ރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ހައުސިންގެ މަޝްރޫއުތައް އިދިކޮޅު ފަރާތްތަކާ ހެދި ހުއްޓިފައިވާކަން ފާހަގަ ކުރެއްވި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
19 ނޮވެމްބަރ 2017 - 12:05
ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ފެށުމަށް ނިންމި ބޯހިޔާވަހި ކަމުގެ ބިޔަ މަޝްރޫއުތައް، އެންމެ ފަހު ވަގުތު ހުއްޓިފައިވަނީ އިދިކޮޅު ފަރާތްތަކާ ހެދި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި 25 ބުރީގެ 62 ޓަވަރު އެޅުމުގެ ބިޔަ މަޝްރޫއު ފެށުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ދައްކަވާ ވިޔާނުދާ ވާހަކަތަކުގެ ސަބަބުން، ބޭރު ކުންފުނިތަކުން ރާއްޖޭގައި ހިންގަން ހަމަޖެއްސި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ވެސް، ސޮއި ކުރުމަށް ފަހު ހުއްޓާލައި، ރާއްޖެ ނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ފ. އަތޮޅުގައި ސައުދީ އަރަބިއްޔާ އިން ހިންގަން އިއުލާނު ކުރި ބިޔަ މަޝްރޫއާއި ހައުސިންގެ ބޮޑެތި މަޝްރޫއުތައް ވެސް ބީވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކަންކަން ބަދުނާމް ކުރަންވީމާ ޑިމޮކްރަސީގެ ލީޑަރެއް ހޯދާ ކޮންސެޕްޓް އެ މަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ގަބޫލު ކުރައްވަނީ ކަންކަމާ ކުރިމަތިލައިގެން، ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލު ކޮށްދޭން ކަމަށާއި އެގޮތް ބޭނުން ނަމަ ޑިމޮކްރަސީގައި ރައީސް ޔާމީންގެ ނަންފުޅުގައި ފާހަގަ ޖެހުމަށް އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި ފަދަ ބޮޑެތި މަޝްރޫއުތައް ފެށުމުން އޭގެ އިތުރުން ވަރަށް ގިނަ ކަންތައްތައް ދިވެހި ރައްޔިތުން ބޭނުންވާނެކަން ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި ކަންތައްތައްތަކާ މެދު އުއްމީދު ކުރަންވާނެ ކަމަށާއި މާޔޫސްކަމުގެ ކަނޑުގައި ޣަރަގުވާންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ. އެކަމަކު ގައުމަށް ޝަރަފާއި އުއްމީދު ގެނައުމުގެ ސިފަ ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ހޭދަވީ ސިޔާސީ ވާދަވެރިކަމުގައި އެވެ.
ރޭގެ ރަސްމިއްޔާތުގައި ގިނަ ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
"އެކަމަކު އެ ވާދަވެރިކަމަކީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރިމަތިވި ކަންތައްތަކެއް ނޫން. އަޅުގަނޑު އަބަދުވެސް ދައްކަމުން މި އަންނަ ވާހަކައަކީ ފެއްސާއި ރަތާއި ހުދުގެ އެއްވެސް މައްސަލައެއް އިދިކޮޅު ފަރާތްތަކަކުން ނާދެއޭ،" ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އިދިކޮޅު ފަރާތްތަކުގެ ސަބަބުން ހުއްޓިފައިވާކަން ފާހަގަ ކުރައްވައި ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީ ނިޒާމު އެންމެ މުހިއްމު ވަނީ އެ ނިޒާމެއްގައި، މައްޗަށް އެއްލާ ގާކޮޅު ވެއްޓޭނެކަން ޔަގީންވާ ގޮތަށް، ވޯޓުލާ ގޮތުން ނުކުންނަ ނަތީޖާ އެ މީހަކާ ބައްދަލު ކުރާނެތީ ކަމަށެވެ. އަދި ރައްޔިތުން އެ ވަގުތަކު ތަހައްމަލު ކުރަަމުންދާނީ، ވޯޓުލައިގެން ހޮވާ މީހާގެ ފިކުރާއި ވިސްނުމާއި މަޝްރޫއުތަކުގެ ބޭނުން ތަރުތީބު ކުރަމުންދާ ގޮތުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ގެދޮރުވެރިކަން ހާސިލް ކޮށްދޭނެތޯ، ކުދިންނަށް ކިހާ ވަރަކަށް ތައުލީމް އުނގަންނައިދެވޭނެތޯ ނުވަތަ ދަރާނީތޯ ނޫނީ ބިން ހިއްކާނެތޯ ޔަގީން ކުރެވޭނީ ވޯޓު ކަރުދާހުގެ ނަތީޖާ އިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މީހެއްގެ ބޮލުގައި ބަދުނާމެއް އަޅުވަން ބޭނުން ނަމަ ވެސް ޑިމޮކްރަސީ އަށް ވުރެ ފުރިހަމަ ނިޒާމެއް ނެެތެވެ. ނުކުރެވި ހުރި ކަންކަމުގެ ބަދުނާމު، މީހެއްގެ ބޮލުގައި އަޅުވާ ނަމަ، ޑިމޮކްރަސީ ނިޒާމެއްގެ ދަށުން ވެރިމީހާގެ ބޮލުގައި އެކަން އެޅުވޭނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިކަމުގައި އަޅުގަނޑު ވިސްނާ ގޮތުން، އަޅުގަނޑު ރައްޔިތުން ގާތަށް މި އައީ ބަދުނާމު އުފުލާކަށް ނޫން. އަޅުގަނޑު އައީ ރާއްޖޭގައި ބިޔަ ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގިގެން. އަދި އެ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ ހައްގެއް އޮތް ކަމާއި ރައްޔިތުން އެކަމަށް އެދޭނެ ކަމާއި އުއްމީދުތަކެއް ވާކަން ވިސްނާތީ،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ބައެއް ލީޑަރުން ރާއްޖޭން ބޭރުގައި އުޅުއްވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު އަބަދުވެރިކަމުގައި ނުހުންނާނެ ކަމަށާއި އެކަމަކު ވިސްނުމާއި ފިކުރަށް އަންނަ ބަދަލެއްގެ ސަބަބުން ދުވަހަކު ވެސް ރާއްޖޭން ބޭރުގައި އަރުވާލެއްވިގެން ނުހުންނަވާނެ ކަމަށެވެ. އަދި ހިދުމަތް ކުރައްވަން ޖެހޭނީ ގައުމުގައި ހުރެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޭއްވި އެ ޖަލްސާގައި، މިހާތަނަށް ސަރުކާރުގެ ޖަލްސާއެއްގައި ބައިވެރިނުވާހާ ގިނަ އަދަދަކަށް މީހުން ބައިވެރިވި އެވެ. އަދި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންދޫ
20 November 2017
މަޝްރޫޢުތައް ހުއްޓުނީ އިނދިކޮޅު ފަރާތްކަުގެ ސަބަބުކުންނެއް ނޫން . މަޝްރޫޢުތައް ހުއްޓުނީ ޤައުމުގައި އިންވެސްޓް ކުރި އިންވެސްޓަރުންނާއި މެދު ބޭއިންސާފުން އަމަލުކުރަމުންދާތަން މުޅިދުނިޔެއަށް ފެންނަންފެށުމުން . ޤަބޫލުކުރިޔަސް ނުކުރިޔަސް މަޝްރޫޢުތައް ހުއްޓުނިއްޔާ ހުއްޓުނީ އެހެންވެ.
ފފ
20 November 2017
ހައްޕުކިޔާގެން ތިބީމަ ފުރަތަމަ 2 އެއަހަރު 3 ބިލިޔަން ކާލި. އަދިވެސް އެގޮތަށް ތިބެންވީތޯ.
ބައްތި
20 November 2017
އިދިކޮޅު ފަރާއްތަކާއި ހެދީ ހުރިހާ މަޝްރޫއެއް ހުއްޓުނެއް ކަމަކު ތިބޭފުޅާ ކުރަން ބޭނުންވާ ހުރިހާ ކަމެއް އެބަކުރައްވާ. އެންމެ ފައިސާ ފޮއްޗޭއްވެސް ބާކީއެއްނުވޭ . ދަރަނިވަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑު. އިދިކޮޅު ފަރާއްތަކުން އެންމެ ބޮޑަށް ހުއްޓުވަން އުޅޭ މަޝްރޫއަކީ ކޮރަޕްޝަން . އެކަން އެބަ ހުއްޓޭތޯ ، ނުހެއްޓެއެއްނޫތޯ ؟ ދައުރު ނިމެން ކާރިވީމަ މަޝްރޫއޭ ކިޔާއިގެން މިހާރު ތި ކުރައްވަން އުޅުއްވާކަމަކީ އިންތިހާބުގެ ކެންޕެއިން ދަތުރުތައް ތަންތާގައި ބިންގާ އެޅުވުގެ ނަމުގައި ސަރުކާރުގެ ހަރަދުގައި ގުރޫޕް ޖަހާލައިފައި ރަތްރަށަށް ދަތުރު އަޅާލަން އުޅޭ އުޅުން ނޫތޯއެވެ ؟ އިންތިހާބުގެ ކަންތައް ނިމުނީ ރަށްރަށުގެ ހުރިހާ މަޝްރޫއުތައް ބިލާހަކަށްވެ ބަހުބަރު . އެހެންނޫންތޯ ؟
ރަބަރު
20 November 2017
އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ކަންކަން އަޅުވާނެކަމެއް ނެތެވެ. ތިއީ ހުވަފެންތަކެވެ. މިގައުމުގައި ތިބީ ތަންދޮރު ނުދަންނަ މީހުންކަމަށްބަލައި، ގަމާރުންކަމަށްބަލައި އެމީހުން ލޮލުގައި އަނދުން އަޅުވަން އުޅުމުން ދިމާވާކަންތަކެވެ.
ނަޖީބު
20 November 2017
މަޖިލީޙު މެޖޯރިޓީ ލިބުނީމަ ޔާމީން ވަނީ ބުނެފަ. މިހާރު އެއްވެސް ކަމަކަށް ހުރަހެއްނެތޭ. އެންމެ ވައުދެއް ނުފުއްދުނަސް ވާނީ ދޮގުވައުދު ވީކަމަށް. ޔާމީން ބޭނުންވާ ކަންތައް ކުރޭ. މަޖިލީހު ރައީސް ބޭރުކުރިޔަކަ ނުދިން.
ކިލޯ
20 November 2017
ރައީސްޔާމީނަކީ ވަރަށްބޮޑަށް ސަރުކާރުތަކަށް ދަތިކުރިބޭފުޅެއް އެހެންވީމާ އޭގެރަހަ އެމަނިކުފާނުވެސް ދެކެންޖެހޭނެތާ ލޮޖިކް އިނގޭ ކޮންމެވެސް ހަޖަމްކުރާތި ޑައިޖިން ބޮއިގެންނަމަވެސް
ކްލޯސްޑް
20 November 2017
ރާއްޖޭގެ ތަރައްގީގެ މަޝްރޫއު ތައް ހުއްޓުނީ އެއީ ސީދާ އިދިކޮޅު ފަރާތް ތަކުގެ ސަބަބުންނެވެ. އެމެންގެ ސަބަބުން ސައުދީ އިންވެސްޓްމެންޓް ރާއްޖެ ނައިސް ހުއްޓުނީ. މިކަމުގެ އަދަބު އެމެންނަށް ދޭން ޖެހޭނެއޭ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީއެވެ. ޗެޕްޓަރ ކްލޯސްޑް..
ކެސްކާ
20 November 2017
މަނިކުފާނު ބުނި އިދިކޮޅު ބަޔަކު އުޅޭހެން ހީވެސް ނުވެޔޯ.
ހުނި
20 November 2017
އެންމެން ޖަލަށްލައިގެންވެސް އެކަމަކުން ސަލާމަތެއްނުވެވުނުދޯ ދެން ދައުރެއްދިނަސް އުޅޭނީ ހަމަ ސިޔާސީ މީހުންހިފާ ޖަލަށްލުމުގަކަން ޔަތީންވެއްޖެ
ފާތުން
20 November 2017
އަމިއްލައަށް ސަރުކާރު ނުހިންގުނީމަ ދެން އެވީ އިދިކޮޅުފަރާތަކުގެ ބޮލަށް އެކަން ޖަހަން ދޯ.