ރިޕޯޓް / ނޮވެމްބަރު 3 ބަޣާވާތް

ނޮވެމްބަރު 3ގެ އެންމެ ކުޑަ ރަހީނުގެ ދުލުން އެ ދުވަސް

ނޮވެމްބަރު 3 ވަނަ ދުވަހު ތަމަޅަ ޓެރަރިސްޓުން ރަހީނު ކުރި، އޭރު އުމުރުން 17 އަހަރުގެ އިސްމާއީލް ރަޝީދު ސަލާމަތް ކޮށްގެން ނޮވެމްބަރު 8 ވަނަ ދުވަހު މާލެ ގެނައުމުން ރައީސް މައުމޫން އޭނާއާ ސަލާމް ކުރައްވައި ބައްދަވާލައްވަނީ. ފޮޓޯ އެމްއެންޑީއެފް

ހަތިޔާރު އަޅައިގެން ތިބި ބަޔަކު ކުއްލިއަކަށް ތިމާގެ ކުރިމައްޗަށް ޖެހިގަނެ ތިމާ ރަހީނު ކުރުމަކީ ކިހާވަރެއްގެ ބިރުވެރި ކަމެއްކަން، އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ އިހްސާސް ވެސް ނުކުރެވޭނެ އެވެ. ތިމާގެ ކުރިމަތީގައި ބޮޑުބޭބެގެ ގަޔަށް ވަޒަން އަރައި ޒަޚަމްވެގެން، މަރަށް ތެޅިތެޅި އޮންނަ މަންޒަރު ބަލަން، ހިތެއް ހުރި އިންސާނަކަށް ކެތް ކުރެވޭނެ ހެއްޔެވެ؟ އަދި އެ ތަޖުރިބާތަކާ ކުރިމަތިލާން ޖެހުނީ ކުޑަކުއްޖެއް ނަމަ، އެއީ ކިހާ ވޭންދެނިވި މަންޒަރަކަށް ވާނެބާވަ އެވެ؟

މިއީ އެފަދަ ހިތާމަވެރި ހަނދާންތަކެއްގެ ވާހަކަ އެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ތަމަޅަ ހަނގުރާމަވެރިން ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ، އޭރު އުމުރުން އެންމެ 17 އަހަރުގެ ދިވެހި ކުޑަކުއްޖެއްގެ ވާހަކަ އެވެ.

އިސްމާއީލް ރަޝީދު (އިއްސެ، މ. އިރާސްމިކު) އޭރު އުޅުނީ ފިހާޅޮހި ރިސޯޓްގެ ވަޒީފާއެއްގަ އެވެ. އޮކްޓޫބަރު މަސް ނިމުމުން ލިބުނު ކުރު ޗުއްޓީއެއްގައި މާލެ އައީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިހު އެވެ.

"އެރޭ މެންދަމު ތިނެއް ޖަހާކަށްހާއިރު ފިހާޅޮހި ރިސޯޓުން ފުރައިގެން މާލެ އައީ. އެއީ ބޭރު މީހަކު ފުރަން، ފުރަތަމަ ދިޔައީ އެއާޕޯޓަށް. ދިޔައިމަ އެތަނުން ބުނީ މިއަދަކު ފްލައިޓެއް ނުޖައްސާނޭ ދެން މާލެ ދިޔަސް އެންމެ ރަނގަޅޭ. އަޅުގަނޑުމެން އޯފް ޑޭ އަށް މާލެ އައި ދުވަހެއް އެއީ. އެމްއެމްއޭއާ ދިމާލަށް އައިސް ކައިރި ކުރީ،" އިއްސެ އެ ދުވަހުގެ ބިރުވެރި ތަޖުރިބާއާ ކުރިމަތިވި ގޮތް ކިޔައިދޭން ފަށަމުން ބުންޏެވެ.

އޭރު ވެސް، ބޭރުގެ ކުލީ ސިފައިންގެ ބަޔަކު މާލެ އަރައި ސިފައިންގެ މައި މަރުކަޒު ހިސޯރު ކޮށްފައިވާ ކަމެއް އެ ދޯނީގައި ތިބި އެކަކަށް ވެސް ނޭނގެ އެވެ. އެހެންކަމުން ތޮށިގަނޑާ ދޯނި ކައިރި ކޮށްލުމުން، އިއްސެ ވެސް ބޭނުންވީ އަވަހަށް މާލެ ފައިބައި ގެއަށް ދާށެވެ.

"އެތަނަށް ދޯނި ކައިރި ކުރި ވަގުތު، ބިންމަތީ އޮށޯވެގެން ތިބި ބަޔަކު ބަޑި ހިފައިގެން ކުއްލިއަކަށް ތެދުވީ. ތެދުވި ތަން ފެނުނީމާ އަޅުގަނޑުމެންނަށް ވެސް ވީ ގޮތަކީ ދޯނީގެ އިންޖީނު ވެސް ރަނގަޅަށް ނިއްވައިވެސް ނުލައި އޮތީމާ އަވަހަށް ދޯނީގެ އެތެރެއަށް ވަދެވުނީ. ވަން ގޮތަށް ދެން ތިބީ ދޯނި ތެރޭގައި."

ނޮވެމްބަރު ތިނެއްގެ ހަމަލާ އަށް ފަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން، ބަނޑޭރިގޭ ކުރިމަތީގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ

އިއްސެ އާއި އޭނާއާ އެކު ދޯނީގައި މާލެ އައި މީހުން، ސިފައިންގެއާ ދިމާލުން އަތިރިމަތީގައި (މިހާރުގެ ޖުމްހޫރީ މައިދާނު ސަރަހައްދުގައި) ހިނގަމުން ދިޔަ ހަނގުރާމައިގެ މަންޒަރުތައް ބަލަމުން ދިޔައީ، ދޯނީގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތެރެއިންނެވެ.

"ބިއްލޫރިގަނޑުގެ ދޮރުފޮތިގަނޑު ކަހާލައިގެން ބަލައިލާއިރު ފެނޭ، (ކުލީ ސިފައިން) ދޯނިދޯންޏަށް އަރައިގެން މީހުން ބާލައިގެން ޕާކާ (ޖުމްހޫރީ މައިދާނާ) ދިމާލަށް ގެންދާތަން. މީސްމީހުން ގެންދޭ އެތަނަށް. ދެން އެކަމު އަހަރެމެން ދޯންޏަކަށް ނާރާ އެ މީހުންނެއް. ދޯންޏަށް އެރޭ ވަރަށް ވުރެ ތަންކޮޅެއް ދުރުގައި އޮތީ ދޯނި."

އެ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10 ޖެހިތަނާ ޓެރަރިސްޓުން، މާލޭ ފަޅުތެރޭގައި ހުރި ދޯނިތަކަށް އަރައި މީހުން ރަހީނު ކުރަން ފެށި ނަމަވެސް، އިއްސެ ހުރި ދޯނި ތޮށިގަނޑުގައި ނުޖައްސައި އޮތުމުން އެ ދޯންޏަށް އެރޭ ގޮތް ނުވީ އެވެ.

"ދޯނި ތެރޭގައި ތިބެފައި، ދޯނީގެ ބިއްލޫރިގަނޑެއް ނައްޓާލައިގެން ފޭބީ ބޭރަށް. މޫދަށް ފޭބީ. މޫދަށް ފައިބައިގެން ފަތަމުން ގޮސް އެތާ އޮތް އައްޑޫ ބޯޓަކަށް އެރީ. އަރައިގެން ދެން އެތަނުން ބަނޑުހައިވެފައި ތިބީމާ ޖޫސް ތައްޓެއް ދޭށޭ ބުނީމާ، އެ ބޯޓުގެ މީހުން ޖޫސް ދިނީމާ، ދެން މަސްމާރުކޭޓާ ދިމާލުން ދޯނިފަހަރު ފުރާތަން ފެނުނީމާ އަނެއްކާ މޫދަށް ފައިބައިގެން މަސްމާރުކޭޓާ ދިމާލަށް ދިޔައީ،" ފެންކަޅިވެ އިނދެ އިއްސޭ އޭނާގެ އެ ދުވަހުގެ ބިރުވެރި ތަޖުރިބާ ކިޔައިދެމުން ދިޔަ އެވެ.

އޭރު ވެސް މުޅި އެ ސަރަހައްދު އޮތީ ދެފަރާތުން ބަދަލުކުރަ ބަޑީގެ ހަމަލާތަކުގެ އަޑުފައްގަނޑުން ގުގުމައިފަ އެވެ. އެހެންޏާ ހަލަބޮލިކޮށް އޮންނަ އެ ސަރަހައްދުގައި އެ ދުވަހު އެއްވެސް ދިރުމެއް ނެތެވެ.

"ދެން މަސްމާރުކޭޓާ ދިމާލުން ދޯންޏަކަށް އަރައިގެން ފުރައިގެން ދާން ނެރުން ނުކުންނަނިކޮށް އަނެއްކާ ބަޑި ޖަހައި (ބިރުދައްކައިގެން) އެ ދޯނި އަލުން މާލެ އަށް ގެނައީ. ގެނެސްފައި އެންމެން މާލެ އަށް ބާލައިގެން ގެންގޮސް ބޭތިއްބީ މަސް މާރުކޭޓު ތެރޭގައި. ވަކި ކުޑަކުއްޖަކަށް އެ މީހުންނެއް ނުބަލާ."

އިންޑިޔާގެ މަނަވަރުން ދިން ހަމަލާތަކުގެ ސަބަބުން ޕްރޮގްރެސް ލައިޓްގެ މެދުތެރޭގައި ރޯވެ އަނދަނީ. ފޮޓޯ އިންޑިއަން ނޭވީ

އެ ވަގުތުން ފެށިގެން، އިއްސެ އާއި އިތުރު އެތައް ބަޔަކު އެ ދުވަސް އެއްކޮށް ހޭދަކުރަން ޖެހުނީ މަސް މާރުކޭޓު ތެރޭގަ އެވެ. ހަތިޔާރުން ބިރު ދައްކައި ރަހީނު ކޮށްފައި ތިބި އިރު، އެމީހުންނަށް ކާންބޯން ލިބޭނެ ގޮތެއް ނެތެވެ. މެދުނުކެނޑި އިވެމުންދާ ބަޑީގެ އަޑުފައްގަނޑާ ހުރެ، ބިރުވެރިކަން ދަނީ އިތުރުވަމުންނެވެ.

"ފުރައިގެން ދަނިކޮށް ގެނެސް މަސް މާރުކޭޓު ތެރޭގައި ބައިތިއްބާފައި، ފަހުން އިރު އޮއްސޭކަށްހާ އިރު އައިސް ބުނެފި މާލެ އަށް ވަރަށް ނުރައްކާ ވާނެޔޭ. އެހެންވީމާ ސަލާމަތް ވާން ބޭނުމިއްޔާ ބޯޓަށް ދާން ހިނގާށޭ. ދެން އޭރުގައި ގެންދިޔައީ ބޯޓަށް. ޕްރޮގްރެސް ލައިޓަށް،"

ރަހީނު ކޮށްގެން އެ ބޯޓަށް ގެންދިއުމުން ލިބުނު ހިތާމަ އަދި ވަކިން ބޮޑުވި އެވެ. ބޯޓުން ބައްދަލުވީ، އޭގެ ތަންކޮޅެއް ކުރިން ރަހީނެއްގެ ގޮތުގައި އެ ބޯޓަށް ގެނެސްފައި ހުރި، އިއްސެގެ ބޮޑުބޭބެ (އިސްލާމީ މަރުކަޒުގެ އޭރުގެ އިމާމް، މ. ޑްރީމީ ލައިޓް އަބްދުއްރަހްމާން އާދަމެ) އާ އެވެ.

"އަޅުގަނޑުމެން ބޯޓަށް ގެންދިޔަ އިރު، ބޮޑުބޭބެ އޭރު ހުރީ ބޯޓަށް ގެންގޮސްފައި. އެއީ އިސްލާމީ މަރުކަޒަށް ފަތިސް ނަމާދަށް ގޮސް އުޅެނިކޮށް އެ މިސްކިތުން އަތުލައިގަނެގެން ގެންދިޔަ މީހުންގެ ތެރޭގައި ބޮޑުބޭބެ ހުރީ ގެންގޮސްފައި. އަޅުގަނޑު ބޯޓަށް އެރުވި އިރު ބޮޑުބޭބެ ހުރީ، ބޭސް ކާންވެގެން މާލެ ގެންދަން ވެގެން...،" ލޮލުން އޮހޮރިގަތް ކަރުނައިގެ ސަބަބުން އިއްސެ އަށް އެ ހިތްދަތި ވަގުތުކޮޅު ކިޔައެއް ނުދެވުނެވެ.

ބޯޓަށް ގެންދިޔަ ފަހުން އިއްސެ ހުރީ ބޮޑުބޭބެ ކައިރީގަ އެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ އިރާކޮޅު މާލޭ ބަނދަރުން ނުކުމެގެން ބޯޓު ދިޔައިރު ވެސް، އެ މީހުން އެ ގެންދަނީ ކޮން ތަނަކަށް ކަމެއް، ބޯޓުގައި ތިބި ރަހީނުންނަކަށް ނޭނގެ އެވެ.

ޖެހިގެން އައި ދުވަހު ބޯޓަށް އެއްވެސް ކަމެއް ދިމަލެއް ނުވެ އެެވެ. އެހެންވެ ޓެރަރިސްޓުންތައް ވެސް އެމީހަކު ޖެހުނު ތަނެއްގައި ތިބެ ނިދީ އެވެ. ބޯޓުގައި ތިބި 28 ރަހީނުން (ބޯޓުގެ 14 ފަޅުވެރިންނާއި މާލޭގެ އެކި ތަންތަނުން އަތުލައިގަނެގެން ބޯޓަށް ގެންދިޔަ 14 މީހުން) ގޮތް ހުސްވެ އެކަކު އަނެކަކާ ވާހަކަ ދައްކަން ތިބީ އެވެ.

އޭރު ދިވެހި ސަރުކާރުގެ އެދުމަށް އިންޑިއާގެ ކަނޑުގެ ސިފައިން އެ ބޯޓު އަތުލައިގަތުމަށް މިސްރާބު ޖަހައިފި އެވެ. އިންޑިޔާގެ މަނަވަރުތަކަށް ޕްރޮގްރެސް ލައިޓް ފެނުނީ ހަތަރު ވަނަ ދުވަހުގެ ރޭ މެންދަމު 2:45 ހާއިރެވެ. އަދި އެ ބޯޓު އަތުލައިގަތުމުގެ އޮޕަރޭޝަންގައި ބައިވެރިވާ ދިވެހި ސިފައިންގެ ހަތަރު ބޭފުޅުންގެ ޓީމު، ނޮވެމްބަރު 5 ވަނަ ދުވަހު ހެނދުނު، އިންޑިޔާގެ މަނަވަރު ގޯދާވަރީ އަށް ގޮސް، ބޯޓު އަތުލައިގަތުމުގެ އޮޕަރޭޝަންގައި ބައިވެރިވި އެވެ.

އިންޑިޔާގެ މަނަވަރުތަކެއް ޕްރޮގްރެސް ލައިޓާ ކައިރިވަމުން އަންނަ ކަން އެ ބޯޓުގައި ތިބި ޓެރަރިސްޓުންނަށް އެނގުނީ ފަސް ވަނަ ދުވަހުގެ އިރު އެރިތަނާ އެވެ. އެހެންކަމުން ޓެރަރިސްޓުންތައް ބޯޓުގެ ރާޑަރަށް އިރުއިރުކޮޅަށް ބަލަމުން ބޯޓުގައި ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާން ފެށި އެވެ.

ބޯޓުގައި ތިބި ތަމަޅައިން، ލަންކާގައި ހުރި އެމީހުންގެ މައި މަރުކަޒަށް ގުޅައި، އިންޑިޔާ ސިފައިން ބޯޓާ ކައިރިވާ ނަމަ ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ހޯދަމުން ދިޔަ އެވެ. ތަމަޅައިންގެ މައި މަރުކަޒުން އެންގީ މަނަވަރުތައް ބޯޓާ ކައިރި ކުރާ ނަމަ، ފަހަރަކު ރަހީނެއްގެ ގަޔަށް ބަޑި ޖަހައި ކަނޑަށް އެއްލައިލުމަށާއި ބޯޓު މަޑު ނުކޮށް ލަންކާ އަށް ދަތުރު ކުރުމަށެވެ.

އިންޑިޔާގެ މަނަވަރުން ދިން އިންޒާރުތަކަށް ބެލުމެއް ނެތި ރަހީނުން ގޮވައިގެން ތަމަޅަ ޓެރަރިސްޓުން ބޯޓު މަޑު ނުކޮށް ދާތީ އިންޑިޔާ މަނަވަރުން ބޯޓަށް ހަމަލާ ދޭން ފެށި އެވެ. މަނަވަރުން ހަމަލާ ދޭން ފެށުމާ އެކު، ރަހީނުންގެ ތެރޭގައި ހިމެނޭ ސ. ހިތަދޫ އޯކިޑްމާގޭ އަހްމަދު ލަބީބުގެ ގަޔަށް ވަޅި ހަރައި ޝަހީދު ކޮށްލުމަށް ފަހު ކަނޑަށް އެއްލައިލި އެވެ. ގިނަ މީހުންނަށް މި މަންޒަރު ނުފެނުނަސް މީހަކު ރޮއެގަތް އަޑު އިވިގެން އެންމެން ކަންބޮޑުވި އެވެ.

ނޮވެމްބަރު 5 ވަނަ ދުވަހު ހަވީރު ގޯދާވަރީ ވަރަށް ބޮޑަށް ބޯޓާ ކައިރި ކުރި އެވެ. އެވަގުތު ފަސް މީހަކު ބޯޓުގެ ވީލްހައުސް (މަންކީ ބްރިޖް) މައްޗަށް ނެރެނެވެ. އޭގެ ތެރެއިން އެކަކުގެ ގައިގައި ލައިފް ޖެކެޓެއް އަޅުވައި ކަނުބަނދެގެން މަންކީ ބްރިޖްގެ ޗެންޗޭނު ކައިރި އަށް ނެރުނެވެ. އޭރު ވެސް އެ އުޅެނީ ކީއްކުރަން ކަމެއް އިއްސެއަކަށް ނޭނގެ އެވެ.

"ދެން މަނަވަރު ބޯޓާ ކައިރި ވާތީ، އޭރު ބޯޓުގައި ހުރި ލައިފް ޖެކެޓް އަޅުވާފައި ހުރި މީހެއް، ފަހާ އިލްޔާސްގެ ބޭބެ ސައްތާރު (ހ. މެރިހާނާ އަބްދުއްސައްތާރު އާދަމް) ހެން އަޅުގަނޑަށް ހީވަނީ. ދެން އޭނަ ގަޔަށް ބަޑި ޖަހާ މަރާފަ ވައްޓައިލީ މޫދަށް. މަނަވަރު ބޯޓާ ކައިރި ވާން ފެށީމާ، (ހުރިހާ ރަހީނުން) ނަގަނީ ބޯޓުގެ ބްރިޖް މައްޗަށް. ނަގާފައި މަނަވަރު ދުރަށް ދިޔައިމަ އަނެއްކާ ތިރިއަށް ބާލަނީ،" އިއްސެގެ ކުރިމަތީގައި ފުރަތަމަ މީހާ މަރައިލި ގޮތް އޭނާ ކިޔައިދިނެވެ.

ގޯދާވަރީގެ ހެލިކޮޕްޓަރުން ބޯޓު ކައިރިން ކަނޑަށް އެޅި އެއްޗެހިތައް ގޮވަނީ. ފޮޓޯ އިންޑިއާ ސިފައިން

އަބްދުއްސައްތާރުގެ ފުއްކިބަޔަށް ތަމަޅަ ޓެރަރިސްޓަކު ބަޑިޖެހުމާ އެކު އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެ ލޭގެ ކޯރެއް ހައްދަމުން ހުރި ތަނަށް އޭނާގެ ހަށިގަނޑު ވެއްޓުނީ ރަހީނުންގެ ތެރެއިން ގިނަ ބަޔަކު ބަލަން ތިއްބަ އެވެ. އޭނާގެ ހަށިގަނޑުން ލޭތައް އޮހޮރިއޮހޮރި އޮއްވައި، ދެ ޓެރަރިސްޓަކު ވެގެން އޭނާގެ ހަށިގަނޑު ކަނޑަށް އެއްލައިލި މަންޒަރު ގިނަ ބަޔަކަށް ފެނުނެވެ.

އެ ދުވަހުގެ އިރު އޮއްސުމުން ހުރިހާ ރަހީނުން މަންކީ ބްރިޖަށް އަރުވައި މާ ދުރުނޫން ހިސާބެއްގައި އޮތް މަނަވަރަށް ފެންނާނޭހެން އެމީހުންގެ ގަޔަށް ގަދަ އައްޔެއް އަޅުވާފައި ބޭތިއްބީ އެވެ. ހުރިހާ ރަހީނުން ސަފަކަށްވާ ގޮތަށް މަންކީ ބްރިޖް މަތީގައި ބައިތިއްބާފައި ތިބީ ޓެރަރިސްޓުންގެ ނިވައިފައްގަނޑެއް ގޮތަށެވެ.

"އަހަރެމެންގެ އަތް މައްޗަށް ނަގުވާފައި ކުރީގައި ތިބެނީ. އެ މީހުން ބަޑި ހިފައިގެން ތިބެނީ އަހަރެމެންގެ ފަހަތުގައި. އެމީހުން އަޅުގަނޑުމެން ބޭނުންކުރީ އެމީހުންގެ އައްޑަނައެއްގެ ގޮތަށް. (އަޅުގަނޑަކީ އޭރު ކުޑަކުއްޖަކަށް ވިޔަސް) ކުޑަކުއްޖަކަށް އެ މީހުން ނުބަލާ. ދެން ހަމަ އެހެން ބޮޑެތި މީހުންނަށް ވެސް ކަންތައް ކުރާ ގޮތަށް އަޅުގަނޑަށް ކަންތައް ކުރީ ހަމަ. ނުބަލަ ކުޑަކުއްޖަކަށް."

ރަހީނުންގެ އެންމެ ހިތްދަތި ނާމާން ވަގުތުތައް ފެށުނީ ނޮވެމްބަރު ހަ ވަނަ ދުވަހަށް އިރު އެރި ފަހުންނެވެ. ބޯޓުގައި ތިބި ޓެރަރިސްޓުން އަމާން ދިނުމަށް މަނަވަރުން ދިން މުހުލަތު ހަމަވީ ހަ ވަނަ ދުވަހުގެ ހެނދުނު 6:00ގަ އެވެ. އޭގެ ފަހުން ވެސް އިތުރު 15 ވަނަކަށް މިނެޓް ދިނުމަށް ފަހު، ޓެރަރިސްޓުން އަމާން ނުދިނުމުން މަނަވަރުން ހަމަލާ ދޭން ފެށި އެވެ.

އޭރު، ރަހީނު ކޮށްގެން ގެންދިޔަ ޓްރާންސްޕޯޓް މިނިސްޓަރު އަހްމަދު މުޖްތަބާގެ ދެ ކަނބަލުން ފިޔަވައި ހުރިހާ ރަހީނުން ތިބީ ބޯޓުގެ މަންކީ ބްރިޖް މައްޗަށް ނެރެ ސަފަކަށް އަތުރައިފަ އެވެ. މުޖްތަބާގެ ދެކަނބަލުން ތިބީ ވީލް ހައުސް ތެރޭގައި ބައިތިއްބާފަ އެވެ. އެ ދެ ތަނުގައި ވެސް ހަތިޔާރު އެޅި ޓެރަރިސްޓުން ތިއްބެވެ.

ތަމަޅަ ޓެރަރިސްޓުން ރަހީނުކޮށްގެން ޕްރޮގްރެސް ލައިޓަށް ގެންދިޔަ ބައެއް މީހުން ސަލާމަތް ކޮށްގެން އިންޑިއާގެ މަނަވަރު ގޯދާވަރީ އަށް ގެންދަނީ. ފޮޓޯ އިންޑިއަން ނޭވީ

އެ ދުވަހުގެ ހެނދުނު 8:30 ހާއިރު މަނަވަރުން ބޯޓަށް ވަރުގަދަ އަށް ހަމަލާ ދޭން ފެށި އެވެ. އެންމެ ފުރަތަމަ މަނަވަރުގެ ހެލިކޮޕްޓަރަކުން ބޯޓަ ކައިރިން ކަނޑު ތެރެއަށް އަޅައިލި އެއްޗެހިތަކެއް ގޮވައި މުޅި ސަރަހައްދުގައި އުފެއްދި ރާޅުބާނިތަކުން ބޯޓު ދެ ފަރާތަށް ހެލެން ފެށި އެވެ. އިރުކޮޅަކުން ވަރުގަދަ ހަމަލާތަކެއް ބޯޓުގެ އެކި ތަންތަނަށް އަމާޒު ވާން ފަށައިފި އެވެ.

"އަޅުގަނޑުމެން އެންމެން ތިބީ އޭރު ބްރިޖް މައްޗަށް ނެރެފައި. ބޮޑުބޭބެ އިނީ ބްރިޖްގެ ޗެންޗޭނުގައި ލެނގިލައިގެން އިށީނދެގެން. އަޅުގަނޑު އޮތީ ދެފައި ދަމާލައިގެން ބޮޑުބޭބެގެ އުނގުގައި ބޯއަޅާލައިގެން އޮށޯވެގެން. އޭރު ހަމަ ގަދައަށް ބޯޓަށް ހަމަލާތައް ދެމުންދޭ. އެހެން އޮއްވައި ވަރަށް ބާރު އަޑުފައްގަނޑެއް އިވުނީ ކުއްލިއަކަށް."

އެ އަޑުފައްގަނޑާ އެކު ބުރައިގެން ދިޔަ އެއްޗެހިތަކެއް އިއްސެގެ ބޮލާއި މޫނަށާ އެކި ތަންތަނަށް އެޅުނެވެ. ނަމަވެސް އެއީ ކޮން އެއްޗެހިތަކެއް ކަން އެނގުނީ ބޮޑުބޭބެ އަށް ބަލައިލުމުންނެވެ.

"ދެން އަޅުގަނޑު ބަލައިލި އިރު، ބޮޑުބޭބެގެ އެއްވެސް ހަރަކާތެއް ނެތް. މަނަވަރުން ޖެހި އުންޑައެއް ބޮޑުބޭބެގެ ބުރަކަށިން ވަދެގެން މެއިން ނުކުމެގެން ގޮސްފައި ހުރީ. ބޮޑުބޭބެގެ މޭ އެއްކޮށް ފޫއަޅާފައި ހުރީ. ބޮޑުބޭބެގެ ހަށިގަނޑަށް ވަޒަން އަރައި ގޮވައިގެން ދިޔަ ވަގުތު ބުރައިގެން ދިޔަ މަސްތަކާ ލޭތައް އަޅުގަނޑުގެ ގަޔަށް އެ އެޅުނީ،" ކަރުނައިގެ ތެރޭގައި އިނދެ ބެދިފައިވާ އަޑަކުން، އެ ހިތްދަތި ވަގުތުކޮޅު އިއްސެ ކިޔައިދިނެވެ.

"ގޯދާވަރީ އަށް އަޅުގަނޑު ނެގި އިރު ވެސް ބޮޑުބޭބެގެ ޗިސްމޭގެ އެތިކޮޅުތަކާ މަސްކޮޅުކޮޅާ އެއްޗެހި އަޅުގަނޑުގެ ބޮލުގަޔާ ގައިގެ އެކި ތަންތާނގައި ހުރި ތަތްލަވާފައި. މުޅި ގައިގައި އޮތީ ހުސް ލޭ. ދެން ބޮޑުބޭބެގެ މޫނަށް ބަލައިލީމާ މަރުވެފަ އިންކަން އެނގުމުން އަޅުގަނޑު ވެސް ބްރިޖް މަތިން ވީލްހައުސް ކައިރި އަށް ފުންމައިލީ. އޭރު ހުރީ އަމިއްލަ ބާރެއް ނޫން ވިއްޔަ. އޭރު އެތާ ތެރޭގައި މުޖްތަބާ ވެސް ޒަޚްމަވެފައި އޮތް."

މަނަވަރުގައި ތިބި ޓެރަރިސްޓުން ހަތިޔާރު ބަހައްޓައި އަމާން ދިނުމުން އެ އެންމެން ބޯޓުގެ ދިރުނބާ ކޮޅަށް ނުކުތުމަށް މަނަވަރުން އެންގުމުން އެމީހުން ނުކުތީ އެތަނަށެވެ. އޭގެ ތެރޭގައި މި އުދުވާނީ ހަމަލާ ރާވައި ތަމަޅައިން ރާއްޖެ ގެނައުމުގެ މޭސްތިރިންގެ ގޮތުގައި ތިބި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ އަހްމަދު ނާސިރު (ސަގަރު ނާސިރު) ވެސް ހިމެނެ އެވެ.

ބޯޓުގެ ފަޅުވެރިންނާއި ރަހީނުން ކަނޑަށް ފޭބުމުން މަނަވަރުން އައި ދެ ޑިންގީއަކަށް އެމީހުން ނަގައިގެން މަނަވަރަށް ގެންދިޔައީ އެވެ.

"ދެން ގޯދާވަރީން ބުނީ ސަލާމަތުން ތިބި މީހުން ކަނޑަށް ފައިބާށޭ. ދެން އަޅުގަނޑުމެން މޫދަށް ފޭބީމާ އެ މީހުން ކުޑަ ލޯންޗެއްގައި އައިސް އަޅުގަނޑުމެން ނަގައިގެން ގޯދާވަރީ އަށް ގެންދިޔައީ. ދެން ގޯދާވަރީން ވަރަށް ރަނގަޅަށް ކަންތައް ކުރީ. ޒަޚަމްވެފައި ހުރި ތަންތަނުގައި ބޭސްއަޅައިދިން." އިއްސޭ، އެމީހުން ސަލާމަތްވި ގޮތް ކިޔައިދިނެވެ.

"ބޯޓަށް ވަޒަން ޖެހީމާ އެ އެއްޗެހި ގޮވައިގެން ބުރައިގެންދާ އެތިކޮޅުތައް ހަށިގަނޑުގެ އެކި ތަންތަނަށް އެތިކޮޅުތައް ހަމަ ވަދެފަ ހުރީ. ބޮލަށާ ފަޔަށާ ވަރަށް ބައިވަރު ބުރަކަށީގައި ވެސް ހުންނާނެ ހަމަ އެތިކޮޅުކޮޅު ވަދެފައި. ދެން ވަރަށް ފަހުން ވެސް އެތިކޮޅުކޮޅު ނުކުމެ ތަންތަންކޮޅުން. ބޮލަށް ހުރި ވަރަށް ބޮޑަށް އެތިކޮޅުކޮޅު ވަދެފަ ފަޅައިގެން ގޮސްފައި. ބުރަކައްޓަށާއި ފައި ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރީ. ދެން ގޯދާވަރީން ބޭސް އަޅާފައި އެހުރީ."

މަނަވަރުގައި ފަރުވާ ދިނުމަށް ފަހު، ބޮޑަށް ޒަޚަމްވެފައި ތިބި މީހުން އިންޑިޔާ އަށް ގެންދިޔައީ އެވެ. ދެން ތިބި މީހުންނާ އެކު އިއްސެ މާލެ ގެނައީ ނޮވެމްބަރު އަށް ވަނަ ދުވަހު ހަވީރު އެވެ. މާލޭން އެ މީހުންނާ އިސްތިގުބާލު ކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ބައެއް ވަޒީރުންނެވެ.

"މިއީ ދެން، މި ވަރުގެ ބިރުވެރިކަމެއް ދުވަހަކު ވެސް ނުދެކެން. ވަރަށް ބިރުވެރި ދުވަހެއް އެއީ،" އެ ދުވަހު ބިރުވެރި ތަޖުރިބާ ފުރަތަމަ ފަހަރަށް މީޑިއާއަކާ ހިއްސާ ކުރަމުން ދިން އިންޓަވިއު ނިންމާލަމުން އިއްސެ ބުންޏެވެ.

18 ކޮމެންޓް, 286 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 94%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިތާމަ

06 November 2018

ޙިތާމައަކީ މިޙާރު އެކަކުވެސް އެ ކަން ހަދާން ނެތުން..އެކަން ކުރި މީހުންނަކީ ބަތަލުންކަމަށް ދެކި އެމީހުންގެ ފަހަތުގައި ތިބުން..އަނިޔާ ލިބި ސަހީދުވި އާއިލާތަކުން ވެސް ...އެތައް ބަޔަކު ޝަހީދުވި އިރު ބޮޑުން މިނިވަން ވެފައި...

The name is already taken The name is available. Register?

ކަމަނަ_

04 November 2017

ސަގަރު ނާސިރު އެހެރީ މިނިވަނެއްގެ ގޮތުގައި. އެއީވެސް އެހެން މީހަކު ކުރިކަމެއް؟ ހަގީގަތުގައި ކޮންމެ މީހަކަށްވެސް އަދަބު ލިބި ނިމުނީމާ ދެން ހުންނާނީ މިނިވަނަކަށް. ބާކީ ލިބެން ހުރި ކަމެއް ﷲ ގެ ހަޒުރަތުން ލިބޭނެ.

The name is already taken The name is available. Register?

އަޙްމަދު2

04 November 2017

ﷲގެ ހަޟުރަތުން ލިބެން ހުރި އެއްޗެއް އޭނާއަށް އަދިވެސް ލިބޭނެ. އެކަމަކު އޭނާއަކީ މިނިވަންވާން ޖެހޭމީހެއްނޫން. އެއީ މަރުގެ ޙުކުމް އައިސް އޭނާގެ މައްޗަށް އެ ޙުކުން ތަންފީޒުވާން ޖެހޭ މީހެއް. އެވަރު ނުވަންޏާ އެންމެ ކުޑަ މިންރެއްގެ ގޮތުގައި މުޅި އުމުރު މަރުވަންދެން ޖަލުގައި ހޭދަކުރަން ޖެހޭ މީހެއް. ލުޠުފީވެސް.

The name is already taken The name is available. Register?

އައި

04 November 2017

އޭރުގަ ތިބި ކަހަލަގެ ތެދުވެރި ސިފައިންގެ ތޯ ޔުނިފޯމްގަ މިހާރު ތިބީ؟ 3/11/1988 ގެ ފަހުން އެއްގޮތަކުން މާ ބޮޑު ނުރައްކަލަކަށް ޤައުމު ފްރޮޅި ދާ ވަރު ކަމެއް 7ފެބްރުއަރީ2012 ވީ. އެދުވަސް އެއީ ދާހިލީ އަގުރާމަ އަކަށް އެބުރިދާނެ ފަދަ ނުރައްކާ ކަމެއް. ސިޔާސީ ޓޫލަކަށް މިސަރުކާރުން 3ނޮވެމްބަރ ހަދާހެން އެބަ ހީވޭ. މި އަންނަ އަހަރު އަދި މާ ބޮޑަށް މި ވާހަކަ ދައްކާނެ.

The name is already taken The name is available. Register?

ތިނެއް

04 November 2017

ނޮވެމްބަރު ތިނެއްގަ މި ރައީސް އްތީ ކޮންތާކުބާ

The name is already taken The name is available. Register?

އައިޖޭ

04 November 2017

އަލްހަމދުލިއްލާހި. އެ އުދްވާނުން ރާއްޖެ ސަލާމަތްވެ އަދި މި ގިނަ ރަހީނުންގެ ތެރެއިްނ ގިނަ މީހުން ސަލާމަތް ވި ކަމސްޓަކާ ﷲ އަށް ހަމްދު ކުރަމު. މިފަދަ ކަޅު ދުވަސް ތައް މެދުވެރި ވިޔަ ނުދެއްވާށި...

The name is already taken The name is available. Register?

އެކްސެސް

04 November 2017

ޑިޔުޓީގަ ފާރައަށް ތިބޭ މީހުން ސިފައިންގެ ގޯތި ތެރެއަށް ނުވަދެވޭ ގޮތަށް ފަރުމާކޮއްފަ ތިބި މީހުން އެކަމުގެ ޒިންމާ އުފުލަންޖެހޭ، އެއްވެސް ޕްލޭނެއް ނެތް ކަން އެނގޭ، އަދި އެމީހުންނަށް އަދަބުވެސް ލިބެން ޖެހޭ

The name is already taken The name is available. Register?

ތިނެއް

03 November 2017

ނަސްރުގެ ދުވަހާ ގުޅިގެން ހެޔޮހެދޭ ކަމަށްް ބުނާ 3 އަހަރުގެ ރައީސްމީހާ މިއަދު ޓްވީޓެއްވެސް ނުކުރާ ކަން ފާހަގަ ކޮއްލަން.

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

03 November 2017

ޕްރޮގްރެސް ލައިޓްގައި 27 ދިވެހި ރައްޔިތުން ރަހީނުކޮށްފައި ތިއްބާ އެބޯޓަށް ހަމަލާދޭން އޯޑަރު ދިނީ ކާކުހެއްޔެވެ؟ ބައިނަލްއަގުވާމީ ކަނޑުގައި ރަހީނުންނާއެކު އޮތް ބޯޓަކަށް ހަމަލާދޭން ޖެހުނީ، އެ ބޯޓުގައި ތިބި ދިވެހިންގެ ފުރާނައިގެ އެއްވެސް އަގެއްނެތީމަހެއްޔެވެ؟ އެހަމަލާގައި 7 ދިވެހިން ޝަހީދުވެ އެތައްބަޔަކަށް ބޮޑެތި އަނިޔާތައްވަނީ ލިބިފައެވެ. އެ ބޯޓުގައި ޝަހީދުވި ދިވެހިންގެ ވާހަކަ ދައްކާތަނެއް ނުފެނެއެވެ.

The name is already taken The name is available. Register?

ދަހަނާ

05 November 2017

އެބޯޓަށް ހަމަލާދޭން ޖެހުނީ އެތައް އިންޒާރަކަށް ފަހުގައިވެސް އެބޯޓް މަޑުނުކޮށް ލަންކާގެ ކަންޑުގެ ސަރަހައްދަށް ވަނުމަށް މަސައްކަތްކުރީމަ. ލަންކާ ކަނޑުގެ ސަރަހައްދަށް ބޯޓް ވަތްނަމަ އިންޑިއާ ސިފައިންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. އެހެންވެ ބައިނަލް އަގްވާމީ ކަނޑުގައި ބޯޓް އިއްވައި އެބޯޓަށް ހަމަލާދޭންޖެހުނީ.

The name is already taken The name is available. Register?

ހަކުުރުުބެ

03 November 2017

އޭރު އެއީ ކުޑަ ކުއްޖެއް ނޫން 17 އަހަރު ވީމަ

The name is already taken The name is available. Register?

ހަސަންވ

03 November 2017

ވަރަށް ހިތްދަތި ވާހަކައެއް އިއްސެގެ ބޮޑުބޭބެ އާއި ދިމާވި ވަގުތާއި ބޭބެ ނިޔާވި ވަގުތުކޮޅުގެ ވާހަކަ ކިޔާފައި ލޮލުން ކަރުނަ ހިލުނު. އިއްސެގެ ބޮޑުބޭބެ އަކީ ޝަހީދެއް ކަމުގައި ލައްވާ އެ ބޭބެގެ ފުރާނަފުޅަށް ހެޔޮރަހުމަތް ލައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454