މާމިގިލީ ބަނދަރު: އެތަން ބައިނަލްއަގްވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޕީއެލާ ވަނީ ހަވާލުކޮށްފައި
28 ޖޫން 2017 - 22:53
އދ. މާމިގިލީގެ ބަނދަރުގެ ބައެއް ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމަށް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ރަށުގެ ކައުންސިލްގައި ރަސްމީކޮށް އެދިފައި ނެތް ކަމަށް އެ ކައުންސިލުން މިރޭ ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުން ހަދާފައިވާ މާމިގިލީ ބަނދަރުގެ ބައެއް ބައިނަލްއަގްވާމީ ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނުމާ ގުޅިގެން، އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"...މާމިގިލީ ކައުންސިލާ އެކަށީގެންވާ މިންގަޑެއްގައި މަޢުލޫމާތު ހިއްސާ ނުކޮށް، ނޫސްތަކަށް މިފަދަ މަޢުލޫމާތު ހާމަކުރުމާކީ ރަތްޔިތުންނަށް ކަންކަން އޮޅުންއަރާ، ކައުންސިލާ ދޭތެރޭގައި ރައްޔިތުން ނަފުރަތު އުފެދިދާނެ ކަމެއްކަން ފާހަގަކުރަމެވެ،" މާމިގިލީ ކައުންސިލްގެ ތިން މެމްބަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވެ އެވެ.
ނަމަވެސް އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް ވިދާޅުވީ މާމިގިލީ ބަނދަރު ހިންގަން ފެށުމަށް މިހާރު އަންނަނީ އިން ވަކިކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެކަން ކުރުމަށް މާމިގިލީ ކައުންސިލާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މާމިގިލީ ކައުންސިލްގެ ބަޔާނުގައި ބުނީ، އެ ރަށުގެ ބަނދަރުގެ ބައެއް ބައިނަލްއަގްވާމީ ބަނދަރަކަށް ބަދަލު ކުރުމުގެ މަސައްކަތް، ކައުންސިިލާ މަޝްވަރާކޮށް، އެތަނާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކޮށްގެން ކުރިއަށް ގެންދާނަމަ، ކައުންސިލުން އެކަމަށް ތައްޔާރަށް އޮތް ކަމަށެވެ.
ކައުންސިލުން ބުނީ މާމިގިލީ ބަނދަރު ސަރަހައްދު ތަރައްގީ ކުރުމުގެ ޑިޒައިންގެ އައުޓްލައިން ޗާޓެއް އެ އިދާރާ އަށް އީމެއިލް މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ. އެ އައުޓްލައިން ޗާޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޔޮޓްމެރީނާ އާއި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓާއި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ ރަށުގެ ރަސްމީ ކުނިގޮނޑަކަށް ކަނޑައަޅައި، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ލިބި، މިހާރު ވެސް ކުނިގޮނޑުގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
"އަދި 2015 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން މި ސަރަހައްދުގައި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރާނޭ ސެންޓަރެއް ވެސް ވަނީ ޤާއިމްކޮށްދެއްވާފަ އެވެ. އަދި މި ރަށުގައި ކުނިގޮނޑެއް ޤާއިމްކުރާނޭ އެހެން ސަރަހައްދެއް ނެތްކަން ވެސް ފާހަގަކުރަމެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
މާމިގިލީ ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ ބަނދަރުން ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމަށްޓަކައި އެމްޕީއެލް އަށް ނެގުމަށް ކަނޑާއަޅާފައިވާ ބިމުގައި، އެ ކައުންސިލުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ 11 ބިމެއް ވެސް އެބައޮތެވެ. އަދި އެ ބިންތަކުގައި އަމިއްލަ މީސްމީހުންގެ ވިޔަފާރި ތަރައްގީ ކުރުމަށް ގިނަ ޚަރަދުތަކެއް ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"އެހެންކަމުން ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ މި ބިންތަކުގައި އަމިއްލަ ފަރުދުން ކޮށްފައިވާ މަސައްކަތްތަކަށް އެކަށީގެންވާ ބަދަލު ލިބެން ޖެހޭނޭ ކަމަށް މި ކައުންސިލުން ޤަބޫލު ކުރަމެވެ. ނަމަވެސް އަދި މިހާތަނަށް މި ބިންތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ބަދަލު ލިބޭނޭ ގޮތެއް ރަސްމީކޮށް އެނގިފައި ނުވާކަން ފާހަގަކުރަމެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނީ ބޯޓު ޔާޑެއް ތަރައްގީ ކުރުމަށް އެމްޕީއެލް އިން ފާހަގަކޮށްފައިވާ ސަރަހައްދުގައި، ވިލާ ގުރޫޕުން ތަރައްގީ ކޮށްފައިވާ ވޯކްޝޮޕްތައް ވެސް އެބަހުއްްޓެވެ. އޭގެ އިތުރުން ރަށުގެ އިންޖީނުގެ އެޅުމަށް ކަނޑައަޅާފައިވާ ބިން ވެސް އޮތީ އެމްޕީއެލް ބުނާ ސަރަހައްދުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
އަދި އެމްޕީއެލް އިން، ބަނދަރުގައި އައިސް ޕްލާންޓެއް ގާއިމު ކުރަން ނިންމާފައިވާ ސަރަހައްދަކީ، ފެރީ ޓާމިނަލްއެއް އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ރަޖިސްޓަރީކޮށްދީފައިވާ ބިމެއް ކަމާއި އެމްޕީއެލް އިން ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް، ބަނދަރު ބައިނަލްއަގްވާމީ ކުރުމުން ރައްޔިތުންގެ އޮޑި ދޯނިފަހަރު ވަދެ ނިކުތުމަށް ކަނޑިންމައެއް ނޯންނާނެތީ އެކަމުގެ ކަންބޮޑުވުން ވެސް ކައުންސިލުން ވަނީ ފާޅުކޮށްފަ އެވެ.
މާމިގިލީ ކައުންސިލުން ބުނީ ރަށުގެ ބަނދަރުގެ ދެކުނު ފަރާތުން، އެމްއެންޑީއެފްގެ ބޭނުމަކަށް ކަނޑައަޅާ ސަރައްހައްދު ވަކި ކުރުމަށް ފަހު އަދި އައިސްޕްލާންޓަށް ބޭނުންވާ ސަރައްދު ވަކިކުރުމުން، މާމިގިލީގެ ބަދަރުން ރައްޔިތުން ބޭނުން ކުރުމަށް ލިބޭނީ 180 މީޓަރު ކަމަށެވެ.
"އަދި އެމް.ޕީ.އެލް. އިން ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް ބަދަރު ބައިނަލްއަޤުވާމީ ކުރުމުން ރައްޔިތުން ބޭނުންކުރާ އޮޑި ދޯނިފަހަރު ވަދެ ނިކުތުމަށް ކަނޑިންމައެއް ނޯންނާނެ އެވެ. އަދި އިތުރު ކަނޑިންމައެއް ތަރައްޤީކުރާނޭ ގޮތެއް ރަސްމީކޮށް މި ކައުންސިލަށް އެނގިފައި ނެތުމަކީ ވެސް ނުހަނު ކަންބޮޑުވާ ކަމެވެ" ބަޔާނުގައިވެ އެވެ.
"އެމް.ޕީ.އެލް އިން އަތޮޅު ތެރޭގައި ތަރައްޤީ ކޮށްފައިވާ ބައިނަލްއަޤުވާމީ 2 ބަނދަރު ކަމުގައިވާ ސ. ހިތަދޫ ބަނދަރާއި ހދ. ކުޅުދުއްފުށީގެ ބަނދަރުގެ ބޮޑުމިނާއި އަޅާކިޔާއިރު އދ. މާމިގިލިން ނެގުމަށް އެމް.ޕީ.އެލް.އިން ޕްލޭން ކޮށްފައިވާ ބިމަކީ 6 ގުނަ ބޮޑު ސަރަހައްދެއްކަން ފާހަގަކުރަމެވެ. އަދި މާލޭ ކޮމާރޝަލް ހާބަރަށް ވުރެ ވެސް ބޮޑު ސަރަހައްދެއްކަން ފާހަގަކުރަމެވެ."
މާމިގިލީ ކައުންސިލުން ފާހަގަކުރި ގޮތުގައި އެ ރަށުގެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރެވެ. ވިޔަފާރިވެރިޔާ ގާސިމްގެ މަސައްކަތުން ހެދި އެ ބަނދަރުގެ ދިގުމިނުގައި 1،300 މީޓަރު ހުންނަ ކަން ކައުންސިލުން ފާހަގަކުރެ އެވެ.
"އަދި އެމް.ޕީ.އެލް އިން ބައިނަލްއަޤުވާމީ ބަނދަރުގެ ގޮތުގައި ބޭނުން ކުރާނީ 600 މީޓަރު ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް މިއީ ހަޤީގަތާ ޚިލާފް މަޢުލޫމާތެކެވެ. މާމިގިލީގައި ތަރައްޤީ ކޮށްފައިވާ ބަނދަރުގެ ދިގުމިނަކީ 670 މީޓަރެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮދޭ
30 June 2017
މީ އެބުނާ ވާހަކައަކީ ޓިއުނު ދިމާނުވާ ކައުންސިލްތަކުން ތަރައްގީވާނީ އިދިކީލި
ކައްދައްތަ
29 June 2017
ކަނައަތުން ކުރާކަންތައް ވައަތައް ނޭގި މިދަނީ. ފުކެއް ބޮޑުވަރު.
ރިއަލް ޑޮނަލްޑް ޑަކް
29 June 2017
ފަހަރެއްގައިވެދާނެ ދަރުބާރު ޖަމާއަތަށް ނިސްބަތްނުވާ ކައުންސިލަކަށް ވީމަ ، ދަރުބާރު ޖަމާއަތުން ރައީސްއޮފީސްތެރޭގައި މާމިގިއްޔަށް ކައުންސިލެއް ހަދައިގެން އުޅެނީކަމަށްވެސް.
ޜޫހު
29 June 2017
ރާއްޖެތެރެ ރަށްތައް ތަރައްޤީ ނުކުރެވެނީ ސަރުކާރާ ދެކޮޅުވެ ތަރައްޤީ ކުރާނެ ފުރުސަތު ނުދޭތީ.. ދެން މި ޖެހެނީ މާލެ މީހުންނަށް ފައިދާ ވާގޮތައް ތަރައްޤީވެފަވާ މާލެއަށް ބަދަލުވާން.. ދެން ރާއްޖެތެރެ މީހުން ކިޔާނެ ތަރައޤީ ނުކުރީމައޭ މާލެ ދާން މަޖުބޫރުވީއޭ ފަޅޮލޭ ބިހޭ ކުރުނބަލޭ...
ތާކިހާ
29 June 2017
މާލޭ ތަރައްގީވަނީ މާލޭ އެންމެން ސަރުކާރަށް ފުރުސަތުދީގެން ސަރުކާރުކޮޅަށްތިބޭތީދޯ ބުރޯ.
އަހައްމާ
29 June 2017
އަޅުގަނޑު އެމްޕީއެލްގެ އިސްވެރިޔާއާއި ރައީސް ޔާމިނަށް އެދެނީ ސެޒްގެ ދަށުން ނަމަވެސް އެމްޕީއެލް ބަދަރުގައި ހަދާފައިވާ ރެސްޓޯރަންޓް އިންޓަނޭޝަނަލް ކޮށް ދެއްވުމަށެވެ. އޭރުން ވެސް ކޮންމެވެސް ބަޔަކަށް ވަޒީފާ ލިބިގެންދާނެ ތާއެވެ.
1234
29 June 2017
ކޮބާތަ ހުޅުމާލޭ ޔޮޓްމެރީނާ ހަދާ ނިމުނީތަ؟ ކޮބާތަ ތިލަފުށީގަ ހެދާ އެމްޕީއެލް ބަނދަރު؟
ކްލޯސްޑް
29 June 2017
މާމިގިލީ އާބާދީ ކިހާވަރެއް. ރަޖިސްޓަރޑް އާބާދީ އަރަނީ 500 އަށް އަދި ރަށުގައި ދިރިއުޅެނީ 100 މީހުންނޭ އެހެންތޭ. އެހެންވީއިރުން ހަމަ މިހާރު އެމްންނަށް ފްލެޓްސް ދޭން މާލެ ސަރަހައްދުގައި 1000 ފްލެޓްސް އަޅާ އެހުރިހާ އެންމެން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ފަހު އެ އެރަށް ދޭންވީ އެމްޕީއެލް އަށް. ޗެޕްޓަރ ކްލޯސްޑް.
ރަދީފް
29 June 2017
މިކަމުގަ ވެސް ސަރުކާރުން އެވަނީ ވަރަށް ބޮޑަށް އޮޅުވާލާފަ.ކަން ނިމޭއިރު ތިތަން ލީބެނީ ކޮންމެވެސް ބޭރުބަޔަކަށް.
ާމަގޭ ރަށް
29 June 2017
ޙާދަ ނުވިސްނޭ މީހުންނޭ ކޮމެންޓް ކުރަނީ ،،، މާމިގިޔިށް ކަމެއް ކޮށްދޭތީ ޖޭ ވަނީ !! ރަަައީސް ޔާމީން ހަމަ ހަބޭސް ގާސިމް އެއީ މާމިގިލި ރައްޔިތުންނަށް ހެޔޮއެދޭ މީހެ ނޫން ..މީ މާމިގިލި މީހެއް!!!
ސަނާ
29 June 2017
ތީމުގޭ ފާހާނާ އިންޓަނޭޝަނަލް ކުރަން އެދެންވީނުން.... މާތާހިރުވާނެ އޭރުން!
ބަނާނާ
29 June 2017
ތީމުގޭ ފާހާނާ މިހާރުވެސް އިންޓަނޭޝަނަލް ވާނެ. އެތަން އިންޓަނޭޝަނަލް ކުރީ މިހާރު އެމްޑީޕީއަށް ތާއީދު ކުރާ މައުމޫނު. ވާނުވާ!