ގާސިމް ހޮސްޕިޓަލަށް ގެންދަނީ: އޭނާ ވެއްޓިވަޑައިގަތީ ކޯޓު ރޫމުގައި ހުންނަވަނިކޮށް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
31 އޯގަސްޓް 2017 - 12:55
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިމަތިވެވަޑައިގަތީ އެ ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ނޫން ކަމަށާއި އޭނާގެ ޝަރީއަތް ހިންގިއިރު ޚާއްސަ ހައްގުތަކެއް ދީފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ، ގާސިމް އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވައި، އޭނާ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށްލުމަށް މި މަހުގެ 24 ގައި ކުރި ހުކުމާ ގުޅިގެން އެ ކޯޓުން ނެރުނު މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނީ، ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ތަނަވަސްމިނުގައި ދޭން ޖެހޭ ފުރުސަތުތައް ޝަރީއަތުން ދީފައިވާނެ ކަމަށެވެ.
އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އިށީނދެވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު ގާސިމަށް ދެއްވި ކަމަށް ހުލާސާ ރިޕޯޓުގައި ބުނެފައިވެ އެވެ. ޝަރީއަތުގެ މަޖިލިސްތަކުގައި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ މީހާއަށް ވާހަކަ ދައްކަން ފަނޑިޔާރަކު ފުރުސަތު ދެއްވުމުން ކޮޅަށް ތެދުވާން ޖެހެ އެވެ.
ގާސިމް އިބްރާހިމް. އޭނާ މިވަގުތު އޮންނެވީ އައިޖީއެމްއެޗްގައި. - ފޮޓޯ: މިހާރު
ހަމައެއާއެކު، ޝަރީއަތުގެ މަޖިލިސްތަކުގައި ގާސިމްގެ ސެކިއުރިޓީންނަށް ތިބުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން މަގުފަހިކޮށްދީފައިވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ރިޕޯޓުގައި ބުނި ގޮތުގައި ގާސިމް ޝަރީއަތަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ދުވަސްތަކާ ގުޅުވައިގެން ހޮސްޕިޓަލްގައި އެޑްމިޓްވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި ކޯޓަށް ހާޒިރުވުމަށް ފަހު، ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކާއި ކޯޓުގެ އަޑުއެހުން ނިމުމުން މީޑިއާއާ ވާހަކަ ދައްކާ ގޮތުގައި ބޭރު ފުށުން ފެންނަން ހުރި ތަފާތުތައް ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
"ގާސިމްގެ ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ރާއްޖެ އިން ބޭރުން ޓެސްޓުތަކެއް ހެދުން ފިޔަވައި، އިތުރު ފަރުވާއެއް ހޯދުމަށް އެއްވެސް ޑޮކްޓަރަކު ލަފާ ދީފައިވާ ލިޔުމެއް ނެތް،" ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ގާސިމް އެޑްމިޓްކުރި ކޮންމެ ފަހަރަކު ވެސް ސިއްހީ ފުރިހަމަ ފަރުވާ ހޯދައި ކޯޓަށް ހާޒިރުވެވޭނެ މިންވަރަށް ރިކަވާ ވާވެފައިވާކަން އެނގޭ ކަމަށް ވެސް އޭގައިވެ އެވެ.
"ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާ ދީފައިވާ ކަމާއި ނަމަވެސް އެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއްކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް،" ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ގާސިމްގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިދޭ ހައްގުތައް ފުރިހަމައަށް ދީ، އެ ގާނޫނުގައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
މި މަހުގެ 24 ގައި ބޭއްވި ގާސިމްގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ރޫމުގެ ތެރެއަށް ވެއްޓުމާއެކު، އެ ދުވަހުން ފެށިގެން ގާސިމް ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން މިހާތަނަށް ދީފައެއް ނުވެ އެވެ. ކޯޓު އަމުރުގެ ކުރިން ވެސް ގާސިމް ބޭސްފަރުވާ އަށް ބޭރަށް ވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ސަރުކާރުން އެކަމަށް އިޖާބައެއް ނުދިނެވެ. އަދި ގާސިމްގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ އޭނާ ބޭސްފަރުވާ އަށް ފޮނުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ކުރި އަމުރަށް ފަހު ޖެހިގެން އައި ދުވަހު އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުމަށް ފަހު، ގާސިމްގެ ހުކުމުގައި ހިމެނޭ، ބޭސްފަރުވާ އަށް އޭނާ ފޮނުވުމުގެ ބައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެންމެ ފަހުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންތިކި
02 September 2017
ބަލަ ރާއްޖޭގެ ކޯޓު ތަކަކީ ފަރުވާ ދޭ ތަންތަން. އެއްވެސް ގޮތަކަށް ގާނޫނާ އެއްގޮތަށް ހުކުމް ކުރާ ތަންތަނެއް ނޫން. ގާނޫނުގަ ކޮންމެ އެއްޗެއް އޮތަސް ވަކި ބައެއްގެ މަސްލަހަތު ހިފަހައްޓަން މުޅިން ފަރުވާދޭނީ. ޕީޕީއެމް މައްސަލައިގަ ނިންމި ގަޒިއްޔާ ބައްލަވާ ފަރުވާ ދެއްވި ނޫންތޯ. މިހާރު ގާސިމަށް. ހުރިހާ ކޯޓުތަކަށް ހީވަނީ ވެރިމީހާގެ މަސްލަހަތު ހިމާޔަށް ކުރަން އެކަނި ކަމަށް އެމީހުން ތިބެނީ.
ނޭވާ
02 September 2017
ކޯޓަށްވެސް އެނގޭ މީނަ މިތާހުރެގެން ރައްޔިތުންނަށް އުނދަގޫކުރާނެވަރު. ނޭވާލިޔަވެސް ނުދޭނެ. ގާސިމު ނުދާންވެގެން އުޅެނީ.
ޒިންދަގީ
01 September 2017
ތިޔަ ކޯޓުން ހުކުމްކުރި ދުވަހު އަމުރުކުރި ގާސިމު ރާއްޖޭންބޭރަށް ބޭހަށް ގެންދަން.. ކީއްވެތޯ އެކަހަލަ އަމުރެއް ނެރުއްވީ؟؟؟ މަޖަލަކަށްތޯ؟!!
ނިމަލް
31 August 2017
ޑޮކްޓަރެއްތަ ގާޒީއަކަށްވެގެން އެއުޅެނީ. ކްރިމިނަލް ކޯޓުން އާސަންދަ ލިބޭތަ؟
ކަމަނަ
31 August 2017
ހާޒިރު ނުވެވޭ ބައްޔަކީ ކޮބާތޯ؟ ސަހަރާގައި ތިބޭ މީހުން ނޫން އެންމެންނަށްވެސް ހާޒިރުވެވޭނެ. އެޑްމިޓުކޮށްފައި އޮންނަ މީހަކު މަރު ނުވެ އޮތިއްޔާ ގެނެސް ކޯޓުގައި ބެހެއްޓޭނެތާދޯ.
ފޫހި
31 August 2017
މަބޭނުން ކްރިމިނަލްކޯޓަށް ދައްކަންދާން އެޕޮއިންޓްމެންޓެއް.
މަގޭޚިޔާލު
31 August 2017
ބަލިވީމަ ޑޮކްޓަރަށް ދެއްކުމުގެކުރިން ދާންވީ ކޯޓަށް، ފަރުވާ ހޯދަންޖެހޭވަރުވޭތޯ ބަލަން!
އަހުމަދުބެ
31 August 2017
ހުކުމް ކޮށް އެތައް ދުވަހެއް ފަހުން އުޒުރު ދައްކާ ނެ ކަމެއް ނެތެވެ.
ހަބީބު
31 August 2017
މިއޮތީވާ ފަނޑިޔާރު ގެއެއްދިވެހިންނައްލިބިފަ
ހުސޭނު
31 August 2017
"ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާ ދީފައިވާ ކަމާއި ނަމަވެސް އެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއްކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް،" ރިޕޯޓުގައި ވެ އެވެ. އަޅެ ކަލޭނޭ މީގެން ވެސް މިބުނަނީ ބަލި ދެނެގަތުމަށާއި އެއައް ފަރުވާހޯދާވާހަކަ ދޯ. ދެން ޑޮކްޓަރުންނަށް ބަލި ދެނެނުގަނެވެނީސް ކޯޓްގެ ގާޒީ އަށް ކިހިނަކުން ބާ އެގުނީ އެއީ ކޯޓަށް ހާޒިރު ނުވެވަރުގެ ބައްޔެއްނޫންކަން. އަދި ހޮސްޕިޓަލެއްގަ އެޑްމިޓްކޮށްފަ އޮންނަމީހަކު ކޯޓްރޫމަށް ގެނެސް ހޮސްޕިޓަލުން އެދޭފަރުވާ ދެމުން ޝަރީއަތްހިންގޭހާ ތިކޯޓް ތަރައްޤީވެފަ ތޯ އޮތީ.