ރިޕޯޓް / ޕީޕީއެމް

ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން: ޕީޕީއެމް ދެ ފަޅިވީ މި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތައް ހައްލު ނުވުމުން.---ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމް އުފެއްދިތާ އަހަރު ދުވަހުގެ ތެރޭގައި ވެރިކަމަށް އައުމަކީ އެ ޕާޓީން ހޯދި ފަޚުރުވެރި ކާމިޔާބީއެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެމްގެ ކަންކަން ތަރުތީބުވިލެއް ފުރިހަމަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުން ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވެސް ލިބުނެވެ. މިއާ އެކު، ޕީޕީއެމް ވެގެން ދިޔައީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އަށެވެ.

އެކަމަކު މި ފަޚުރު ދެމެހެއްޓުނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށެވެ. ގަދަ ކަނޑަކުން އަމާން މަންޒިލަކަށް ދަތުރު ކުރި ޕާޓީގެ މިސްރާބު މުޅިން ގޯސްވި އެވެ. ސަބަބަކީ، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއްވެސް ދައުރެއް ނެތް ބަޔަކު ޕާޓީއަށް "އަތްގަދަ ކުރުމެ"ވެ. އެ މައްސަލަ ހައްލު ނުވެ، ކުރިމަތިވި ކަންކަމުން ޕާޓީ މިހާރު އޮތީ ވިއްސިވިހާލިވެފައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި ކޮމެޓީތަކުގެ ގަވާއިދުތަކަށް ވެސް ގިނަ ކަންކަމުގައި އަމަލެއް ނުކުރެ އެވެ. ޕާޓީ އަށް ވެރިކަން ހޯއްދަވައި ދެއްވި، މައުމޫން ވަނީ ޕާޓީން އެކަހެރިކޮށްފަ އެވެ. ޕާޓީގެ ހިންގުން މުސްތަޝާރު، ރައީސް ޔާމީންއާ، ހަވާލުކޮށްފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެއީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮންނަ ބޭފުޅެއް ނޫނެވެ.

ކައުންސިލް އިންތިހާބާ ކުރިމަތިވީ މި ކޯޅުންގަނޑުގެ ތެރޭގަ އެވެ. ދައުރުގެ މެދު ތެރެއިން ބޭއްވި އެ އިންތިހާބު ޕީޕީއެމަށް ނާކާމިޔާބުވީ އެވެ. އެ ޕާޓީން ނެރުނު ގިނަ ކެންޑިޑޭޓުން ރައްޔިތުން ބަލައެއް ނުގަތެވެ. އެއާއެކު، ޕާޓީ ތެރޭގައި ދެން ނެގި ރާޅު ވަކިން ބޮޑެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވަރުގަދަ ޕާލަމެންޓްރީ ގްރޫޕް ވެސް ބައިބައިވެ، މަޖިލީހުގައި ސަރުކާރަށް އޮތް ސާފު އަޣުލަބިއްޔަތު ވެސް ގެއްލިއްޖެ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެގެން، ޕީޕީއެމްގެ ހަތަރު މެމްބަރަކު ޕާޓީން ވަކިކުރި އެވެ. އޭގެ ފަހުން 10 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތީ، އެ މެމްބަރުން ވިދާޅުވާ ގޮތުގައި، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމާ "ކެތް ނުކުރެއްވިގެންނެ"ވެ. މިހާ ގިނަ މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގަތުމަކީ ސަރުކާރާއި ޕާޓީ އަށް ވެސް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކާއި އިތުބާރުގެ މައްސަލަ އަދިވެސް އިންތިހާ އަށް ބޮޑެވެ. ލީކުވެފައިވާ ވައިބާ މެސެޖުތަކުން އެކަން ސާފެވެ. އެ ގްރޫޕް ތެރޭގައި މެމްބަރުންގެ ޒުވާބު ބޮޑުވެ، އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ރައީސް ޔާމީން އެ ގްރޫޕުން ނިކުމެވަޑައިގަންނަވަން ވެސް އުޅުއްވި އެވެ.

މި ހާލަތުގައި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ވެދާނެތޯ އުފައްދާ ސުވާލު އަދި ބާއްވާށެވެ!

މައުމޫން ބޭރުކޮށްލުން، ބޮޑު ގޯހެއް!

ސަރުކާރު ހިންގަވާ ގޮތާ ދުވަހުން ދުވަހަށް މައުމޫން "ބެހިވަޑައިގަތުމަކީ" ރައީސް ޔާމީނަށް ގަބޫލުފުޅު ކުރެއްވުނު ކަމަކަށް ނުވި އެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ޕާޓީީ ހިންގާ ގޮތާ ވެސް މައުމޫން ހިތްޕުޅާ ހަމަޖެހިވަޑައިނުގެން ދެއްކެވި ވާހަކަތައް ރައީސް ޔާމީން ގަބޫލުފުޅުކުރައްވާކަށް ބޭނުންފުޅެއް ނުވި އެވެ. އޭރު ވެސް އަދި މިހާރު ވެސް ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވީ މައުމޫންގެ ފާޑުވިދާޅުވުންތަކުގައި "ފޮރުއްވާފައި ވަނީ އަމިއްލަފުޅު އެދުމެއް" ކަމަށެވެ.

ދެ ބޭފުޅުންގެ ދެމެދު އޮތް މައްސަލަ އާއްމުންނާ ހަމައަށް އެންމެ ސާފުކޮށް ތިލަވީ، ބިދޭސީންނަށް ބިން ވިއްކޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅުމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމްގެ ތެރެއިން އިސްލާހު ގެންނަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައި. ---މިހާރު ފޮޓޯ: ހުސައިން ވަހީދު

މައުމޫން ޕާޓީން ވަކިކުރުމަށް ފަހު، އެމަނިކުފާނަށް ނިސްބަތް ކުރައްވައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވި އެވެ؛ ޕީޕީއެމްގައި "ވަކި ބޭފުޅަކު ނެތުމުން ޕާޓީ އަށް އެއްވެސް ހީނަރުކަމެއް ނާންނާނެ" އެވެ. އެކަމަކު ޕީޕީއެމްގައި މައުމޫނުގެ މަގާމް، ކައުންސިލް އިންތިހާބުގެ ނަތީޖާ އިން އެ އޮތީ ފެންނަން ކަމަށް ޕީޕީއެމްގެ ބައެއް އެހެން މެމްބަރުން ވިދާޅުވެ އެވެ.

ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދީ އިިދިކޮޅު އިއްތިހާދުގެ އެހީގައި އެމްޑީޕީންނެވެ. އޭގެ ތެރޭގައި، ޕީޕީއެމްގެ ސާފު އަޣުލަބިއްޔަތު އޮންނަ ރަށްތައް ވެސް ހިމެނެ އެވެ.

މެމްބަރުންގެ އަޑެއް ނޭހި، ނަތީޖާ ވަރަށް ހިތި!

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ހާލަތެވެ. އެ ގްރޫޕުގެ ތެރޭގައި "ހުޅު" ފަޅައިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ހިސާބުންނެވެ. އެކަމަކު އޭގެ މާ ކުރިން ވެސް އެ ގްރޫޕްގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ.

ސަރުކާރުން ހުށަހެޅި ބައެއް ބިލްތަކާ މެމްބަރުން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެ ހިތްހަމަނުޖެހުންތަކާ އެކު ވެސް ސަރުކާރުން އެދުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން މެމްބަރުން ކުރެއްވިއިރު، މެމްބަރުން މައްސަލަތަކަށް ހައްލު ހޯދައި ދީފައި ނުވާ ކަމަށް ޕާޓީން ވަކިވެވަޑައިގަތް މެމްބަރުން ވިދާޅުވެ އެވެ. އެ ބޭފުލުން ވިދާޅުވާ ގޮތުގައި މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ އިހްސާސްތައް ހުރި ގޮތް ޕީޕީއެމްގެ އިސް ބޭފުޅުންނަށް އެކި ގޮތްގޮތުން ހިއްސާކުރެއްވި އެވެ. ވަޒީރުންގެ އެއްބާރުލުމަށް އެދިި "އާދޭސް" ދެންނެވި އެވެ. މެމްބަރުން ބޭނުންވާ ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވަން ތަކުރާރުކޮށް ޕާޓީގެ ލީޑަޝިޕްގައި އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީނާއި މަޖިލިހުގެ ރައީސް މަސީހް: މަޖިލީހުގެ ރައީސް ކަމުގައި މަސީހު ހުންނެވުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި އަދިވެސް ޚިޔާލުތަފާތުވުން ބޮޑު.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ސަރުކާރުން ބޭނުންވާ ކަންކަން ހާސިލްކޮށްދޭން މެމްބަރުން ވޯޓު ދެއްވަނީ އެ ހުށަހަޅާ ބިލަކާ ގުޅިގެން ނުވަތަ އެ ކުރާ ކަމަކާ ގުޅޭ ގިނަ ސުވާލުތަކަށް ޖަވާބު ނުލިބި. ކޮންމެ ވޯޓަކަށް ވެސް ރައީސް ޔާމީން މެމްބަރުންނާ ބައްދަލުކުރައްވައި އެ ދެއްވާ ޔަގީންކަމާއި އިތުބާރާ އެކު މެމްބަރުން އެއްބާރުލުން ދެއްވާ،" ޕީޕީއެމުން ވަކިވެވަޑައިގަތް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވި އެވެ.

"އެކަމަކު ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމުން އިންތިހާ އަށް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި. އެ ކަންބޮޑުވުންތައް މާ ބޮޑު ކަމަކަށް ޕީޕީއެމްގެ ލީޑަޝިޕުން ނުހެދިއިރު، އެއީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަންކަން. މިފަދަ ގިނަ ކަންކަމަށް ހައްލު ހޯދައި ދެއްވަން ނޫޅުމަކީ މައްސަލައެއް."

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ހަމައަށް ދަނީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ނުފޫޒު ގަދަ މަދު ބޭފުޅުންތަކެއްގެ އަޑެވެ. ދެން ތިއްބެވި މެމްބަރުންގެ ޝަކުވާ އަޑުއަހައި، ޚިޔާލުތަފާތުވުން ހައްލުކުރާކަށް ޕީޕީއެމްގެ ލީޑަޝިޕުން ބޭނުން ނުވީ އެވެ. އޭގެ ނަތީޖާ ފެނުނީ، ޕާޓީ އަށް ވަރަށް ހިތްދަތި ގޮތަކަށެވެ. މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅުނީ އެވެ. މިއާ އެކު މަޖިލީހުގެ އަޣުލަބިއްޔަތު ވެސް އެ އޮތީ އިދިކޮޅު ފަރާތްތަކަށް ލިބިފަ އެވެ.

"މަސީހު ވަކިކުރަން ސޮއި ނުކުރައްވައި ޕާޓީ ތެރޭގައި ތިއްބެވި މެމްބަރުންގެ މާ ނުތަސްވަންކަން ބޮޑު. އަދިވެސް ބަލަނީ ފިއްތައި ގަދަބާރުން މެމްބަރުން ލައްވައި ކަންކަން ކުރުވަން. އެގޮތަށް ދީލައިގެން ރައީސް ޔާމީން އަރިހުގައި މާ ގިނަ މެމްބަރުންނެއް ދެން ނުތިއްބަވާނެ،" ޕީޕީއެމުން ވަކިވެވަޑައިގަތް މެމްބަރަކު ވިދާޅުވި އެވެ.

ޕާޓީގެ މިސްރާބު ބަދަލުކުރަން ޖެހޭ!

ވެރިކަން ކުރާ ޕާޓީ ބަލިކަށިވުމަކީ ސަރުކާރު ބަލިކަށިވުމެވެ. ޕީޕީއެމްގެ އެތެރޭގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް އެ ޕާޓީގެ ލީޑަޝިޕުން ގަބޫލެއް ނުކުރެ އެވެ. މަޖިލިހުގެ 10 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތުމުން ވެސް ގޯސްވީ އެ މެމްބަރުންނެވެ. ސަރުކާރާއި ރައްޔިތުންނަށް "ގައްދާރު ވެވަޑައިގަތް" ކަމުގެ ތުހުމަތު އެޅުވީ އެ މެމްބަރުންގެ އިސްތަށިފުޅުގަ އެވެ. މާނައަކީ އަދިވެސް ގޮތް ދޫކުރެއްވުމުގެ ވިސްނުމެއް ޕީޕީއެމްގެ ލީޑަޝިޕުގައި ނެތުމެވެ.

މި ތުހުމަތާ އެކު މެމްބަރުންނަށް "މަޖުބޫރުކޮށް ގަދަކަމުން" ޕާޓީގައި ބައިތިއްބަން ވެސް މަސައްކަތް ކުރަނީ އެވެ. މެމްބަރުން އަމިއްލަ އަށް ވަކިވެވަޑައިގަތުމުން ވެސް އަދި ވަކި ނުވާ ކަމަށް ވިދާޅުވެ އެކި ކޮމެޓީތަކުން މައްސަލަ ކުރިއަށް ގެންދަނީ އެވެ. މިއީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ވެސް ޚިލާފަށެވެ. އެ މެމްބަރުން ޕާޓީން ވަކިވާން ސިޓީ ހުށަހެޅުއްވި ހިސާބުން މެމްބަރު ކަމުން ވަކިވީ އެވެ.

މި ހަގީގަތްތައް ޕީޕީއެމްގެ ލީޑަޝިޕުން ގަބޫލުކޮށް، ޕާޓީ އިސްލާހު ކުރާނެ ހެއްޔެވެ؟ ގަދަކަމުން މެމްބަރުން ޕާޓީގައި ތިބެން މަޖުބޫރު ކުރެވޭނެ ހެއްޔެވެ؟ ސަރުކާރާއި ޕާޓީގެ ސިޔާސަތުތަކަށް ގަދަކަމުން މެމްބަރުން ލައްވައި ވޯޓު ދެވޭނެ ހެއްޔެވެ؟ މިހާރު ހުރި މައްސަލަތައް ހައްލު ނުކޮށް، އިދިކޮޅު ހުރިހާ ޕާޓީތަކާ ދެކޮޅަށް ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟

53 ކޮމެންޓް, 134 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

100ކަ

20 July 2017

ތި ހުރިހާއެންމެންވެސް ތީ އެކައްޗެއް!! މިހާރު ތި ކުޅެނީ ޑްރާމާ! އެންމެފަހުވަގުތު ހުރިޙާ އެންމެންވެސް ހުރިހާއެންމެން ދެކެ ލޯބިވާނެ! އެކަމަކު ހަނާވާނީ ތައްޔިތުމީހާ......

The name is already taken The name is available. Register?

ހަނދުކޭތަ

18 July 2017

ތިއީ އެމީހުން ދަންނަ ކަމެއް ނޫން

The name is already taken The name is available. Register?

ރޮކެޓް ސައިންސް

18 July 2017

އުފެދުމުގައިވެސް ގޮތެއް ނެތް ފްރެކްޝަނަކަށް ގޮތްދޫކުރަން އެނގޭނެހެއްޔެވެ.

The name is already taken The name is available. Register?

ޚުދޫދު

18 July 2017

ރައީސް ނަޝީދު ވިދާޅުވާހެން މިހާރު މިފެންނަނީ އެމީހުން އެކަމު އަނެކަކާ ނިގޫ ގޮއްޖެހޭތަނެވެ. ރޭގައި ޕީ.އެސް .އެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ނުސީދާ ކޮށް ރިޔާޒް ރަޝިދު ވަނީ އަދުރޭ ގޯތިގަތީ ކޮންތާކުން ހޯދި ފައިސާ އަކުންތޯ ސުވާލުއުފައްދާފައެވެ. މަޖިލިސް މެންބަރުން ކުއްލިއަކަށް އާދަޔާ ޚިލާފް މުއްސަދިކަން ހޯދާ މައްސަލަ އެންޓިކަރަޕްޝަނަށް ބެލޭނެންޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

The name is already taken The name is available. Register?

ފެއިލް

18 July 2017

ދަރުބާރު ފެކްޝަނުގެ ލީޑަރޝިޕާއި އަދި ޕީޖީގްރޫޕްވަނީ ވަރަށްބޮޑަށް ފެއިލް ވެފައި. މިހާރުހެދޭ ނުހެދޭއެއްވެސް ނޭނގޭ. ގާނޫނުތަކާ ގަވައިދުތަކަށް އެއްވެސް ބެލުމެއްނެތް. މިހާރުއެކަކު އަނެކަކު ބޮލަށްޖެހުން ނޫންކަމެއްނެތް. މިކަން ހަރުދަނާކުރެވޭނެ ކަމުގެ އެއްވެސް ނިޝާނެއްނެތް. ޕާޓީފޭރިގަނެ ވަކިބައެއްގެ އަތްމައްޗަށް ހަވާކުރުން އެއީ ހެދުނުވަރަށް ބޮޑުގޯހެއް. އެކަން ސާބިތުވަމުން މިދަނީ. ގަދަބަސްބުނެ ބިރުދައްކައިގެން މީހުނެއް ނުހިފެހެއްތޭނެ. ދެންނަގާރާޅު އަދި މާބޮޑުވާނެ. ސަލާމް. މަ ވަކިވެއްޖައިން...

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

18 July 2017

ގޮތްދޫކުރަން އެގޭނީ ގޮތްހުރިނަމަ ނޫންތޯ؟

The name is already taken The name is available. Register?

އަލިބެ

18 July 2017

އަދީބާއި ނާޒިމަކީ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅުން. ޕީޕީއެމްގެތެރޭގައި މިހާރު އިސްކޮށް އުޅުއްވާ ބޭފުޅުންނަށްވެސް އެންމެފަހުން ލިބޭނެ އިނާމުގެ މިސާލަކީ އަދީބާއި ނާޒިމް އެވެ. އަދިވެސް ދަންނަވާލާނަމެވެ. މުހުތާޒު މުހުސިން، ބާރީ ފަދަ ބޭފުޅުން ނަށް ދެއްވި އިނާމްވެސް ވަކި ދެރަހެއްޔެވެ؟ އެހެންކަމުން ބުއްދިވެރިންނަކީ މާޒީވެ ދިޔަ ކަންކަމުން ޢިބުރަތް ހޯދާ މީހުންނެވެ.

The name is already taken The name is available. Register?

އިބރަތް

20 July 2017

ދެތިން މީހަކަށް ގޮތެއްވީއޭ ކިޔާފަ ތިމަންނައަށް އެހެން ހަދާފާނެތީ ބިރުގަންނާކަށްނުޖެހޭ. ކޮންމެ މީހެއް ކުރާ ކަންކަން ތަފާތުވާނެ އަދި އެމީހަކު ބަލައިގަނެވޭގޮތްވެސް ތަފާތުވާނެ. ބުއްދިވެރިންނަކީ ތިޔަހެން ލިޔާ ކޮމެންޓެއް ކިޔާފަ އެކޮމެންޓްގައި ވާ ފަސާދައުފެއްދުމުގެ ބައި ވަކިކޮށް ދެނެގަންނަން އެނގޭ މީހުން.

The name is already taken The name is available. Register?

އަހުމަދު

18 July 2017

ވެރިރަށް މާލޭގަ ބޮޑެތި ބިލްބޯޑުތައް ބެހެއްޓި ފޮޓޯއިން ރަގަޅު ފެނެއެއްނޫންތޯ މި ވަރުން ފުދޭ އެއްނޫންތޯ؟ ވާނުވާ ރައްޔިތުންނަށް އިގޭތޯ ؟ އެއްވެސް ކަމެއްގައި ރައްޔިތުން އިހުސާސްތައް ދެނެގެންތޯ ވައުދުތައް ފުއްދުމަށް އިސްކަމެއްދެއްވިތޯ. ވިސްނެނީ އަބަދުވެސް ފައިސާޖާޑިއަށް ލާނެ ފައިސާ އާއި މެދު އެހެންނޫންތޯ ؟

The name is already taken The name is available. Register?

ފޫހި

18 July 2017

އެހެންމީހުންނަށް ކޮރޮޕްޝަނޭ ވައްކަމޭ ނާޖާއިޒު ފައިދާއޭ ގޮވާ ނަގާއިރު ސީދާ ދިމާއަށް ޕީއެސްއެމާއި ދަރުބާރުގެ އަމިއްލަ ތަރިކަ މުދަލަކަށް ހަދައިގެން ތިޔައުޅެނީ. މިކަންކަން ބަލަނީ ކޮންބައެއް. ތިމާމެން ކޮރޮޕްޝަނުން ފެންވަރައިގެން ގައިނުހިއްކާ ތިބެ އެހެން މީހުންގެ ވާހަކަދައްކަން ލަދުކޮބާ؟

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

18 July 2017

އަހުން ހީކުރީ ފަހަށް ބާއްވަން ބުނި "ބޮޑުސުވާލު" ކިއުންތެރިންނާ ހަމައަށް ދޫކޮށްލާނީކަމަށް، އެކަމަކު ނިންމާލަމުން ތިއޮތީ ކުރިމަތި ކުރުވާފަ........

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454