ޚަބަރު / މެޓް

ކުޑަ ވަގުތުކޮޅެއްގައި މާލެ އަށް 91 މިލިމީޓަރުގެ ވާރޭ ވެހި ފެންބޮޑުވެއްޖެ

ރޭ ފަތިހުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި 91 މިލިމީޓަރުގެ ވާރޭ ވެހުނު. މިއީ ރިކޯޑެއް ނޫން ކަމަށް މެޓް އޮފީހުން ބުނޭ. ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާނެ ކަމަށް އެ އޮފީހުން ބުނޭ.

ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެއަށް ވާރޭ ވެހެނީ. ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރޭ. - މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރޭ ފަތިހުން ފެށިގެން މާލެ އަށް 91 މިލިމީޓަރުގެ ވާރޭ ވެހި ފެން ބޮޑުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް އަލީ ޝަރީފް ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުގައި ފެން ބޮޑުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ވާރޭ ވެހުމުން ކަމަށެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ ފަތިހު މާލެ އަށް ކުރި ވިއްސާރައިގައި އާންމުކޮށް ފެން ބޮޑުވާ މަގުތަކުގައި ފެން ބޮޑުވި އެވެ. އެގޮތުން އަމީނީ މަގު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގަޔާއި ވިޔަފާރިވެރިންގެ މިސްކިތް ސަރަހައްދުގައި އަދި މަޖީދީ މަގުން ސޯޝަލް ސެންޓަރު ކައިރީގަޔާއި ކަނބާއައިސަރަނި އައިޖީއެމްއެޗް ކައިރީ ސަރަހައްދުގައި ފެން ބޮޑުވި އެވެ. އަދި މާލޭގައި އާންމުކޮށް ފެން ބޮޑުނުވާ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވި އެވެ.

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ދަތުރު ކުރަނީ. ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސް ކުރޭ. --މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

"މިއީ ރިކޯޑެއް ނޫން، އެކަމަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ އަދަދަކަށް ވާރޭ ވެހުނީމަ ފެން ބޮޑުވީ،" އަލީ ޝަރީފް ވިދާޅުވި އެވެ.

އަލީ ޝަރީފް ވިދާޅުވި ގޮތުގައި މި މަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދުނު ވިލާތައް ސްރީލަންކާ ކައިރި އަށް ގޮސް ކޮޅިގަނޑަކަށް ބަދަލުވި އެވެ. އަދި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ރާއްޖެއާ ދުރަށް ދަތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖެ އަށް މިހާރު ކުރާ ވިއްސާރައަކީ ތޫފާނާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ބޭ އޮފް ބެންގޯލްއާ ދިމާލަށް ދަތުރު ކުރަމުން ދާ ތޫފާނަށް "ރޯނު"ގެ ނަމުން ވަނީ ނަން ދީފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސް ކުރެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެން ބޮޑުވެ ގެތަކަށް ދަނީ ގެއްލުން ލިބެމުންނެވެ.

ރޭ ފަތިހު މާލެއަށް ކުރި ވިއްސާރައިގައި ބައެއް މަގުތަކުގައި ފެން ބޮޑުވެފައި. - ވީޑިއޯ: މުހައްމަދު ހަލީމް

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454