ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: މިހާރު ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައި ---ފޮޓޯ: ރައީސް އޮފީސް
05 ޖުލައި 2016 - 19:12
ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް، މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭ ކަމަށާއި އެކަން ނުވެއްޖެ ނަމަ އެއީ އިދިކޮޅު ފަރާތްތަކަށް ދެވޭ "އީދު ހަދިޔާއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
"މި ހަދިޔާ ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ އެއްވެސް މީހަކު މި ހަދިޔާ ދޭކަށް ބޭނުމެއް ނުވާނެ،" ރާއްޖޭގެ ރައްޔިތުންނަށް އީދު ތަހުނިޔާ ފޮނުއްވި މެސެޖުގައި، ޕީޕީއެމްގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެ ތެރޭގައި ހިތްނުތަނަވަސްވެރިވާ މައްސަލަތަކެއް އުޅެގެން ނުވާނެ ކަމަށެވެ. ޕާޓީ ތެރޭގައި މައްސަލަތައް އުފެދެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، މައްސަލަތައް އުފައްދަން ޖާގަ ނުދޭން ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"ޕީޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ވަންޏާ އަޅުގަނޑުގެ އިލްތިމާސަކީ މައްސަލަތައް ހައްލުކުރެވޭނެ ގޮތްގޮތް ހުންނާނެއޭ،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމް ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން ބައިވެރިވަނީ. --ފޮޓޯ: ޕީޕީއެމް
ޕީޕީއެމް ތެރޭގައި މައްސަލަ އުފެދެންވީ ސަބަބެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، އެ ޕާޓީ ދެ ފަޅި އަށް ފެޅުނީ އެމަނިކުފާނާއި ބޭބޭފުޅު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެގެންނެވެ. އެ ހިޔާލުތަފާތުވުންތަކުގައި ދެ ބޭފުޅުންނަށް ތާއީދުކުރާ ދެ ފެކްޝަން ވަނީ އުފެދިފަ އެވެ.
އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުސޫލްތަކާ އެއްގޮތަށް ކަންކަން ނިންމުމަށް އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ --ރައީސް
ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު މައުމޫން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާއިރު، ސަރުކާރު ހިންގުމާއި ތަރައްގީގެ ކަންކަމަށް ދުވަހުން ދުވަހަށް ބަސް ވިދާޅުވުމަކީ ރައީސް ޔާމީން ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަ ޕާޓީގެ ގުނަންތަކުން ހައްލުނުވުމުން، ރައީސް ޔާމީން ފެކްޝަނުން ވަނީ މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފަ އެވެ.
ކޮރަޕްޝަން މައްސަލަތަކެއްގެ ތަހުގީގުގައި އޭސީސީން މައުމޫނާ ސުވާލުކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނުމާއި އޭގެ ފަހުން ފޮރިން މިނިސްޓަރުކަމުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވުމުގެ އިތުރުން ދަރިކަލުން ފާރިސް މައުމޫން، ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމުމަކީ، މިއަދު ކުރިމަތިވި ބޮޑެތި މައްސަލަތަކެކެވެ.
މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މައުމޫން (ވ)، ފާރިސް މައުމޫން
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމަށް ދިމާވެގެން އުޅޭ މައްސަލަތައް ވެސް އެ ޕާޓީގެ ކައުންސިލާއި މަޝްވަރާ މަޖިލިސް ނުވަތަ ޕާލަމެންޓްރީ ގްރޫޕުން ހައްލުކުރެވެން ޖެހެ އެވެ. ހައްލު ނުހޯދުމަކީ އޮތް ފުރުސަތެއް ނޫން ކަމަށާއި ހައްލު ހޯދަން ޖެހެނީ މީގެ ހަތަރު އަހަރު ކުރީގެ ދިވެހި ރާއްޖެ އަށް އިއާދަވާން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީ މެމްބަރުންނަށް މި އިލްތިމާސްކުރަނީ މި ހައްލު ހޯދުމުގައި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުސޫލްތަކާ އެއްގޮތަށް ކަންކަން ނިންމުމަށް އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލުވާނީ މަޝްވަރާގެ މޭޒުންނެވެ. ހިޔާލުތަފާތުވުންތަކެއް ހުރި ނަމަ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް
"އަޅުގަނޑު އެދެނީ ހުރިހާ ފަރާތްތަކުން ވެސް މަސްލަހަތަށް ލޯބިކުރެއްވުން. މަސްލަހަތަށް ލޯބިކުރަން ޖެހެނީ މުޅި ދިވެހި ރާއްޖޭގެ މަސްލަހަތަށް ލޯބިކުރާ ބަޔަކު، އަޅުގަނޑުމެންގެ ޕާޓީގައި ތިބޭތީ. މި ރާއްޖެ މިހާރު އޮތް ހިސާބުން އިތުރު ގޯހެއް ވާކަށް ފުރުސަތު ދެވޭކަށް ޖާގައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް ޕާޓީއާ އެކު ސާބިތުވެ ތިބުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް އެ ޕާޓީން ހައްލު ހޯދާނެ ކަމަށް ވިދާޅުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުމް
08 July 2016
އެންމެ ރަނގަޅީ ޞުލްޙަ،އެވެ. ޞުލްޙައަށް އެދޭށެވެ. އޭރުން ލިބޭނީ ކާމިޔާބެވެ.
ޕީޕީ
07 July 2016
މި އީދު ހަދިޔާ ވަރަށް ކަމުދޭ.
މޑޕ
06 July 2016
ޢީދުމުބާރިކް ރައީސް . ހެހެހެހެ
ކިޔުންތެރިޔާ 767
06 July 2016
މިހާރު ސަރުކާރާއި އިދިކޮޅު ޕާޓީއަކިވެސް ޕ.ޕ.މ . ސަރުކާރު ހިންގަނީވެސް ޕ.ޕ.މ. މ.ޑ.ޕ އަކީ ވާބައެއް ނޫން. ސީޔާސީ ރާޑަރަކު ނެތް. ވާއޮ މިފެންނަނީ ލިޓްލް ސިންގަޕޯއަށް އިރުއަރާ މަންޒަރު.
ސާމީ
06 July 2016
ޢީދު ހަދިޔާ އަކަށް ރައީސް މިޤައުމުގެ ރައިއްޔަތުންނަށް ޤައުމު ދޫކުރަށްވާ.. ޔާމީން ދިއުން މާބުއްދިވެރިވާނެ...
ނައީމު ސ.މީދޫ
06 July 2016
މިރާއްޖޭގައި އަދުލު އިންސާފު އޮތްމިންވަރު ހަވީރުނޫހުގައި މަސައްކަތް ކުރެއްވި ހީވާގި ކުޅަދާނަ މުއައްޒަިފުންނަށް ކޯޓުން ކުރި ހުކުމުން މުޅި ދުނިޔެ އަށް އެއޮތީ ސާފުވެފައެވެ.މިނޫން ކަންތަކެއް ނެތީއެއް ނޫނެވެ.އެއްމެފަހުގެ ކަންތަކުގެ ވާހަކަ ބުނެލީއެވެ.
އ މ
06 July 2016
އެކަމަކު ޢީދު ހަދިޔާ އަދި ލިބުނީ ޕމ ގެ ފާރިސް މައުމޫނާއި، އަދި ދެމެމްބަރަކަށް ކަމަށް ވަނީ. . .
ޙަސަންދީ
06 July 2016
ޕީޕީއެއް ހިންގަންތިބި މީހުންނައް ނިކަންވިސްނަވާ އަދުރޭ، ނިހާން ސިއްދީގު ރިޔާޒު މިއިންމީހެއްގެ ދުލުން ރީތި ބަހެއް ދުވަހަކު ބޭރެއްނުވާނެ ތި އަދުރޭ އަކީ ރައްޔިތުންގެ މަޖްލީހުގައި ރޯއައުގުރާނަ ގޮވާމީހެއް ލަދުން ބޯހަލާކުވޭ! ތަޢްލީމީ އެތައް ދަރިންނެއް މިޤައުމުގައި ތިބިއިރު މިހިރީ ހާލަތު ހުރިގޮތް ސޯޝަލްމީޑިޔާ އިންވެސް ފެނޭ ތިޔަ ޢިއްޒައްތެރިންގެ ޙާލު ވަރަށް ސަލާމް!!
ޙަސަންދީ
06 July 2016
އާދޭސްކުރާ ޙާލުގައި ދަންނަވަން ތިޔަ ފިކުރު މިރާއްޖޭގައި ޕުރޮމޯޓް ނުކުރައްވާ! ތިޔަ ފިކުރަކީ ޤައުމެއް ބަގުރޫޓްވެ ނެތިގެންދާނެ ފިކުރެއް .....
ހަސަނު
06 July 2016
މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭ ކަމަށާއި އެކަން ނުވެއްޖެ ނަމަ އެއީ އިދިކޮޅު ފަރާތްތަކަށް ދެވޭ "އީދު ހަދިޔާއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ބަލަ ޔާމީނޫ! ބޭބޭފުޅު މައުމޫނަކީ އެމަނިކުފާނަށް އަމާޒު ކުރައްވައިގެން ޔާމީނު ފިލާ ހުންނަވައިގެން ކުރައްވާ ކަންކަން ނޭގޭވަރުގެ ބޭފުޅެއް ކަމަށް ހީފުޅު ކުރައްވަނީ އަމިއްލަ އެދުން ބޮޑުވެގެން ކަން އެންމެނަށްވެސް އެނގޭ. މައުމޫނުގެ އަސަރު ފިލުވާލަން ޔާމީނު ރޭވިރޭވުންތަކުގެ ތެރޭގައި ރައީސްކަމަށް ކުރިމަތިލެވޭ ޢުމުރު ހަނގުކުރުން. ބޮޑުފާލަން އެއްލާލައި ވާރޭ ހިޔާނުވާ ތަނެއް އެޅުން. ސަލްޓަންޕާކު ކުރިމަތީ ހުރި މޮނިއުމަންޓް ނެގުން. އައު އިސްލާމީ މަރުކަޒެއް އަޅަން ރޭވުން. ޕާޓީގެ މުސްތަށާރުކަން ނަގައިގަތުން. ޕާޓީ ޙިޞާރުކުރުން. މައުމޫނުގެ ސަޕޯޓަރުންގެ ގޮތުގައި ޕާޓީގެ އިސް ސަފުގައިތިބިމީހުން ޖަލަށްލުން. ރަސްމީލޯންޗް އެއްލާލުން ފަދަ ކަންކަން ހިމެނޭ. ޔާމީނު " ރިޔާސީ ހަދިޔާ" ދެއްވި ބޭފުޅުން އެތިބީ ޖަލުގައި ޢުމުރަށް ބަންދުކޮށްފައި އަދި އަރުވާލާފައި. އަދި މިލްކިޔާތު ދައުލަތަށް ނަގާފާނޭ ކަމުގެ ބިރަށްޓަކައި މުންޑު އަނދެގެން ގޭގައި ހީކަރުވައިގެންފައި. ތިކުޅުއްވާ ގޭމް ވަރަށް ޑާޓީ ދޮގެއްތޯ؟ ޔާމީނަށް ހީފުޅުވަނީ "ލައްކަ"އެކޭ ދޮތަ؟