"ހަވީރު"ގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން "މިހާރު"ގެ ނިއުސްރޫމްގައި މަސައްކަތް ކުރަނީ. "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރަކު ވަނީ ފާޑު ވިދާޅުވެފަ. - ފޮޓޯ: މިހާރު
03 ޖުލައި 2016 - 22:13
"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު ކަމުން ރިޓާޔާ ކުރެއްވި އައްބާސް ވިދާޅުވީ "ހަވީރު"ގެ މުވައްޒަފުންނަށް ލިބިފައިވާ މަސައްކަތް ކުރުމުގެ ހައްގު ހަނި ކުރެވޭނީ ދެ ހާލަތެއްގައި ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ނުވަތަ މުވައްޒަފުންނާ "ހަވީރު"އާ ދެމެދު ވެފައިވާ މަދަނީ އެއްބަސްވުމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ނޫން ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ޝަރުއީ ކޯޓަކަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 37 ވަނަ މާއްދާ އިން ހަވީރުގެ މުވައްޒަފުންނަށް ލިބިފައިވާ މަސައްކަތް ކުރުމުގެ ހައްގު ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ނުވަތަ އެ މުވައްޒަފުންނާ ހަވީރާ ދެމެދު ވެފައިވާ މަދަނީ އެއްބަސްވުމަކުން. މި ނޫން ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ޝަރުއީ ކޯޓަކަށް ލިބިގެންވާ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ފޭސްބުކްގައި އައްބާސް ލިޔުއްވާފައިވެ އެވެ.
އައްބާސް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވީ މިދިޔަ އަހަރު އެވެ. ހައިކޯޓުގެ ފަނޑިޔާރުކަން އައްބާސް ކުރެއްވީ 2011 އިން ފެށިގެންނެވެ. އައްބާސް ވަނީ ޖޭއެސްސީގައި ހުންނަވާ ރައީސްގެ މެމްބަރުކަމާއި ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެފްއޭއެމްގެ އެޕީލް ކޮމެޓީގެ މެމްބަރުގެ މަގާމު ވެސް ފުރައްވައިފަ އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުއްވުން
ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ވަނީ ކޮންމެ ރައްޔިތަކުމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި މުވައްޒަފަކަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާ ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ހުކުމަށް ފާޑު ކިޔަމުންނެވެ. އަދި މިއީ ބާތިލް ހުކުމެއް ކަމަށް ވެސް އެ މީހުން ދަނީ ސިފަ ކުރަމުންނެވެ.
ކޯޓުގެ ހުކުމުގައިވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.
ނަމަވެސް ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މިރޭ "މިހާރު" އަށް ވިދާޅުވީ، "ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިޔަސް، ގާނޫނުއަސާސީ އާއި ގާނޫނުތައް ހުރި ގޮތުން އެޅޭނެ އަދި އެޅިދާނެ ފިޔަވަޅެއް ނެތް ކަމަށެވެ.
"ހަވީރު" ހުއްޓާލި އިރު އެތަނުގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދަނީ "މިހާރު" ނޫހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޖު
06 July 2016
ދެން އަވަހަށް ތީނަ ވަޒީފާ އިން ވަކި ކުރޭ
އެމްސް
05 July 2016
ރާއްޖޭގެ ޤާނޫނަކީ މިއަދުގެ ރަޢިއްޔަތުންގެ މަޖިލިހުން ޓިއުޝަން ކްލާހެއްގެ ޓައިމްޓޭބަލް އަށްވުރެވެސް އަވަސް އަވަހަށް ބަދަލުކުރަމުންދާ އެއްޗެއްކަން ޢައްބާސް އަށް ނޭގުނީތީ ހިތާމަކުރަން!
ޝަރީފް
04 July 2016
މިރާއްޖޭގެ ގިނަ ފަންޑިޔާރުންނަކީ އަސްލުގައިވެސް ރަގަޅު ނިޔާއިއްވާ ބައެއް ނޫން ، އބަދުވެސް ޒާތީ ، ރައްޓެހި ފިކުރު މިގޮތަށް ބަލާ ނަމަވެސް މިހާރުގެ އަދުލުއިންސާފްގެ ކަންކަން މިއޮތީ ބަޔަކު ހިސާރުކޮށް އެބަޔަކު ބޭނުން ބަޔަކަށް ހުކުން އިއްވާ އިންސާފްވެރިގެއެއް އެކަން ވަރަށް ސާފް! ޔާމިން އާއި ޕީ.ޕީ.އެމްގެ އަތްދަށުން ފަންޑިޔާރުގެ މިނިވަން ކުރަންޖެހޭ!
އާމިސާލު
04 July 2016
މިސާލުބަސް: "ހަލީމު ގާޒީ ހުކުން ކުރާހެން". މިބަސް ބުނެއުޅެނީ މީހަކަށް ލިބިދީފައިނުވާ ބާރެއް ބޭނުންކޮށްގެން، ބަޔަކު ރުއްސުމަށްޓަކައި އެހެން ބަޔަކަށް ގެއްލުންވާގޮތަށް ކަންތައްކުރާ ހާލަތުގައެވެ.
އަލީބެ
04 July 2016
ތިހުކުމްގެ ސައްހަކަން ބަލަންކޮންމެހެން ޑިގްރީތަކެއް ބޭނުމެއްނޫން. ތިހުކުން ރަނގަޅިއްޔާ އާދަނު ދޯނިން މަހަށް ގޮސްގޮސްސަ މުހަންމަދު ދޯންޏަކުން މަހަކަށް ނުދެވޭނެ.
އައްޔު
04 July 2016
ވަރަށްފުރިހަމަ މިސާލެއް ސާބަސް އަލީބެ
ޒެޑްސް
04 July 2016
ދެން ތިވީގޮތުން އެއްކަލަ ތިން ހިއްސާދާރުން ދުއްވައިގަންނާނީ މަޖިލީސް ދޮށަށް. އެއީ ހަވީރު މުވައްޒަފުންނަށް އެހެން މީޑިޔާ އެއްގައި މަސައްކަތް ނުކުރުމަށް ކޯޓުން ބޭނުވެއްޖެނަމަ މައްސަލައިގެ ބާވަތަށް ބަލާފައި ގާޒީއަށް ނިންމިދާނެ ކަމަށް ބުނާ މާއްދާ އެއް ގާނޫނަކަށް ހެދުން. ތި ބިލް ކުޑަކޮމިޓީ އަށް ފޮނުވުމުން ހަމަ ވަގުތުން ފާސްކުރާނެ ރަނގަޅުކަމަށް. ބިލު ތަޅަމުން ފާސްކުރުމާއި އެކު ހަމަ ވަގުތުން ތަސްދީގުވާނެ. ތަސްދީގުވުމާއި އެކު ހަމަ ވަގުތުން ހުކުމް ތަންފީޒުވާނެ. މިއީ ފެން ތައްޓެއް ބޯލުމަށް ވުރެ ވެސް ފަސޭހަކަމެއް.
ހެއްރަބެ
04 July 2016
ހައިރާނެއް ފަހެ ނުވާނެތަ؟؟؟ އެ ނޫސް ވެރިންގެ ކުށަކީ ފަހެ ކޮބައިތަ؟ އެ ނޫސް ވެރިން ދިރިއުޅުމަށްޓަކާ ކުރާ މަސައްކަތް ހުއްޓުވުމަށް ޝަރީއަތަށް މައްސަލައެއް ހުށަހެޅީ ފަހެ ކާކުތަ؟؟ ދަޢުވާ ނުކުރާ ކަމަކަށް ހުކުމް އައިގޮތެއް ހަމަ ނޭގުނު!!! މިއޮތީވާ ކަމެއް!!!
ހުސެން
04 July 2016
ދިރި ހުރުމުގެ ހައްގު، މުދާ ހޯދުމާއި،ދަރިން ހޯދުމާއި، މިކަހަލަ އިންސާނީ ހައްގުތަކަކީ އިންސާނަކަށްވީތީ ލިބިދޭންޖެހޭ ހައްގު ތަކެވެ. މިފަދަ ހައްގުތައް، ގާނޫނު އަސާސީ، ނުވަތަ ގާނޫނަކުން އަދި ގަވައިދަކުން ވިޔަސް ދުވަހަކުވެސް ހަނި ނުކުރެވޭނެއެވެ.
އިސްލާޙު
04 July 2016
މީހަކު ބުނީމާ ބުނާހާ ގޮތަކަށް ޙުކުމް ކުޜާނަމަ ދެން އިވޭނީ މިކަހަލަ އަޑުތަކެެވެ. ތިމާ ގަންނަން ޖެހޭނީ ލަދެވެ. ވެއްޓި ވެއްޔާ މޮޑެވޭނީ ތިމާމީހާގެ އަބުރެވެ.
ކެތި
04 July 2016
ބުނީމަ ބުނާހާ ގޮތަކަށް ހުކުމް ކުރުމުން އަންބޮޑި ބޮޑު ކުރެވޭނީ!!!
މުހންމަދު
04 July 2016
ހެހެ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ނޭ ތޯ؟ ތީ ފެންތައްޓެއް ބޯލުން ފަދަ ކަމެއް.
ޒަބީބު
05 July 2016
އެގާނޫނު ހެދިއަސް ކުރީގައި ކޮށްފައިވާހުކުމް ސައްހަކަމަށް ނުވާނެ.