ޕީޕީއެމް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޚަލީލް ވާހަކަދައްކަވަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު
30 ޖުލައި 2017 - 12:46
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރާ އަޑަކީ ދޮގެއް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކޮށް، އޭގެ ތެރެއަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިދިކޮޅު މެމްބަރެއް ކަމަށްވާ އަހުމަދު މަހުލޫފް ވިދާޅުވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން ވަކިކޮށް، އެ މަގާމަށް ހަމަޖައްސަން އުޅެނީ އާޒިމާ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ސަރުކާރުން ހިންގަން އުޅޭ "ޖަރީމާއެކެ"ވެ.
އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި، ޚަލީލް ކުރެއްވި ޓުވީޓްތަކުގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ބަދަލެއް ގެންނަން ސަރުކާރުން ނޫޅޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަތަރު އުދަރެސް ފެނު ޖެހި ގޮތް ހުސްވުމުން އިދިކޮޅު ފަރާތްތަކުން، ނުކުންނަ ތަން މި ފެންނަނީ ފަސާދަ އުފައްދަން،" ޚަލީލް ވިދާޅުވި އެވެ.
Supreme Court bench badhalukuran ulheykamuge dhogu indhikolhu faraithakun fathurany, SCga oi massalathakakah nufoozu foaruvan. 1/2
— Dr Abdullah Khaleel (@abkhaleel) July 30, 2017
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭ ކަމަށް ދައްކާ ވާހަކަތައް ރައްދު ދެއްވައި ޚަލީލް ކުރެއްވި ޓުވީޓެއް
ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެކަމަކު ސަރުކާރުން ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ހޯދައި، ކުއްލިއަކަށް 2015 ގައި އެ އަދަދު ފަހަކަށް ތިރިކުރި އެވެ. އެގޮތުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވަކިކުރުން ވެސް ހިމެނެ އެވެ.
ކުރިން ވެސް ހަލީލު ވަނީ ބައެއް ކަންކަމާ ގުޅޭ ގޮތުން ޓްވީޓްކުރައްވައިފަ އެވެ. އެކަމަކު އެ ޓްވީޓްތައް ފަހުން ބަދަލުވީ ދޮގަށެވެ. އެގޮތުން ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން، ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން އުޅޭ ކަމަށް ފެތުރުނު ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޚިތާބުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ކަންބޮޑުވެވަޑައިގަންނަވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ "ޑެޑްލޮކަކަށް ދާ ގޮތަށް" ކަމަށާއި މި އޮނިގަނޑުގެ ދަށުން ދިވެހި ގައުމުގެ ރައީސަކަށް ހުންނަ މީހާ، "އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވިދާނެ" ކަމަށް ވިދާޅުވި އެވެ. އަދި ދުސްތޫރީ އޮނިގަނޑު އޮތީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުސަތުތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަފުޅަށް ސަރުކާރު ތެރެއިން އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް ބޭފުޅަކީ، 2008 ގައި ގާނޫނުއަސާސީ ތަސްދީގުކުރެއްވި އިރު އެޓާނީ ޖެނެރަލަކަށް ހުންނެވި އާޒިމާ އެވެ. ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ގައުމީ މަސްލަހަތަށް ވުރެ ބޮޑަށް ސިޔާސީ މަސްލަހަތަށް ޖާގަ ދީފައި ކަމަށެވެ.
މަޖިލިހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ނެތް ނަމަވެސް ސަރުކާރުން ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެގޮތަށް ވެސް ހަމަޖައްސައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އެކަމަކު އޭގެ ތެރެއިން ހަތަރު މެމްބަރަކު ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވެ އެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމާނެ ދުވަހެއް އަދި ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނު ހުންނަ މީހާ
31 July 2017
ބަލަ ހަލީލޫ ފަސާދަ އުފައްދާ، ފަސާދަ ކުރާ މީހުން ރައްޔިތުންނަށް އެނގޭ. ކަލޯ އެކަމުގައި ބައިވެރިވަމުތަ....
އާދަނު
30 July 2017
އެންމެ ފަހުން މީޑިއާގެ ލައިވް ޕްރޮގްރާމެއްގާ ދޮގުކުރީ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އަނިލް ސްޕްރީމް ކޯޓަށް ދާވާހަކަ. އެރޭ އިދިކޮޅޮފަރާތްތަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް އަދިވެސް އަކުރުން އަކުރަށް ހަނދާން އެބަހުރި. އަނެއްދުވަހު އެބުނާ ދައުވާއެއް އަނިލު ކުރުމުން ހިތައްއެރި %100 އިސްލާމް ވެގެން މިއުޅެނީ ޤައުމޭ. ރައްޔިތުންނެއް ނޫނޭ.
ޒިނާހު
30 July 2017
ތިހެން ދޮގުކުރި ހުރިހާ ކަމެއް މިހާތަނަށް ވަނީ ތެދަށް ވެފައި. އެހެން ނޫނަސް ޚަލީލު ތިއީ ސަރުކާރުގެ ކާކު ؟ ސަރުކާރުން ޖަވާބުދާރީ ވުމުގެ ކޮން ހައިސިއްޔަތެއް އޮތީ ؟ ސްޕުރީމް ކޯޓުގެ ބެންޗަށް ޕީޕީއެމް އިން ކަމެއް ކުރަން އުޅޭވާހަކައެއް ބަޔަކު ނުދައްކާ ! މިހާރު ދައުލަތާއި ޕާޓީ އާއި މަޖިލިސް ވެސް އޮޅިއްޖެ.
ގާޒީ
30 July 2017
ކުރިއަސް ނުކުރިއަސް ހަލީލް މެންނަކަށް މިހާރު ނޭންގޭނެ ތިތާގަ ނެއް އިތުބާރު ކުރެވޭ އެކަކުވެސް މިހާރު އިތުބާރު ކުރަނީ ކޯޓު ތަކާ ސަލާމަތީބާރުތަކަށް އެކަނި ކަލޭމެންވެސް ދެން ތި މަސްރަހުން ގެއްލެނީ.
މުހަންމަދު އަޒުމީލް
30 July 2017
ސްޕްރީމް ކޯޓްގެ ބާރު ހޯދުމަށްޓަކައި މިސަރުކާރުން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ އެއީ މިވަގުތު ޔަޤީން މުޖައްރިބު ކަމެއް
ޚަލީލު ޝަހަރު
30 July 2017
ބަދަލު ނުވެސް ގެނެވޭނެ އެވެ
އުނދުޅި
30 July 2017
ކަލޯ ޑަކުޓަރު ހަލީލު. ތިޔައީ ސަރުކާރު މީހެއްނޫން އަދި ޕީޕީގަ ބަސްވިކޭވެސް މީހެއްނޫން. އެހެންވީމަ ކަލޮޔަކަށް ނޭނގޭނެ ތަނެއް ދޮރެއް. މިހާރުވެސް މޫސަމެން މީހެއް ކުރެން އަހާލަބަލަ ކިހިނެއްތޯ އުޅެނީ ކަންކަން. "އަރިސް" މީހުނަށް އެނގޭނީ. ދެން ކަލޯ އަހާލިޔަސް ނުބުނެވެސްފާނެ، މަޖިލީހު ރައީސްގެ މައްސަލައިގަ
ހީހީ ހަލާކު
30 July 2017
އަޖާއިބެއް ފަހެ މީހަކު ނުވާނެތަ؟ ބަލަ ސަރުކާރުގެ ނަމުގަ ވާހަކަދައްކާ ވަކާލާތުކޮށް ހަދަން ޚަލީލަކީ ކާކުހޭ؟ ޚަލީލަކީ މަޖިިލިސް މެންބަރެއްތަ ނޫނީ ސަރުކާރުގެ މިނިސްޓަރެއްތަ؟ ސަރުކާރުން ކުރާ ކަމެއްގަ ވާހަކަ ދައްކަންވާނީ މިނިސްޓަރެއް ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތު އުފުލާ ފަރާތެއް ނޫންތަ؟ ދެން މިކަމަކާ ޚަލީލަކާ ކީއް؟ ޚަލީލާ ބެހޭނީ މަޖުލިސް ތެރެއިން ދޯ!
އަޅީ ދިއްދޫ
30 July 2017
ސުޕޮރީމް ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް އިދިކޮޅަށް ކާމިޔާބް ވާނީ.. ގޮޑި ގެއްލިޖެ ކަމަށް ކަޑައަޅާ ފިއްޔާ އިދިކޮޅުން އަލުން އެގޮޑިތަށް ކާމިޔާބް ކުރާނެ.. ދެން އޮތީ ގޮޑި ނުގެއްލޭ ކަމަށް ކަޑައެޅުން...
މޫސަ
30 July 2017
ތިގޮތަށް ދޮގު ކުރި މެމްބަރުން ގެ ގޮނޑި ގެެްއްލޭ އިސްލާހުގެ ވާހަކަ ވެސް