މިނިސްޓަރު ތޯރިގް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
03 ޖުލައި 2017 - 12:19
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 18 ރަށެއްގައި ނަރުދަމާގެ ނިޒާމު، 16 ރަށެއްގައި ފެނުގެ ނިޒާމުގެ ގާއިމުކޮށް ނިމިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވޭނެ ދުވަހެއް ސާފު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި ތޯރިގް ވިދާޅުވި ގޮތުގައި މިހާރު ވެސް 21 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރި އަށް އެބަދެ އެވެ. އަދި 20 ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރާ އިރު، ކުރިމަގުގައި ހަ ރަށުގެ ފެނުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އުސޫލުތަކުގެ ތެރޭގައި ރަށުގެ އާބާދީ އާއި ރަށެއްގައި އިދާރީ މަސައްކަތްތައް ހިނގާ ނިސްބަތާއި އާބާދީ ތޮއްޖެހިފައި އޮންނަ މިންވަރާއި ރަށެއްގެ ބިމުގައި ހުންނަ ފެނުގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ.
ރިޔާޒް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، 30 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައި އޮތް އިރު، ހަ ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރެވިފައި އޮތެވެ.
"އަޅުގަނޑު ދަންނަވާނީ މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ނުކުރައްވާ ވަރަށް ފެނާއި ނަރުދަމާގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިވަގުތު އެ ކުރައްވަނީ. ރާއްޖޭގެ ތާރީހުގައި މިވަރުގެ ބޮޑު މަސައްކަތެއް ކުރައްވާފައި ނުވާ ވާހަކަ ދަންނަވަން،" ތޯރިގް ވިދާޅުވި އެވެ.
ތ. އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި ތޯރިގް ވިދާޅުވީ ބަޖެޓުގައި ފައިސާ ހިމެނިއްޖެނަމަ، އެ ރަށްތަކުގައި މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުން މަޖިލިހުގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު މުހައްމަދު ޒާހިދު، ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރަން ރައީސް ޔާމީން މަޖިލިހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
03 July 2017
ކިތައް ފަރު ގޮއްވާލިން؟ ކިތައް ފިނޮޅަށް ފަސް އަޅާ ފޮރުވާލިން؟ ކިތައް ފަޅު ހިއްކާ އެންދަމާ ހާތައް ހަލާކުކޮށްލިން؟ ކިތައް ފަރުމައްޗަށް ކިސަޑު އަޅާލިން؟
އިބިރިހިންބެއްޔާ
03 July 2017
ތޯބޭ. ނަރުދަމާގެ ނިޒާމު ބޭނުންކުރުމުގެ ފެންވަރު ތިޔާ ރަށްރަށުގެ ރައްޔިތުންގެ ގޮހޮރުގައި އެބަހުރިބާ؟ ވިސްނާވެސް ނުލާކަމެއް ދޯ؟