ގާސިމްގެ މުދާތައް ވިއްކައި، ފައިސާތައް ހޯދަން ޖެހޭ: އަބްދުއްރަހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފިނަމަ، އޭނާގެ މުދާތައް ވިއްކައި، އެ ފައިސާތައް ހޯދުމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ސަރުކާރަށް ރޭ ގޮވާލައްވައިފި އެވެ.


ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ގައުމު ހަލަބޮލި ކުރުމުގެ މަސައްކަތުގައި ހުންނެވީ ގާސިމް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ގާސިމަކީ ނާޖައިޒު ގޮތުގައި މުއްސަނދިވި ބޭފުޅެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ގާސިމަށް ފާޑު ވިދާޅުވެފަ އެވެ.

ގައުމަށް އެންމެ ބޮޑު ހިޔާނާތެރިވި ސިޔާސީ ލީޑަރަކީ ގާސިމް ކަމަށާއި "އަތު ޖެހުނު ގޮތަކަށް" ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ހޯދުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ. ގާސިމަށް އިޝާރާތް ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މިއަށް ވުރެ، ބޮޑު "ބަލައި މުސީބާތެއް" އަދި ކުރިމަތި ނުވާ ކަމަށެވެ.

ގާސިމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"ތިން، ހަތަރު ރިސޯޓު އޭނާ [ގާސިމް] އަތުގައި ބާއްވާކަށް ނުޖެހޭ ރައްޔިތުންނަށް ފައިސާ ދައްކަން އޮއްވާ. ފައިސާ އަތުލަންވީ، ޕެރެޑައިސް ވިޔަސް، އެހެން ތަނެއް ވިޔަސް، ވިއްކާލަންވީ. ވިއްކާލާފައި ރައްޔިތުންގެ ފައިސާ ހޯދަންވީ،" ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށާއި ނަޝީދު ވެރިކަމުން ދުރު ކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ގާސިމެވެ. އަދި ޕީޕީއެމް ވެރިކަމަށް ގެނައުމަށް ފަހު، މިހާރު ގާސިމް އުޅުއްވަނީ ވެރިކަން ވެސް ވައްޓާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކައި، ރާއްޖެއިން ބޭރުގައި ހުރެގެން ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންގޮސްގެން ވެރިކަން ބަދަލު ކުރެވޭނެ ގޮތެއް ހޯދަން [ގާސިމް] މަސައްކަތް ކުރަނީ،" ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ ދިވެހި ރައްޔިތުންގެ ފައިސާ. މި ފައިސާ ހަރަދު މި ކުރަނީ ރާއްޖޭގެ އަމްނު ނަގާލަން. މިނިވަން ކަން ގެއްލުވާލަން. އިސްލާމް ދީނަށް ނުރައްކާވާ ފަދަ ކަންތައްތައް ކުރަން. ސަތޭކަ ޕަސަންޓު ޔަގީންކަން އެބައޮތް އެމީހުން ގުޅިގެން އުޅޭ އެމްޑީޕީއަށް ބާރެއް ލިބިއްޖެނަމަ، އެހެން ދީންތަކަށް ފުރުސަތު ލިބޭނެކަން."

ގާސިމަށް ބަހުގެ ހޫނު ހަމަލާތަކެއް އަބްދުއްރަހީމް މި އަމާޒު ކުރެއްވީ، މިހާތަނަށް އަޑު އެއްސެވި އަދި ދެކެވަޑައިގެންނެވި އެންމެ އަނިޔާވެރި ވެރިއަކީ ރައީސް އަބްދުﷲ ޔާމީން ކަމަަށް ވިދާޅުވެ، ގާސިމް އިއްޔެ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާސިމް މުއްސަންޖަކަށް ވީ ދިވެހި ސަރުކާރުގެ އެހީތެރިކަމުގަ އެވެ. އެއީ ގާސިމް އަމިއްލަ އަށް ކުރި މަސައްކަތުގެ ނަތީޖާ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާސިމް މަސައްކަތް ކުރައްވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ރާއްޖޭގެ އަމަނަށް ނުރައްކާވާނެ ފަދަ ކަމެއް ކުރާ ކޮންމެ މީހަކު ހިފައި ހައްޔަރު ކުރުމަށް ފުލުހުންނަށް ގޮވާލައްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ މެދު ކަންބޮޑުވެގެން ބަޔަކު ނޫޅޭ ކަމަށާއި ރާއްޖޭގައި ސުލްހަމަސްލަސްކަން ގާއިމުކޮށް ދިނުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ.

ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، ގާސިމްގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ. ސަރުކާރުން ހުއްދަ ހިފެހެއްޓުމަށް ފަހު، ޓޫރިޒަމް އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، ރަލާއި އޫރުމަސް އެތެރެކުރަން ސަރުކާރުން ވިލާ އަށް ދިން 14 ދުވަހުގެ ލައިސަންސް ހަމަވުމުން އިތުރު މުއްދަތެއް ނުދެ އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އިން ބައެއް ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސަންސެއް ދިނަސް، ވިލާ އިން ފައިސާ ދެއްކުމަށް އެއްބާރުލުން ދެމުން ނުދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު އިތުރުނުކުރަން ސަރުކާރުން ނިންމުމާއެކު، ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.