ވިޔަފާރި / ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ އިންޒާރެއް! މި ފަހަރު އޮފީސްތަކަށް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ފަރާތުން އޮފީހަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް (އަހަރަކު ބޮލަކަށް 3،077 ޑޮލަރު) ފާހަގަކުރެވެނީ ސިނގިރޭޓް ބޯން ނަގާ ބްރޭކްތަކުގެ ސަބަބުން.

އެމެރިކާގެ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ސިނގިރޭޓް ބޯ މުވައްޒަފެއްގެ ސަބަބުން، ވަޒީފާ ދޭ ފަރާތަށް އަހަރަކު ގާތްގަނޑަކަށް 6،000 ޑޮލަރު ގެއްލޭ

ނުހުއްޓައި މާލެ ވަށައި 24 ގަޑި އިރު ދުވަން އަހުމަދު އާތިފް ނުކުތީ ދުންފަތުގެ ދެވިން ސަލާމަތްވެގެންނެވެ. ގާތްގަނޑަކަށް 15 އަހަރު ވަންދެން ސިނގިރޭޓް ބޮއެފައި އެކަން ހުއްޓާލިތާ އެއް އަހަރު ފަހުން ކާމިޔާބުކުރި އެ ޗެލެންޖަށް ވުރެ މާ އުނދަގޫ، ދުނިޔޭގެ ފެންވަރުގެ ދުވުންތައް މިދިޔަ ދޮޅު އަހަރު ތެރޭ އޭނާ ފުރިހަމަކޮށްފި އެވެ. މިހާރު ރާއްޖެ ވަށައި ފަލި ޖެހުމުގެ ދަތުރަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ އާތިފްގެ ދިރިއުޅުން، ދުންފަތާ ނުލައި، މާ ބޮޑަށް ވެސް ރަނގަޅުކަން މި ފެންނަނީ އެވެ.

ހަމައެކަނި އެތުލީޓެއްގެ ގޮތަކުންނެއް ނޫނެވެ. ވަޒީފާގައި ވެސް އާތިފް، 34، ވަނީ ސިނގިރޭޓް ބުއިން ހުއްޓާލައިގެން މުޅިން އެހެން ހިސާބަކަށް ގޮސްފަ އެވެ. އޭނާގެ ދިރިއުޅުމަށް އައި ފުރަތަމަ ބޮޑު ބަދަލަކީ ނިދި ހަމައަކަށް އެޅުމާއި އެއިން ލިބުނު ފައިދާ އެވެ. ދެން، މަސައްކަތަށް ދޭ ވަގުތާއި ސަމާލުކަން އިތުރުވާން ލިބުނު ފުރުސަތެވެ.

"ހުއްޓާލީމަ ރޭގަނޑު ނިދަން ވަރަށް ފަސޭހަ. ދެން ހޭލާ އިރު ވަރަށް ތާޒާވެ، އަރާމުވެފައި ހުންނަނީ. ހުއްޓާލުމުގެ ކުރީގައި އެ ގޮތަކަށް ނުވޭ. ދެވަނަ ކަމަކަށް، ސިނގިރޭޓު ބޯލަން އޮފީހުން ބޭރަށް އިރުއިރުކޮޅާ ގޮސް، އެކަމަށް ވަރަށް ވަގުތު ހޭދަވޭ. ހުއްޓާލީމަ އެ ބައި ވަރަށް ބޮޑަށް ކެނޑިގެން ދިޔަ. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ،" ޕޮލިސް ސުޕްރިންޓެންޑެންޓް އާތިފް ކިޔައިދިނެވެ.

"ނިކޮޓިން އަކީ ދެވިހިފާ އެއްޗެއް. އެހެންވީމާ ސިނގިރޭޓް ބޯ މީހާ އަބަދުވެސް އުޅޭނީ އޭގެ ތެރޭގައި. އިރުއިރުކޮޅާ އޭނަގެ ސިކުނޑީގައި ކޮއްޓާނެ، ނިކޮޓިން ލެވެލްސް ދަށްވީމަ، އަނެއްކާ ބޯންވީއޭ. އެހެންވީމާ ކޮންސެންޓްރޭޓް ކުރަން ވެސް އުނދަގޫވާނެ، ސިނގިރޭޓް ނުބޯ މީހުންނާ އަޅާކިޔާ އިރު. ޕަފޯމެންސް ދަށްވަނީ މިހެންވެ. ކިޔެވުން ވިޔަސް، މަސައްކަތުގައި ވިޔަސް."

މީހާގެ އުފެއްދުންތެރިކަމާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާކަން ބައެއް ދިރާސާތަކުން ހާމަކޮށްދީފައިވެ އެވެ. އެފަދަ އެއް ހޯދުމަކުން އެނގޭ ގޮތުގައި އެކަމުގެ ސިއްހީ އަދި މާލީ އަގު އަދާކުރަން ޖެހެނީ ސިނގިރޭޓް ބޯ މީހާ އެކަންޏެއް ނޫނެވެ. ވަޒީފާ އަދާކުރާ ތަނަށް ވެސް އޭގެ އަސަރު ފޯރަ އެވެ.

"އެސްޓިމޭޓިން ދަ ކޮސްޓް އޮފް އަ ސްމޯކިން އެމްޕްލޯޔީ"ގެ ނަމުގައި އެމެރިކާގެ އޮހަޔޯ ސްޓޭޓް ޔުނިވާސިޓީ އިން 2013 ވަނަ އަހަރު ހެދި ދިރާސާއެއްގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނާ އަޅާބަލާ އިރު، ދުންފަތުގެ އިސްތިއުމާލުކުރާ މުވައްޒަފުންގެ ސަބަބުން އެމެރިކާގެ ޕްރައިވެޓް އެމްޕްލޯޔަރުންނަށް ލިބޭ ގެއްލުން, ފައިސާ އިން އަގުކޮށްފައިވެ އެވެ. އެ ދިރާސާ އިން އެނގުނު ގޮތުގައި އެ އަދަދު އަހަރަކު ބޮލަކަށް ގާތްގަނޑަކަށް 6،000 ޑޮލަރަށް އަރަ އެވެ. މާނައަކީ، ސިނގިރޭޓް ބޯ މީހަކަށް ވަޒީފާ ދިނުމަކީ، ވަޒީފާ ދޭ ފަރާތަށް އަހަރަކު ހަ ހާހެއްހާ ޑޮލަރު ގެއްލޭ ކަމެއް ކަމެވެ.

އެމެރިކާގައި މަހަކު އެވްރެޖްކޮށް ލިބޭ އާމްދަނީ އަށް ބަލައިގެން އެ ގެއްލުން ގުނާފައިވަނީ ހަތަރު ކަމަކުންނެވެ. އެއީ ހާޒިރުނުވުން، ހާޒިރު ވިޔަސް އުފެއްދުންތެރިކަން ދަށްވުން، ސިނގިރޭޓް ބޯން ނަގާ ބްރޭކްތައް އަދި އެ މުވައްޒަފުންގެ ސިއްހީ ކަންކަމަށް ކުންފުނިން ކުރަން ޖެހޭ ޚަރަދު (އިންޝުއަރެންސް) އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް (އަހަރަކު ބޮލަކަށް 3،077 ޑޮލަރު) ފާހަގަކުރެވެނީ ސިނގިރޭޓް ބޯން ނަގާ ބްރޭކްތަކުގެ ސަބަބުންނެވެ.

މި ގޮތަށް ރާއްޖޭގެ ހާލަތު އެނގޭނެ ދިރާސާއެއް ހަދާފައެއް ނެތެވެ. އެކަމަކު ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނިސްބަތުން ގިނަ ގައުމެކެވެ. މިސާލަކަށް، މިދިޔަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީންކުރި ދިރާސާގައި އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބެލެނިވެރިންގެ 43 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. މިއީ، ދުންފަތް ކޮންޓްރޯލްކުރަން ވަކާލާތުކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގައި ވެސް ވަޒީފާ ދޭ ފަރާތްތަކުން ވިސްނަން ޖެހިފައިވާ ކަމެކެވެ.

"އެނގެން އެބަ އޮތް ރާއްޖޭގައި ސިނގިރޭޓް ބޯ ޒުވާނުން ގިނަކަން. އެހެންވީމާ މަސައްކަތު އާބާދީގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ވަރަށް ގިނަ އިން އުޅޭނެ. އެ މީހުންގެ ޕްރޮޑަކްޓިވިޓީ ދަށްވާ ސަބަބުތައް ބަލައިފިއްޔާ ފަހަރެއްގައި ހަމަ މި މަންޒަރު ފެނިގެން ދިޔުން އެކަށީގެންވޭ،" ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.

"މިސާލަކަށް، ސްމޯކް ބްރޭކްސް، ސަރުކާރުގައި ވެސް، ޕްރައިވެޓް ސެކްޓާގައި ވެސް ގިނަކަން ފާހަގަކުރެވޭ."

ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ވައިސް ޗެއާޕާސަން އަދި އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި އެކަން ހުއްޓާލާ މީހުންގެ ތަޖުރިބާތަކުން މި ހާލަތު ވަރަށް ރަނގަޅަށް ފެނެ އެވެ. އޮފީހަށް ގެއްލުން ލިބެނީ ބަލިވެގެން ހާޒިރު ނުވާތީ އެކަނި ނޫން ކަމާއި ހާޒިރުވިޔަސް ރަނގަޅަށް މަސައްކަތް ނުކުރެވުމާއި ސިނގިރޭޓް ބޯން އިރުއިރުކޮޅާ މަސައްކަތް ހުއްޓާލުން ފަދަ ސަބަބުތަކާ ވެސް ހެދިކަން އޭނާ ފާހަގަކުރައްވަ އެވެ.

"ސިނގިރޭޓް ބުއިން ހުއްޓާލަން އަންނަ މީހުން ވެސް އެ ވާހަކަ ދައްކާ. ތިމަންނަ ހުއްޓާލީމަ މިހާރު ސްޓްރެސް ވަރަށް ކުޑަވެއްޖެއޭ. އެއް މަސް ފަހުން ސްޓްރެސް ކުޑަވޭ. އޭގެ ފަހުން އެ މީހުންނަށް ވެސް ފާހަގަކުރެވޭ އަމިއްލަ ޕަފޯމެންސް ރަނގަޅުވާކަން،" ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ސިއްހީ ގޮތުން އިރުޝާދު ދެއްވައި އެހީތެރިވެވަޑައިގަންނަވަމުން ގެންދަވާ އަރޫނާ ވިދާޅުވި އެވެ.

"ނިކޮޓިން އަކީ ދެވިހިފާ އެއްޗެއް. އެހެންވީމާ ސިނގިރޭޓް ބޯ މީހާ އަބަދުވެސް އުޅޭނީ އޭގެ ތެރޭގައި. އިރުއިރުކޮޅާ އޭނަގެ ސިކުނޑީގައި ކޮއްޓާނެ، ނިކޮޓިން ލެވެލްސް ދަށްވީމަ، އަނެއްކާ ބޯންވީއޭ. އެހެންވީމާ ކޮންސެންޓްރޭޓް ކުރަން ވެސް އުނދަގޫވާނެ، ސިނގިރޭޓް ނުބޯ މީހުންނާ އަޅާކިޔާ އިރު. ޕަފޯމެންސް ދަށްވަނީ މިހެންވެ. ކިޔެވުން ވިޔަސް، މަސައްކަތުގައި ވިޔަސް."

މީހަކު ސިނގިރޭޓް ބޮނީ: ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ގިނަ ގައުމެއް.

އަރޫނާ ގަބޫލުކުރައްވާ ގޮތުގައި ސިނގިރޭޓް ބޯ މީހުންގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން، ވަޒީފާ ދޭ ފަރާތުން އަމިއްލަ އަށް މަސައްކަތްކުރަން ޖެހެ އެވެ. އެގޮތުން، ސިނގިރޭޓް ބޯން އުނދަގޫ މާހައުލެއް ގާއިމްކުރުމާއި ހުއްޓާލަން މުވައްޒަފުންނަށް އެހީތެރިވެދިނުން ފަދަ ކަންކަން ކުރެވިދާނެ އެވެ. ޒުވާނުންނަށް ކެރިއަރެއްގެ ބިންގާ ރަނގަޅަށް އަޅައިދިނުމަށްޓަކައި، އިންޓަވިއު މަރުހަލާގައި ނުވަތަ ވަޒީފާ ދޭ އިރު، އެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރޭތޯ ނޫންތޯ ބަލައި ވަޒީފާ އަށް ނުކުތުމުގެ ކުރިން ހުއްޓާލަން ހިތްވަރު ލިބޭ ކަހަލަ ފިޔަވަޅުތައް އެޅިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސިއްހީ ޚިދުމަތް ދޭ ތަނަކަށް އެފަދަ ޒުވާނުން ފޮނުވައިގެން އެހީތެރިކަން ހޯދިދާނެ. މިހާރު ގާތްގަނޑަކަށް ހުރިހާ ބޮޑެތި ހެލްތު ފެސިލިޓީތަކެއްގައި ޑޮކްޓަރުން ނުވަތަ އެ ނޫން ވެސް ޕްރޮފެޝަނަލް މީހުންނަށް ކޮންމެވެސް ސިފައެއްގައ އެހީތެރިވެދެވެން އެބަހުރި،" ޑރ. އަރޫނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އޮފީހެއްގައި ނުވަތަ ވަޒީފާގައި އުޅޭ މީހުންގެ އުފެއްދުންތެރިކަން ދަށްވުމަކީ ޖުމްލަކޮށް މުޅި ގައުމުގެ އުފެއްދުންތެރިކަން ދަށްވާނެ ކަމެކެވެ. އެހެންކަމުން ދުންފަތަކީ ތަރައްގީ އަށް އޮތް ހުރަހެއްކަން މި ގޮތުން ބަލާ އިރު ވެސް އެނގޭ ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

"މީހުންނަށް ހީވެފައި އޮންނަނީ މިފަދަ ކަންކަން ހައްލު ކުރަން ޖެހޭނީ ހަމައެކަނި ސަރުކާރުންނޭ. އެކަމަކު މި ދިރާސާ އިން ވެސް (އެމެރިކާގެ) އެބަ އެނގޭ، ޕްރައިވެޓް ސެކްޓާ އަށާއި ވިޔަފާރިތަކަށް ވެސް ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަން އަދި އެފަދަ ފިޔަވަޅުތަކުން އެ ފަރާތްތަކަށް މަންފާ ވެސް ލިބިގަނެވިދާނެ ކަން،" އޭނާ ވިދާޅުވި އެވެ.

ވަޒީފާ ދޭ ފަރާތްތަކަށް ކުރެވިދާނެ އެހެން ބައެއް ކަންކަން އަފްއާލް ފާހަގަކުރެއްވި އެވެ. ބައެއް ގައުމުތަކުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ އިރު ވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ހިތްވަރު ދިނުމުގެ ވިސްނުން ގެންގުޅެވިދާނެ އެވެ.

"މިސާލަކަށް، ގައުމު ތަރައްގީކުރަން، މީހުންގެ ސިއްހަތު ރަނގަޅުކުރުމުގެ ބޭނުމުގައި ބައެއް ތަންތަނުގައި އެބަ ހުރޭ ޕާފޯމެންސް އެޕްރެއިޒަލް އަށް ހެލްތު އިންޑިކޭޓާސް ލާފައި. މިސާލަކަށް، ބީއެމްއައި ހުންނަން ޖެހޭ ވަރަށް މެއިންޓެއިންކުރާ ކަމަށް ވަންޏާ ޕޮއިންޓް ލިބޭ ގޮތަށް. އެހެންވީމާ އެޕްރެއިޒަލްތައް ހަދާ އިރު، ވަޒީފާގައި ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ޕޮއިންޓް ދެވިދާނެ،" އަފްއާލް ފާހަގަކުރެއްވި އެވެ.

އާތިފްމެން ފަދަ ބައެއް މީހުން އެ ތިބީ އަމިއްލަ އަށް ވިސްނިގެން ދުންފަތުން ސަލާމަތްވެގެންނެވެ. އޭގެ ފައިދާ ކުޅިވަރުގަ އާއި މަސައްކަތުގައި ވެސް ވަރަށް ބޮޑު ކަމަށް އޭނާ ހެކިވެ އެވެ.

"ހެނދުނު ވަރަށް ލަހުން ހޭލައިގެން އަވަސް އަރުވާލައިގެން އޮފީހަށް ދިޔުމާއި ތަންކޮޅެއް ފަތިހާ ހަމަޖެހިލައިގެން ހޭލައިގެން، ކަސްރަތެއް ކޮށްލައިގެން ދިޔައިމަ ތަފާތު،" ސިނގިރޭޓް ބުއިން ހުއްޓާލުމުން ދިރިއުޅުމަށް އައި ހަމަޖެހުމުގެ ވާހަކަ ކިޔައިދެމުން އާތިފް ބުންޏެވެ.

"ލައިފްސްޓައިލްގެ ރޫޓިން ބަދަލުވީމަ، އެއިން ވަރަށް ބޮޑު ތަފާތެއް އާދޭ، ޕްރޮޑަކްޓިވިޓީ އަށް."

16 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 8%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދުހަމް، މޯފާ

22 June 2017

ހަމަ ތެދެއް. މި އޮފީހުގައި އުޅޭ ޒިދާން ވެސް އަބަދުވެސް ހުންނާނެ ތިރިއަށް ގޮއްސަ. އޭނަގެ ބަހުން ނަމަ ފެގް ބްރޭކް. ދެން ބޮޑުވަރު. ހަމަ ހުވާ ގަޑިއަކު 2 ފަހަރު އޭނަ އެބަދޭ ފެގް ބޯން ވެގެން. އައުޓް ލޮގް ލިޔެލާއިރު މުޅިން ވެސް ފެގް ބްރޭކް.

The name is already taken The name is available. Register?

ހަބަރު

19 June 2017

އިހަކަށްދުވަހު ކޮންމެވެސް ނޫހެއްގަ ޖަހާފައޮތް، މާގިނައިން ލޮނު ބޭނުން ކުރުމާ ސިންގިރޭޓު ބުއިމާ ހަމަހަމައޭ...

The name is already taken The name is available. Register?

އޮޅުވާނުލާ

20 June 2017

ތިއީ ތެދަކަށްވިއަސް ދުންފަތުން ލިބޭ ގެއްލުމަކަށް ބަދަލެއް ނާންނާނެ. ލޮނު ނުލާ ކެއިންބުއިން އުނދަގޫވެދާނެ. އެކަމަކު ދުންފަތް ދޫކޮށްލުމަށް އެއްވެސް ހުރަހެއް ނެތެއްނު

The name is already taken The name is available. Register?

ހެޔޮބަސް

19 June 2017

މިއީ ވަރަށްރަގަޅުލިޔުވުމެއްކަމަށް ފާހަގަކުރެވޭ ދުންފަތުގެ އިސްތިއުމާލް ކުރައްވާފަރާތްތަކަށް ކަމާދުރުވުމުން ލިބޭފައިދާ ރަގަޅަށް އެގިލައްވާނެކަމަށްހީކުރަން ވީމާ، އަވަހަށް ދުނަފަތުގެ އިސްތިޢުމާލްކުރެއްވުން ޓާލައްވާ ވަރަށް ހިތާމައާއުކު ދަންނަވަން އަޅުގަނޑުގެ ބައްޕައަކީ ވަރަށް ގިނައިން ފަތުގެސްތިއުމާލްކުރެއްވިފަރާތެއް ބަލިހާލުބޮޑުވެ ފުރާނައަށް ނުރައްކާވާހިސާބަން ދިއުމުން ވަރަށްދަތިހާލުގަވެސް ބައްޕަގެދަރިންބައްޕަގޮވައި ގެން މާލެގޮސް ޑޮކްޓަރަށްދެއްކުމުން ޑޮކްޓަރ ފުރަތަމަވެސް ދެއްވިލަފައަކީ އަވަހަށް ދުންފަތުގެ ސްތިއުމާލް ކުރުން ހުއްޓާލުމަށް ދެވުނުފަރުވާއިން ބައްޕަށްވަގުތީގޮތުން ލުޔެއްލިބުނުކަމުގައިވިއަސް ބައްޕަނިޔާވި ފަހުންހާލުބޮޑުވެ ނިޔާވިސަބަބެއްކަމުގައި ބެލެވެނީވެސް ދުންފަތްކަމުގައިބެލެވޭ

The name is already taken The name is available. Register?

މިންނާ

19 June 2017

ފެނުނީމަ ގަބޫލް ކުރަން ދަތި އަންހެން ކުދިން ކެފޭ ތަކުގަ ސިގްރޭޓް ބޯން ތިބޭތަން ފެނޭ

The name is already taken The name is available. Register?

ހިންނާ

19 June 2017

ފެނުނީމަ ބަލާގަންނަން ދަތި، އެކަމަކު ގަބޫލުކުރެވޭ

The name is already taken The name is available. Register?

އަނވަޅު ސިންގަޕޫރުގަ ދިރިއުޅޭ ބޮންދު

19 June 2017

ސިނގިރޭޓު ބޯންބޭނުން ނުވާމީހަޔައް ސިގިރޭޓު ނުބޮއިހުރެވިދާނެ! ސިއްހަތުގެ ވާހަކަދައްކާއިރު ކާންބޭނުން ކުރާތަރުކާރީއާއި މޭވާފަދަ ތަކެއްޗަކީ އެކިޕާޑުގެ ކެމިކަލުން ތަގައްޔަރުނުވާ ތަކެތި ކަމުގަވާންޖެހޭ އަދި ދިރި އުޅޭމާހައުލުގެ ވައި ދުއްވާއެއްޗެތީގެ ދުމުން ތަގައްރުވެފަ އޮތުމުން ސިއްތައް ކުރާނޭދެވޭ އަސަރާ މެދު ވިސްނާލުން ރަނގަޅު

The name is already taken The name is available. Register?

ވިސްނަބަލަ

19 June 2017

މިރާއްޖޭގައި ޒުވާން އަންހެން ކުދިން ސިނިގިރެޓަށް ދެވި ހިފީ އެއީ ރާއްޖޭގައި ސިޔާސީ ކުޅި ގަނޑު ފެށުނީމައެވެ. ސިޔާސީ ދާއިރާގައި އުޅޭ ގިނަ ޒުވާން އަންހެން ކުދިން ސިނގިރެޓް ބޯކަން އެއީ މަމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމެކެެވެ. އެކަން އެގޮތަށް ކޮށްގެން ނުވާނެއެވެ. ދެން ރިސޯރޓް ތަކަށް ދާ އަންހެން ކުދިން އެމެންގެ މައިގަނޑު ކަމަކަށް އޮންނަނީ އެނަރޖީ ޑްރިންކް އާއި ސިނގިރެޓް ބުއިން ލިބޭ ސާރވިސް ޗާރޖް އަށް އެއް ކޮށް. އެކަން ވެސް އެބަޖެހޭ ހުއްޓުމަކަށް ގެންނަން. މިކަން ކަން ކުރެވޭނީ އަންހެނުންގެ ހައްގު ތައް ހިމާޔަތް ކުރަން ތިޞޭ ޖަމްއިއްޔާ ތަކުން މިކަން ކޮށް ގެންނެވެ. އަންހެން ކުދިން ސިނގިރެޓް ބޯނަމަ ލިބޭ ދަރިންނަށް ގެއްލުންވާނެއެވެ.

The name is already taken The name is available. Register?

ޗިކުސް

19 June 2017

ކަޅު ކޮފީ އާއި ސިގިރަޓަކީ ދިވެހިންނައް ފެޝަނަކައް ވެއްޖެ. ހަށިގަނޑަށް ގެންލުން ލިބޭލެއް އިހްސާސެއް ނުވޭ. ކޮފީއަކަށް ގޮއްސިއްޔާ ފޮއްޓެއް ހުސްކޮއް ނުލާ އިންތަނުންވެސް ނުތެދުވާނެ. މިކަމަށް ހޭލުންތެރިކަން ޒުވާނުންތެރޭ ވަރައް ކުޑަ.

The name is already taken The name is available. Register?

ފަރުހާދު

19 June 2017

ދެރަވޭ..ރީތި ރީތި ޒުވާން އަންހެން ކުދިން ރޭގަޑު ކޮފީ ތަކުގަ ސިނގިރޭޓް ބޯތަން ފެނުނީމަ..ހީވަނީ މި ކުދިންގެ ބެލެނިވެރިންނައް ނޭގިހެން މިކަން ކުރަނީ.

The name is already taken The name is available. Register?

ހުއްޓާލާ

19 June 2017

ހަމަ އެކަނި ސިނގިރެޓް ނޫނޭ ބޮނީ. އެވަރަށް ސުޕާރީ ވެސް ކަނީއޭ އަދި ދެން ވެސް ހުރި ކަންކަން ހުރީ އެހެންނޭ އެމެންގެ. ތަމެން ވެސް ދެން ސުޕާރީ ކެއުން ހުއްޓާލަންވީއެވެ.

The name is already taken The name is available. Register?

ސީނާ

19 June 2017

ނޭގޭނެތާ ގެއައް ދަމުން ދާނީ ކެފޭގެ ފާހާނާ އައް ވަދެ ދެ ފުޅި ސެންޓް ހުސްކޮއްގެން ވިއްޔާ.

The name is already taken The name is available. Register?

ފަރުދާ

19 June 2017

ހަލާކުވެފަ އޮތް ޖީލަކަށް ދަރިން ލިބުނީމަ ވާ ގޮތް...

The name is already taken The name is available. Register?

ޝުކުރިއްޔާ

19 June 2017

އާސިޔަތަށާއި މިހާރުގެ އެޑިތޯރިއަލް ޓީމަށް ޝުކުރު ޙައްޤުވޭ. ސިޔާސީ ވާހަކަތަކާ ހަލަބޮލިކަމާ ހަމަނުޖެހުނ=ންތަކުގެ ޚަބަރުތަކުގެ ތެރއިންވެސް ވިދާލާ ފާޅުވާފަދަ ގޮތަކަށް މިފަދަ އިޖްތިމާޢީ ބޮޑުމައްސަލައަކާމެދު މަޢުލޫމާތުން ފުރިގެންވާ ލިއުމެއް ގެނެސްދިނީތީ އުފާކުރަން. އަހަރެމެންކަހަލަ ދުންފަތުން ސަލާމަތްނުވެވިގެން އުޅޭ މީހުންނަށް އެކަމުން ސަލާމަތްވުމަށް މި ލިއުމުން އިތުރު ހިއްވަރެއް ލިބިއްޖެ. ޚާއްޞަކޮށް އާތިފުގެ ވާހަކަ ގެނެްދިނީތީ ރަމަޟާންމަސް ފެށުނީއްސުރެްނ ދުންފަތުން މިހިރީ މިންޖުވެގެން، މިބަލަނީ މިގޮތުގައި ހިފަހައްޓާލެވޭތޯ. ޝުކުރިއްޔާ

The name is already taken The name is available. Register?

ޅަބޭ

19 June 2017

މިހާ އާދަޔާ ހިލާފައް ސިނގިރޭޓު ބޯމީހުން އުޅޭ ކުޑަކުޑަ ގައުމެއްގެ ގިނަބަޔަކު ރޯދަހިފާނެ ކަމާމެދު ޝައްކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454