ނޫސްވެެރިންނަށް ކުރަނީ އަސްލެއް ނެތް ދައުވާއެއް، އުއްމީދު ކުރަނީ އިންސާފުވެރި ހުކުމަކަށް: ވަކީލް

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ތިން ނޫސްވެރިއެއްގެ މައްޗަށް ކުރާ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށާއި އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ތިން ނޫސްވެރިންގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ ޓީވީ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރާއި އާދަމް ޒަރީރުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ ހުކުމް އިއްވުމަށް ތާވަލްކޮށްފައި ވަނިކޮށް ރާއްޖެ ޓީވީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތިން ނޫސްވެރިންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އެ ދައުވާއަކީ އެއްވެސް ހަގީގަތެއް ނެތް ދައުވާއެއް ކަމަށާއި ހެކިންގެ ބަހުން ވެސް އެކަން ސާފުވާ ކަމަށެވެ.

އެ ދައުވާ ދައުލަތުން އަނބުރާ ގެންދަންޖެހޭ ކަމަށާއި އެކަމަކު ދައުވާ އަނބުރާ ނުގެންގޮސްފި ނަމަ ދެން އޮންނާނީ ކޯޓުގެ ހުކުމް އޭނާ ވިދާޅުވި އެވެ. މިފަދަ ޝަރީއަތްތަކާ ބެހޭގޮތުން ތަފާތުތައް އަޑުތައް ފެތުރުނަސް އެ މައްސަލާގައި ކޯޓުން އިންސާފުވެރި ހުކުމެއް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ހަސީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން އިންސާފުވެރި ހުކުމެއް ލިބޭނެ ކަމަށް. މިފަދަ ޝަރީއަތްތަކާ ބެހޭގޮތުން ތަފާތު ވާހަކަތައް އަޑުއަހަން. އަޅުގަނޑަށް ކަނޑައެޅިގެން ނޭނގެ ދަންނަވާކަށް ކޯޓުން އަމަލުކުރާނެ ގޮތެއް،" ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ އެ ނޫސްވެރިންނާ ދެކޮޅަށް ހެކިބަސް ދިން ފުލުހުންގެ ބަހުންނާއި ދިފާއީ ހެކިންގެ ބަހުން ވެސް، އެ ދައުވާއަކީ ދޮގު ދައުވާއެއް ކަން ސާބިތުވާނެ ކަމަށެވެ. އަދި ފުލުހުންގެ ހެކި ބަހުގައި އެތައް ފުށުއެރުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ ފަރާތުން ހެކިބަސް ދިން ހެކިބަހުގައި ވަރަށް ބޮޑެތި ފުށުއެރުން ހުރިކަން ފާހަގަ ކުރެވޭ. އެއީ ހަމަ އެކަން ވާނެ ގޮތް. ހަގީގަތާ ޚިލާފަށް ވާހަކައެއް ދައްކަންޏާ ފުށުއެރުންތައް ހުންނާނެ،" ހަސީން ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ވިިދާޅުވީ އެ ތިން ނޫސްވެރިންގެ ވާޖިބަށް ހުރަސް އެޅީ ފުލުހުން ކަމަށާއި އެއިން އެއްވެސް ނޫސްވެރިއަކު ފުލުހުންނަށް ހުރަހެއް ނާޅާ ކަމަށެވެ. އެ ދައުވާއަކީ ކަންކަން ހިނގަމުންދާ ގޮތުން އެ ތިން ނޫސްވެރިންގެ މައްޗަށް އަންނާނީ ޖަލު ހުކުމެއް ކަމަށް ބެލެވޭ ކަމަށާއި އެކަމަކު ރާއްޖެ ޓީވީގެ އެއްވެސް ނޫސްވެރިއަކު ނޫސްވެރިންގެ ވާޖިބު އަދާކުރަން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް ގާނޫނާ ޚިލާފަށް ކަމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑުމެންގެ ލައިސަންސް ވެސް މިހާރު މިއޮތީ އެހެންވެގެން. އަޅުގަނޑުމެންގެ މައްޗަށް މައްސަލަތަކެއް ސާބިތުވާ ވަރުގެ ކަންތައްތަކެއް ހުރި ނަމަ ރާއްޖެ ޓީވީގެ ސިގްނަލެއް ނުލިބޭނެ،" ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒު ވާހަކަ ދައްކަވަނީ: ދައުވާ އަނބުރާ ގެންދަން އޭނާ ގޮވާލި --މިހާރު ފޮޓޯ/ނިިޝާން އަލީ

ފިޔާޒު ވިދާޅުވި ގޮތުގައި އެ ދައުވާ އަނބުރާ ގެންދަން ރަސްމީކޮށް އެދޭނެ ކަމަށާއި އިންސާފުވެރި ހުކުމެއް އަންނާނެ ކަމަށް ވެސް އުއްމީދު ކުރާ ކަމަށެވެ. އަދި ދައުވާ އަނބުރާ ގެންދަން ގޮވާލައި، ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިސާމާއި ލީވާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުލިއާގެ ކައިރިން ބޮމެއް ފެނިގެން ހިންގި އޮޕަރޭޝަންގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެތަނަށް ރާއްޖެ ޓީވީގެ ސީއީއޯ ފިޔާޒް ވަދެ ހުއްޓާ އޭނާ ހައްޔަރު ކުރަން އުޅުމުން ވިސާމާއި ލީވާން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެއެވެ.

ޒަރީރުގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ހިނގި މުޒާހަރާއެއްގައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަން އޭނާ މަސައްކަތްކޮށް، ފުލުހުންގެ ޝީލްޑްތައް ކޮއްޕާ ހެދި ކަމަށް ބުނެއެވެ.

ވިސާމާއި ލީވާންގެ މައްޗަށް މިމަހުގެ 19 ވަނަ ދުވަހު ހުކުމް ކުރާއިރު ޒަރީރުގެ މައްޗަށް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ހުކުމް ކުރާނެ އެވެ.

އެ ތިން ނޫސްވެރިންގެ އިތުރުން އެތަނުގެ ސީއީއޯ ފިޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ އޭނާއަށް ކުރާ އެ ދައުވާގެ ޝަރީއަތް ނިމުމަކާ ގާތަށް އަދި ނުދެ އެވެ.