އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާޓީތަކުގެ އިސް ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު 42 މެމްބަރުންގެ ސޮޔާ އެކު މިއަދު ވަނީ މަޖިލީހަށް ވައްދާފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ޖުލައި 2017 - 15:22
މ. ކުނޫޒްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ވަތްއިރު، އިދިކޮޅު ސިޔާސީ ލީޑަރުންނާއި މެމްބަރުން ތިއްބެވީ އުފާފާޅުކުރެއްވުމުގަ އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމްކުރައްވައި "ކާމިޔާބު ވެއްޖެ" ކަމަށް ވިދާޅުވެ އެވެ. އެކަކު އަނެކަކަށް އިނގިލިން އިޝާރާތްކުރައްވައި "ބަރާބަރު" ދައްކާލައްވަ އެވެ. އަނެއް ބަޔަކު ވިދާޅުވަމުން ގެންދެވީ "އިރާދަކުރެއްވިއްޔާ މިކަން ދެން މި ނިމުނީ" ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ލިބުނު އުފަލަކީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންނާ އެކު ހުށަހެޅުމެވެ. މިއީ މަޖިލިހުގެ ގަވާއިދަށް ބަދަލުގެނެސް، ރިޔާސަތު ބަދަލުކުރަން 42 މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށް ކަނޑައެޅުމާ އެކު ކުރިމަތިވި ހުރަސްތަކުގެ ތެރޭގައި ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް، އިދިކޮޅު މެމްބަރުން ދެކެވަޑައިގަނެ އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މިއަދަކީ ތާރީޚީ ދުވަހެކެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް ސަރުކާރަކަށް، އެންމެ ދުވަހަކަށް ނަމަވެސް، ރާއްޖޭގައި އެ އަގުލަބިއްޔަތު ގެއްލުނު ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ޖޭޕީގެ އަބްދުﷲ ރިޔާޒު އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު އެ ހޯލުގައި އިދިކޮޅު އެހެން ގިނަ މެމްބަރުންތަކެއް ވެސް ތިއްބެވި އެވެ.
އިދިކޮޅު ފަރާތްތަކުން ނިއުސް ކޮންފަރެންސް ކުރިއަށް ގެންދާއިރު، އެހެން ބައެއް ބޭފުޅުން އެ ނިއުސް ކޮންފަރެންސް އަޑުއައްސަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ޕްރެސް ކޮންފަރެންސް ފައްޓަވަމުން އިބޫ ވިދާޅުވީ "މިއަދު މެންދުރު 11:03ގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު ވައްދައިފި" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮންޓްރޯލް އިދިކޮޅު ފަރާތްތަކަށް ލިބުނީ މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފެއްޓެވި މަސައްކަތުންނެވެ. މަސީހު މަގާމުން ވަކިކުރަން އުޅެނީ، އިބޫ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތާ އެކުގަ އެވެ.
"މަޖިލީހުގެ ކަންކަން މި ހިސާބަށް ދިއުމުގެ އެންމެ ބޮޑު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް،" އިބޫ މިހެން ވިދާޅުވުމާ އެކު ހޯލުގައި ތިއްބެވި ގިނަ މެމްބަރުން އެ ވާހަކަ އަށް ތާއީދު ކުރައްވައި ބޯ ޖެއްސެވި އެވެ.
އިދިކޮޅު މެމްބަރުންނާއި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ނިއުސް ކޮންފަރެންސް އަޑު އައްސަވަނީ: މެމްބަރުން ވިދާޅުވީ މަސީހުގެ ވޯޓު މިހާރު ކާމިޔާބުވެފައިވާ ކަމަށް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މަސީހު އިހުމާލުވެވަޑައިގެންފައިވާ ކަން މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގަބޫލުކުރައްވާފައިވާ ކަމަށެވެ. އެހެންވެ ރީތި ގޮތަކީ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަން ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން މި ދައްކާލީ 45 މެމްބަރުން. މިއަށް ވުރެ ގިނަ މެމްބަރުން އަޅުގަނޑުމެންނާ އެކު، ރައްޔިތުންގެ ވިސްނުމާ އެކު އެބަ ތިއްބެވި. ވޯޓުގައި އެކަން ރައްޔިތުންނަށް ފެނިގެންދާނެ،" ރިޔާޒް ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ފަހަރު ވޯޓު ހަމަކުރީ "ސަރުކާރުން ބޭނުންވި ގޮތަށް"، ކަމަށެވެ. އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތުން ވަރަށް ގިނަ މަސައްކަތްތައް ކުރި ކަމަށާއި އެކަމަކު މަސީހުގެ މައްސަލާގައި އެންމެ ބޮޑު ގުރުބާނީއެއްވި އެއް ބަޔަކީ ޕީޕީއެމްގެ މަޖިލިހު މެމްބަރުން ކަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހަމަކުރީ 45 ވޯޓު. މިއީ ސަރުކާރުން ބޭނުންވި އަދަދު، ވޯޓުގައި މިއަށް ވުރެ ގިނަ މެމްބަރުން އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެ،" ފާރިސް ވިދާޅުވި އެވެ.
މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަވި ނަމަވެސް މެމްބަރުންނަށް ދެން ކުރިމަތިވާނެ ގޮންޖެހުންތާއި ކުރަން އޮތް މަސައްކަތް ބުރަ ކަން އިބޫ އާއި ފާރިސް ވެސް ފާހަގަކުރެއްވި އެވެ. ކުރިއެކޭ އެއްގޮތަށް، މެމްބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ތަހުގީގުތަކާއި ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ސަރުކާރުން އެގޮތަށް ކަންކަން ކުރިއަސް މެމްބަރުން މިފަހަރު ތިއްބެވީ، ރިޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރުން ދައްކާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. ބިރުދައްކައިގެން ކަންކަން ހާސިލް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ބައެއް މެމްބަރުން މީގެ ކުރިން ވަނީ އަލުން ރައީސް ޔާމީންގެ ފަޅި އަށް އަރުއްވާފައިވެ އެވެ. މިހާރު ސޮއިކުރައްވާފައި ތިބި ބައެއް މެމްބަރުން ޚިޔާލު ބަދަލުކުރައްވައިފި ނަމަ ވޯޓު ކާމިޔާބުވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ފާރިސް ވިދާޅުވީ ސޮއިކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ ސޮއި އަނބުރާ ގެންދަވާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސް ފެށުމުގެ ކުރިން ރިޔާޒު (ކ) އަދި ފާރިސްގެ ފަހަތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުއްޓިވަޑައިގެން --މިހާރު ފޮޓޯ/ހުސެން ވަހީދު
"އެ ބޭފުޅުން ވެސް މި ނިންމެވުން ނިންމަވާފައި ވަނީ މަޝްވަރާތަކަށް ފަހު، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލައި، ރައްޔިތުން އެދޭ ގޮތަށް ވެސް ބައްލަވާފައި،" ފާރިސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނިކޮށް، ބައެއް މެމްބަރުންގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ޓުވީޓް ކުރެއްވި އެވެ. އެ ވާހަކައާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރިޔާޒް ދެއްވީ ވަރަށް ފިނި ޖަވާބެކެވެ.
ހިނިފުޅުވަޑުވަމުން ވިދާޅުވީ "ޚަލީލްމެން މިހާރު ތިއްބަވާނީ ވަރަށް ދެރަވެފައި ދެއްތޯ؟... އެ ކަހަލަ ވާހަކަ ދައްކަނީ ދެރަ ނުވާންވެގެން، އަޅުގަނޑުމެން އެކަން ބަލައެއް ނުގަންނަން،" ކަމަށެވެ.
"އެންމެ މީހެއްގެ ވެސް ނަން ވެސް ވިދާޅުވެ ދެއްވާ، އެ މީހަކު އަމިއްލަ އަށް. އެކަން އެގޮތަށް ހިނގާފައި އޮތިއްޔާ ވަރަށް ބޮޑު މައްސަލައެއް. ފުލުހުން ބަލަން ޖެހޭނެ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ވއްޖިއްޔާ އެ މީހެއްގެ ނަން އޭގައި ލިއެފައި އޮތީ އެ މީހަކު އަމިއްލަ އަށް،" ރިޔާޒް ވިދާޅުވި އެވެ.
ޕީޕީއެމުން އޭގައި ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނޭ އިސްދޫ ދާއިރާގެ އަހުމަދު ރަޝީދު ވަނީ އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ އެކު ޗެނަލް 13 އަށް އަރުއްވައި ވިދާޅުވީ އެއީ ސައްހަ ސޮއެއް ނޫން ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ލިސްޓްގައި އޮތީ އޭނާގެ ވަގު ސޮއެއް ކަމަށް ރަޝީދު ވިދާޅުވުމާ އެކު އޭނާ އާއި ފާރިސްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރި އެވެ. އެ ފޮޓޯ އިން ފެންނަނީ މަސީހުގެ މައްސަލަ ހުށަހަޅަން ސޮއިކުރައްވާ ތަން ކަމަށް، އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.
އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ނިންމާލީ، މަސީހުގެ ވޯޓު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
442
05 July 2017
ތިޔައުފާވެރުިކަން ނިކަން ބޮޑު މަންޒަރުން ދައްކާލަބަލަ....//އުފާވެރި ކިތަންމެދުވަހެއް އައިކަމަށް އިއުލާނުކޮށް ހިޔައްޏައް މުދިނަގާތާ އެތައް ދުވަހެއްވެށް...
ސާނަވީ
04 July 2017
ދެން އޮތީ އީދީ ކޮޅު އެންމެން ހައްޔަރުކޮއް ޖަލައް ގަޅާލުމުގެ ޕުރޮގުރާމު..
ރިހާނާ
03 July 2017
ޤާދިރުގެ ސިޔާސީ ހަޔާތް އަމިއްލަ ފިނޑިކަމުން ކަފުންވެ ނިމުނީ. 42 ހަމަވީމާ ޢަދަދު ހަމަވެފައި އެއޮތީ. ދޮގުވެރިކަމާއި މަކަރުވެރިކަން ނުވައްދާ ސަރުކާރުން އެއްވެސް ކަމެއް ކުރަން ނުވިސްނަނީތަ؟
އަބްދޫ
03 July 2017
މަސީހު ނިންމާފަ ޔާމީން ގެ އަވަސް ބޭނުން 69
ސައްދާމް
03 July 2017
އިންސާފު ލިބޭނެ ކަމުގެ އުއްމީދު އާވި ދުވަހެއް............
ބޭރު
03 July 2017
ދެން ބުއްދި ސަލާމަތުން ހުރި މީހަކު ވިއްޔާ ގަބޫލެއް ނުކުރާނެ މިވަރުގެ ކަމެއް މީހެއްގެ ސޮއި އެހެން މީހަކުކޮށްގެން ކުރާނެކަމަށް. ފިއްތުއްތަކާއި ބިރުދެއްކުން އިންތިހާއަށް ކުރިމަތިވުމުން ވަގު ސޮއެކޭ ބުނެވިދާނެއެވެ. އެ ލިޔުމުގައި ރަޝީދު ސޮއި ނުކުރާކަމަށް މާތްﷲ ގަންދީ ހުވާކުރަން ކެރޭނެ ހެއްޔެވެ. އަދި ފާރީޝްއަށް ރަޝީދު ޝޮއުކުރީ އޭނާގެ ކުރިމަތީގައިކަން މާތްﷲ ގަންދީ ހުވާކުރަން ކެރޭނެ ހެއްޔެވެ. ދެމީހުންވެސް މާތްﷲ ގަންދީ ހުވާކުރައްވައިފިނަމަ ދެން ކަންކުރާނެ ގޮތްވެސް އިސްލާމްދީނުގައިވެއެއެވެ.
ވަގުކަލޭގެ
03 July 2017
މެމްބަރު ވިދާޅުވީ އެއީ ވަގު ސޮއެއްކަމަށެވެ. އެއްވެސް ހާލެއްގައި އެއީ އޭނަ ކުރި ސޮއެއް ނޫންކަމަކަށް ނުބުނެއެވެ. އެހެންކަމުން ގަބޫލުކުރެވެނީ މެމްބަރު އަމިއްލައަށް ކުރެއްވި ވަގު ސޮއެއް ކަމުގައެވެ.
ކުޑަދޫއަހްމަދު
03 July 2017
އިސްދޫ ދާއިރާގެ މެންބަރުގެ ސިޔާސީ ހަޔާތް ދެން ކަފުންވީ! ހަނދާން ނައްތާލާދެން!
ކޯޑިނޭޓަރު ގަނޑަށް
03 July 2017
ދެން ލަލަލާ ތަމެން ދެން ދޭ ރަށަށް