ރިޕޯޓް / ކުރީގެ މިނިސްޓަރު ނާޒިމް

އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް(ވ) އަދި ކުރީގެ ނައިބު ރައީސް އަދީބު.-- މިހާރު ފޮޓޯ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހުރިހާ ހަގީގަތެއް އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވުމާ އެކު، ނާޒިމަށް އިންސާފު ހޯދުމުގެ އަޑުތައް އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. އެ ހާދިސާ ފެށިގެން ގޮސް ނިމެންދެން އަދި ބައިވެރިވި އެންމެން ވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވުމަކީ މުޅިން އާ ވާހަކައެކެވެ. އެކަމަކު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު ދުވަހުން ފެށިގެން އެ މައްސަލައިގެ ޝަރުއީ ތިން މަރުހަލާ ނިމެންދެން ވެސް އަދީބަށް ކުރީ ތުހުމަތެވެ. އެ ތުހުމަތު ޔަގީނާ ހިސާބަށް ދިޔައިރު ވެސް އެކަމަށް އެޅުނު ފިޔަވަޅެއް ނެތެވެ. ކުރި ޚާއްސަ ތަހުގީގެއް ވެސް ނެތެވެ.

އެހެންވީމާ އަދީބުގެ ސިޓީން އަންނާނީ ވަކި ކޮން ބަދަލެއް ހެއްޔެވެ؟ އެ ހާދިސާ ހިނގި ގޮތުގެ ޚާއްސަ ތަހުގީގެއް ނުކުރާ ނަމަ ނުވަތަ ސުޕްރީމް ކޯޓުން އަލުން މައްސަަލަ ނުބަލާ ނަމަ ސިޓީއަކުން ކުރާނެ ފައިދާއެއް އެބަ އޮތް ހެއްޔެވެ؟

ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރުގެ އެއްވެސް ހަގީގަތެއް ނާޒިމަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް އަދީބު ވިދާޅުވި އިރު، އޭގެ ފޮރެންސިކް އެއްވެސް ނަތީޖާއަކުން ނާޒިމާ ދެކޮޅު ހެއްކެއް ފެނިފައެއް ނުވެ އެވެ. އަދި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅެއްގެ ފިންގަޕްރިންޓެއް ނުވަތަ ޑީއެންއޭ ވެސް ފިސްތޯލަ އިން ނުފެނުނެވެ.

އަދީބުގެ ސިޓީގެ މާ ކުރިން، މީގެ 13 މަސް ކުރިން ވެސް ވަނީ އެ ފިސްތޯލައާ ނާޒިމާ ގުޅުން ނެތް ކަމުގެ ހެއްކެއް ފެނިފަ އެވެ. އެއީ އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުމެވެ. ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރިތާ އެތައް ދުވަހެއް ފަހުން، ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުމުން ވެސް އެކަން ބަލާނެ މުއައްސަސާއެއް ނެތެވެ. އެ މައްސަލަ ވަކިން ތަހުގީގު ކުރުމަށް އެތައް ބަޔަކު ގޮވަމުން ދިޔަ އިރު ކަމާ ގުޅޭ ރަސްމީ ހުރިހާ މުއައްސަސާއަކުން ވެސް ދިނީ ބީރު ކަންފަތެކެވެ.

"ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުމުން އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް، ޕްރޮސެކިއުޓަ ޖެނެރަލް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އަށް އަޅުގަނޑުމެން ސިޓީއެއް ވެސް ފޮނުވިން. އެކަމަކު އަޅައެއް ނުލައްވާ،" ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

އަދީބުގެ ޑީއެންއޭ ޕްރޮފައިލް ގެ އިތުރުން ނަތީޖާ ނުލިބޭ އެހެން ޕްރޮފައިލެއް ހުރި ވާހަކަ ޖޫން 21، 2016 ގައި ފުލުހުން ހާމަކުރި ނަމަވެސް އޭގެ ފަހުން 13 މަސް ވީއިރު ވެސް އެ ޕްރޮފައިލް ރައްދުވާ މީހާގެ ނަމެއް އާންމެއް ނުކުރެ އެވެ. ފުލުހުން އޭރު ބުނީ ކުރިއަށް ހުރި ތަހުގީގުތަކުގައި އިތުރު މައުލޫމާތުތައް ލިބޭނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން އެއްވެސް ކުރިއެރުމެއް ލިބުނު ކަމެއް އެނގޭކަށް ނެތެވެ.

އަދީބުގެ ޑީއެންއޭ ޕްރޮފައިލްގެ ޕީޖީގެ އޮފީހަށް ފުލުހުން ފޮނުވުމުން އެ މައުލޫމާތު ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ނާޒިމް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބެލެން ނެތް ކަމަށް އެ ކޯޓުން ނިންމިއިރު އަދީބުގެ ޑީއެންއޭގެ ޕްރޮފައިލްގެ މައުލޫމާތަށް ރިއާޔަތެއް ނުކުރެ އެވެ.

އަދީބުގެ ސިޓީ މިއަދު މާ ބޮޑު އެއްޗަކަށް ވެގެން އުޅުނު ނަމަވެސް، ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު ދުވަހުން ފެށިގެން އޭނާގެ ފަރާތުން ތުހުމަތުގެ އިނގިލި ދިއްކުރީ އަދީބަށެވެ. ޕްރޮސެކިއުޓަ ޖެނެރަލާއި ފުލުހުން ބޭނުން ނަމަ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުގެ ކުރިން ވެސް، މި މައްސަލައިގެ ހަގީގަތް ސާފުކުރުމަށް މިއަށް ވުރެ ރަނގަޅު ތަހުގީގެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް، ގާނޫނީ ދާއިރާގެ އެތައް ބަޔަކު އެއްބަސްވެ އެވެ.

ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް އޭނާ އާއި ވަކީލުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ތަހުގީގު މަރުހަލާގައި އެކަމަށް ސަމާލުކަމެއް ނުދިނެވެ. ނާޒިމްގެ ތަހުގީގުގެ ބަޔާނުގައި ވެސް އަދީބަށް ތުހުމަތު ކުރާކަން ފާހަގަކުރި އެވެ. ޝަރުއީ ތިން މަރުހަލާގައި ވެސް މައްސަލަ ކުރިއަށް ގެންދިޔައިރު، އަދީބު ކޯޓަށް ހާޒިރުކޮށް ދިނުމަށް ނާޒިމްގެ ފަރާތުން އެދުނެވެ. އެކަމެއް ވެސް ނުކުރެ އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ބްރީފިންއެއްގައި ސުއޫދު (ކ) ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

"ފިސްތޯލަ ފެނުމުގެ ތިން ދުވަސް ކުރިން ނާޒިމަށް އަދީބު ގުޅުއްވާފައި، އެ ގޭގައި ހުންނަ ކޮޓަރީގެ އަދަދާ ގުޅޭ ގޮތުން ސުވާލު ކުރި. އަނެއްކާ އުމަރު ނަސީރު [އޭރުގެ ހޯމް މިނިސްޓަރު]ގެ ހާޒިރުގައި ނާޒިމަށް އަދީބު އިންޒާރު ދިން މައްސަލަ އުޅުނު. އެލްޖީއޭގެ ރައީސްގެ މައްސަލާގައި އަދީބާއި ނާޒިމްގެ މެދުގައި ހަމަނުޖެހުން އޮތް. މި ހުރިހާ ކަމެއް މިހެން އޮތީމާ ފުރަތަމަ ދުވަހު ވެސް ނާޒިމް ޝައްކުކުރީ އަދީބަށް. އެކަމަކު އަދީބާ އެކަމާ ގުޅޭ ގޮތުން ސުވާލު ނުކުރާތީ އަޅުގަނޑުމެން އޭރު ވެސް ކަންބޮޑުވުން ފާޅުކުރިން،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދީބުގެ އާރާއިބާރު ސަރުކާރުގެ ތެރޭގައި ގަދަ ދުވަސްވަރު، އަދީބާއި ފިސްތޯލައާ ހުރި ގުޅުން ތަހުގީގު ނުކުރެވުނު ނަމަވެސް އަދީބު ސަރުކާރުން ވަކިކޮށް، އެހެން މައްސަލައެއްގައި ޖަލަށް ލާފައިވާއިރު، ފިސްތޯލައާ ބެހޭ ގޮތުން އަދީބާ ސުވާލުކޮށް އެ ތަހުގީގު ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ހުރިހާ ތުހުމަތެއް އަދީބާ ހަމައަށް ގޮސް ހުއްޓި، ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނު ހާދިސާގެ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގައި އަދީބު ވިދާޅުވުމުން ދެން އެ މައްސަލަ ނުބަލައި ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގެ އެންމެ ފުނަށް ފީނައި، ހަގީގަތް ހޯދަން ޖެހޭ. ހުރިހާ ދިމާއަކުން ގޮސް އަދި މި ހުއްޓެނީ އަދީބާ ހަމައަށް. އަދީބު އޮތީ ވަރަށް ސާފުކޮށް ވިދާޅުވެފައި މި މައްސަލައިގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް. އެހެންވީމާ އެ މައްސަލަ ވަކިން ތަހުގީގުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދިޔައިރު އެމްއެންޑީއެފުން ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ފިސްތޯލަ އަކީ ސިފައިންގެ ބަޑި ގުދަނުން ބޭރުވި އެއްޗެކެވެ. އެކަމަކު އެ ފިސްތޯލަ ބޭރުވި ގޮތަކާއި އެކަމުގައި ހިމެނުނު މީހުންނާއި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ނެތް ބައެއްގެ އަތްމައްޗަށް އެ ދިޔަ ގޮތަކާއި އަދި ފަހުން އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިގައި ހުރި ސަބަބު ބަލާފައެއް ނެތެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓަން ވެސް، ފިސްތޯލައިގެ ހަގީގަތް ބަލަން އެ ދެ މުއްއަސަސާ އިން ގުޅިގެން ވަރުގަދަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމް ކުރާ ކަމަކަށް ވާއިރު، ރައީސް އަބްދުﷲ ޔާމީން ނެރުއްވާ އަމުރެއްގެ ދަށުން ނަމަވެސް ޚާއްސަ ތަހުގީގެއް ފައްޓަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ކޮއްކޮ އާޒިމް މާލޭ ޖަލުގެ ކުރިމަތީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ އެކު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"މި ހާދިސާ ހިނގިއިރު ފުލުސް އޮފީހުގައި ތިބި އެންމެންގެ ފިންގަޕްރިންޓް ނަގަން ޖެހޭ ކަމަށް އަޅުގަނޑުމެން އާއިލާ އިން ދެކެނީ. ޕޮލިސް ކޮމިޝަނަރާ ހިސާބުން ފެށިގެން އެންމެ އާދައިގެ ފުލުސްމީހާގެ ވެސް ފިންގަޕްރިންޓް ނަގައިގެން މިކަމުގެ ހަގީގަތް އެނގޭނީ. މިއުޅެނީ ސިފައިންގެ ތެރެއިން ފިސްތޯލައެއް ބޭރުވެގެން. އެހެންވެއްޖެ ކަމަށް ވަންޏާ ކޮބައިތޯ ދިވެހި ރައްޔިތުންނަށް އޮތް ޔަގީން ކަމަކީ ރައްކާތެރިކަމަކީ މާދަމާ ވެސް މިފަދަ ކަމެއް ނުވާނެކަން؟" އާޒިމް ވިދާޅުވި އެވެ.

"މިކަމުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ލިބިގެން ނޫނިއްޔާ މިހާ ބޮޑު ކަމަކުން ސަލާމަތެއް ނުވާނެ. މިއީ އާދައިގެ ކަމެއް ނޫން. އެންމެންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް މިއީ."

އާޒިމް ވިދާޅުވީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވަނީ ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް ކަމަށް ވުމުން މިކަމުގެ ބިރުވެރިކަން އަދި މާ ބޮޑު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ނާޒިމްގެ އާއިލާ އިން މި އުންމީދުކުރަނީ މި މައްސަލާގައި ސުޕްރީމް ކޯޓުން އިންސާފު ހޯދައިދޭނެ ކަމަށް. އަޅުގަނޑުމެންނަށް އެ އުންމީދު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ނާޒިމްގެ ވަކީލު ސުއޫދު ވިދާޅުވީ މި ސަރުކާރުގައި އޭނާގެ މުވައްކިލަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މިހާރު އަދީބު ވެސް ބާރުވެރިކަމަކު ނެތް. އެކަމަކު މި މައްސަލަ އިތުރަށް ބަލަން ނޫޅޭތީ އަޅުގަނޑަށް ސުވާލު އުފެދޭ. ކީއްވެގެން ބާވައޭ އަދީބު އެ ވިދާޅުވާ ވާހަކަތައް ވެސް އިތުރަށް ނުބަލަންވީ؟ ބަލާފައި ހަމަ ހަގީގަތާ ހަމައަށް ދާންވީ ނޫންތޯ؟،" ސުއޫދު ވިދާޅުވި އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލަ ފެށުނު ގޮތާއި ނިމުނު ގޮތް އަދި އެކަމުގައި ބައިވެރިވި މީހުން ހާމަކުރައްވަން އަދީބު ތައްޔާރަށް މިހާރު ހުންނެވި އިރު ނާޒިމްގެ މުޅި މައްސަލާގައި ޝައްކާއި ވަހުމް އުފެދިފައިވާކަން ރަސްމީ އިދާރާތަކަށް އެނގުނުތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ކުރި ކަމެއް ނެތެވެ. އަދި އަދީބުގެ ސިޓީ މީޑިއާއާ ހަމައަށް ތިލަވުމުން ވެސް ކަމާ ބެހޭ އިދާރާތައް އަދި ތިބީ ހިމޭނުންނެވެ.

63 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 12%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަ

03 July 2017

މިއީ ވަރަށް ދެރަ ލަދުގަންނަންޖެހޭ ކަމެއް!

The name is already taken The name is available. Register?

ްޤުއްޓޭ

02 July 2017

މިހާރަކު ތި މައްސަލަ ތަކެއް އެވެރިންނެއް ނުބަލާނެ. ނަމަވެސް އެކަންތައްތައް ބެލޭނެ ދުވަހެއް އަންނާނެ ކަން ޔަޤީން. އަދި އެކަންތައްތައް ބެލުމަށް ތިބި މީހުން އެކަމާއި މެދު އިޙުމާލު ވެފައި ވާނަމަ އެފަރާތާއި މެދުވެސް ފިޔަވަޅު އެލޭނެ ދުވަހެއް އަންނާނެ ކަން ޔަޤީން.

The name is already taken The name is available. Register?

ބޯބުރާންތި

02 July 2017

ކިހިނެއް ވެގެންތަ މިއުޅެނީ؟ ކާކުގެ ވާހަކައެއްތަ ތި ދައްކަނީ؟

The name is already taken The name is available. Register?

ހައްޤުބަސް

02 July 2017

އަދީބު ކުރިން ނުބުނެ ހުރުމާއި އަދި ކުރިން އަޅާނުލާހުރުމަކީ އަދީބުގެ އަމިއްލަ ކަމެކެވެ. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި އަދި ކަމާބެހޭ އެހެން ހުރިހާ މުއައްސަސާއަށް އޮންނަންޖެހޭނެ ގޮތަކީ ކިރިޔާވެސް އަލިމަގެއް ފެންނައިރަށް އެމަގަކުން ގޮސް ބަލާފަ އެދައްކާވާހަކައިގެ ހަގީގަތެއް އަދި ހެއްކެއް އެބަހުރިތޯ ބެލުމެވެ. ހެކި ހުރިނަމަ އެކަމާއިގެން ކުރިއަށްގޮސް އިންސާފުގާއިމުކުރުމެވެ. އަދީބު އެދައްކާ ވާހަކައިގެ ސަބަބުން އިތިރު އެހެން ހެއްކަކަށް ބާރު ނުލިބޭނަމަ ދެން އިތުރަށް ކުރިއެރުން ނުލިބޭނެތީވެ އެކަންތަކާ އަޅާނުލާނީއެވެ. މިއަދު އަދީބަކީ ކުއްވެރިއަކަސް އޭނާއަށް ނިސްބަތްކުރެވޭ ހެކި (ފިންގާ ޕްރިންޓް) އެ ފިސްތޯލައިން ވަނީ ފެނިފައެވެ. އެހެންވީމާ އަދީބަކީ މިކަމާ ނުބެހޭ ގުޅުމެއްނެތް މީހެއްނޫނެވެ. މި ކަންތައް އިތުރަަށް ބަލަންޖެހެއެވެ. މި ގައުމުގެ ރައްތިޔުންގެ ހައްގުގައެވެ.

The name is already taken The name is available. Register?

އިބޫ

02 July 2017

މިގަުމުގަިއ އަދު މިއޮތް ޖުޑިޝަރީ އަކީ އިންސާފު ވރި ތަނެއް ނަމަ މިމައްސަލަ ރަނގަޅަށް ބަލާނެ. އެކމަު އެއަށްވުރެ ޖުޑިޝަޜީ ބަލިކަށިދޯ

The name is already taken The name is available. Register?

ބޭކާރު

02 July 2017

ދެނެއްނުހިފެހެއްޓޭނެ. ދައުރުހަމަވުމުގެކުރިން ދާނީވެއްޓެން

The name is already taken The name is available. Register?

ރަދީފް އެންޑް ރަފައިދާ

02 July 2017

އާކަމެއް ނުފެންނާނެ. ހަމަ ކުރިންވެސް ހުރިކަންތައް ހުންނާނީ. އޭރުވެސް ކަންކަން ވީ ގޮތް އެންމެންނަށްވެސް އިނގޭ.

The name is already taken The name is available. Register?

ހައްޤު ބަސް

02 July 2017

އަހަރެން މިއީ ނާޒިމު ސޯ ނަމަ 11 އަހަރު ޖަލުގައި އޮންނަން ޖެހުނަސް އަދީބުގެ ކިބައިން މަދަދަކަށް ނޭދޭ ނަމެވެ.އަހަރެން މިއީ އަދީބު ނަމަ 33 އަހަރު ޖަލުގައި އޮންނަން ޖެހުނަސް ތިހާ ފިނޑި ދަށު ދަރަޖާގެ އަމަލެއް(ސަލާމަތް ބުއްދީގައި ހުރެ( ނުކުރާނަމެވެ.

The name is already taken The name is available. Register?

މިރުސް

02 July 2017

އަދީބު މިއަދުދައްކާއެއްވެސްވާހަކައެއް ގަބޫލެއްނުކުރެވޭނެ މިއަދު ނޫންތިވާހަކަދައްކަންވީ މިހާރުތިއުޅެނީ ކޮންމެވެސްވާހަކައެއްދައްކައިގެން ކަމެއްހޯދަން އަދި މިހާރު އަދީބުދޭހެކިބަހެއްވެސް އިސްލާމީ ޝަރީއަތުގައި ބަލައިނުގަނެވޭނެ. ސަބަބަކީ މިހާރުތިހުރިހާލަތުން ކިތަންމެ ބޮޑުދޮގެއްވެސް ހަދަން ޖެހިލުމެއްނުވާނެ. އަދި ކުރީގައި ނުއެގުނުކަމެއް މިހާރު ޖަލުގައިއޮވެގެން އެގުނީތޯވެސް ސުވާުލުއުފެދޭ!

The name is already taken The name is available. Register?

ޙެހެހެހެ

02 July 2017

އާ ކަމަކަށް ފެންނާނީ އަދީބުގެ ތި ސިޓ އެވެ. ހެހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454