ރާއްޖެ އަށް މިހާރު ކުރަމުންދާ ދެ މޫސުން ބެދޭ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މުޅި މާލޭގައި މިއަދު ފެންބޮޑުވެއްޖެ އެވެ.

ރޭ ފަތިހުން ފެށިގެން މެދުނުކެނޑި މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގުގެ އެއް ކޮޅުން އަނެއްކޮޅަށް ވަނީ ފެން ބޮޑުވެފަ އެވެ.

މާލޭގެ އެތެރޭގެ ހުރިހާ މަގެއް ކަހަލަ ގޮތަކަށް ވެސް އޮތީ އެ ހާލަތުގަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅޭ ގޮތުން މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށާއި އޭގެ ސަބަބުން ދޭތެރެއަކުން ބޯކޮށް ވާރޭވެހޭނެ ކަމަށެެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ އެވެ.

ބޯކޮށް ވެހުނު ވާރޭގައި މަގެއްގައި ފެންބޮޑުވެފައި އޮއްވައި މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޯކޮށް ވެހުނު ވާރޭގައި މަގެއްގައި ފެންބޮޑުވެފައި އޮއްވައި މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޯކޮށް ވާރޭވެހެމުންދާތީ މިވަގުތު ވެސް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.