ރިޕޯޓް / ސްކޫލް ގައިޑް 2018

ސްކޫލު ގައިޑު: އިތުރު ހަރަކާތްތަކުގައި ވެސް ނަމޫނާއެއް

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު (ކ) ރިޔާޝްއަށް އެވޯޑު ހަވާލު ކުރައްވަނީ

ބައެއް ދަރިވަރުންނާއި ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި އެންމެ މޮޅީ، އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދާ ކުއްޖާ އެވެ. އަދި އެ ނަތީޖާ ހޯދުމަށް ވީހާ ވެސް ގިނަ ވަގުތެއް ކިޔެވުމުގައި ހޭދަކުރަން ޖެހެ އެވެ. ސްކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައި މާ ބޮޑަށް ބައިވެރިވެ އުޅުމަކީ ކިޔަވަން ވަގުތު ހޯދަން ދަތިވާނެ ކަމެކެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ވާހަކައެއް ނޫންކަން، 2017 ގައި ޖަމާލުއްދީން ސްކޫލުން ގްރޭޑް 10 ފުރިހަމަކުރި މުހައްމަދު ރިޔާޝް އަބްދުލްމަޖީދު އަންނަނީ ސާބިތުކޮށްދެމުންނެވެ.

ރިޔާޝް އަކީ ކިޔެވުމަށް މޮޅު ދަރިވަރެކެވެ. ގްރޭޑް އެކަކުން ފެށިގެން ދިހައަކާ ހަމައަށް ދިޔައިރު، މުޅިން ވެސް ހޯދީ އޭ ރިޕޯޓެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އޭނާ ފާހަގަކުރެވެނީ އިތުރު ހަރަކާތްތަކުގައި ގިނައިން ބައިވެރިވެ، ވަނަ ހޯދާ ދަރިވަރެއްގެ ގޮތުގަ އެވެ.

ގުރުއާން މުބާރާތާއި އަދަބީ އެކި މުބާރާތްތަކުގައި ރިޔާޝްގެ އަޑު ޖަމާލުއްދީންގައި ވަރަށް ގަދަ އެވެ.

"އަސްލު ހަގީގަތުގައި ކުދިންނަށް މީގެ މަގްސަދު ނޭނގެނީ. އެންމެން ވެސް ހީކުރަނީ މިގޮތަށް އެކި ހަރަކާތްތަކުގައި ބައިވެރިވުމުން ކިޔެވުމަށް އޮންނަ ޓައިމް ކުޑަވާނެއޭ. ކިޔެވުމުގެ ނަތީޖާ ދަށްވާނޭ. އެކަމަކު އެއީ ތެދެއް ނޫން،" ޖަމާލުއްދީންގެ ތުއްކަލާ ހައުސްގެ ކެޕްޓަނަކަށް ވެސް ހުރި، ރިޔާޝް، ބުންޏެވެ.

އޭގެ ސަބަބުތައް ވެސް އޭނާ ކިޔައިދިނެވެ. ރިޔާޝް ބުނި ގޮތުގައި އަދަބީ މުބާރާތްތަކުގެ ސަބަބުން އިނގިރޭސި އާއި ދިވެހި ބަހަށް ވެސް ދަރިވަރު މޮޅުވާނެ އެވެ. ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމާއި ބަހުސް ކުރުން ފަދަ ކަންކަމުން އިމްތިހާނުގައި ނަތީޖާ ރަނގަޅުކުރެވެ އެވެ. އިންތިހާއަށް މައުލޫމާތު ލިބޭނެ އެވެ. އެހެންވެ، އެ މުބާރާތްތަކުގައި ބައިވެރިވެ، ހޭދަކުރާ ވަގުތަކީ ގެއްލިގެން ދާ ވަގުތެއް ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

ރިޔާޝް ބޮޑަށް ބައިވެރިވެ އުޅެނީ ކިޔެވުމާ ގުޅޭ އެކަޑަމިކް މުބާރާތްތަކުގަ އެވެ. ކޮންމެވެސް ވަރަކަށް ކުޅިވަރު ކުޅެ އުޅުނު ނަމަވެސް އޭނާގެ ޝައުގުވެރިކަން ބޮޑަށް ހުރީ އަދަބީ އަދި ތައުލީމީ މުބާރާތްތަކަށެވެ.

ރިޔާޝް އޭނާއަށް ލިބިފައިވާ ބައެއް އެވޯޑުތަކާއެކު: އިތުރު ހަރަކާތްތަކުގައި އޭނާއަކީ ނަމޫނާއެއް

ކަންކަން ހޯދާ ބަލައި، ތަޖުރިބާ ކުރުމަކީ އޭނާގެ އެންމެ ހާއްސަ އެއް ސިފަ އެވެ. އެކި މުބާރާތްތަކުގައި އޭނާ ބައިވެރިވަނީ ކޮންމެހެން ވަނައެއް ހޯދާކަށެއް ނޫނެވެ. އެކަމަކު އެކަން ތަޖުރިބާކޮށްލާށެވެ.

"އެއް ދުވަހު އަޅުގަނޑު ދިޔައިން މަދަހަ ކިޔުމުގެ މުބާރާތެއްގެ އޮޑިޝަނަށް ވެސް. އެއީ ކޮންމެހެން މުބާރާތުގައި ބައިވެރިވާކަށް ނޫން. އެކަމަކު އެކަން ވެސް އެއީ ކުރެވޭނެ ކަމެއްތޯ ބަލައި ތަޖުރިބާކޮށްލަން،" ރިޔާޝް ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި ކިޔަވާ ކުއްޖަކު ވީހާ ވެސް ގިނަ ކަންކަން ތަޖުރިބާކޮށް، އޭނާ އެންމެ ކުރާހިތްވާ އަދި އެންމެ ގުޅޭ ކަންތައްތައް ދެނެގަތުން މުހިއްމެވެ. އެއީ ކިޔަވާ ނިންމާފައި އެ ކުއްޖަކު ކުރިއަށް ދާނެ ދާއިރާއެއް ވެސް ކަނޑައަޅަން ފަސޭހަވާނެތީ އެވެ.

އެހީތެރިވުމުގައި ވެސް ނަމޫނާއެއް

ރިޔާޝްއަކީ އެހެން މީހުންނަށް އެހީތެރިވުމުގައި ވެސް ނަމޫނާއެކެވެ. އިދިކޮޅު ޓީމުން އެއްޗެއް ނޭނގުނަސް، އެ ދަސްކޮށްދިނުމުގައި އޭނާ އެހީތެރިވެދެ އެވެ. ރިޔާޝް ދެކޭ ގޮތުގައި ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރިއަސް، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

"އަސްލު ބޭނުންވަނީ ތިކަން އެންމެ ފަސޭހައިން ވާނީ ރިޔާޝް ގާތު ބުނެގެންނޭ މީހުން ބުނަން. ރިޔާޝް ގަބޫލުކުރާ ގޮތުގައި އެހެން މީހުންނަށް ކަންކަން ކުރުމަށް މަގުފަހިކޮށްދީގެން ވެސް އަމިއްލަ މީހާއަށް ކުރިއަށް ދެވިދާނެ،" އޭނާ ބުންޏެވެ.

މި ހުރިހާ ހަރަކާތެއްގައި ބައިވެރިވަމުން، ރިޔާޝް ކިޔެވުމަށް ވަގުތު ހޯދަނީ ކިހިނެއްތޯ ސުވާލު އުފެދިދާނެ އެވެ. ރިޔާޝް ބުނިގޮތުގައި އެހާ ގިނަ ކަންކަން ކުރެވޭނީ ވަގުތު ވެސް ވަރަށް ބޮޑަށް ބަހާލައިގެންނެވެ. ފަތިހު ފަތިސް ނަމާދަށް ފަހު، ކިޔެވުމުގެ ސެޝަން ނިމެންދެން އޭނާގެ ހުރިހާ ވަގުތެއް ހާއްސަކޮށްފައި އޮންނަނީ ކިޔެވުމަށެވެ. ގެއަށް އައިސް ކައިގެން ދެން ދަނީ ޓިއުޝަނަށެވެ. އިތުރު ހަރަކާތްތަކުގެ ވަގުތު ފެށެނީ އެއަށް ފަހު އެވެ.

ރިޔާޝް ބުނިގޮތުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ކިޔެވުމަށެވެ. ސްކޫލަށް ފަހު ޓިއުޝަނުގައި އަދި އަމިއްލައަށް ވެސް ފޮތްތައް ބަލައިގެން ކިޔަވަ އެވެ. އެކަމަކު މި ހުރިހާ ފިލާވަޅުތަކުގެ ތެރޭން ވެސް، އިތުރު ހަރަކާތްތަކަށް އޭނާ ވަގުތު ހުސްކުރެ އެވެ. އެއީ ރިޔާޝް ގަބޫލުކުރާ ގޮތުގައި ތައުލީމީ ހަޔާތުގައި މުހިއްމު ބައެކެވެ.

1 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމަތު

12 December 2017

މިއީ ވަރަށް ކުޅަދާނަ މޮޅު ދަރިވަރެއް. ނަމަވެސް އެ މޮޅުކަން މި އާޓިކަލަކުން ނުވެއްފެނޭ. ނޫސްވެރިޔާ އިތުރަށް ދިރާސާކޮށްގެން ލިޔަންޖެހޭކަމަށް ގަބޫލުކުރެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454