ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ގެއްލުުނު ފައިސާ ހޯދޭނެތަ؟

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރުމާއެކު ފުލުހުންނާއި ސިފައިން އެ އޮފީހުގެ ދޮރުމަތީގައި ފޯރިމަރަނީ: އެ ޚިޔާނާތުން ގެއްލުނު އެއްވެސް ފައިސާއެއް މިހާތަނަކަށް ނުލިބޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.

އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ކުރި ތަހުގީގުތަކަށް ފަހު، އެކަމުގައި ތުހުމަތުކުރެވޭ ބައެއް މީހުންނާ ދެކޮޅަށް ދަނީ ދައުވާ ކުރަމުންނެވެ. އެކަމަކު މިއަދާ ހަމައަށް ވެސް، ގެއްލުނު އެއްވެސް ފައިސާއެއް ދައުލަތަކަށް ނުލިބެ އެވެ.

ސަރުކާރުން ފުރަތަމަ ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދެން އޮތީ އޭސީސީގެ ރިޕޯޓް ނެރުމުން ކަމަށެވެ. ޝަރުއީ މަރުހަލާގެ ތެރެއިން އެ ފައިސާ ހޯދަން ދައުވާ ކުރެވޭނީ އޭގެ ފަހުގައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު ފަހުން ސަރުކާރުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް ފައިސާ ވަނީ އަނބުރާ ލިބުމުގެ މަގުމަތީގަ އެވެ.

"އޭސީސީގެ ރިޕޯޓް ނުނިކުތް ކަމުގައިވިޔަސް، މިހާރު ވެސް އެނގިފައި އޮތް ގޮތުން ބައެއް ފައިސާ އާއި އެސެޓްތައް ލިބުމުގެ މަގުމަތީގައި ވަނީ،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައިވެ އެވެ.

އޭސީސީގެ ތަހުގީގު ނިމި، މިހާރު ވަނީ ކަމާ ބެހޭ އިދާރާތަކާ އެ ރިޕޯޓް ހިއްސާކޮށްފަ އެވެ. އެކަމަކު އެ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރާ ކަމެއް އެނގިފައެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް، އެ ފައިސާ ދައުލަތަށް ލިބެން އޮންނާނެ އެއްގޮތަކީ ޝަރުއީ މަރުހަލާ އެވެ. އެ ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ މައްޗަށް ދައުވާތަކެއް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. ޒިޔަތުގެ މައްޗަށް މިހާރު ދައުވާތަކުގައި އެކަނި ވެސް، ދައުލަތަށް ގެއްލުނު ކަމަށް ބުނާ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.

އެކަމަކު އެ ދައުވާތައް ސާބިތުވެ ޖަލަށް ލިޔަސް އެ ފައިސާ ލިބެން އޮތީ އިތުރު މަރުހަލާތަކެއް ފުރިހަމަ ކޮށްގެންނެވެ. ސަބަބަކީ މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން، ކުށެއްގެ ސަބަބުން ލިބޭ މަދަނީ ގެއްލުމަކީ އެ ކުށުގެ އަދަބުގައި ހިމެނޭ ކަމަކަށް ނުވާތީ އެވެ. އެހެންވެ، ޒިޔަތާއި އަދީބުގެ މައްޗަށް ދައުވާތައް ސާބިތުވެ ޖަލު ހުކުމް އަޔަސް ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާ ލިބެން އޮންނާނީ މަދަނީ ވަކި ދައުވާތަކެއް ކޮށްގެންނެވެ.

ކުރުކޮށް ބުނާ ނަމަ، ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަކުން އަދި މިކަން ނިމޭކަށް ނެތެވެ. މިކަމުން ލިބުނު ގެއްލުން ފޫބެއްދެން އޮތީ މަދަނީ ގޮތުން ދައުވާ ކޮށްގެން އެ ފައިސާ ހޯދައިގެންނެވެ. މަދަނީ ގޮތުން ދައުވާ ކޮށްގެން އެ ފައިސާ ހޯދާނެ ކަމުގެ ޔަގީން ކަން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކުރިން އޮތީ ދެއްވައިފަ އެވެ. އެކަމަކު ބޮޑު އެ ޚިޔާނާތް ފަޅާއެރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އެއިން އެއްވެސް ފައިސާއެއް އަނބުރާ ހޯދަން އެޓާނީ ޖެނެރަލް އޮފީހުން މިހާތަނަށް ދައުވާއެއް ކޮށްފައެއް ނެތެވެ. ކުރިއަށް ދަނީ ޖިނާއީ ދައުވާތައް އެކަންޏެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިިން މިހާތަނަށް ޝަރީއަތަށް ސާބިތުވީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވުމުގެ ދައުވާ އެކަންޏެވެ. އެ ދައުވާ ސާބިތުވެ، އަދީބާއި ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ޖަލު ހުކުމް އަޔަސް އެ ފައިސާ ދައްކަން އެ ބޭފުޅުންގެ މައްޗަށް މިހާތަނަށް ހުކުމެއް އައިސްފައެއް ނެތެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ދައުލަތުން ދެކޮޅުހަދައި، ދައްކާ ސަބަބަކީ ވެސް އަދީބު ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާ ދައުލަތަށް ނުލިބި އޮތުމެވެ. އެކަމަކު ހަގީގަތަކީ ޚިޔާނާތުގެ އެއްވެސް ފައިސާއެއް ދައްކަން ގާނޫނީ ގޮތުން މިހާތަނަށް އަދީބުގެ މައްޗަށް ނުުވަތަ އެކަމުގައި ބައިވެރިވި އެހެން މީހެއްގެ މައްޗަށް ލާޒިމްވެފައި ނެތުމެވެ. އެފަދަ ހުކުމެއް ވެސް ނެތެވެ. މިހާތަނަށް ސާބިތުވި ފަސް މިލިއަން ޑޮލަރުގެ މައްސަލާގައި ވެސް އެ ފައިސާ ހޯދަން މަދަނީ ދައުވާއެއް އަދި ނުކުރެ އެވެ.

މަދަނީ ދައުވާ ކޮށްގެން އެ ފައިސާ ދައްކަން ޖެހޭކަން ސާބިތުވެއްޖެ ނަމަ، ފައިސާ ދައްކަން އެކަށީގެންވާ މުއްދަތު ދިނުމަށް ފަހު ދަރަނި ދައްކަން ޖެހޭ މީހާގެ މިލްކިއްޔާތު ވިއްކާލައިގެން ވެސް ފައިސާއެއް ހޯދޭނެ އެވެ. އެކަމަކު މި ހިސާބަކަށް މިކަން ގެންދެވެން އޮންނާނީ ވެސް އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.

ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދަން ދާދި ފަހުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް ވެސް އުފައްދައިފަ އެވެ. ދައުލަތަށް ގެއްލިފައި ހުރި ފައިސާގެ މައްސަލަތައް ބަލައި، އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު: ހިޔާނާތުގެ 30 ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލާފައި-- ފޮޓޯ/މިހާރު

ގެއްލުނު ފައިސާ ހޯދަން އުނދަގޫ ނަމަ ދެން އޮތް ގޮތަކީ އެ މުއާމަލާތްތަކުގައި އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ ނެގުމަށް ފަހު، އެހެން ބަޔަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދުމެވެ. އެކަމަކު މިއީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އަދި މިކަމުން ކުރިމަތިވެދާނެ މައްސަލަތަކަށް ބަލައި، މިކަން މިގޮތަށް ކުރަން ސަރުކާރު ވެސް ބޭނުމެއް ނުވެ އެވެ. އޭގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

ރަށްތަކާއި ފަޅުތައް ލިބުނު ފަރާތްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެ ފަރާތްތަކުން ދެއްކިކަން އެނގެ އެވެ. އެ ފައިސާ އަށް ޚިޔާނާތްތެރިވީ ފައިސާގެ ޗެކްތަކާ ހަވާލުވި މީހުންގެ ތެރެއިން ބައެކެވެ. ޒިޔަތުގެ ޝަރީއަތުގައި އާންމުވި މައުލޫމާތުތަކަށް ބަލާއިރު، އެ މުއާމަލާތްތަކުގައި ދޫކުރި ރަށްތަކާއި ފަޅުތަކަށް ފައިސާ ދައްކަން އެކި ފަރާތްތަކުން ދިން ޗެކްތައް އެޑްރެސް ކޮށްފައި ހުރީ ވެސް ސީދާ އެމްއެމްޕީއާރުސީއަށެވެ. އެހެންވެ، އެއްގޮތުން ބަލާ ނަމަ ފައިސާ ދިން މީހުންގެ މައްސަލައެއް ނެތެވެ. އެ މީހުން އަމަލުކުރީ ރަށްތައް ދޫކުރުމާ އޭރު ހަވާލުވެ އޮތް އެމްއެމްޕީއާރުސީން އެ މީހުންނަށް އެންގި ގޮތަށެވެ.

އެ މުއާމަލާތްތަކުގެ ތެރެއިން އެމްއެމްޕީއާރުސީން އޭރު ދޫކުރި ރަށަކާއި ފަޅެއްގެ އިކުއިޒިޝަން ކޮސްޓް ދައުލަތަށް ނުލިބި އޮތުމުން ކަމަށް ބުނެ، އެ ދެ ތަން މިދިޔަ އަހަރު ސަރުކާރުން އަތުލި އެވެ. މިއީ އެ މުއާމަލާތްތަކުގައި އެމްއެމްޕީއާރުސީން ދޫކުރި ތަންތަނުގެ ތެރެއިން އަތުލި ފުރަތަމަ ދެ ތަނެވެ. ނަމަވެސް އެ ދެ މައްސަލަ ވެސް ނިމުނީ ދައުލަތާ ދެކޮޅަށެވެ. ކޯޓުން ނިންމީ އެ ދެ ތަނުގެ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށާއި އެހެންވެ، އެ ތަންތަން އަނބުރާ ހަވާލުވާ ކުރަން ޖެހޭނެ ކަމަށެވެ.

ކޯޓުގެ ހުކުމުގައި ވެސް އޮތީ ކުރިން މިދެންނެވި ސަބަބެވެ. ތަން ކުއްޔަށް ހިފި ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހަވާލުކޮށް، އެ ފަރާތްތަކުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްފައި އޮތްކަން ސާބިތުވާއިރު، އެ ފައިސާއާ ހަވާލުވި ފަރާތުން އެއަށް ޚިޔާނާތްތެރިވުމަކީ ފައިސާ ދެއްކި ފަރާތުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

"ފައިސާ ބަލައިގަނެ އެގޮތުގެ މައްޗަށް ދޫކުރާ ލިޔުން ނުވަތަ ރަސީދު ލިބުމަށް ފަހުގައި ފައިސާ ދެއްކި މީހަކީ ނުވަތަ ބަޔަކީ މައުސޫމް މީހެއް ނުވަތަ ބައެއް ކަމާއި، އަދި ފައިސާގެ މައްޗަށް އޮތް އޭނާގެ ޒިންމާ ކެނޑި ފައިސާ ބަލައިގަތް މުވައްޒަފެއްގެ ބޮލުގައި އެޅުނީ ކަމާއި، އަދި ފައިސާއާ ހަވާލުވި މުވައްޒަފު އަމަލުކުރާ ގޮތެއް ނަތީޖާއަކީ މައުސޫމް މީހާ އުފުލަން ޖެހޭ ތަކުލީފެއް ނޫން" ކަމަށް އޭގެ ތެރެއިން އެއް މައްސަލާގައި ސިިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.

މިކަން މިގޮތަށް ކޮށްފި ނަމަ ދިމާވެދާނެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. އެގޮތަށް ދޫކުރި ގިނަ ތަންތަން މިހާރު ދަނީ ތަރައްގީ ކުރަމުންނެވެ. ނުވަތަ މިހާރު އޮންނާނީ ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. އެހެންވެ، މިހާރު ކުއްލި ގޮތަކަށް އެތަންތަން އަތުލައިފި ނަމަ އެކަން ވެގެންދާނީ އެ ޚިޔާނާތުގައި ބައިވެރިނުވާ ފަރާތްތަކެއްގެ ހައްގު ގެއްލިގެން ދާނެ ކަމަކަށެވެ. އެހެންވެއްޖެ ނަމަ އެ ގެއްލުންތަކުގެ ބަދަލު ދައުލަތުން ދައްކަން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.

ގިނަ ބަޔަކު ސިއްސުވާލި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ދިނުމަކުން ނިމުނީކީއެއް ނޫނެވެ. އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ އަވަސް މުއްދަތެއްގެ ތެރޭގައި ހޯދެން ވެސް އެބަ ޖެހެ އެވެ.

20 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 3%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުދިންބެ

23 November 2017

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ގެއްލުުނު ފައިސާ ހޯދޭނެތަ؟ ހޯދާނެކަން ޔަޤީން. އެ ޕްރޮސެސް ދަނީ ހިނގަމުން. އެފްޕީއައިޑީ ގެ ބޮޑު ޚިޔާނާތުން ގެއްލުުނު ފައިސާ ހޯދޭނެތަ؟ ހޯދާނެކަން ޔަޤީން. އެ ޕްރޮސެސް ދަނީ ހިނގަމުން. މި 2 ކަންތަކުގަވެސް އިތުރު ބަޔަކު ބުރައިގެންދާނެ.

The name is already taken The name is available. Register?

ފަބިއަލީ

23 November 2017

ވަގަށްފައިސާނެގީ އަނބުރާދޭގޮތަކަށްނޫން އެހެންވީމަ ހޯދޭނެގޮތެއް ނޯންނާނެ، ވަގުން ވަށްކަންކުރަނީ ވަގަށްނަގާ ފައިސާ އަންބުރާދޭކަށްނޫން، އެޖާޑި މިޖާޑީގަ ވަގަށްނެގި ފައިސާތައްވަނީ ގަނޑުބަޑުކޮށްފަ ހޯދަންއުޅެނީވެސް ބޭނުންކުރީވެސް އެއްބައެއް

The name is already taken The name is available. Register?

މެންޓަލިސްޓް

22 November 2017

އާދެ އަޅުގަނޑާޢި ހަވާލުކޮއްފިއްޔާމުން ހޯދާނެކަމަށް ދަންނަވާލަން ޖެހެނީ ،،، އެއީ އެކަމު ފުރިހަމަ އޮތޯރިޓީއާޢިއެކު ،،، އޭރުން ރައްޔަތުންގެ މަޖިލިސްގެ 6 އެއްކަ މެންބަރުން ފިޔަވައި އެންމެން އަތުންވެސް އަދީބް އެމީހުނަށް ދިން ވަގުފައިސާ އަތުލާނަން ،،، އެއީ މަހަކު ވަކިވަރެއްދާކާގޮތަށްނަމަވެސް އެކަންކުރާނަން ،،، ރާއްޖޭގައި ނެތޭ އެއްވެސް ސިޔާސީ ޕާޓީއެއް އެމްއެމްޕީއާރސީގެ މައްސަލަ އިންސާފުން ބަލަން ބޭނުންވާ ،،،، ޕާޓީތަށްވެސް އޮތީ އެކަމުގެ ތެރެއަށް ވަދެވިދައި ،،،،، ފައިސާގޯނިތަކުގައި ބީހިފައި ،،، ނަމަވެސް އެވާހަކަ މިހާރު ދައްކާކަށް ބޭނުމެއްނުވާނެ ،،، އެއީ ސިޔާސީގޮތުން އެވާހަކަ އޮއްބާލާ ނުވާކަމަކަށް ހަދަންމަޖްބޫރްވެފައިވާތީވެ ،،،،، ވީޑިއޯ ހެކިހުރީ ހާޑްޑިސްކް ކަނޑުފައްތާފައިވީނަމަވެސް ،،، އަދި އެހެންގޮތްފޮތްވެސް ހުންނާނެތާ ،،،، ހާޑްޑިސްކު ކަނޑުފައްތަން އެނގިމީހުންނަށް މަގޭސަލާމް ،،،، ވަރަށްވެދުން

The name is already taken The name is available. Register?

އަލްޖިބްރާ

22 November 2017

މަގޭ އެކައުންޓަށް 1މިލިއަން ޑޮލަރު ޖަމާވި ގޮތެއް ހޯދުނުތަ ؟ އެއަށް ވީގޮތެއް ހޯދުނުތަ ؟ ދެން ތިބުނާ ފައިސާގަޑަށް ވީގޮތެއް ހޯދޭނެތަ ؟ ނުވާނެ !

The name is already taken The name is available. Register?

އަލީ_

22 November 2017

ތިޔަށްވީގޮތް އެންމެންނަށްވެސް އެބައިގޭ. އެހެންވީމާ މިހާރު ތިޔަ ފައިސާއެއް ނުހޯދޭނެ.

The name is already taken The name is available. Register?

ތި

22 November 2017

ރިޕޯޓު ނުކިޔާ ކޮމެންޓތައް ކިޔާލާނަން އިނގޭ.

The name is already taken The name is available. Register?

އަލީގ

22 November 2017

ތިގެއްލުނު ފައިސާއަކީ ދެން އަނބުރާ ނުލިބޭނެ އެއްޗެއް އެފައިސާ ދިޔަ ދިމާތައް ރައްޔިތުންނައްވެސް އެނގޭ. މި ވެރިކަމުގަ ހަމަ ޔަގީނުންވެސް ތިކަމެއްނުވާނެ.

The name is already taken The name is available. Register?

އަމާމޭން

23 November 2017

މައްސަލައަކީ ރައިއްޔަތުންގެ ފައިސާއިން މުސާރަނަގައިގެން ތިބެ ލިޔޭ ރިޕޯޓް ރައިއްޔަތުންނަށް ނުދައްކާކަން. ގަޓުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅުވާނީ

The name is already taken The name is available. Register?

ރަބަރު

22 November 2017

އަބަދުވެސް ބޮޑެތި އަދަދަށް ޚިޔާނާތްތެރިވާ މީހުނަށް ހިމާޔަތް ލިބެއެވެ. ކުދިކުދި ޚިޔާނަތާއި ވަށްކަންކުރާމީހުނަށް އަދަބުލިބެއެވެ. މިއީ މިކަހަލަ ގައުމުތަކުގައި އޮންނަ އުސޫލެވެ. އެހެންކަމުން ތިފައިސާ ލިބޭނެ ދުވަހެއް އަންނާނެހެން ހީއެއްނުވެއެވެ.

The name is already taken The name is available. Register?

ބަންކެޔޮ

22 November 2017

ނުހޯދޭނެ ބައެއް ހޯދުނަސް ހޯދޭނި އެވެސް މިވެރިކަން ނިމުނީމަ ބައެއް ގޭގެއަށް އެ ފައިސާ ވަންކަމަށް އަމިއްލަ އިޢުތިރާފުން ކާފީ ހެކި ލިބުނު ކޮބައިތޯ އެކަން ބެލިފަ އަދި ކޮބައިތޯ؟ އޭގެ އިތުރުން އަދީބާ ހަމައިން އެކަން ނިމޭނޭ އެބުނެވެނީވެސް ހާސްކަން މަތީ ހުރެ އެކަން ފޮރުވަން

The name is already taken The name is available. Register?

ބުރުގާ

22 November 2017

ތިޔެއް ދުވަހަކުވެސް ނުހޯދޭނެ. ތިހޯދަންއުޅޭ މީހުން ޖަލުގެ ގޮޅިތަކައް ދާނީ. ރާއްޖެއަކީ ދުނިޔޭގަވާ އެންމެ ކޮރަޕްޓް އެއް ގައުމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454