ގއ. ކަނޑުހުޅުދޫ: އެ ރަށު ގާޒީގެ ސައިކަލުގައި ރޭ ރޯކޮށްލުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.
23 ޖޫން 2017 - 00:38
ފަތިސް ނަމާދަށް ރޭ މިސްކިތުގައި ހުންނަވަނިކޮށް ގއ. ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނިގޮތުގައި އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންނެވެ. އެނގިފައިވާ ގޮތުގައި، އެއީ ގާޒީ އަށް އިންޒާރު ދީ، ޕެޓްރޯލް އަޅައި ސައިކަލުގައި ރޯކޮށްލި ދެ މީހުންނެވެ.
ޕެޓްރޯލް އަޅައި ރޯކޮށްލުމުން ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި، އެ ސައިކަލާ ޖެހިގެން ހުރި، ކަނޑުހުޅުދުދޫ ސްކޫލުގެ ޓީޗަރެއްގެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ހަސަން ދީދީ ވިދާޅުވި ގޮތުގައި ސައިކަލުގައި ރޯކޮށްލީ، ކަނޑުހުޅުދޫގައި ދެ ޒުވާނަކު އުނދަގޫވާ ގޮތަށް ސައިކަލު ދުއްވާތީ އެކަން ނުކުރަން އެދި ދެތިން ފަހަރަކަށް ނަސޭހަތް ދިނުމުން އެކަމާ ރުޅިގަދަވެގެންނެވެ. "އަޅުގަނޑުގެ ގެ ހުންނަނީ ވަރަށް ހަނި ގޯޅިއެއްގެ ތެރޭގައި. ވަރަށް ހިރަފުސް ބޯކޮށް އޮންނައިރު، ބާރަށް ސައިކަލް ދުއްވައި ހަދާތީ މުޅި ގޭތެރެއަށް ހިރަފުސް ވަންނަނީ. އުނދަގޫވާތީ އެކަން ނުކުރަން އަޅުގަނޑު ނަސޭހަތް ދިނީ. އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑުގެ ކުއްޖަކަށް އިންޒާރު ދީފައި ގޮސް، ނަމާދަށް ހުއްޓައި ރޯކޮށްލީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy