ކުރިން "ހަވީރު"ގައި މަސައްކަތްކުރި ބައެއް މުވައްޒަފުން "މިހާރު" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި: އެހެން މީޑިއާއެއްގައި ނޫޅެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކީ ވަރަށް ބޮޑު ބޭއިންސާފެއް
05 ޖުލައި 2016 - 08:02
މިދިޔަ އާދީއްތަ ދުވަހު އޮފީހުގައި އިންދާ އަހަންނަށް އިވުނީ ކުރިއަށް އޮތް ދެ އަހަރު، އަހަރެން ބޭނުން ތާކު ވަޒީފާ އަދާނުކުރެވޭނެ ކަމަށް ކޯޓުން ހުކުމް ކުރި ވާހަކަ އެވެ. ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަ ހަމަ ހަގީގަތުގައި ވެސް ހީކުރީ އެއީ ސަމާސާއެއް ކަމަށެވެ. ސަބަބަކީ، އެވަރުގެ ހުކުމެއް އަހަރެންގެ މައްޗަށް އަންނަ ވަރުގެ އެއްވެސް ކުށެއް ކޮށްފައި ނުވާތީ އެވެ. އަދި އެފަދަ ކަމެއް ވާނެ އެއްވެސް ލިޔުމެއްގައި ސޮއިކޮށްފައި ވެސް ނުވާނެ ކަމެވެ. އެކަމަކު އެއީ ސަމާސާއެއް ނޫނެވެ. ހަމަ ހަގީގަތެކެވެ.
ކުޑަކޮށް ހުއްޓިފައި އިނުމަށް ފަހު، އަހަރެން ވަގުތުން ގުޅީ ގާނޫނީ ވަކީލަކަށެވެ. ބުނެފީމެވެ: ބަލަ މިކަހަލަ ހުކުމް ކުރެވޭ ހެއްޔެވެ؟ އޭނާ ބުންޏެވެ: އެއޮތީ ކޮށްފަ އެވެ.
ހަމަ ވަރަށް ބޮޑު ތެދެކެވެ. އެއޮތީ ހުކުމްކޮށްފަ އެވެ. "ހަވީރު"ގައި އުޅުމާއި ނޫސްވެރިކަން ކުރުން އިޚުތިޔާރު ކުރެވުނުކަމީ މުޅި ހަޔާތުގައި ވެސް އެޅުނު އެންމެ ބޮޑު ޅައެއްޗޭ ވެސް އެ ވަގުތު ހިތަށް އެރި އެވެ. އަދި ވަޒީފާއަކަށް ވަންނަން ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ނޫސް ޚިޔާރު ކުރުން އެއީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށޭ ވެސް ހިތަށް އެރި އެވެ. ކޯޓުގެ ހުކުމް ބުނާ ގޮތުން "ހަވީރު"ގައި އަހަރެން އުޅުނީތީ، ދެ އަހަރު ވަަންދެން މީޑިއާގެ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެނގޭ އިތުރު މަސައްކަތެއް އޮތީއެއް ނޫނެވެ.
"މިހާރު"ގައި މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނަކީ ވެސް އަދި އެހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އެންމެންނަކީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންނެވެ. ގާތްގަނޑަކަށް ފަންސާހަކަށް މުވައްޒަފުން "މިހާރު"ގައި ވަޒީފާ އަދާކުރަމުން ދެ އެވެ. އޭގެ ތެރޭގައި ގިނައީ، އެކި ރަށްރަށުން މާލެ އައިސް ތަންތަނަށް ކުލި ދައްކައިގެން އުޅޭ މީހުންނެވެ. ކުޑަކުދިން ތިބި ޒުވާން މައިންނާއި ބަފައިންނެވެ.
"މިއީ އިންސާފެއް ނޫން. އަހަރެން ކިޔަވާފައި ހުރި އެއްޗެއް ވިއްޔާ ކިޔެވީ މި ދާއިރާއިން. އެހެން ދާއިރާއަކުން އަހަންނަށް ވަޒީފާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ،"
"މިހާރު"ގެ ނޫސްވެރިންގެ ތެރޭގައި އާންމު ޚިދުމަތުގެ ގައުމީ އިނާމް ހޯދާފައިވާ ނޫސްވެރިންނާއި އަހަރުގެ ނޫސްވެރިޔާގެ އެވޯޑު އެކި ދާއިރާތަކުން ހޯދާފައިވާ ނޫސްވެރިންނާއި މި ދާއިރާއިން ރާއްޖެއިން ބޭރުން ކިޔަވައިގެން އައިސް، ރާއްޖެ އަށް ޚިދުމަތް ކުރަމުން އަންނަ ނޫސްވެރިން ހިމެނެ އެވެ. ހަމަ އެފަދައިން އޭރު "ހަވީރު"އާ އެކު ކޮންޓްރެކްޓް ހަދައިގެން ލިޔަމުން އައި ވަރަށް ކުޅަދާނަ ފްރީލާންސް ލިޔުންތެރިން ވެސް މި ޓީމުގައި ހިމެނެ އެވެ. މި އެންމެންނަށް މި ހުކުމާ އެކު ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.
"މިއީ ހަމަ ސިއްސައިގެން ދިޔަ ހުކުމެއް،" ނޫސްވެރިކަމުގެ ދާއިރާއިން އެންމެ ފަހުން އާންމު ޚިދުމަތުގެ އިނާމް ހޯދާފައިވާ "މިހާރު"ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫން ބުންޏެވެ.
"ކޯޓުތަކުން އިއްވާ ހުކުމްތަކާ ބެހޭ ގޮތުން އަބަދުވެސް ތަފާތު ވާހަކަތައް އިވޭ. އެކަމަކު މިހާ ބޭއިންސާފު ހުކުމެއް އަޅުގަނޑު ނުދެކެން."
އަހުމަދު އަބްދުﷲ ސައީދަކީ "މިހާރު"ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރުގެ އިތުރުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލެކެވެ. މި ހުކުމަކީ އޭނާ އަށް ވެސް ލިބުނު ހައިރާން ކަމެކެވެ.
"މިއީ މީހުންގެ މައްޗަށް ނެރޭ ވަރުގެެ ހުކުމެއް ނޫން،" އޭނާ ބުންޏެވެ.
"މިއީ އެއްވެސް ތާކުންތާކު ނުޖެހޭ، އެއްވެސް އަސްލެއް ނެތް އަދި ގާނޫނުއަސާސީއާ ވެސް ކަނޑައެޅިގެން ޚިލާފު ހުކުމެއް ކަމަށް އަޅުގަނޑު ދެކެނީ. މިއީ އިސްލާމް ދީނުގައި އިންސާނުންްނަށް ދެއްވާފައިވާ މަސައްކަތް ކޮށްގެން ބަނޑުފުރާނަ މުއްތި ކުރުމުގެ ހައްގާއި މިނިވަންކަން ވެސް ނިގުޅައިގެންފައިވާ ނިންމުމެއް."
ސީދާ ނޫސްވެރިކަމުން ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެން، އަމިއްލަ ރަށުން މާލެ އައިސް "ހަވީރު"އާ ގުޅުނު އާސިމާ ނިޒާރުގެ މިހާރުގެ ވިސްނުމަކީ ދެ އަހަރު ދުވަސް ވަންދެން އޭނާ ކުރާނީ ކޮން ކަމެއްތޯ އެވެ. އޭނާ ބުންޏެވެ: "އަމިއްލަ ކެރިއާއެއް ކަނޑައަޅައި އެއިން ކުރިއަށް ދިއުމުގެ ހައްގު އަޅުގަނޑަށް އޮންނަން ޖެހޭނެ. އެކަމަކު އާޚިރުގައި މި ވީ އެހެނެއް ނޫން."
"މިހާރު"ގެ ބައެއް ނޫސްވެރިން ނިއުސްރޫމްގައި މަސައްކަތްކުރަނީ: އަސާސީ ހައްގެއް ގެއްލިފައިވާކަމުގެ ޝަކުވާ ބޮޑު
"މިހާރު"ގައި ތިބި އެންމެންގެ ވެސް ޝަކުވާއަކީ އެއީ އެވެ. އެ މީހުންގެ މުޅި ހަޔާތް ދެ އަހަރުގެ ތެރޭގައި ބަރުބާދުކޮށްލެވިގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ކިތަންމެ މަތީ ކޯޓަކަށް ވިޔަަސް އެފަދަ ބާރެއް ލިބިފައިވާ ކަމަކަށް ގަބޫލެއް ނުކުރެ އެވެ.
"އަޅުގަނޑު ހަވީރުގައި ވަޒީފާ އަދާކުރި އިރު އެއްވެސް ކޮންޓްރެކްޓެއް ނޯންނާނެ ހަވީރުން ކެނޑުމަށް ފަހު ނުވަތަ ކަނޑާލައިފިއްޔާ މި ދާއިރާގެ އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަކަށް. އެކަހަލަ އެއްވެސް ޝަރުތެއް ނެތް،" 'މިހާރު'ގެ މާކެޓިން މެނޭޖަރު ޝަމްއޫން އަފީފު ބުންޏެވެ.
ހަމަ އެހެންމެ، އެ ޑިޕާޓްމަންޓްގައި އުޅޭ، މިދިޔަ އަހަރު އޭ ލެވެލް އިމްތިހާނުން ގަދަ 10 ގައި ހިމެނުނު ޒުވާން ހައްވާ ފަޔާޒާ ވެސް ހުރީ މިކަމާ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
"ހަމަ ކުއްލިއަކަށް މިހެންވީމަ މި ހުރީ ޝޮކެއްގައި. މިހެން ވެދާނެ ކަމަކަށް ދުވަހަކު ވެސް ހިޔެއް ނުކުރަން،" ވަޒީފާ އަދާކުރަން ފެށިތަނާ ދިމާވި ކަންތައްގަނޑާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
"މިހާރު"ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު، އާސިޔަތު މުހަންމަދު ސައީދަކީ، ވިލާ ފައުންޑޭޝަންގެ ފަރާތުން، ނޫސްވެރިކަމުގެ ދާއިރާއިން މެލޭޝިޔާއިން ޑިގްރީ ހާސިލްކޮށްފައިވާ ނޫސްވެރިއެކެވެ. އޭނާގެ ސުވާލަކީ، މި ނޫން ވަޒީފާއެއް އަދާކުރާނީ ކިހިނެއް ހެއްޔޭ އެވެ؟
"މިއީ އިންސާފެއް ނޫން. އަހަރެން ކިޔަވާފައި ހުރި އެއްޗެއް ވިއްޔާ ކިޔެވީ މި ދާއިރާއިން. އެހެން ދާއިރާއަކުން އަހަންނަށް ވަޒީފާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" ހަ މަސް ވީ ތުއްތު ކުއްޖެއްގެ މަންމަ ބުންޏެވެ.
"ސީއެޗްސީ ނިންމާފައި ޓީވީއެމްގައި ދެ އަހަރު އުޅެފައި ކިޔަވަން ގޮސް "ހަވީރަ"ށް ވަން ގޮތަށް މި ދާއިރާގައި މި އުޅެނީ. މިއީ މުޅި ދިރިއުޅުން ބަދަލުވުން. ދެން ކިހިނެއް ދިރިއުޅޭނީ؟"
އަރަމުން އަންނަ ނޫސްވެރިޔާ، އައިމިނަތު ޝިފްލީނަކީ ލިބޭ މުސާރައިން ކުލި ދައްކައިގެން ދިރިއުޅެމުން އަންނަ ނޫސްވެރިއެކެވެ. މި ހުކުމާ އެކު އޭނާ އަށް ކުރިމަތިވި ސުވާލުތައް ވަރަށް ގިނަ އެވެ. ކަންބޮޑުވުންތައް މާ ގިނައެވެ. ކުލި ދައްކާނީ ކިހިނެއްތޯ، ބިލްތައް ދައްކާނީ ކިހިނެއްތޯ، ކައިބޮއި ހަދާނީ ކިހިނެއްތޯ މިއީ ހިތާހިތާ އަދި އުފެދެމުން އަންނަ ސުވާލުތަކެކެވެ.
"ހަމަ އަސްލު ވެސް ދެން ކުރާނެ އެހެން މަސައްކަތެއް ނޭނގެ. ޖެހޭނީ ރަށަށް ދާން،" އޭނާ ބުންޏެވެ.
މިއީ ދިވެހި ނޫސްވެރިކަމަށް އައި ވަރަށް ބޮޑު ލޮޅުމެއް ކަމަށް އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ބުނެ އެވެ. މި ހުކުމް އޭނާ ސިފަ ކުރަނީ، ވަޒީފާ ގެއްލުމުގެ ބިރެއްގެ އިތުރުން ކެރިއާ ހުއްޓުވުމަކަށް ގެނައުމަށް ދިން ވަރުގަދަ "ހަމަލާ"އެއްގެ ގޮތުގަ އެވެ.
"މިއީ ވަރަށް ނުރައްކާ ކަމެއް އަސްލު ވެސް. މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްފައިވާ ހައްގަކަށް ހުރަސް އެޅުން،" އަރަމުން އަންނަ ވަރުގަދަ ނޫސްވެރިޔާ ބުންޏެވެ. "އަހަރެން މި ހުރީ މިކަމާ ވަރަށް ކަންބޮޑުވެފައި. ހަގީގަތުގައި ސިކުނޑީގައި ނުވެސް ނެތް ދެން ކުރާނެ ކަމެއް ވެސް."
ދިވެެހި ހުރިހާ ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުވެފައިވާ ބޭނުން ވަޒީފާއެއް އަދާކުރުމުގެ ހައްގު "މިހާރު"ގެ ހުރިހާ މުވައްޒަފުންނަށް މިއޮތީ ގެއްލިފަ އެވެ. މިއީ މިފަދަ ހުކުމެއް ކޯޓަކުންް އިއްވި ފުރަތަމަ ފަހަރު ކަމަށް ވެސް ވެ އެވެ. ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވާ މީހުންނާއި ދައުލަތުގެ ބޮޑު މުއައްސަސާއެއް ހުރެމެ، ދެ ދުވަސް ވީއިރު ވެސް މިއިން އެއްވެސް ކަމަކާ އެއިންް ފަރާތަކުން އެންމެ ކުޑަވެގެން ކަންބޮޑުވެގެން އުޅޭ ތަން ނުފެނުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
"މިހާރު"ގެ މުވައްޒަފުންނަށް މިހާރު ލިބިފައި އޮތް ކުޑަ އުއްމީދަކީ ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ދެއްވި ޔަގީންކަމެވެ. އޭނާ ވިދާޅުވީ ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ވަޒީފާ އަދާކުރިޔަސް ސަރުކާރުން އަޅާނެ ފިޔަވަޅެއް ނެތް ކަމަށެވެ. އެކަމަކު އޭނާގެ އެ ވާހަކަ އަށް މިއަދު ވަނީ ސިވިލް ކޯޓުން ގޮންޖަހައި، އެ ހުކުމަށް ހުރިހާ ފަރާތަކުން ވެސް ތަބާއަވާން އަމުރުކޮށްފަ އެވެ.
އެކަމަކު ފަނޑިޔާރުންނަށް ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް ހުކުމްކުރެވިދާނެތޯ މިއީ ވެސް ސުވާލެކެވެ. ދައުވާކުރި މީހުންގެ ދައުވާގައި ނުހިމެނޭ ކަމެއް، ހުކުމުގައި ހިމެނިދާނެތޯ އާއި، އެއްބަސްވުމުގައި ނެތް ކަމަކަށް މުވައްޒަފުންގެ މައްޗަށް މަޖުބޫރުކުރުމުގެ ބާރު ކޯޓުތަކަށް ލިބެނީ ކިހިނެއްތޯ މިއީ ވެސް ސުވާލެކެވެ. "މިހާރު"ގެ ނޫސްވެރިންގެ އިތުރުން ހަމަ ބުއްދި ހުރި ކޮންމެ ދިވެއްސަކު ވެސް މި ސުވާލުތައް ކުރާނެ އެވެ.
"ނޫސްވެރިކަމަކީ ކުށެއް ނޫން. މަޖުބޫރުންް މީހުން ލައްވާ އެހެން ތަނަކަށް މަސައްކަތެއް ނުކުރެވޭނެ. ކޯޓުގެ ހުކުމުން އަހަންނަށް ވިސްނުނު ކަމަކީ ކަލޭމެން ޖެހޭނީ ހަމަ ހަވީރުގައޭ މަސައްކަތް ކުރަން ބުނާހެން. އެކަމަކު ގައިމު ވެސް އަހަރެެން ލައްވާ ހަވީރުގައި އެންމެ ފޮޅުވަތެއް ވެސް އަޅުވާކަށް ލާހިކެއް ނޫން،" "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަބްދުﷲ ޖަމީލް ބުންޏެވެ.
"މިހާރު" ނޫސް ބަޔަކު ކިޔަނީ: ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ހޯދާފައި -- ފޮޓޯ: މިހާރު
އެކަމަކު ކޯޓަކުން މިވަރުގެ ހުކުމެއް އައުމާ ގުޅިގެން، ނޫސްވެރިންގެ އެހެން ކަންބޮޑުވުންތައް ވެސް އެބަ ހުއްޓެވެ. ކޯޓުގެ ހުކުމާ އެކު، ދެން އެ މީހުން ދެ އަހަރު ވަންދެން ކުރާނެ ކަމެއްގެ މައްސަލަ އެވެ. ނޫސްވެރިކަން ދޫކޮށް، ނުވަތަ އެތައް އަހަރަކުން ތަރައްގީކުރި ކެރިއާ އާ ވަކިވެ، އެހެން ވަޒީފާއަކަށް ވަނުމަކީ "މިހާރު"ގެ ނޫސްވެރިން ގަބޫލުކުރާ ގޮތެއް ނޫނެވެ. އެހެންވެއްޖިއްޔާ، ދެ އަހަރު ވަންދެން އެ ނޫސްވެރިންގެ ކުލިތަކާއި ބިލްތަކާއި ދަރިންގެ ފީތަކާއި ދިރިއުޅުމުގެ ޚަރަދު ދޭނީ ކޮން ތަނަކުން ހެއްޔެވެ؟
"ހަވީރު ހުއްޓާލި ފަހުން މި ނޫސް ފެށުމާ ދޭތެރޭ އަޅުގަނޑުމެން ކައިގެން ބޮއިގެން ތިބިތޯ ވެސް އެ ބުނާ އަނެއް ހިއްސާދާރުންނެއް ނުބަލާ. އެހެންވެ އެއީ އިތުބާރު ކުރެވޭ ބައެއް ނޫން. އަޅުގަނޑުމެން އަމިއްލަ އަށް މިކަން މި ފެށީ އަމިއްލަ މަސައްކަތެއް ކޮށްގެން ދިރިއުޅެން،" "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު މުހަންމަދު ހަމްދޫން ބުންޏެވެ.
"މިއީ އިންސާފެއް ނޫން."
"ހަވީރަ"ށް ދިމާވި ދެރަ ގޮތްތަކަށް ފަހު، ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ގާބިލް ޓީމު އަތުކުރި އޮޅާލައިގެން ނުކުމެ "މިހާރު" އުފެއްދިތާ އަދި ވީ މަހެކެވެ. ރަނގަޅަށް ހަމަޖެހިލިތަނުން މިކަހަލަ އަނެއް ކަންތައްގަނޑު ކުރިމަތިވުމަކީ، ބައެއް ނޫސްވެރިން ބުނާ ގޮތުން، މިނިވަން ނޫސްވެރިކަމެއް ކުރިޔަ ނުދޭން ބަޔަކު ކުރާ ޖެއްސުމެކެވެ. ނަމަވެސް، "މިހާރު"ގެ ހުރިހާ ނޫސްވެރިން އަދިވެސް ތިބީ އެއް އަޒުމެއްގަ އެވެ. އެއީ ނޫސްވެރިކަމާ ވަކިނުވުމެވެ.
"ގަލަމުގައި ތަޅެއް ނޭޅުވޭނެ. އަނގަ ބަންދެއް ނުކުރެވޭނެ،" ހުރިހާ ނޫސްވެރިން ވެސް ބުނަމުން ދަނީ މިހެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލެއް
19 September 2016
ޝަހީބުވެސް އެއްދުވަސްވަރެއްގައި ހަވީރުގެ ވަޒީފާގައި އުޅުއްވީތީ މީޑީިޔާޔާ ބެހޭ ކޮމިޝަނެއްގެ ވަޒީފާގާ އުޅެވޭނެތޯ ބުނުއްވަބަލަ.
ތަގޭ އަލީ
09 July 2016
ސުވާލަކީ 2އަހަރު ވަންދެން އެހެން ނޫހެއް ކިޔިދާނެތޯ؟
އަލީ ރަފީޤް
06 July 2016
ހިއްސާދާރުން ހުށަހެޅި މައްސަލާގައި އޮތީ ހަވީރުގެ ހިއްސާއާއި މެދު ގޮތެއް ނިންމާ ދިނުމަށް. އެތަނުގެ މުވައްޒަފުންނާ ދޭތެރޭގައި ގޮތެއް ނިންމާކަށް ނެތް. މިއީ ހިއްސާދާރުންގެ އަގު ވައްޓަލަން ކޮށްފައިވާ ކަމެއް.
×
08 July 2016
ޤާޟީ ތޯ، ހިއްސާދާރުގެ އަގުވައްޓާލަން މިަުޅެނީ ؟
އަޙްމަދު
05 July 2016
ގާޒީ އަކު ގޯސްކޮށް ކުރާ ހުކުމަކުން ލިބޭ ގެއްލުމުގެ ބަދަލް ލިބޭނެ އެއްވެސް ގޮތެއް އޮންނާނެތަ. ނޭގޭތީ ހަމަ އަހާލީ.
ވާނުވާ
05 July 2016
ސާބަސް، ޢަމުރު އޮޅާލާ، ދީނާއި ޚިލާފްނުވާ ޤާނޫނު އަސާސީން މަނާ ނުކުރާ ކޮންމެ ކަމެއް ކުރެވޭނެ، މިހާރު ނޫހުގެ މުވައްޒަފުން ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތް އޮންނަންޖެހޭނެ، ނޫނީ ސިވިލް ކޯޓުން މިހާރުގެ ނޫސްވެރިންނަށް މަހަކަށް ލިބޭ މުސާރަ ދިނުން ރަގަޅުވާނެ، ނޫނީ ހަވީރުގެ ހިއްސާދާރުންވެސް ހަވީރު މުވައްޒަފުންނަށް 02 އަހަރު ދުވަހު މުސާރަދީފަ ގޭގަ ބައިތިއްބާ، ޖުޑީޝަރީއާއިމެދު އިތުބާރެއްނެތް
ބޮލަށްތުރާ
05 July 2016
އެހެން ވެރިކަމެއްގަ ކުރި ހުކުމެއްނަމަ މީހުންތައް މަގުމަތީ ދުވާނެ ނުނިދާ.
މިނިވަނަ ޚިޔާލް
06 July 2016
އެެހެން އެދުވެވެނީ ދުވަން ޖާގަދޭތީ. މިހާރު ނުދެވެވެނީ އެޖާގަނުދޭތީ. މިއީ އިއްޔެއާއި މިއަދުގެ ތަފާތަކީ!
ސައްޕު
05 July 2016
"ހަވީރު" އޮންލައިން ކޯޓުން ހުއްޓުވާލި ދުވަހު، ޙަގީގަތުގައި ވެސް ލޮލުން ހިތާމައިގެ ކަރުނަ ހިލިލިއެވެ! އަދި އިރާދަކުރެއްވިއްޔާ، ލަހެއްނުވެ "ހަވީރު" ގައި މަސައްކަތްކުރި ޓީމް އެއްކޮށް ކިޔުން ތެރިންނަށް ރަގަޅު މަސައްކަތްތަކެއް ކޮށްދޭނެ ކަމުގެ އުންމީދުގައި ހިތްހަމަ ޖައްސާލައިގެން ހުރީމެވެ. ސަބަބަކީ، ޖުމްލަކޮށް މުޅި ޓީމްއަކީ ވަރަށް ތަޢުލީމީ ބަޔަކަށް ވުމާއެކު، "ހަވީރު" ގެ ލިޔުންތަކަކީ ބަހުގެ ކުށް ނުހުންނަ އަދި ޢާއިލާ އެއްކޮށް ތިބެގެން ވެސް ކިޔާލެވޭ އޮށްޓަރު ހުރި ލިޔުން ތަކަކަށް ވުމެވެ. މަސްތަކެއްގެ އިންތިޒާރަކަށް ފަހު ގާތްގަޑަކަށް މުޅި ޓީމު އެއްކޮށް "މިހާރު" ލޯންޗް ކުރި ރޭ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ! އެކަމަކު އަނެއްކާ މިހާރު "މިހާރު" އަށް މި ދިވާކުރުވި ކަމުން، "މިހާރު" ގެ މުވައްޒަފުން ކަންބޮޑުވެ ދެރަވާގޮތަށް، މި ޤައުމުގެ ގިނަ ރައްޔިތުން ބައިވެރި ވާނެކަން ޔަގީނެވެ. ހިތްވަރު ދެރަ ނުކުރާށެވެ. އިރާދަކުރެއްވިއްޔާ މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ.
މަޖާދޯ
05 July 2016
ހެއްވާ ކަމަކީ ހިއްސާދާރުންނަް ގެއްލުން ލިބިދާނެތީ މަނާ މިކުރީ މީޑިޔާގައި މަސައްކަތްކުރުން. އެހެންވީމާ ގެއްލުމެއް ނުވާނެތާ ދޯ އެހެން ދާއިރާއެއްގެ މަސައްކަތަށް ބަދަލުވީމަ. ގާޒީ ގާޒީ...... ވަރަށް މަޖާ
މުޙައްމަދު
05 July 2016
ކޯޓުން ޚަރަދު ހޯދާ. އަވަސްކުރޭ
ތަރި
05 July 2016
ހަވީރުނޫސް ހުއްޓާލަން ޖެހުމުން ވަރަށް ވަރަށް ދެރަވި. ސަބަބަކީ ހަވީރަށް ވުރެ ޕްރޮފެޝަނަލް އަދި އިތުބާރުކުރެވޭ އެހެން އެއްވެސް ނޫހެއް މިގައުމުގައި ނެތުން. އަދި މިހާރު އުފެދުމާއިއެކު އަނެއްކާވެސް ތިޔަނޫސް ވެގެންގޮސްފައިވަނީ ރާއްޖޭގެ އެއްވަނަ ކަމުގައި. މިހާރުގެ ލިޔުންތެރިން ތިކުރައްވާ ހިތްވަރަށް ހަމަ ސާބަސް. ތިބޭފުޅުންނާ ދެކޮޅަށް ސިވިލް ކޯޓުން ނިންމި ހުކުމަކީ ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާ ހުކުމެއްނޫން. ތިގޮތުގައި ކުރިއަށްދާނެ ކަމުގައި އުންމީދު ކުރަން. ބޭއިންސާފު ހުކުމެއްގެ ސަބަބުން ތިޔަނޫސް ހުއްޓާނުލާތި. ﷲ ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތްލައްވާ ނޫސްވެރިކަމަށް ފާގަތި ދުވަސްތަކެއް ދެއްވާށި. އާމީން.
ހަސަނު
06 July 2016
ތަރި! ބުނަންތަ ވާހަކައެއް ކޯޓުން ދެން އަމުރުކުރާނީ ފުލުހުންނަށް. މިހާރު ކިޔާ ނޫސް ހުއްޓުވަން. އަދި ދިރާގަށާއި އުރީދޫ އަށާއި އާރ.އޯ.އެލް އަށް އަންގާނެ އިންޓަނެޓްގެ ޚިދުމަތް ކަނޑާލަން. އެއީ ފިސާރި ގާޒީ އެކޭ. ނޫސްވެރިންނަށް ދެން ނޯންނާނެ ނޫސް ދާއިރާގައި 2 އަހަރުވާންދެން މަސައްކަތް ކުރެވޭނެ ގޮތެއް. 2018 ނިމުމަށްފަހު އޯކޭވާނެ ނޫސްވެރިންނަށް. ދެން މަށަށް ފެންނަނީ ނޫސްވެރިން ކޮންމެވެސް ހޮޓަލަކުން ވޭޓަރުކަން ހޯދަން. ނޫނީ ބޮޑުކަންނެއްޔަށް ދާން. އެއީ މީހުން ބޭނުންވާ ދެ ދާއިރާއެއް.