އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް (ކ) އާއި މޫސާ ސިރާޖު: މި ދެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ހިންގަމުން.
08 ޖުލައި 2017 - 22:20
ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ވިދާޅުވެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލާގައި، އެ މައުލޫމާތު ދިން ފަރާތެއް ހާމަ ނުކުރުމުން ވަކީލުންގެ ފޯނު ހިފަހައްޓައި ޖިނާއި ތަހުގީގެއް ފަށައިފި އެވެ.
އަދީބުގެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހްފޫޒު ސައީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފެހެއްޓީ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހުގަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސޮއިކުރައްވައި ނެރުއްވާފައި އަމުރުގައިވާ ގޮތުން، ފޯނު ހިފަހައްޓަނީ މީހަކު މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅުމަށް ފަހު އެ މައުލޫމާތު ދިން ފަރާތެއް ހާމަކުރަން ބޭނުން ނުވާ ކަމަށް ބުނާތީ، މައްސަލަޔާ ގުޅުން ހުރި މައުލޫމާތު ފޯނުގައި ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭތީ އެވެ. މި މައްސަލާގައި ގާނޫނުލް އުގޫބާތުގެ ދަށުން، ބިރު ދެއްކުމާއި ދޮގު ޚަބަރު ދިނުމުގެ ކުށް އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމަށް ވަކީލުންގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް [އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް] މައުލޫމާތުތަކެއް ލިބިގެން ފުލުސް އޮފީހަށް ހުށަހެޅީ އެ މައްސަލަ ތަހުގީގުކޮށްދޭން. އެ މައްސަލަ ތަހުގީގު ކުރުމެއް ނެތި އަޅުގަނޑުމެންގެ މައްޗަށް ފުލުހުން މި ތުހުމަތު ކުރަނީ ދޮގު މައުލޫމާތު ފެތުރި ކަމަށް،" މަހްފޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ އެމަނިކުފާނަށް ވަފާތެރި ފުލުހުންތަކެއްގެ ފަރާތުންނެވެ. ޖިނާއީ ތަހުގީގެއް ފެށީ، އެ ފުލުހުންގެ މައުލޫމާތު ހާމަނުކުރުމުން ކަމަށް ވެެސް ރާއްޖެ ޓީވީއާ ވާހަކަ ދައްކަމުން މަހްފޫޒު ވިދާޅުވި އެވެ.
އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށް، އެމަނިކުފާނަކީ 15 ފަހަރު އަވަހާރަކޮށްލަން ޖެހޭ ބޭފުޅެއް ކަމަށް ވިދާޅުވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެގެން އުޅޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.
ވަކީލުންގެ ފޯނާއި އޭގެ ސިމްކާޑުތަކާއި މެމަރީ ކާޑުތައް ތިން މަސް ދުވަހަށް ހިފަހައްޓައި، ފޯނުން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކެއް ބެލުމަށް ފުލުހުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދިނުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ އަދީބު ދޫނިދޫ ގޮޅީގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދީބު ދޫނިދޫ ޖަލުގައި ހުންނެވީ ފުރިހަމަ ރައްކާތެރިކަމާ އެކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
އެހެންވެ، އެ މަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ހުއްދައެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު2
26 September 2017
ފުލުހުންގެ ސިޔާސީ ތަހުގީގު ދޯ؟ ކާނަލް ނާޒިމް ހަނދާނަށް އަންނަނީ
އުނބުށެން
09 July 2017
މަޢުލޫމާތު ލިބުނު ނުވަތަ ހޯދި މަސްދަރު ހާމަ ނުކުރުމުގެ ޙައްޤު މިހާރު ޤާނޫނު އަސާސީގައި ނެތީބާވައެވެ.
ފާތި
09 July 2017
ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެނގޭނެ އަދީބާ ހަމައިން އެކަން ނުނިމޭނެކަން...
ހަސަންބެ
09 July 2017
ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަ ދައްކާ މީހުން ކުށްވެރިވާ ޒަމާން މިއޮތީ އައިސްފައި. ޤާނޫނޭ ކިޔައިގެން އިއްޔެ މެންދުރު ނުކުތް ޤާނޫނީ ދާއިރާއިން ތުބުން ބުއްފުޅި ނުނެއްޓި އުޅެނިސް ސައިޒު އޮޅިގެން އުޅުމުން ދެން ނުކެވިގެން އުޅުނު ރާކަނިމަސް ތިޔަދެން ކެވެނީ. އިންސާނާގެ ދުލާއި ބުއްދި ހެޔޮގޮތުގައި އިންސާފާއެކު ބޭނުން ނުކުރެވުމުން މީހާ ހަލާކުގެތެރެއަށް އަމިއްލައަށް ވެއްޓުމަކީ އަޅެފަހެ ކިހާބޮޑު ދެރައެއް.
ސަރުކާނު
09 July 2017
ރަގަޅު. ހަޤީޤަތެއް ނެތް ވާހަކަ ދައްކަންޏާ ތިކަހަލަ ކަމެއް އެބަ ކުރަންޖެހޭ. ޚާއްސަކޮށް ވަކީލުން ކަހަލަ ބޭފުޅުން ވިސްނަންޖެހޭނެ. ޒިންމާދާރުުވާން ޖެހޭނެ.
އިންސާފުގެ ބަސް
09 July 2017
އަދީބުއަކީ ކުށެއްނެތި އަދަބު ލިބޭމީހެއްކަން ޔަޤީން އަދި އެކަން ރައްޔިތުންނަށް އިނގޭނެ
ޢަލީ
09 July 2017
މާގިނައިން ތިހެން ފޯނު އަތުލަންޔާދެން ފުލުސް އޮފީހަށް ދާއިރުދާނި ގޭގައޮންނަ ހަލާކުފެފަ އޮންނަ ފޯނު ހިފައިގެން.
އަލީ
09 July 2017
ވާހަކަ ދައްކާ މީހުން ކުށްވެރިވާ ޒަމާން މިއޮތީ އައިސްފައި
ހުސެިން މަނިކު
09 July 2017
ތިކަމަކާއިހެދި މިހާރު މިގެންގުޅެނީ ބައްތިގަޑެއް.
ގެއްލުނު އަބުރު
09 July 2017
އެއްމެން ދަންނަ ހަޤީޤަތެއް ބަދަލު ކުރަން ވަކާލާތު ކުރާނީ ހާދަ އެއްޗެއް ލިބޭތީ ތާއެވެ.ކޮންމެ ވަކީލަކު ވެސް ވަރަށް "އިންސާނީ ހައްޤު" ހެދިގެން އުޅޭނެ އެވެ.އެކަމަކު އެއްމެ އިސްކަން ދެވެނީ ފައިސާ އަށެވެ.މިއީ ވެސް މިކަހަލަ ކަމެކެވެ.