ކުޑަކުދިންނަށް ކުރާ ގޯނާ ދައްކުވައިދޭ ޕޯސްޓަރެއް--
05 ސެޕްޓެމްބަރ 2017 - 06:32
ކުޑަކުއްޖަކު ވީ ތަނެއް ނޭނގިގެން ހޯދަން އިއުލާން ކުރުން މިހާރު ވަނީ އާންމުވެފަ އެވެ. ސަބަބުތައް ވެސް ގިނަ އެވެ. އެފަދަ ބައެއް ކުދިންގެ ބެކްރައުންޑަށް ބަލާއިރު ގޭތެރެއިން ތަފާތު އަނިޔާތައް ތަހައްމަލް ކުރަން ޖެހިފައި ހުރުން ހިމެނެ އެވެ. އެހެންވެ ދިމާވެފައިވާ އަހުލާގީ ގިނަ މައްސަލަތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެފަދަ ކުދިންގެ އެތައް މައްސަލަތަކެއް އެ ކުދިންގެ ފަރާތުން ފާހަގަ ވެ އެވެ.
"އެކަހަލަ ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި އިތުބާރު ނުކުރުމާއި ޖިންސީ ނަހަމަ ގުޅުންތައް ހިންގުމާއި އެންޒައިޓީ އަދި ރުޅިގަދަ ވުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ކަންކަން ހިމެނޭ. އަދި އެފަދަ ކުދިން ޑިޕްރެޝަނަށް ވެސް ދޭ. އެހެންވެ ފިލުން ކަހަލަ ޑިސިޝަންތައް މި ނަގަނީ،" ފިލައިގެން ދިޔަ އަންހެން ކުއްޖަކަށް ކައުންސެލިން ދިން ކައުންސެލަރަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސްހިސާބްތަކަށް ބަލާއިރު މަހެއްގެ މައްޗަށް ހައެއްކަ ކުދިން "ގެއްލިގެން" ފުލުހުންނަށް ހުށައަޅަ އެވެ. އާންމުކޮށް ފިލަނީ 13-17 އަހަރާ ދެމެދު އުމުރުގެ ކުދިން ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ފިލާ ކުދިން ވެސް ހިމެނެ އެވެ. ބައެއް ކުދިން ގެއްލުންކަން އިއުލާން ކުރުމާ އެކު އަމިއްލަ އަށް އެނބުރި ގެއަށް ދެ އެވެ. އަނެއްބައި ކުދިން ހޯދަން ޖެހެނީ އެތައް މަސައްކަތަކުން ކަމަށް ފުލުހުން ބުނެ އެވެ.
އެފަދަ ކުދިން ހޯދައިގެން އާއިލާތަކާ ހަވާލުކުރުމުގެ ކުރިން ކައުންސިލިން ދިނުމުގެ އިތުރުން މައިންބަފައިންގެ އިހުމާލެއް ފެނިއްޖެ ނަމަ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކުދިން ފިލުމުގެ މައްސަލަތަކާ ބެހޭ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ސްޕެރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ދެއްކެވި ސަބަބުތަކުގެ ތެރޭގައި ގޭތެރެއިން ހިތްހަމަނުޖެހޭ ކަންކަން ދިމާވުމާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބުން ހިމެނެ އެވެ.
އޭގެ އިތުރުން ގޭތެރޭގެ މާހައުލުގެ އުސޫލްތަކަށް ތަބާނުވެ އަމިއްލަ މިނިވަން ކަމުގައި އުޅުމުގެ ވިސްނުމުގައި ވެސް ބައެއް ކުދިން ފިލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު-- މިހާރު ފޮޓޯ
ފިލައިގެން އުޅޭ ގިނަ ކުދިން ފެންނަނީ ގެސްޓް ހައުސްތަކުން، ނުވަތަ މަގުމަތިންނެވެ. ފުލުހުން ބުނާ ގޮތުގައި އެފަދަ ކުދިން ފިލަން ލޯބިވެރިންގެ އިތުރުން ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕްތަކުގެ ދައުރު ވެސް، ބައެއް ކޭސްތަކުގައި ފާހަގަވެފައިވެ އެވެ.
"ސާދަ އަހަރު، 17 އަހަރުގެ ކުދިން އެ ކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނާ އެކިއެކި ބައްދަލުވުންތައް ބާއްވަން، ނުވަތަ އެ މީހުންނާ އެކު ތަންތަނަށް ދިއުމަށް އެބަހުރި ފިލާފައި. އެހެން ގޮސް އާއިލާ އަށް ނޭނގި އެކި ތަންތަނުގައި އުޅުމަށް ފަހު އެބަހުރި އެނބުރި [ގެއަށް] އައިސްފައި،" ބަޝީރު ވިދާޅުވި އެވެ.
ސިއްހީ ދުޅަހެޔޮކަމާ މެދު ޔޫއެންޑީޕީން 2013 ގައި ހެދި ދިރާސާއަކުން އެނގޭ ގޮތުގައި އެ ދިރާސާގައި ބައިވެރިކުރި ދިވެހި ކުދިންގެ ތެރެއިން އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ 85 ޕަސެންޓް ކުދިން އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގަ އެވެ. އަދި އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ އެ ނިސްބަތް އުޅެނީ 65 ޕަސެންޓްގަ އެވެ.
"އަންހެން ކުދިން ފެންނަނީ ގިނައިން އެ މީހުން ރައްޓެހިވެގެން އުޅޭ ކުދިންނާ އެކު، އެ މީހުންގެ އެހީތެރިކަމާ އެކު އުޅެނިކޮށް. ފިރިހެން ކުދިން ފެނިފައި އެބަހުރި ގޭންގުތަކަށް ނިސްބަތްވެ ގުރޫޕުތަކާ އެކު އުޅެނިކޮށް،" ބަޝީރު ވިދާޅުވި އެވެ.
ފިލައިގެންދާ ގިނަ ކުދިން ނިސްބަތް ވަނީ ގިނަ މައްސަލަތަކެއްގެ ތެރޭގައި އުޅޭ އާއިލާތަކަށެވެ. މައިންބަފައިން ވަރިވެފައި ތިބުމާއި އާއިލާގެ ތެރޭގައި އެކި ކަހަލަ ގޯނާތަކުގެ ޝިކާރައަށް ވެފައިވާ ކުދިން މީގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ މިނިވަންކަމުގައި އުޅުމުގެ މަގުސަދުގައި ގެއިން ފިލައިގެންދާ ކުދިންގެ އިތުރުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އެހެނިހެން ކުދިން ވެސް ހިމެނެ އެވެ.
އެފަދަ ކުދިންގެ ނަފްސާނީ މައްސަލަތަކަށް ކައުންސެލިން ދެއްވާ ފާތުމަތު ނަހުލާ ވިދާޅުވި ގޮތުގައި އުމުރުން ހަގު ކުދިން ފިލުން ފަދަ މައްސަލަތައް ފާހަގަވަމުން ދަނީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ކުދިންނަށް ދަސްކޮށްދީފައި ނުވާތީ އެވެ.
"ހައްލަކީ ތިމާ އަށް ފެންނަ ގޮތް ކަމަށް ދެކޭތީ އެެހެން އެވަނީ. އަދި އޯޕަންކޮށް ވާހަކަ ދައްކާނެ މާހައުލެއް ވެސް، ގުޅުންތައް ވެސް ގޭތެރޭގައި ނޯންނާތީ އެހެން އެ ދިމާވަނީ،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާގެ އެ ވާހަކަ އަށް ފުލުހުން ވެސް އެއްބަސްވެ އެވެ. ބަޝީރު ވިިދާޅުވި ގޮތުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން އުޅުމުގެ ބަދަލުގައި ކުއްޖާ އަމިއްލަ ކަންކަން ނިންމަ އެވެ. އެކަމަކު ރަނގަޅު ގޮތަކީ އަމިއްލަ އަށް މައްސަލައެއް ހައްލު ނުވެއްޖެ ނަމަ މުއައްސަސާތަކުގެ ބޭނުން ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޝީރު ވިދާޅުވީ އާއިލާތަކުގެ ގުޅުން ބަދަހިކުރުމާއި އުޅެން ޖެހޭ ހެޔޮ މަގު ތައުލީމީ ނިޒާމުގެ ތެރެއިން މިހާރަށް ވުރެ ބޮޑަށް ބުނެދޭން ޖެހޭ ކަމަށެވެ.
"ދީނީ ނަޒަރަކުން ދީނުގައި ހުރި ކަންކަން ބުނެދޭން ޖެހޭ. ހަމައެއާ އެކު ހެލްތީ ރިލޭޝަންޝިޕެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި، ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ މުސްތަގުބަލުގައި ދިމާވެދާނެ ކަންކަން އެބަ ޖެހޭ އެޑިއުކޭޝަން ސިސްޓަމްގެ ތެރެއިން ވެސް ކިޔައިދޭން،" ބަޝީރު ވިދާޅުވި އެވެ.
ފުލުހުންނާއި ކުޑަކުދިންގެ މައްސަލަތައް ކައިރިން ބަލަމުން އަންނަ އިލްމީ ފަރާތްތަކުން ބުނާ ގޮތުގައި ކުދިންނަށް އެކި އުމުރުތަކުގައި އަންނަ ބަދަލުތައް ދެނެގަނެ، ހޯދަން ޖެހޭ ހައްލުތަކަށް ކުރިއާލައި މަސައްކަތް ކުރަން ޖެހެ އެވެ. ގޭތެރޭގައި "ބަންދުކޮށްގެން" ގެންގުޅުމުގެ ބަދަލުގައި އާންމުންގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކުދިން ނެރެ ހޭލުންތެރި ބަޔަކަށް ހަދަން ޖެހޭ ކަން ވެސް އެ މީހުން ފާހަގަކުރެ އެވެ.
"ކުދިން 24 ގަޑިއިރު ގޭގައި ބައިތިއްބައިގެން ގެންގުޅޭ ވިސްނުން އެބަ ޖެހޭ ބަދަލުކުރަން،" ބަޝީރު ވިދާޅުވި އެވެ.
"ބައެއް ކުދިން ފާހަގަކުރެވޭ އުމުރުން 13 ވަރަކަށް އަހަރަށް ދާއިރު ހަމައެކަނި ސްކޫލަށް ނޫން އިތުރު އެއްވެސް ތާކަށް ދާން ފުރުސަތު ނުލިބޭކަން،" ބަޝީރު ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ ކުއްޖަކު ނުފެނިގެން ކުރާ އިއުލާނަކާ އެކު އާންމުން ކަންބޮޑުވެ އެވެ. މިހާރު އެފަދަ އިއުލާންތައް އާންމުކަމުން، އެއީ މާ ބޮޑު ކަމަކަށް ނުވެ އެވެ. އެކަމަކު ސީރިއަސް ވަނީ ފިލާ ބައެއް ކުދިންނަށް ކުރިމަތިވާ މައްސަލަތަކެވެ. އާއިލާއިންނާއި ކަމާ ބެހޭ ފަރާތްތަކުން ހައްލު ހޯދައިންދޭން ޖެހެނީ އެކަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލައްތުރާ
07 September 2017
18 އަަހަރު ނުވަނީސް ކައިވެނި ކުރާތީ ފަޔަށް ހިިިނިއަރައިގެން އުޅޭ މީހުންނަށް އެއްޗެއް ވިސްނޭ؟
ށސައީ
05 September 2017
ތެދުތެދައް ބުނަންޏާ އިޖުތީމާއީ މުސީބާތަކައް ވެފަ އޮތް ހާއްޔެއް މާލެތިއީ
ކޮންޓްރޯލް
05 September 2017
ވަކި ބައެއްގެ މައްސަލަހަތާ ގުޅޭކަންކަން އޮއްބާލާ ކަމަށް ވަންޏާ މިކަހަލަ އިޖްތިމާއީ މައްސަލަ ތަކަށް ހައްލެއް ނުލިބޭނެއެވެ.
ކުއްޖާ
05 September 2017
މައްސަލަ އެއްދިމާވީމަ އަބަދުވެސް ކުށްވެރިމިވަނީ ކުދިން. އެންމެ ފުރަތަމަ ބޮޑެތިމީހުން އެބަޖެހޭ ބަސްއަހާ ބަޔަކަށްވާން. ކުދިން 15 އަހަރުގަ މައިންބަފައިންގެ މައްސަލަ ހައްލުކުރުމަށް ޒިންމާނަގަންޖެހޭނަމަ މިފަދަ ކަންތައް މިމުޖުތަމަޢުގައި ހިނގުމަކީ ނުވެނުދާނެ ކަންތައް.
ފާރިސް
05 September 2017
ހަށިގަނޑަކީ އެއްގޮތަކަށް ވަރަށް ސޭކު އެއްޗެއް އެއްގޮތުން ވަރަށް އިންޓެލިޖެންޓް އެއްޗެއް. މިއަދު އަންހެން ކުދިން ޖެހިގެން އުޅޭ މައްސަލައަކީ އެހެން މީހުން ލިބިފަ ހުރި ނިއުމަތްތަކަށް ބަލާފަ ހަސަދަވުން. ފޭސްބުކް؟ ދެން މިއަށް ކިޔަންވީ ޑިޕްރެޝަން؟ ތިމާ ގެ ފިކުރު އުފައްދާ ގޮތަކަށް ހަށިގަނޑު ވެސް ބަދަލުތައް ގެންނަން ފަށާނެ. ދިވެހިންގެ ތެރޭގަ އެއްވެސް އިޖްތިމާއީ މައްސަލައެއް ނެތް. އިގްތިސާދީ މައްސަލައެއް ވެސް ނެތް. ދިރިއުޅުމުގެ ވައްޓަފާޅި ނެތީ. ކެއުން ބުއިމުގެ މައިގަނޑު ހަރަދު ދަނީ ދުފުމަށާ ސިގިރޭޓަ. ދުވާލަކު 4 ފަހަރު ކަނޑުމަސް ކާން އެބަޖެހޭ
ނަޒްރާނާ
05 September 2017
ވަރަށް ސަޅި. ވަރަށް ތެދު! ހަމަ ހަގީގަތް. އަތުންފައިން މަސައްކަތްނުކޮށް ތިބެ އެހެންމީހުންނަށް ލިބިފައިވާ ނިއުމަތްތަކަށް ހަސަދަވެރިވުން ދިވެހިންގެ ތެރޭގަ ވ އާންމު ވެއްޖެ. ދެން ސައިކޯ ވެގެން އުޅޭނީ.
އަމާ
05 September 2017
މަގޭ ދިރިއުޅުމަށް އޮތީ މާލެ އަރާފައި. ގޭގައި ތިބި ފިރެހެން ދަރިންކޮޅު ހިފެހެއްޓެނީ ކިރިއާ. ރަށުން ވަޒީފާ އެއް ލިބޭނަމަ. ނޫނީ މަސައްަކަތަށް ފަހިވާނެ ފެރީ ގަޑެއް ލިބޭނަމަ.
ކުރަންވީއޭ
05 September 2017
ފިލާ ކުދިންނަށް ވެސް ހައްލު ގެނެވޭނެ އަދި ރާއްޖޭން ޑްރަގް ވެސް އެއްކޮށް ހުސް ކޮށްލެވޭނެ އަދި ރާއްޖޭން ވައްކަން ކުރުން ވެސް ހުއްޓޭނެ އަދި މަކަރާއި ހީލަތާއި ދައުލަތުގެ ޚަޒާނާ ދޮވެލުން ވެސް ހުއްޓޭނެ މާލެ ސަރަަހައްދުގައި އަހަރަކު 24 ހާސް ހައުސިންގް ޔުނިޓްސް ގެ ރޭޓުން އަޅާ މަހަކު 2000 ރުފިޔާ އަށް ވުރެން ކުލި ބޮޑު ނުވާނެ އުސޫލުން ސަރުކާރުން ފްލެޓްސް ބޭނުންވާ ކޮންމެ މީހަކަށް ފްލެޓްސް ދޫކުރާނެ ތިއަރީ އެއް އިއުލާން ކުރަނި ކޮށް. ދެން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންނަށް ބޭނުންވާ ބިން ތައް ކުޑަ އަގުގައި ތިލަފުށިންނާއި އަދި ގުޅި ފަޅުން ދިނުމަށް ޓަކައި އެތަން ތަން ވެސް ހިއްކާ އެތަންތަނުންވެސް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކަށް އަަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އަހަރު 5000 އަކަފޫޓްގެ 5000 ބިން ދޫކުރަމުން ދަނިކޮށް މާލޭގައި އަގުބޮޑުކޮށް ތަންތަން ކުއްޔަށް ހިފައިގެން ކުރާ ވިޔަފާރި ނިމުނީއެވެ. ކުރަންވީ މިކަން ގައުމަށް ޓަކައި ނަމަވެސް ސަރުކާރުން.
އިންފޯ
05 September 2017
ފިލާ ކުދިން ގިނަ ވަނީ އެންމެ ބޮޑަށް މާލެ ސަރަހައްދުން ނެވެ. މީ ހިސްޓްރީ ބުނެދޭ ފިލާވަޅަކީ. އެންމެ ވަރި ގިނައީ މާލޭގައި. ދުވާލަކަށް 500 އާއި ގާތް ކުރާ އަދަދެއް. ފިރިން އަނބިން އަޅުންގެ ގޮތުގައި ދެކުން އެއީ ފުރަތަމަ މައްސަލަ. ރީޒަން އަކަށް ދައްކަނީ ދީން. އަނބިމީހާ އަށް ދޭން ޖެހޭ ހައްގު ތަކެއް ވާކަން ދަންނަ ފިރިއަކު ހުންނަ ކަމަށް ނުފެނެއެވެ. މީ ޕޭޖްގެ އެއް ފަރާތް. ދެން ޕޭޖްގެ އަނެއް ފަރާތް ބަލާލާއިރު މާލޭގައި ވެސް އަދި ރާއްޖެތެރޭގައި ވެސް އެބައުޅޭ މީސް މީހުންގެ ފިރން އަނބިންނާއި އެކު ރަނގަޅު ދިރިއުޅުމެއް އުޅޭ ނަމަ އެމެން ގެ ދޭތެރެއަށް ވަދެގެން އެ ދެމަފިރިން ވަރި ކުރުވާ ދަރަޖައަށް ކަންކަްނ ގެންދާ އަންހެނުން. މާލޭގައި މިހެން އުޅޭ އާބާދީ ގެ އަދަދު އުޅޭނެ 5000 އިން މަތީގައި. ކަން މިހެން ހުރުމުން މިކަންކަމުގެ ހައްލަކީ އެއީ ސޯޝަލް ސައެންސްގެ ތެރޭން މިބައި ހޭލުން ތެެރިކަން އިތުރު ކުރުން ތިޔާ ދޭތެރެ ޖައްސާ ޓެލެޑްރާމާ ތައް ޓީވީއެމް އިން ގެނެސްދިނުމުގެ ބަދަލުގައި.
ކްރޯޑް
06 September 2017
ގިނަމީހުން އުޅޭތަނެއްފއި ތޯއްޗެ ވަރި ގިނަވާނީ ވެސް ރޢްޖޭގެ ދެވައިކުޅަ އެއްބައި މާލޭގަ
ދިވެހިން
05 September 2017
އަދިވެސް ތޮއްޖައްސާ!!!
އަސްލު
05 September 2017
ކުދިން ފިލައިގެން ދިޔައީމަ މައްސަލަ މިފެންނަނީ. ކުއްޖާ ގޯސްކުރުން، މުއައްސަސާތައްކުއްޖާ ކުށްކުރާކުެއްޖެއްގެ ގޮތުގައި ލޭބަލްކުރޭ. އެހިސާބުން މައްސަލަ އިތުރަށް ގޯސްވެ. ހައްޔަރުކުރަން މުއައްސަސާތައް ބޭނުންވެ. ދިރާސާތަކުން ދައްކާގޮތުން ނަމަ އެންމެ ގިނައިން ކުއްޖާ ގެއިން ފިލަނީ އަނިޔާލިބޭތީވެ، ދެން ގޭތެރޭގައި މައްސަލަތަކެއް އުޅޭތީވެ... އެންމެ ފަހުން މިހިމެނެނެނީ ބޮއިފްރެންޓްގެ މައްސަލަ. ފުރަތަމަ އާއިލާއިން އިހުމާލު، ދެން މުއައްސަސާއިން އިހުމާލު. ކުއްޖާ ކުށުގެ ވެއްޓަށްދަނީ އެނޫންބަޔަކު ކުއްޖާގެ އަތުގައި ނުހިފާ. ބައިނަލްއަޤްވާމީ މާހައުލުގައި ވަރަށް ރީތި ވާހަކަ ދައްކާ އެކަމް ހަޤީޤަތަކީ މިއެއްނޫން. ކުދިން ޖަލަށް ލާން ބޭނުންވަނީ.