ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒް (ވ) ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
10 އޯގަސްޓް 2017 - 09:57
ރާއްޖެ ޓީވީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާގެ ކުށެއް ނެތް ކަމަށާއި، ކުށެއް ނެތް ބޭފުޅަކަށް އަދަބު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ކުރެއްވި މަސައްކަތް މިއަދު ނާކާމިޔާބު ވާނެ ކަމަށް އެ ޓީވީން ރޭ ބުނެފި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކުރައްވާފައިވާ ފިޔާޒް ފުލުހެއްގެ ގަޔަށް އަތްލި ކަމަށް ބުނެ ކުރާ ދައުވާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު ކްރިމިނަލް ކޯޓުގައި އޮންނާނެ އެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ފިޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕީޖީ ހުށަހެޅުއްވި ދައުވާއެއް ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ހައްގަށް ނަސްރު ލިބޭ ފަދަ ހުކުމެއް އިއްވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ޓީވީން ބުންޏެވެ.
ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ މުލީއާގެ ކައިރިން ނޮވެމްބަރު 2015 ގައި ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ސަރަހައްދުން ފިޔާޒް ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ.
އެ މައްސަލާގައި ފިޔާޒުގެ މައްޗަށް ފުރަތަމަ އުފުލީ ޖެހުމުގެ ދައުވާ ނަމަވެސް އޭނާގެ މައްޗަށް މިހާރު ކުރަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ އެވެ.
ރާއްޖެ ޓީވީގެ ބަޔާނުގައި ބުނި ގޮތުގައި ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެކި ދުވަސް މަތިން ފިޔާޒް ކޯޓަށް ގެންގޮސް، އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ޕީޖީ ކުރެއްވި މަސައްކަތުން ދޭހަވީ އެއީ އަސްލެއް ނެތް މައްސަލައެއް ކަމެވެ.
ދައުލަތުން ހުށަހެޅި ހެކިންނަށް ޝަރީއަތުގެ މަޖިލީހުގައި އެކަށީގެންވާ ހެކި ޝައްކެއް ނެތް މިންވަރަށް ހުށަހަޅާފައި އޮތް ކަމަށް ދިފާއީ ވަކީލުން ވެސް ގަބޫލުނުކުރާ ކަމަށާއި އެއީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފިޔާޒްގެ މައްސަލާގައި ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރޭގައި ރުހުމަކާ ނުލައި ފިޔާޒް އަތްލި ކަމަށް ބުނެ މައްސަލަ ހުށަހެޅި ފުލުހުންގެ މީހާ ވެސް ހިމެނެ އެވެ. އަދި އޭނާގެ ހެކިބަސް މި މައްސަލާގައި ނެގިއިރު އޭނާގެ ގައިގައި ފިޔާޒް އަތްލި ގޮތް ސާފުކޮށް ކިޔައިދެވިފައެއް ވެސް ނުވެ އެވެ. އަދި ފިޔާޒް އެ އަމަލު ހިންގި ކަމަށް ބުނެ ހެކި ބަސް ދިން އިތުރު ހެކި ބަހުގައި އެންމެ ކުޑަމިނުން އެމީހުންނާ ފިޔާޒް އާއި ދެމެދު ހުރި ދުރުމިން އެއްގޮތަށް ބުނެ ނުދެވުނެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.
ފިޔާޒްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ފިޔާޒްގެ މައްޗަށް އަންނާނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އަދަބު ދަރަޖަ އެއަށް ވުރެ މަތިވުމުގެ ފުރުސަތު ނުވަތަ ދަށްވުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ފިޔާޒްގެ މައްޗަށް ހުކުމް އިއްވާއިރު، ރާއްޖެ ޓީވީގެ އެހެން ދެ ނޫސްވެރިއެއްގެ މައްޗަށް ވެސް އުފުލައި ޝަރީއަތްކޮށް ހުކުމް އިއްވާފައިވެ އެވެ. އެއީ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލިންތެރިން
17 March 2018
މަގޭ ދަރިފުލު މަށަށް މޮލު ވީި ދޯ ސާބަސް ތިވަރު ބޮޑު ގޭގަ ނިދާފައޮށްވާތޯ ގެންދިޔައީ އުޅެން ވާ ގޮތަށް އުޅެބަލަ ހެހޭ
ސަފުރާ
10 August 2017
އަހަރެން އޭނަ ދައްނަން #ފިޔާޒެއްނުޖަހާނެ
މަ
10 August 2017
#ފިޔާޒެއްނުޖަހާނެ
ރބ
10 August 2017
ޢަދުލު އިންސާފު ނެތްތަނެއްގައި ކުށްވެރި ވާނީ ޖަރީމާގެ ވާހަކަ ދައްކާ މީހާ! ނާއިންސާފުން ހުކުމް ކުރާ މީހުންނަށް ﷲ ގަދަ ފަދަ ޢާޒާބު ވައުދު ކުރައްވާފައިވޭ. އެކަމަށް އަަހަރެމެން ދުޢާވެސް ކުރާނަން.
787
10 August 2017
ދަރިޔާ މިމަންމަ ތިޔަ ދަރި މިނިވަންވަންދެން ދުޢާ ކުރާނަން. އަދިމިއަނިޔާވެރިކަން ނިމުމަށް އެދިވެސް ދުޢާކުރާނަން. މިފަދަ ކަރަޕްޓް ގައުމެއްގައި ނޫސްވެރިން ހެކި ހޯދަމުން ކުށްތަކާ ކުށްވެރިން ތިލަކުރަމުން ތިޔަ ކުރަނީ ދީނީ ގައުމީ ޖިހާދެއް. ހައްގުގެ މަގަަށް ތެދު މަގަށް ކުރެވޭ ޖިހާދެއް. އެޖިހާދުގައި އެތައް ކުދި ބަޔަކު ޝަހީދުވެސް ވެއްޖެ! ހިއްވަރު ކުރޭ! ތިޔަ ދަރިން ދުލެއް ނުކުރާނަން.
އަހަންމާބެ
10 August 2017
ޙައްޤަކީ ކޮބައިކަން އޮޅުވާލާ މީހުންނަށް ލިބެންވާނީ ޙައްޤު އަދަބު، މީސްމީހުންގެ ޢަބުރަށް އަރައިގަނެ، ނެތިބުބައި މޮށެ، ޣީބަބުނުމަކީ މިމީހުން ކުރަމުންދާ ނޫސްވެރިކަން، މިފަދަ ކުށްތަކަކީ ޤާނޫނެއްގައި ވަކިން ނުހިމެނިޔަސް އިލާހީ ޤާނޫނުގައިވެސް ކުށެއް، ވީއިރު އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ސަލާމަތަށް އެދިގެން އަބަދު ވާހަކަދައްކާތީ ފޫހިވޭ، ކޮންމެހެން އެގޮތަށް ލިއުންތައް ނުލިޔުނަސް ނޫސްވެރިކަން ކުރެވިދާނެ، ނޫސްވެރިކަމަކީ މީސްމީހުންގެ ޢަބުރާއި ޢިއްޒަތް ކަތިލުމެއްނޫން.
ރަދީފް
10 August 2017
بِسْمِ اللهِ . الْحَمْدُ للَّهِ. ފިޔާޒް ނުކުރާނެ އެކަހަލަ ކަމެއް.ނޫސްވެރިކަމުގަ ބްރޭންޑް ނަމެއް ފިޔާޒް އެއީ.ރަންޒަމާން އޮތީ ''ހަވީރު'' ނޫހުގަ.ދިވެހިރާއްޖޭގަ ތިބި ''އަސްލު ކުއްވެރިންނަށް'' އަދަބު ދިނުމުގެ ބަދަލުގަ މިބަލަނީ ޕްރޮފެޝަނަލް ގިންތީގަ ގުނާލެވޭ މީހުން ހުރަގެއަށް ލެވޭތޯ.މިއީ ހިތާމަވެރިކަމެއް.ތިމާމެންގެ ކްރިޓިކްސްގެ އަޑު ކަނޑުވާލަން މީހުންގެ މައްޗަށް ހުކުމް ކުރަން އުޅުން އެއީ ލަދުވެތިކަމެއް. ވ.ވެދުން