މަޖިލީހުގެ މިއަދުގެ ޖަލްސާ ސިފައިންގެ ހިމާޔަތުގައި ކުރިއަށް ދަނީ. މި ޖަލްސާގައި މުޅިން ވެސް އޮތީ ޒުވާބުކުރުން.
23 އޯގަސްޓް 2017 - 12:57
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގައި، އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި ތަޅާފޮޅައިފި އެވެ.
މިއަދުގެ ޖަލްސާ ވެސް ފެށީ ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ތަޅުމަށް ވައްދައިގެންނެވެ. މިގޮތަށް ކޮންމެ ދުވަހަކު ޖަލްސާ ބޭއްވިޔަ ނުދޭނެ ކަަމަށް ބުނެ އިދިކޮޅު މެމްބަރުން ހަޅޭއްލަވަން ފެއްޓެވުމާ އެކު، ސަރުކާރު މެމްބަރުން ވެސް ތެދުވެވަޑައިގެން ޒުވާބު ފެއްޓެވީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ހިމާޔަތުގައި ރިޔާސަތު ވަށައިގެން ސިފައިންގެ ފައުޖެއް ތިބިއިރު، މަސީހާ ދިމާލަށް އިދިކޮޅު މެމްބަރުން އަޑުގަދަކުރިޔަ ނުދޭންވެގެން ސަރުކާރު މެމްބަރުން މިއަދު ތިއްބެވީ ސިފައިންނާ ޖެހިގެން އަތާ އަތްގުޅާލައިގެންނެވެ.
މި މަންޒަރުތައް ބައެއް މެންބަރުން ފޭސްބުކުން ލައިވްކުރަމުން ދިޔައިރު މަޖިލީސް ތެރެއިން ފެނުނީ ވަރަށް ހުތުރު މަންޒަރުތަކެކެވެ. އެއް މެމްބަރަކު އަނެއް މެމްބަރަކަށް އަވަގުރާނަ ގޮވުމާއި ޒުވާބު ކުރުމެވެ. ޒާތީ ގޮތުން ދިމާކޮށް، ހަޑިހުތުރު ބަސްތަކުން ވާހަކަ ދެއްކެވި ތަނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަދަބެއް އިހްތިރާމެއް ނެތެވެ. މި ޒުވާބުގެ ތެރޭގައި، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމާއި ފަރެސްމާތޮޑާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދާ ދެމެދު ވަނީ މާރާމާރީ ހިނގައިފަ އެވެ.
އަލީ އާޒިމާއި މެމްބަރު ހުސެއިން އާ ދެމެދު ހިނގި ޒުވާބު: ވީޑިއޯ އިން ފެންނަ ގޮތުގައި މި ޒުވާބުގެ ތެރެއިން އަލީ އާޒިމް ވަނީ މާރާމާރީ ހިންގާފައި.
އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޕައި، ހަޅޭއްލަވަމުން ގޮސް މެމްބަރު ހުސެއިންގެ އަނގަމަތީގައި އާޒިމް ޖަހާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އެކަމާ ރުޅިގަދަވެ، އަލީ އާޒިމާ ދިމާލަށް މެމްބަރު ހުސެއިން ވަޑައިގަތުމުން އެކަން ހުއްޓުވީ އެތަނުގައި ތިއްބެވި އެހެން މެމްބަރުންނެވެ.
އެ މަރާމާރީއާ ގުޅިގެން މެމްބަރުންގެ ޒުވާނު އިތުރަށް ހޫނުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޓަރީގެ ދޮރުގައި ކޮޅުފައިން ޖައްސަވައި ދޮރު ހުޅުވާ މަންޒަރު ވެސް ފެނެ އެވެ.
އިބޫ އިންނެވި ކޮޓަރީގެ ދޮރުގައި ފައިން ޖައްސަވައި އެެތެރެއަށް ވަދެވަޑައިގަތުމަށް ފަހު އަލީ އާރިފް ހިތްހަމަނުޖެހުންފާޅުކުރައްވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް.
އަލީ އާރިފް އެ ކޮޓަރި އަށް ވަދެވަޑައިގެން މޭޒު މަތީ ވަރަށް ބާރަށް އަތުން ޖައްސަވައި އިބޫއާ ދިމާލަށް އަޑުގަދަކުރެއްވި އެވެ. އޭނާ އެދިވަޑައިގަންނަވަނީ އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި ހިންގާ އަމަލުތައް ހުއްޓުވައި ދެއްވުމަށެވެ. އެއާއެކު، އޭނާ އަށް ތާއީދު ކުރައްވައި، އެއީ އިބޫގެ ޒިންމާއެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ވެސް އިބޫ އަށް ދިމާލަށް އަޑުގަދަކުރައްވާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
އިބޫގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ސިފައިން ލައްވައި މަޖިލީސް ހިސޯރުކޮށްގެން އުޅެނީ އިބޫ ނޫން ކަމަށެވެ. މައްސަލަ ހައްލުވާނީ، މެމްބަރުންގެ އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކޮށް، ސިފައިން ލައްވައި މަޖިލީސް ހިސޯރުކުރުން ނިމުމަކަށް ގެނައުމުން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވާއިރު، ސިފައިން ހިމާޔަތުގައި.
އިދިކޮޅު މެމްބަރުންގެ ހުރަސްއެޅުއްވުންތަކާއި ހަޅޭކުގެ ތެރޭގައި ޖަލްސާ ބާއްވައި، ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް ހަމަޖެއްސުމަށް ޕީޕީއެމުގެ މެމްބަރުން ވަނީ ރުހުން ދެއްވައިފަ އެވެ. އޭނާ ސަފީރު ކަމަށް އައްޔަންކުރަން ލިބުނީ 28 ވޯޓެވެ.
މި ޖަލްސާއަކީ ވެސް ސައްހަ ޖަލްސާއެއް ނޫން ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ޖަލްސާގައި ނެގި ވޯޓުގައި އެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަސީހް
25 August 2017
މަޖިލިސް އެކަންޏެއްނޫން. މުޅިގައުމުގަވެސް
ނާހިދާ
24 August 2017
ކޮންމެކަމެއް މަޖިލީހުގައި ކުރިއަސް ބަރާަރަށް މުސާރައާ އެހެނިހެން ފައިސާލިބޭ ވީމާ އޯކޭ
ކެލާ ރައްޔިތުމީހާ
24 August 2017
ކެލާ ދާއިރާގެ މެމްބަރަކީ އަވަގުރާނަގޮވަން ހޮވި މެމްބަރެއް ނޫން. ވޯޓްދެވުނީތީ ދެރަވެހިތާމަކުރަން. މިހާރުން މިހާރަށް އިސްތިއުފާއަށް ގޮވާލަން.
ޢައިކަލް
24 August 2017
ތި އައުގުރާނެއް ގޮވީ ނިނާހު. ޢެހެންވެސް ނިލެގެން ނުވޭތަ. ފޭސްބުކް ގަ އެހެރަވީޑިޔޯ ނިކަން ބަލާބަލަ.
މެންޓަލިސްޓުގެ އުސްތާޒު
23 August 2017
ފިލޯސޮފީ ހެދުމުގެ ކުރިން ކަލޯ ސުކުން ކުރަން ދަސްކުރަންޖެހޭ ކަމަށް ލަފާކުރެވޭ
ހަލާލޭ
23 August 2017
އަދި ކަލޭތީ ވަކިކާކު؟
ދެނޯ
23 August 2017
ތިޔަމަޖިލީހުން އެހެންކަމެއް ކުރޭބާ؟
މިރައީސްސް
23 August 2017
މިލިޓަރީ މަޖިލިސް މަސީހު މިރޭ ރަނގަޅައް ނުވެސް ނިދާނެ ގަދަބާރުން ގޮނޑީގަ ބައިންދާފަ އިނީ މިލިޓަރީ ފޯސްތަ ނޫނީ ރައްޔިތުންތަ 13:30 ގަ ނަގަންޖެހޭ ވޯޓެއް އަވަސްއަރުވާލާފަ ގުންމުށުގެ ބާރުން ކަންކުރީ ކާންދޭ އަތުގަ ދައިގަންނަ ވަރައް އަޑިނުބައި ދައުލަތެއްމީ ދިވެހިތާރީހު ދެކުނު މުލަވައްކަމެއް ހިންގާލި ދައުލަތެއްމީ ދުނިޔެގަބޫލުނުކުރާ ހަމައެއް ނަހަމައެއް ބަލާނުލާ ތިމާގެ ޖާޑި ފުރާ ގަންނަވާ އަޅާތަން ފެންނަނީ
ތަރަބެ
23 August 2017
ސުރުޙީ އަކުން ސާފެއް ނުވޭ ކޮން މަޖްލީހެއް ކަމެއް . ރައްޔިތުންގެ މަޖްލިސްބާ ނޫނީ، ސިފައިންގެ މަޖްލިސްބާ؟
އަލީ!
23 August 2017
މަސީހު އިން ކޮޓަރި ދިފާއު ކުރަން ސިފައިން ތިބިއިރު މައިނޯރިޓީލީޑަރ އިބޫ އިން ކޮޓަރި ދޮރު ވައްޓާލާފަ ވަތްއިރު ސިފައިން ކޮބާ..؟ ސިފައިން މަޖުލިހުގަތިބެނީ ވަކިބައެއްގެ ދިފާއުގައިތޯ.؟ ސިފައިންގެ އަސްލު މަގުސަދެއްވެސް ނޭގެ ކަންތަށްހިނގާގޮތުން. ބޮޑަށް ސިފަވަނީ ސިފައިން ވަދެތިބެނީ ޕީޕީއެމް މެމްބަރުންގެ ދިފާއުގައިކަމަށް.