މުއައްސަސާތައް މިނިވަން ކުރަން ގޮވާލާ، މާމިގިލީގައި މުޒާހަރާކޮށްފި

ދައުލަތުގެ މުއައްސަސާތައް މިނިވަން ކުރުމަށް ގޮވާލަން އދ. މާމިގިލީގައި މިއަދު މުޒާހަރާކޮށްފި އެވެ.


ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް މާމިގިލީގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުން ވެސް މީހުން ބައިވެރިވި މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ މިނިވަން މުއައްސަސާތަކަށް ބާރާއި ނޫފުޒު ފޯރާފައިވާތީ އެތަންތަން ވީހާވެސް އަވަހަކަށް "ސާފު" ކުރުމަށެވެ. އަދި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރަން ވެސް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

މީގެ އިތުރުން މުއައްސަސާތައް ބޭނުންކޮށްގެން ވިލާގެ ރިސޯޓުތަކަށް އެރުން ހުއްޓާލުމަށާއި، ގާސިމަށް ފުރައްސާރަ އާއި ޖެއްސުން ކުރުން ހުއްޓާލަން ވެސް މުޒާހަރާގައި ގޮވި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އަމަލުތަކާ ހުރެ، ވިލާގެ ރިސޯޓްތައް ހުއްޓިދާނެތީ އެ މީހުންގެ އާއިލާތަކަށް ދިމާވެދާނެ ދަތިތަކާ މެދު ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ގާސިމްގެ މުދަލަށް ގެއްލުން ދިނުން ހުއްޓާލުމަށާއި ވިޔަފާރި ބަނގުރޫޓުކޮށްލަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ވެސް ގޮވާލި އެވެ.

މާމިގިލީ ކައުންސިލުން ބުނީ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން ރަށުގެ ބޮޑެތި މަގުތަކުގައި ކުރި މުޒާހަރާގައި 400 އެއްހާ މީހުން ބައިވެރިވި ކަމަށް ކައުންސިލުން ބުންޏެވެ.

ގާސިމްގެ ވިޔަފާރި ބަނގުރޫޓުކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ މާމިގިލީގައި ކުރިން ބޭއްވި މުޒާހަރާއެއް. -ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ވިލާގެ ރިސޯޓްތަކަށް ކަސްޓަމްސް އާއި ފުލުހުން އެރުމާ ގުޅިގެން މާމިގިލީގައި މީގެ ކުރިން ވެސް މުޒާހަރާކުރި އެވެ. އެހެން މުޒާހަރާތަކެކޭ އެއްގޮތަށް މިފަހަރު ވެސް ބައިވެރިން ތިބީ ގާސިމަށް ސަރުކާރުން ދުއްތުރާ ކުރަމުންދާ ކަމަށް ބުނެ، ސަރުކާރާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

މުޒާހަރާ ނިންމާލުމުގެ ގޮތުން ވަނީ ގާސިމްގެ ނަފްސާއި މުދަލަށާއި ވިލާ ކުންފުންޏަށް ގެއްލުންދޭން ކުރާ ކޮންމެ ކަމެއް ނާކާމިޔާބުކޮށް، ބަލިކުރުމަށާއި ހައްގަކާ ނުލައި ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުން މިންޖުކޮށް ދެއްވައި މިނިވަނެއްގެ ގޮތުގައި ބައްދަލުވާނެ ގޮތެއް މެދުވެރިކޮށްދިނުމަށް ދުއާކޮށްފަ އެވެ.

އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ދާނެ ކަން ވެސް އިއުލާންކުރި އެވެ.

ގާސިމްގެ ފަސް ރިސޯޓު ކަމަށްވާ ރޯޔަލް އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކުރި އެވެ. އެކަމަކު އެ ބާވަތްތައް އެތެރެކުރަން 14 ދުވަހުގެ ވަގުތީ ލައިސަންސެއް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ދީފަ އެވެ.

ގާސިމްގެ ރިސޯޓުތައް ފާސްކުރީ ރޯޔަލް އައިލެންޑަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ އެވެ. އަދި ފަން އައިލެންޑްގައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ ކަމަށެވެ. އެކަމަކު ވިލާ އިން ތަކުރާރުކޮށް ބުނަމުން އަންނަނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ.