ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް: ގާނޫނުއަސާސީ އަށް އެއްވެސް އުނިއިތުރެއް ގެނައުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ރައްޔިތުންގެ މަޖިލިސް. - ފޮޓޯ: މަޖިލިސް
13 ޖުލައި 2017 - 08:31
ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި، ދުސްތޫރީ މައްސަލަ އަކީ ކޮބައިކަން މާނަކޮށްދެމުން ބުނެފައިވެ އެވެ؛ "ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ، އެ ކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާން ޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ."
ކޯޓުތަކުގެ ގާނޫނުގައި ސުޕްރީމް ކޯޓަށް ހަ ބާވަތެއްގެ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިދީފައިވެ އެވެ. އޭގެ ތެރެއިން، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ ފެތެނީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިފައިވާ މައްސަލަތަކުގެ ތެރެއަށެވެ.
އެއީ ތިން ކަމެކެވެ. (1) ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތަކާއި (2) ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލަތަކާއި (3) ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެކެވެ. އެއީ ގާނޫނުއަސާސީގެ 26، 30، 74 އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ އިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ނަމަވެސް ސުވާލަކީ، މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ އިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީން ވަކިވެގެން، މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރުމުން ގެއްލެނީ އާންމު ކޮން މަސްލަހަތެއް ހެއްޔެވެ؟
މި މާއްދާތަކުގެ ތެރެއިން 26 ވަނަ މާއްދާއަކީ ވޯޓު ދިނުމުގެ ހައްގާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްގު ބަޔާންކުރާ މާއްދާ އެވެ. އަދި 30 ވަނަ މާއްދާގައި ބަޔާންކުރަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ލިބިގެންވާ ކަމެވެ. އަދި 74 ވަނަ މާއްދާއަކީ، މަޖިލީހަށް ކުރިމަތިލާ މީހާގެ ކިބައިގައި ޝަރުތު ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލުމުގެ އިޚްތިސާސް ސުޕްރީމް ކޯޓަށް ލިބިދޭ މާއްދާ އެވެ. އޭގެ އިތުރުން 75 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އިސްކަން ދީގެން ކަމަށް ބުނާ މާއްދާ އެވެ.
މިއިން އެއްވެސް މާއްދާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މަގާމުން ވަކިވުމުގެ އުސޫލެއް ބުނެފައެއް ނެތެވެ. އަދި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީއާ ދެމެދު އޮންނަ ގުޅުމެއްގެ ވާހަކައެއް ވެސް ބުނެފައެއް ނުވެ އެވެ.
ނަމަވެސް ބަންޑާރަ ނައިބު އަނިލް އެދިވަޑައިގަތީ، މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭ ގޮތަށް އެ ހަތަރު މާއްދާ މާނަކޮށްދިނުމަށެވެ.
ދައުލަތުގެ ތިން ބާރަކީ ކޮބައި ކަމާއި އެ ބާރުތައް ވަނީ ވަކިވެފައި ކަން (ގާނޫނުއަސާސީގެ 5، 6، 7 ވަނަ މާއްދާ) ކަނޑައަޅާފައި ވުމުގެ އިތުރުން، ރާއްޖެއަކީ ދުސްތޫރީ ސިޔާދަތެއް (Constitutional Supremacy) އޮތް ގައުމެއް ކަން ގާނޫނުއަސާސީގެ 8، 268، 299ގެ (ހ) އިން އެނގެ އެވެ. މި މާއްދާތަކުގައި ބުނެފައިވަނީ ދައުލަތުގެ ބާރުތަކުން ބޯލަނބައި ކިޔަމަންވާން ވާނީ ގާނޫނުއަސާސީ އަށް ކަމަށެވެ.
އެއަށް ފަހުގައި އެ ބާރުތައް ހިންގާންވީ ގޮތް ބަޔާންކުރަމުން، ގާނޫނުއަސާސީގެ 70، 106، 142 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގައި ހިންގާންވާނީ ގާނޫނުގެ ވެރިކަން (Rule of Law) ކަމަށެވެ. މާނައަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ބޭރުން އެއްވެސް ކަމެއް ނިންމުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެންނުވުމެވެ.
މަތީގައިވާ ދެ ނުކުތާ ފާހަގަކޮށްލުމުގެ އެންމެ މުހިންމު ބޭނުމަކީ ދައުލަތުގެ އެއްވެސް ބާރަކުން، އެއީ ކޯޓަކުން ކަމަށް ވިޔަސް، ކަމެއް ނިންމުމުގައި ގާނޫނުއަސާސީގެ އިމުން ބޭރަށް ނުދެވޭނެ ކަމާއި، ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ އެއްވެސް ކަމެއް ނުނިންމޭނެ ކަން ހަނދާނުގައި ބެހެއްޓުމެވެ.
އޭގެ އިތުރުން ދުސްތޫރީ ސިޔާދަތެއް އޮތުމުގެ މަފްހޫމާއި ދުސްތޫރީ ސިޔާދަތެއްގެ އެންމެ ފުޅާ އިމަކީ ކޮބައިކަން ބަލައިލުން މުހިންމެވެ. ދުސްތޫރީ ސިޔާދަތުގެ މަފްހޫމް ނަގަހައްޓައިދިން، މުޅި ދުނިޔެ އަށް މަޝްހޫރު ގަޒިއްޔާއަކީ، އެމެރިކާގެ ސުޕްރީމް ކޯޓުގައި ޖޭމްސް މެޑިސަންއާ ދެކޮޅަށް ވިލިއަމް މާބަރީ ހުށަހަޅައިގެން (Marbury v. Madison، 1803) ނިންމި މައްސަލަ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ދުސްތޫރީ ސިޔާދަތާއި ކޯޓުތަކުން ގާނޫނު މާނަކުރުމުގެ މަބްދައަށް މިހާރު ވެސް ރިއާޔަތްކުރާ އެއް ގަޒިއްޔާ އެވެ.
މި މައްސަލަ ނިންމަމުން އޭރުގެ އުއްތަމަ ފަނޑިޔާރު ޖޯން މާޝަލް އޭނާގެ ރައުޔުގައި ކަނޑައެޅުއްވި އެއް މަބްދައަކީ، ދުސްތޫރީ ސިޔާދަތެއް އޮންނަ ގައުމެއްގައި ނަމަ، ދުސްތޫރުން ދީފައިވާ ނުވާ ބާރެއް ސުޕްރީމް ކޯޓަށް ވެސް ލިބިގެން ނުވާ ކަމެވެ.
ބަންޑާރަ ނާއިބު އަނިލް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ ގާނޫނުއަސާސީގެ ހަތަރު މާއްދާއެއް މާނަކުރުން ކަމަށް ވެފައި، މާނަ ކޮށްދިނުމަށް އެދިވަޑައިގެންފައިވާ ގޮތަކީ، އެ މާއްދާތައް މާނަކުރުމުގެ އިތުރުން، އެ މާއްދާތަކަށް އިތުރު މަފްހޫމުތަކެއް އިތުރުވުން ކަމަށް ވާތީ، އެ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އެއީ މާނަކޮށްދިނުމެއް ކަމަށް ނުބެލެވޭނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން މިހާރު ވެސް އަންނަނީ ވިދާޅުވަމުންނެވެ. އޭރުން އެ ނިންމުން ވެގެންދާނީ ގާނޫނުއަސާސީގެ މާއްދާތަކެއް އިސްލާހު ކުރުން ނުވަތަ މާއްދާތަކަކަށް އުނިއިތުރު ގެނައުމަށެވެ.
ބަންޑާރަ ނައިބު އަނިލް: އާންމު މަސްލަހަތާ ގުޅުން ހުރި ކަމަށް ވިދާޅުވެ ގާނޫނުއަސާސީގެ ހަތަރު މާއްދާއެއް މާނަކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިވަޑައިގެންފައި. --މިހާރު ފޮޓޯ: ނިޝާން އަލީ
ގާނޫނުއަސާސީ އިސްލާހު ކުރުމާއި އުނިއިތުރު ގެނައުމަކީ ސުޕްރީމް ކޯޓުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމާއި އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަން ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ (1) އާއި 261 ވަނަ މާއްދާ އިން އެނގެ އެވެ. ނަމަވެސް ގާނޫނުއަސާސީ މާނަކުރުމުގެ އިޚްތިސާސް ކޯޓުތަކަށް ލިބިގެންވާ ކަން ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ)އިން އެނގެ އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށް ދީފައި އޮތަސް، ގާނޫނުއަސާސީގައި ނެތް މަފްހޫމެއް ގާނޫނުއަސާސީ އަށް އިތުރުކުރުމުގެ ނުވަތަ އޮތް މަފްހޫމެއް އުނިކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންނެއް ނުވެ އެވެ. އެ ފަދަ ނަތީޖާއެއް ނުކުންނަ ފަދަ ގޮތަކަށް ގާނޫނުއަސާސީ މާނަކޮށްފި ނަމަ، އެއީ ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ކަމަށް ނޫނީ ނުވާނެ އެވެ.
ގާނޫނުއަސާސީ މާނަކުރުމުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވިޔަސް، އެ ނިންމުމެއް ނިންމަންވާނީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ ތިން ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި 29 ވަނަ މާއްދާގެ (ހ)ގެ (1) އާއި 30 ވަނަ މާއްދާގެ (ހ) އާއި 31 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. މާނައަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތީންނެވެ.
"ފަނޑިޔާރުން އަމަލު ކުރާނީ ގާނޫނުއަސާސީ އާއި ގާނޫނަށް" ކަމަށްވާ ހިނދު، މި މައްސަލައަކީ ގާނޫނުއަސާސީގެ ހަތަރު މާއްދާއެއް މާނަކުރަން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށް ވެސް ބަލަން ޖެހެ އެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި ގާނޫނެއް މާނަކުރާ އިރު، ވަކި ކަމެއް އެ ގާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ އިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ އާންމު މާނަ، އެ ގޮތުގައި ދެމެހެއްޓުމަށް އިސްކަން ދޭންވާނެ އެވެ. މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގައި ގާނޫނެއް މާނަކުރާ އިރު، އެ ގާނޫނެއް އެކުލަވައިލުމުގައި ވަކި ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް، ގާނޫނުގައި ބޭނުންކޮށްގެން، އެ ބަހުން ނުވަތަ އިބާރާތުން ނުވަތަ ޖުމްލައިން، ދޭން ބޭނުންވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ބަލައި، އެ ބަސް ނުވަތަ އިބާރާތް ނުވަތަ އެ ޖުމްލަ އެ ގޮތުގައި ދެމެހެއްޓުމަށް ވުރެ ރަނގަޅު ގޮތެއް ނޯންނާނެ ކަމަށް ބަލަންވާނެ އެވެ.
މި މާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުގައި ގާނޫނެއް މާނަކުރާ އިރު، ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން އެއިން ވަކި މާނައެއް ދޭހަވާ ކަމަށްވާ ނަމަ، އެ ދޭހަވާ މާނަ އެއަށް ވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަލަން ޖެހެ އެވެ.
އެހެންކަމުން، މާނަކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މާއްދާތަކުން ދޭހަވާ މާނަ އެއަށް ވުރެ ފުޅާކުރުމަކީ ނުވަތަ އެ މާއްދާތަކުގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، އެއްވެސް ކޯޓަކަށް ލިބިގެންވާ ބާރެއްތޯ ސުވާލު އުފެއްދިދާނެ އެވެ.
އޭގެ އިތުރުން މި ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ، ހައްލު ހޯދައިދިނުމުގެ އުސޫލަށް މި މައްސަލައެއް ނުފެތެ އެވެ. އަދި ފަސް ވަނަ މާއްދާގައި ބުނާ ޚާއްސަ މާނަ ދިނުމުގެ އުސޫލަށް ވެސް މި މައްސަލައެއް ނުފެތެ އެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ގާނޫނުއަސާސީގެ ހަތަރު މާއްދާއެއް މާނަކޮށްދިނުމަށް ކަމަށް ވާތީ، ގާނޫނުއަސާސީ މާނަކުރުމާ މެދު ގާނޫނުތަކުގައި ބުނަނީ ކީކޭތޯ ބަލައިލުން މުހިންމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ. ގާނޫނުއަސާސީ މާނަކުރުމުގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު.
ގާނޫނުއަސާސީ މާނަކުރުން ހިމެނިފައިވަނީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިފައިވާ މައްސަލަތަކުގެ ތެރޭގައި ކަމަށް ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގެ (2)ގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިފައިވާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ގާނޫނުއަސާސީ މާނަކުރެވޭނީ، އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައަކަށް ވާ ނަމަ އެވެ.
ސުވާލަކީ، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ގާނޫނުއަސާސީގެ އެ ހަތަރު މާއްދާ މާނަކުރުމާ ގުޅޭ ގޮތުން މައްސަލަ ނުވަތަ ޚިޔާލު ތަފާތުވުމެއް އުފެދިފައިވަނީ ދައުލަތުގެ ކޮން ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ހެއްޔެވެ؟ ހަމަ ގައިމު ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައަށް، ދިވެހި ދައުލަތުގެ އެއްވެސް ބާރަކުން، އެ މާއްދާތަކާ މެދު ސުވާލެއް އުފައްދައިފައެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ ތަސައްރަފު ފުދިފައިވާ ޑިމޮކްރެސީގެ ގޮތުގައި ބަލާ އަވައްޓެރި އިންޑިއާއަކީ އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލު ވުމުގެ (ކޮޅުބަދަލު ކުރުމުގެ) ދިގު މާޒީއެއް އޮތް ގައުމެކެވެ. އެކަން ބޮޑުވެގެން ގޮސް ގާނޫނީ ގޮތުން އެކަން މަނާކުރީ 1973 ވަނަ އަހަރު އެވެ. ނަމަވެސް، މިހާރު ހުރި ގާނޫނުތަކަކީ ވެސް، ކޮޅު ބަދަލުކުރުން ހުއްޓުވުމަށް އެންމެ އެކަށީގެންވާ ގާނޫނުތަކަކަށް ނުވާތީ، މިހާރު ވެސް އެ ކަން އެ ގޮތުގައި ހިނގަ އެވެ.
ކޮޅު ބަދަލުކުރުމަކީ، ބަންގްލަދޭޝްގައި މަނާ ކަމަކަށް ވިޔަސް، އެއީ އެހާ ހަރުކަށިކޮށް އޮތް ކަމެއް ނޫނެވެ. އަދި ކޮޅު ބަދަލުކުރާ ކޮންމެ ފަހަރަކު އޭނާ މަޖިލީހުން ވަތްކެއް ވެސް ނުވެ އެވެ. ކޮޅު ބަދަލުކުރުން މަނާކުރުމަކީ އާންމު ގޮތެއްގައި ބަރުލަމާނީ ނިޒާމުގައި އޮތް ސިފައެއް ކަމަށް ވިޔަސް، ބަރުލަމާނީ ނިޒާމަށް ހިންގާ ވަރުގަދަ ޑިމޮކްރެސީތައް މިހާރު އަންނަނީ އެ އުސޫލު ދޫކޮށްލަމުންނެވެ. އޭގެ ތެރޭގައި ނިއު ޒީލޭންޑާއި ދެކުނު އެފްރިކާ ހިމެނެ އެވެ.
ރިއާސީ ނިޒާމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަދި އެންމެ ޒަމާންވީ ޑިމޮކްރެސީއެއް އޮތް އެމެރިކާގައި މިއީ މަނާ ކަމެއް ނޫނެވެ. މުޅި އެމެރިކާގެ ސިޔާސީ ނިޒާމު ބިނާވެފައިވަނީ މައި ދެ ޕާޓީއެއްގެ މައްޗަށް ކަމަށްވާ އިރު، ގިނަ ފަހަރަށް ކޮޅު ބަދަލުކުރަނީ ވެސް، ސިޔާސީ މުއައްސަސާތަކުގައި ވަކި ޕާޓީއެއްގެ ބުރަދަން އިތުރު ކުރުމަށެވެ.
އެމެރިކާގައި މަޖިލިސް މެމްބަރުން ކޮޅު ބަދަލު ކުރުމަކީ، އެމީހުންގެ ސިޔާސީ ނިޒާމުގެ އެއް ބައެވެ. އެހެންކަމުން، މާލީ މަންފާއަކަށްޓަކައި ނުވަތަ ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕޭނަށް ހަރަދު ކޮށްދޭ ގޮތަށް ވެސް މެމްބަރުން ކޮޅު ބަދަލުކޮށްފައި އެބަ ހުއްޓެވެ. ނަމަވެސް އެކަން ހުއްޓުވަން އެމެރިކާގައި ގާނޫނުތައް ނުހަދަނީ ނުވަތަ ކޯޓަށް ހުށަނާޅަނީ، އޮބިއަޅައިގެން ވަކި ސިޔާސީ ފިކުރެއްގައި މީހުން އަޅުވެތިކުރުމަކީ ޑިމޮކްރެސީ ދަންނަ ހަމައަކަށް ނުވާތީ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކާއި ފައްކާވަމުން އަންނަ ޑިމޮކްރެސީތަކުގައި، މަޖިލީހުގެ މެމްބަރުން ކޮޅު ބަދަލު ކުރުމުގެ މައްސަލައިގައި އަމަލު ކުރަމުން އަންނަނީ ތަފާތު ގޮތްތަކަށެވެ. ކޮމަންވެލްތުގެ 40 ގައުމެއްގެ ތެރެއިން 23 ގައުމެއްގައި، މަޖިލީހުގެ މެމްބަރުން ކޮޅު ބަދަލު ކުރުމަކީ ގޮނޑި ގެއްލޭ ފަދަ ގާނޫނީ ކުށެކެވެ. އަދި ކޮމަންވެލްތުގައި ނުހިމެނޭ 25 ގައުމެއްގެ ތެރެއިން ހަތް ގައުމެއްގައި ކޮޅު ބަދަލުކުރުން މަނާކުރާ ގާނޫނުތައް އެބަހުއްޓެވެ. ނަމަވެސް އެ ހުރިހާ ހާލަތެއްގައި އެ މެންބަރުންގެ މަގާމެއް ނުގެއްލެ އެވެ.
މަޖިލީހުގެ މެންބަރުން ކޮޅު ބަދަލު ކުރުމަކީ މުތުލަގު ގޮތެއްގައި އެއްވެސް ގައުމެއްގައި ކުށެއް ނޫނެވެ. އަދި ކޮޅު ބަދަލުކުރާ ކޮންމެ ހާލަތެއްގައި މަގާމު ވެސް ނުގެއްލެ އެވެ. އަދި ކޮޅު ބަދަލުކުރުމުން މަގާމު ގެއްލުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ދަންނަ މަފްހޫމެއް ނޫނެވެ. ރާއްޖޭގައި އޮތީ ރިއާސީ ނިޒާމަކަށް ވާތީ، ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ އެ އުސޫލު ރާއްޖޭގެ ގާނޫނީ ނިޒާމުގައި ހިމަނާފައި ނެތީ ނޭނގިގެނެއް ނޫނެވެ.
ރާއްޖެއަކީ ވެސް ރިއާސީ ނިޒާމަށް ހިނގާ ގައުމަކަށް ވާތީ، ވެރިކަން ކުރާ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކުން ސަރުކާރެއް ނުވެއްޓެ އެވެ. އެފަދަ ނުރައްކަލެއް ކިރިޔާ ވެސް އޮންނާނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް އޮވެފައި، އިދިކޮޅު ހުރިހާ މެމްބަރުން އެކުވެއްޖެ ނަމަ އެވެ.
ނަމަވެސް އެއީ ވެސް، ރިއާސީ ނިޒާމެއްގައި އެހާ ބޮޑު ނުރައްކަލެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ދެ ވެރިން އަޒުލު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ ވަރަށް ފުރިހަމަ އިޖުރާއާތެކެވެ. މީގެ ކުރިން ދެ ނައިބު ރައީސުންނާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އަޒުލުކުރި އިރު، އެ އިޖުރާއާތުތަކަށް އަމަލުކޮށް، އެ އުސޫލުތައް މަޖިލީހުގައި ދެމެހެއްޓި ނަމަ، މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުނަސް، ސަރުކާރު ވެއްޓުމުގެ އެއްވެސް ބިރެއް ނޯންނާނެ އެވެ.
އެ ދުވަހު ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ އުސޫލު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމުން ދެމެހެއްޓި ނަމަ، އެ އިޖުރާއާތުތައް ފުރިހަމަ ނުކޮށް، އަދި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ސަބަބުތައް މެދުވެރިވެއްޖެ ކަން، ސާބިތުވެގެން މެނުވީ އެއްވެސް މީހަކު މަގާމުން އަޒުލުކޮށްފާނެ ކަމުގެ ބިރެއް މިއަދަކު ނޯންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީ
14 July 2017
ކުރުކޮށް ބުނޭ ކުރުކޮށްބުނޭ، ކަލޭމެންގެ ދައުވާ ވަރަށް ސާފު #ލައްކަވާހަކަމީ
ކާފަ
13 July 2017
ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ބޭރުން އެއްވެސް ކަމެއް ނިންމުމުގެ ބާރު އެއްވެސް ބާރަކަށް ލިބިގެންވޭހެއްޔެވެ؟ މިހެން މިއަހާލީ ކޯޓަކުން ކަމަށް ވިޔަސް، ބޯޓަކުން ކަމަށްވިޔަސް، ނޫނީ ވޯޓަކުން ކަމަށްވިޔަސް ކަމެއް ނިންމުމުގައި ގާނޫނުއަސާސީގެ އިމުން ބޭރަށް ނުދެވޭނެ ކަމާއި، ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ އެއްވެސް ކަމެއް ނުނިންމޭނެކަމަށް ކާފަގެ މާމަ ކާފަގާތުގާ ތަކުރާރުކޮށް ބުނެފައި ވާތީ މިހާރުވެސް އެއީ އެކަން އޮންނަ ގޮތްތޯ ސާފުކޮށްލާށެވެ.
ލެރީ ކިނޮގު
13 July 2017
ބިރުގައްނާނެތާ ޢަމިއޮލަޔައް ފޭހުނު އިލޮށިގަންޑު އަމިއްލަ ލޮލައް ވަނުމުގެ އަލާމާތް މިފެންނަނީ. ގަނޫނު ނުދައްނަ ބާންޑާރަ ނާއިބުން ދޭތެރެ ދޭތެރެއިން ރާއްޖޭގައި އުލުމަކީ އާކަމެއް ނޫން
ގުޅި
13 July 2017
އަނިލް ހީކުރަނީ ރާއްޖޭގަ އޮތީ ބަރުލަމާނީ ނިޒާމު ކަމަށް. ބަރުލަމާނީ ނިޒާމު އޮންނަގައުމު ތަކުގަ ސަރުކާރުވެއްޓޭވަރުން މެމްބަރުންނަށް ޕާޓީ ދޫނުކޮށްލެވޭ ގޮތް ހަދާފަ ހުރޭ. މިސާލަކަށް އިންޑިއާ. ބަންގާލު.
ކަނަމަނަ
13 July 2017
ކޮޅުބަދަލުކުރުމަކީ މައްސަލައެއް ނޫން. މައްސަލައަކީ ކޮޅުބަދަލުކުރާއިރު ހަދިޔާލިބޭތީ. ކުރިން ހުރިކޮޅަށްވުރެ ލިބޭހަދިޔާގެ އަގު މަތިވާކޮޅަށް ދެވޭތީ. ޢާންމު މަޞްލަހަތު ނުވަތަ ވޯޓްދިން ރައްޔިތުންގެ މަޞްލަހަތު ގެއްލޭތޯ ބެލީ ނުވަތަ ބަލަނީ ބޮޑުހަދިޔާ ލިބޭކޮޅަށްދާއިރު ކާކުބާ؟
މަގޭވެސްގައުމު
13 July 2017
މަޖްލިސްގެ ތިންބައިކުޅަ ދެބައި މެމްބަރުން ވެރިކަންކުރާ ޕާޓީއަށް ނުވުން އެއީ މައްސަލައެއް ނޫން. އެކަމަކު ތިންބައިކުޅަ ދެބައި މެމްބަރުން އެއްބައިވެފައި ވެރިމީހާ ވެރިކަމުގައި ބަހައްޓަން ބޭނުން ނުވެއޭ ބުނާނީ ވެރިމީހާ ބަހައްޓަން ހެޔޮނުވާ ވަރު ވީމާ. ރައްޔިތުންގެ ތާއީދު ނެތްކަމަށާ ވެރިޔާ ގާބިލު ނޫންކަން ބަލާނެ އެއްވުރެ އަމަލީގޮތެއް ނެތް. އިންތިޚާބު ވިންކުރިއްޔޭ ކިޔާފައި އެއްވެސް މީހަކަށް ގައުމެއް ޚަރާބުކުރަން 5 އަހަރު ގެރެންޓީއެއް ދެވިގެން ނުވާނެ.
ފުރިހަމަ
13 July 2017
ވަރަށް ފުރިހަމަ ލިޔުމެއް.
ހާސަރު
13 July 2017
ސަރުކާރުން ސަރުކާރާއިގުޅިފާވާ މެމްބަރުންނާއި މެދު މިވީހާތަނަށް އަމަލްކޮށްފާގޮތަށް ބަލާއިރު ސަރުކާރު ބޭނުންނޫން ގޮތަކަށް ޕާރޓީގެ ވިޕްލައިނުން ކަމެއްނިންމުން އެއީ ކުރެވޭނެ ކަމެއްނޫން! ރެޑްވޭވް ސަލީމް ޕާރޓީދޫކުރުމް ޖެއްސި އަހުވައާއި! ސައުދުﷲ ޕާރޓީދޫކުރުން އޭނާއާއި ގުޅުންހުރި ހިގަމުންދާ މަސައްކަތްތައް އަތުލުމާއި! ދެންވެސް ޕާރޓީން ވަކިވެ ނޫނީ ޕާރޓީއާއި ޚިޔާލް ތަފާތުވި ހުރިހާ މެންބަރުންނަށް ޖެއްސި އަހުވައަށް ބަލާއިރު މިހާރު މިހާރު ހުށައެޅިފާވާގޮތަށް ސްޕްރީމް ކޯޓުންތާއިދުކޮށްފިނަމަ ރައްޔިތުންގެ މަޖްލިހަކީ ނަމެއްގަ އޮތްތަނަކަށް ބަދަލުވެ މަޖްލިހުގެ ބާރު ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް އެކަނިލިބުނީއެވެ!
40 = 45 - 85
13 July 2017
ދުސްތޫރީ ނިޒާމް ފުޑުފުޑުކޮށްއުމުގެ ކުށުގެދަޢުވާ އުފުލޭނެ ބަޔަކު އެބަތިބި ދޮއްތޯ؟؟؟؟؟؟
ތަރުޖަމާ ކުރާ މީހާ
13 July 2017
އާދެ! ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ނުހުއްނަންވީ ކީއްވެ؟ ރައީސަކަށްނުވާ (އެއްވެސް ތާއީދެއްނެތް) ރައީސެއް ވެސް އުޅޭ