް ބުނުމާއި، މައްސަލަތަކުގައި ފަނޑިޔާރެއްގެ މަސްލަހަތު ފުށުއެރުމުން ދިމާވާ ދަތިތަކަށް ޙައްލެއްނުލިބޭނެ
ހާސަރު
18 June 2017
ކޮންމެ އާއިލާއަކަށް ފަނޑިޔާރެއް ހަމަޖެއްސިއަސް ވާނެކަމެއް ހަރާން! ފަނޑިޔާރުން ގިނަވުމެއްނޫންބޭނުމީ ބޭނުންވަނީ އަދުލްއިންސާފު ކަށަވަރުވުން ، އަދުލްއިންސާފަށް ރައްޔިތުން އިތުބާރުލިބުން، މިހާރަކު އެއިތުބާރުގެ ކަންފުޅެއްވެސް ނެތް!
ގަމުރައްބެ
18 June 2017
ޖުޑީޝަރީ އަށް އަތް ބާނަން ސިޔާސީ މީހުން ވަރަށް ބޭނުން ވޭތާއެވެ. ރައްޔިތުން ގުބޯ ހައްދާފައި ރައްޔިތުން ނަށް އޮޅުވާލައިފާ އެއްމެން ވެސް ހިފާ ބަގުޑި ބައްދަނީ ވެރިކަމުގެ ފޮނި މީރު ކަމާއެވެ ލާރި ގަޑާ އެވެ.ވެރިކަމުން ލިބޭނެ މަންފާ ގަޑާއެވެ..ފަނޑިޔާރުގެ މިނިވަން ކުރާކަށް އެއްވެސް ވެރިއަކު ބޭނުމެއް ނުވާނެ އެވެ.އެކަމަކު އެހެން ކިޔާނެ އެވެ. ޢަދި ކިއެއްތަ ! ސިޔާސީ މީހުނަަށް ރަގަޅުވާނީ ފަނޑިޔާރުން އަދި އެނޫން މިނިވަން މުވައްސަސާތަށް ވެސް ކޮރަޕްޓް ވީވަރެކެވެ. މިއީ އަހަރުނެން ވެސް ދަންނަ ކަންކަމެވެމ
ޖޭމުސް
18 June 2017
"ގަމު ރައްބެ"ގެ ކޮމަންޓް ވަރަށް ސަޅި އެވެ. ހަމަ އަސްލު ވެސް ތެދެކެވެ
އަލީ
18 June 2017
ކޮންމެ އަތޮޅެއްގައި ގޮތްޕެއް ހުންނަންޖެހޭނެ. އަދި ކޮންމެ ގޮތްޕެއްގައި މަދުވެގެން 11 ފަނޑިޔާރުން ތިބެންވާނެ. އެހެންނޫނީ ނުވާނެދޯ.
ވަކީލު ޙުސައިން
18 June 2017
13 މާބޮޑަށް މަދުވެފައި އަދަދު ހަމަނުޖެހޭކަން ފާހަގަކޮށްލަން. މާލޭގެ ހައިކޯޓަށް 500 މައްސަލަ އަހަރަކު. ދެކުނު ގޮއްޕަށް 200 މައްސަލަ. އުތުރަށް 100 މައްސަލަ. އެހެންކަމުން، މާލޭގައި އެންމެ 5 ފަނޑިޔާރުން ތިބެފައި ދެކުނުގައި 4 ހަމަޖެއްސުމުން މައްސަލަ އަވަސްވޭތޯއެވެ؟ ތަފާސްހިސާބު ބައްލަވައިގެން މިކަންކުރުން މުހިންމު. ނަންބަރު ޖަހާ އަރަތެއް ނޫން ބޭނުންވަނީ. ބޭނުންވަނީ އިޚްލާޞްތެރިކަން. އަވަހަށް މައްސަލަ ނިމުން. އެހެންވިއްޔާ. އެންމެ ރަނގަޅީ 17 ފަނޑިޔާރުން ލެއްވުމެވެ. މާލެއަށް 7. ދެކުނަށް 5 އަދި އިތުރަށް 5 ފަނޑިޔާރުން. މަޖިލިސް ވިސްނާ ވަޑައިގަންނަވާ. ޝުކުރިއްޔާ!
ކުޑޭ
18 June 2017
ދެކުނުގެ ހައިކޯޓް އެހުރީ ހުޅުމީދޫގަ އެހެންވެ ވަރަށް ދަތި، ވީމާ ދެކުނު ގޮފި އަދި އުތުރު ގޮފި އުވާލަން ފެނޭ!
މުހައްމަދު
18 June 2017
މާތްކަލާކޯއެވެ. މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ހަތަރު މީހުން ކުރެ އެކަކު ފުލުހަކަށް ހަދާފައި، ކޮންމެ 10 މީހުން ކުރެ އެކަކު ފަނޑިޔާރަކަށް ހަދައިގެން ނޫނީ އުޅެވޭކަށް ނެތެވެ. އެހެން ނުހަދައި ނުވާނެ ނޫންތޯއެވެ. ކޮންމެ 3 ޒުވާނުންގެ ތެރެއިން އެކަކު ހަމައިން ނެއްޓި ހަމަހޭގައި ނުހުންނަ ވަގުތު އައިސް މަގުމަތިން ރޯމާދުވާލު ފޭރޭ ހިސާބަށް ދިޔައިމާ މިކަންކަން ބަލަން ބަޔަކު ތިބެންޖެހޭނެތާއެވެ.
ފިނޑި ޔާރު ޑޯޑޯ
18 June 2017
ހައިކޯޓްގެ އުތުރު ގޮތްޕާ ދެކުނު ގޮތް ޕަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށް މިހާރު އޮރް ގޮތުން ހައިކޯޓްގެ މުސްތަޤިއްލު ކަން ގެއްލެއެވެ.ޤާނޫނުގައި މިހެން އޮތުމުން ހައިކޯޓްގެ ފަނޑިޔާރުން ތިބެން ޖެހެނީ މުއްދަތެއް ނެތް ގޮތަކަށް ދެކުނު ގޮތްޕަށް ނުވަތަ އުތުރު ގޮތްޕަށް ފޮނުވާލައިދާނެ ބުރުން ނެވެ.އަދި ޤާނޫނުގައި އެހެން އޮތް އޮތުމަކީ ޤާނޫނު އަސާސީ ގެ ދަށުން ޖުޑީޝަލް ސަވިސް އަށް ލިބިފެންވަަ މެންޑޭޓް އާއި ވަރަށް ބޮޑަށް ފުށުއަރާ ކަމެކެވެ.ވީމާ ޤާނުނުން މިކަން އިސްލާހު ކުރަން މިފަހަރު ވާނެއެވެ.. އަދުލު އިންސާފަށް މިހާރު އެޅިފައިވާ އެއްނެ ބޮޑު ހުރަހަކީ މިހާރު މިއީއެވެ.
ނޫނޭ
18 June 2017
ކުރިންވެސް ޤާނޫނު އަސާސީއާ ޚިލާފު. ބޭރު ކުރަން ބޭނުންވާ ބަޔަކު ބޭރު ކުރެވުނީމަތަ އިސްލާހު ކުރަންވީ؟