އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒިޔާދު ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ
23 ޖޫން 2017 - 20:36
އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޮތީ މިދިޔަ އަހަރު މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ވާހަކަ ނޫން ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.
މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހި ގޮތުގެ ތަފްސީލު ނުލިބޭތީ އެ ފައިސާ ލިބުނީ އޭގެ ހައްގުވެރިންނަށް ކަން ކަށަވަރު ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އެ އޮޑިޓްގައި ސާމްޕަލްގެ ގޮތުގައި ބޭނުންކުރި 13 މިލިއަން ރުފިޔާ ލިބުނީ އޭގެ ހައްގުވެރިންނަށްކަން ޔަގީން ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ 2015 ގެ ޒަކާތާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ޒަކާތް ބަލައިގެން ކަމުގެ ސްލިޕްތަކާއި ޒަކާތް ބަހާފައިވާ ސްލިޕްތައް ބައެއް ކައުންސިލްތަކުން ފޯރުކޮށްދީފައި ނުވާކަން ރިޕޯޓުން ހާމަވާ ކަމަށެވެ. އެގޮތުން 18 ރަށަކުން ސްލިޕްތައް ފޮނުވާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
"މިނިސްޓްރީން ޒަކާތުގެ ފައިސާއަށް ހިޔާނާތްތެރިވި ވާހަކައެއް ނޫން އޮތީކީ ރިޕޯޓުގައި. އެކަން ރައްޔިތުންނަށް ޔަގީންކަން ދެން. އަޅުގަނޑުމެން މިހާރު ވެސް ކުރިއަށްގެންދާ ހަރުދަނާ އުސޫލުތަކުގެ މަތިން ޒަކާތުގެ ކަންކަންކުރިއަށް ގެންދާނަން،" ޒިޔާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުގައި ނެތަސް، 2015 ގައި ނެރުނު ރިޕޯޓަށްވުރެ މި ފަހުން ނެރުނު ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކަމަށެވެ. އަދި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ
އެގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތައް ގުޅިގެން ފަގީރުންގެ އަދަދާއި ފަގީރުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށާއި ރާއްޖޭގެ ރަށްރަށުގައި މުދަލު ޒަކާތް މީރާ މެދުވެރިކޮށް ބަލައިގަތުމަކީ ވެސް ކުރެވޭ ރަނގަޅު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް އެއް މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނާތީ އެކަމާ ގުޅޭ ގޮތުން ޒިޔާދު ވިދާޅުވީ އެއީ މިނިސްޓްރީން ގަނެފައި ހުރި ތަކެތީގެ ވާހަކަ ކަމަށެވެ. އެ މަސައްކަތާ ހަވާލުކުރި މުވައްޒަފު ޗުއްޓީގައި ހުރުމުން އޮޑިޓް އޮފީހަށް އެކަން ހާމަ ނުކުރެވުނީ ކަމަށާއި މުވައްޒަފު ޗުއްޓީން އައުމުން އެ މައުލޫމާތެއް އޮޑިޓް އޮފީހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ޒަކާތް ބެހުމަށް ފަހު އެކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ކައުންސިލްތަކުން ތައްޔާރު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ރިޕޯޓު ވަކި މުއްދަތެއްގެ ކުރިން މިނިސްޓްރީ އަށް ފޮނުވަން ޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޕޯޓު އިސްލާމިކް މިނިސްޓްރީއަށް ނުލިބެނީސް، ޒަކާތް ދެއްކިކަން ކަށަވަރެއް ނުވާނެ އެވެ. އަދި އޮޑިޓް އޮފީހަށް ވެސް އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިނިސްޓްރީއަށް ލިބިފައި ހުރި ރިޕޯޓުތައް އޮޑިޓް އޮފީހާ ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށްރަށުގައި ޒަކާތް ހައްގުވާ މީހުންގެ ފައިސާގެ ތެރެއިން ބާކީވާ ފައިސާ މިނިސްޓްރީ އަށް އަނބުރާ ފޮނުވާފައި އެ ސްލިޕް ފިނޭންސާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން އޮވޭ. އަޅުގަނޑުމެންނާ ހަމައަށް އެ ސްލިޕް ނުފޮނުވަނީހެއް ފައިސާއަށް ވީ ގޮތެއް ބުނެދޭކަށް ނޭނގޭނެ،" އިބްރާހިމް ވިދާޅުވި އެވެ.
"މުދަލު ޒަކާތް ބަހާފައި ބާކީވާ ފައިސާ ތިޖޫރީގައި ބަހައްޓައިގެން ވަރަށް ނުތިބޭނެ. ފިނޭންސް މިނިސްޓްރީގައި އޮންނަ އެކައުންޓަށް ޖަމާ ކުރާނެ. ނަމަވެސް ބައެއް ފަހަރަށް ހަނދާން ނެތެނީ ފިނޭންސަށް ސްލިޕް ފޮނުވިޔަސް، އަޅުގަނޑުމެންނަށް ސްލިޕް ފޮނުވަން. މިހެން ދިމާވެފައި އެބަހުރި،"
އިބްރާހިމް ވިދާޅުވި ގޮތުގައި 18 ކައުންސިލަކުން ސްލިޕްތައް ނުފޮނުވަނީ ގަސްދުގައި ކަމަށް މިނިސްޓްރީން ގަބޫލެއް ނުކުރެ އެވެ. އަދި ސްލިޕްތައް ނުފޮނުވަނީ އެކަމުގެ މުހިންމުކަން ކައުންސިލްތަކަށް ނޭނގޭތީ ކަމަށާއި އެހެންވެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ގުޅިގެން އެކަން ހަރުދަނާ ކުރަން މަސައްކަތް ކުރާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަސަރު
25 June 2017
މިކަހަލަ މޮޑަން ޝޭހުން ލިޔެފަ ހުންނަ ތަކެތިވެސް ކިޔާނީ އެކޮޅުކޮޅުން. ހެންވީމާ ވާގޮތް ތިޔައީ.
ސައިލަމް
25 June 2017
ޒިޔާދު ވިދާޅުވި މާލޭގެ މަސްކިތަތަކުގެ އިމާމުން ފިންގަރ ޖަހައިގެން ޙާޟިރީ ބަލާނެ ވާހަކަ.މީނާ އެންގެވި ރަވާތިބު ސުއްނަތް ކުރަން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި.
ދަގަނޑު ދަހަނާ
25 June 2017
"އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް އެއް މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނާތީ އެކަމާ ގުޅޭ ގޮތުން ޒިޔާދު ވިދާޅުވީ އެއީ މިނިސްޓްރީން ގަނެފައި ހުރި ތަކެތީގެ ވާހަކަ ކަމަށެވެ. އެ މަސައްކަތާ ހަވާލުކުރި މުވައްޒަފު ޗުއްޓީގައި ހުރުމުން އޮޑިޓް އޮފީހަށް އެކަން ހާމަ ނުކުރެވުނީ ކަމަށާއި މުވައްޒަފު ޗުއްޓީން އައުމުން އެ މައުލޫމާތެއް އޮޑިޓް އޮފީހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ." ގަވާޢިދާ ޚިލާފަށޭ ގަނެފަހުރީ އޮޑިޓް ރިޕޯޓްގައި ބުނަނީ ގަވާއިދާ ޚިލާފަށް ކުރާ ގިނަކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފަ ހުންނަ ކަންކަން ކަމަށްވާތީ. އަހުރެންނަށް އަޑު އިވޭގޮތުގައި ތިޔަތަނަށް ހޯދާ އިލެކްޓްރޯނިކްސް އައިޓަމްތަކާ ސޮފްޓްވެއަރގެ މަސައްކަތްތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކަމުގައި އުޅުނު ބަޔަކު ވަކިބަޔަކަށް މަގުފަހިވާގޮތަށް ދުރާލާ ރާވައިގެން.
މަންސޫރު
24 June 2017
ތެދެއް. އޮތީ ސަވާބުގެ އަދަދު.
ނޭންގޭ
24 June 2017
ތިޔަ މިނިސްޓްރީގައި އުޅޭ ބައެއް މުވައްޒަފުންނަށް މުސާރަ ދެނީވެސް ޒަކާތު ފަންޑުން ކަމަށްވޭ. ބާއްވާހާ އިވެންޓެއްގެ ޙަރަދުގެ އެއްބައިވެސް ފަންޑުން. ދެން އޮތް ކަމެއްވެސް ފަންޑުން. 1 މިލިއަން މަދު ނުވިއްޔާ ދެރައެއްނު! ދެން ރަނގަޅުވާނެ އިނގޭތޯ!
އިގްބާލް
24 June 2017
ތިޔަ މިނިސްޓްރީގެ ކޮންޓުރޯލް އަމިއްލަ އަތުގައި ނެތީތޯއްޗެ. ނެތްނަމަ އެކަން ހާމަކުރުމަށްފަހު އިސްތިއުފާ ދެއްވާ މިނިސްޓަރާއި ސްޓޭޓް. ކޮންމެވާހަކަފުޅުތަކެއް ދިފާއުގައި ދެއްކެވިނަމަވެސް އަމިއްލަ ބަހުން އެބައެނގޭ ތިޔަތަނުގެ ހިންގުމުގެ ދޯހަޅިކަން. އެހެންކަމުން އަޅުގަނޑުގެ ނަސޭހަތަކީ އިސްތިއުފާ ދެއްވާށޭ އަވަހަށް.
ދެބޯދޫނި
24 June 2017
މި ހަބަރު ކިޔާލީމަ ހީވަނީ އިސްލާމިމް މިނިސްޓްރީގަ ހުންނަނީ މިނިސްޓަރު އެކަނިހެން. މުވައްޒަފުން ލާފަ މަސައްކަތް ހަވާލު ކޮށްފަ ހުންނައިރު ކީއްވެބާ ހަނދާން ނެތިގެން ކުރަންޖެހޭ ކަންތައް ނުކުރަނީ.
އަލީ
24 June 2017
ކޮންމެދުވަހަކު ރޯދަ ވީއްލަންކާރިވީމަ ޓީވީއަށް އަރާ މޮޅު ވާހަކަދެއްކިޔަސް އަމަލްތަށް ހުންނަނީ ދިމާ އިދިކޮޅަށް.
ވަހީދު
24 June 2017
އަނެއްކާ ފައުނޑޭޝަނަށްތޯ ތިޔަ ފައިސާވެސް ހަވާލުކުރަނީ.
އަހުމަދު
24 June 2017
މިހާރުގެ މިނިސްޓަރު އަޅުގަނޑު ކުރިން ދެކެނީ ދިޓީވީގައި އެކަނި މާއެކަނި އިންނަވައިގެން ދީނީ ނަސޭހަތް ދެއްވާތަން. މަނިކުފާނަކީ އިލްމީ ބޭފުޅެއް ނަމަވެސް މަނިކުފާނުގެ ގައިގައި އެފަދަ ޕްރޮގްރާމް ހުށަހަޅައިދިނުމުގެ ހުނަރެއް ނެތެވެ. އެންމެފަހުން މިރޯދަމަހު ފެންނަންފެށީ ޓީވީއެމްގައި ރޯދަވީއްލާ ގަޑިއަށްވުރެން ކުރިން ނަސޭހަތް ދޭތަނެވެ. ތަފާތަކީ މިފަހަރުގެ ޕްރޮގުރާމްގައި ލައިޓިން ރީތިކަމެވެ. އެއްވެސް މިންވަރަކަށް އަޅުަގަނޑަށް ހުށަހަޅައިދިނުން ކަމަކު ނުދެއެވެ. ތިމާގެ ހުރި އުނިސިފަތައް ދަނެގެން ކުރިއަށް ވަޑައިގަތުމަށް މިނިސްޓަރުގެ ކިބައިން އެދެމެވެ.
ރިއަލް ޑޮނަލްޑް ޑަކް
24 June 2017
ތިޔަބުނާ ސްލިޕެއް ނުފޮނުވާކަންވެސް އެގެނީ 1 އަހަރުފަހުންތޯ. އެހެންވީމަ ގޯހެއް އުޅޭކަން ޔަގީންވެއްޖެ.