ހާރިސް އަބްދުލް ޣަފޫރު
03 އޮކްޓޯބަރ 2017 - 14:55
މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި، ހާރިސް އަބްދުލް ޣަފޫރު މަރައިލި އިރު އޭނާ ގެންދިޔައީ މަސްތުވާތަކެތިން ދުރުވުމުގެ ފަރުވާ ފުރިހަމަ ކުރަމުން ކަމަށާއި ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައި ހުރި ކަމަށް އޭނާގެ ގާތް އެކުވެރިން މިއަދު ބުނެފި އެވެ.
ގއ. ދާންދު އަށް އުފަން، 24 އަހަރުގެ ހާރިސް މަރުވީ މާލޭގައި އުޅެފައި، ހުޅުމާލެ އަށް ގޮސް އޭނާ ފަރުވާ ހޯދަމުން އަންނަ ހާފްވޭ ހައުސް އަށް ވަންނަން ދަނިކޮށެވެ. އޭރު އޭނާއާ އެކު އިތުރު މީހަކު ވެސް ހުއްޓެވެ. އެކަމަކު ދެ ސައިކަލްގައި ދިޔަ ބަޔަކު ހާރިސްގެ އަށް ތަނަކަށް ހަމަލާ ދިން އިރު އަނެއް މީހާ އަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވެ އެވެ.
ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އަކީ ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު މުޖުތަމައަށް މުޅިން ދޫކޮށްލުމުގެ ކުރިން ބަހައްޓާ ތަނެކެވެ. ހާފްވޭ ހައުސްގައި ފަރުވާ ހޯދާ މީހުންނަށް ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ އަދި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ހުކުމްކުރި ޒުވާނާ ފަރުވާގެ ފުރުސަތު ހޯދީ ހުކުމް ތަންފީޒުކުރުމުގެ ތެރޭގަ އެވެ.
ހާރިސްގެ ގާތް މީހަކު ބުނީ ހާފްވޭ ހައުސް އަށް އޭނާ ބަދަލުވީ ޑީޓީއާރުސީގައި ހަތަރު މަސް ހޭދަކޮށްފަ އެވެ.
"ފަރުވާ ފުރިހަމަ ކުރަމުން ދިޔަ ދުވަސްވަރު، ހާރިސަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އަހުލާގު ރަނގަޅު، ހިތްހެޔޮ މިޒާޖެއްގެ ޒުވާނެއް. މީހުންނަށް އެހީތެރިވާ މީހެއް،" އެކުވެރިޔާ ބުންޏެވެ.
ވިލާގައި ކުރިން ވަޒީފާ އަދާކުރަމުން އައި ހާރިސް މަރައިލި އިރު، އަންބަކާއި އަހަރު ނުވާ ތުއްތު ދަރިޔަކު ވެސް ހުރެ އެވެ.
ހާފްވޭ ހައުސްގައި އުޅޭއިރު، އެތަނުގައި އުޅޭ މީހުން އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ވެސް އޮވެ އެވެ. އެގޮތުން ކޮންމެ ދުވަހަކު މާލޭގައި ހުންނަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ސޮއި ކުރަން ޖެހެ އެވެ. އަދި ހަފްވޭ ހައުސްގައި ކުރިއަށްދާ ކްލާސްތަކަށް ހާޒިރުވާން މަޖުބޫރުވާނެ އެވެ.
ހާރިސް މަރާލި މައްސަލާގައި 23 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހުޅުމާލެ އިން ހައްޔަރުކޮށްފަ އެވެ. އެ ޒުވާނާ އަކީ ހާރިސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެމީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮބަސް
04 October 2017
ނަސީބެއް ދެންހުރި މީހާ ސަލާމަތްވި ކަން...އެކަން އޮތީ ޤާތިލުންގެ ހިތަކަށެވެ.
އޮލްމޮސްޓް ދެއަރ
03 October 2017
ހާފްވޭ ހައުސް ސަރަހައްދުގަ ސީސީޓީވީ ބަހައްޓަން ޖެހޭނެ
ރަދީފް
03 October 2017
ވަރަށް ހިތާމަވެރި ހަބަރެއް.އެދެނީ ކުދަދަރިފުޅު އަދި ހުވަފަތް އަބިމީހާއަށް ބައްޖަވެރި ދުވަސްތަކަކަށް.
މައުލޫމާތު ބެެއްޔާ
03 October 2017
ޚަބަރުގައި ބުނެފައިވާ ފަދައިން ހާފްވޭހައުސްގައި ހުންނަ ކްލައިންޓަކު އެންޑީއޭ އަށް ސޮއިކުރަން މާލެ އަންނާކަށް ނުޖެހޭނެއެވެ.