ސަން އައިލެންޑްގެ ރީތި މަގެއްގައި ގާސިމް ސައިކަލް ދުއްވަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޑިސެމްބަރ 2017 - 10:03
ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށާއި ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ގާސިމް ޖަރުމަނަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ. ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ހިތްޕުޅުގެ ކާމިޔާބު އޮޕަރޭޝަނާ ގުޅިގެން ހަދަން ޖެހޭ ބައެއް ޓެސްޓުތައް ފުރިހަމަ ކުރުމަށް ފަހު، ގާސިމަށް ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން އެންގީ އޮކްޓޯބަރު 28 ގެ ފަހުންނެވެ.
އަޒްލީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.- މިހާރު ފޮޓޯ
ގާސިމް ޖަރުމަނަށް ވަޑައިގެންނެވިއިރު، ގާސިމްގެ ވަގުތީ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އޮކްޓޯބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޓްރެވަލް ޑޮކިއުމަންޓް ހަމަވި އިރު، ކަރެކްޝަނަލް ސާވިސް އިން ވަނީ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އާކޮށްދެވެން ނެތް ކަމަށް ބުނެފަ އެވެ. އަދި ފުލުހުންނާ ގުޅިގެން ގާސިމް ރާއްޖެ ވަޑައިގަތުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ކަރެކްޝަނުން އެންގި އެވެ.
އަޒްލީން "މިހާރު" އަށް ވިދާޅުވި ގޮތުގައި ކަރެކްޝަނުން ހަމައެކަނި އަންގާފައި އޮތީ ސިންގަޕޫރުގައި ގާސިމް ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރެއްވުމަށެވެ. އަދި އިތުރު ގައުމަކަށް ވަޑައިގެން، ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަން ހުއްދަ ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަރުމަނަށް ފުރާވަޑައިގަތުމުގެ ކުރިން، އަޅުގަނޑުމެންނަކަށް ނާންގާ ގާސިމް އެ ގައުމަށް ވަޑައިގަންނަވަން ނިންމެވި ކަމެއް. އެކަމަކު، މިހާރު އެބަ ކަށަވަރު ކުރެވޭ ގާސިމް ޖަރުމަނުގައި ހުންނެވިކަން،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ގާސިމް ޖަރުމަނަށް ވަޑައިގަތުމަކީ އަމިއްލަ އަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ޖަރުމަނަށް ވަޑައިގަތީ ކިހިނެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ހުންނަވައިގެން ގާސިމް ބޭސްފަރުވާ ކުރެއްވުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންވެ، ގާސިމް ވީހާ ވެސް އަވަހަކަށް ރާއްޖެ ވަޑައިގަންނަވަން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ގަވާއިދާ ހިލާފަށް ޖަރުމަނަށް ވަޑައިގެންނެވި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރިއަށް ގެންދެވީ ޖަރުމަނުގައި ކަމަށެވެ. އަދި ބޭސްފަރުވާ އަށް ގާސިމް މި ފަހަރު ޖަރުމަނަށް ވަޑައިގަތީ، ސިންގަޕޫރުގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ، ގާސިމްގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ބަޔާނުގައިވެ އެވެ.
ވަކީލުންގެ ޓީމުން ބުނި ގޮތުގައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް ގާސިމް ކުރިއަށް ގެންދަވަން ޖެހިވަޑައިގަތުމަކީ އެ ގައުމުގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ނުހަނު ދަތި އުނދަގުލެކެވެ. ގާސިމް ޖަރުމަނުގައި ހުންނެވީ އެ ގައުމުގެ ސަރުކާރުން ބޭސްފަރުވާ ކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އޭނާ އަށް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު އޮކްޓޯބަރު މަހުގެ ކުރީކޮޅު ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސުން އެންގި އެވެ.
ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް ގާސިމް އަތުގައި އޮވެގެންނެވެ.
ގާސިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލުކޮޅު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފެންމާ
03 December 2017
ކޮއްކޯ އަޒްލީން ދާދި އަވަހަށް ލުޠުފީ ގެންނާނެކަމަށް ވެސް ބުނި.ވީ އެއްވެސް ކަމެއް ނެތް.
ބައޯކަލޯ
03 December 2017
ސާބަސް...ގަދައޭ ސޭޓޫ....!
ފާޠިމަތު ލީޒާ
02 December 2017
ޢަޒުލީނަށް ދަންނަވާލަން ބޭނުންވަނީ އޮނަރަބުލް ޤާސިމް އިބުރާހީމް ވަނީ މިޤައުމުގެ އެތައްބައެއްގެ ބަލިހާލުގެ ރުއިމުގެ އަޑުއަހާ އެހީތެރިކަން ފޯރުކޮށްދީފައޭ މިޤައުމުގައި އެތަށްދަރިންނެތް ބިނާކޮށްދީ ރައްޔެތުންގެ ލޯބިހޯއްދަވާފައޭ މަމެން މިތިބީ ޤާސިމް އާއި އެކުއޭ މަމެން ބަނޑަށްޖައްސައިގެންތިޔަގެންނ ތަރައްޤީ ބަލައެއްނުގަންނަމޭ ޤައުމު ތަރައްޤީ ތިޔަކުރަނީ ތަރިކައިންހޭ އިންޝާ ﷲ މަމެންމިތިބީ ޤާސިމް އާއި އެކުގައޭ
ވާލުސޮރު
02 December 2017
މަހިތަށްއަރާ ކޮންމެސް ސަބަބަކާހެދި ގުރައިދުއަށް ނުގެންދެވި އަދިވެސް ހާދަ ބަޔަކު އެބަތިއްބޭ!!! އެހެންވީމަތޯއްޗެ ދައުލަތުގެ މަތީ ފަންތިންވެސް އޭގެ އަސަރު ނުކެނޑިގެންމިއުޅެނީ!!!! ކުރިން އެންމެ ހިނިއަންނަނީ ޖުހާގެ ވާހަކަތައް އިވުނީމަ!!! އެކަމަކު މިހާރު އެއަށްވުރެ މާ މަޖާ ހީހީ ބަނޑުގަ ގޮށްލާވަރުގެ ވާހަކަތައް އެބައިވޭ!! ނޫނޭމީވާ މަޖާކަމެއް!!! ހުވާ މިބުނީ!!!!
އަށްޑޫ މީހާ
02 December 2017
އަޒުލީން އަށް އެގޭނީ އަޒުލީންގެ ދަރުބާރު ފެކްޝަންގެ ކަންތަށް އެކަނި. އެ ފެކްޝަނުން ގަވައިދާ ގާނޫނާ އެއްގޮތަކަށް އެއްވެސް ކަމެއް އަދި މިހާތަނަށް ކުރެވިފައިނެތް. އެހެންވީމަ ހޯމް މިނިސްޓަރަށް ލަފާކުރެވެނީ އެއްވެސް ތަންދޮރެއް ނޭގޭކަމަށް.
ޢަމީނާ
02 December 2017
ޢަޒްލީން ލަދެއްނުގަނޭތަ ޤާސިމްގެ ވާހަކަ ދައްކަން؟ ގާސިމް ކިޔަވަދިނީމަ ތިހެންތަ ހަދަން ޖެހެނީ
ކާފަ
02 December 2017
އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފު ވެއްޖެނަމަ ފިޔަވަޅު އަޅަށް ނުޖެހޭ ބޭފުޅަކު ހުންނާނެ ހެއްޔެވެ؟ ގާސިމް ހުރީ ގާނޫނަށްވުރެ މަތީގައި ހެއްޔެވެ؟
ފާޑުކިއުން
02 December 2017
ރިސްވަތު ދިންކަން އެއްވެސް ގޮތަކަށް އެންގޭ ކަށް ނެތް މީހަކަށް ނަހައްގުން އަނިއާއެއް ދޭން ވެއްޖިއްޔާ މިސަރުކާރުން ދައްކާ ބަހަނާ އަކީ މީ..މިވެރިންނަށް މީހުންގެ އަބުރު ކަތިލާ ޖަލުހުކުމް ކުރުން ނޫން ކަމެއް ނެތް...
ގަވާއިދޭ
01 December 2017
ގަވާއިދާ ގާނޫނާ ހިލާފު ނުވަނީ ކޮންބައެއްތަ؟ މިހާރު އެއީ ލިޔެފަ އޮންނަންޖެހޭ އެއްޗެއް. ކަން ކުރާނީ އެމީހަކު ބޭނުން ގޮތަކަށް. ސަރުކާރުން ވެސް، ކޯޓުންވެސް، ފުލުހުންވެސް، މަޖިލީހުންވެސް... ކިޔާނެކަމެއް ނެތް. އެކަކު އަނެކަކު ގޯސްކޮއްކޮއް ތިބޭ. އެއީ ދެން ވާނެ ގޮތަކީ. އިތުރުކަމެއް ނުވާނެ!
ތުއްތޫ
01 December 2017
އޮނަރަބަލް ގާސިމަށް ޖަރުމަނުގެ ސަރުކާރުން ދެއްވާ އޯގާތެރިކަމަށްޓަކައި އެންޖަލާ މާކެލް އަށް ޝުކުރު ދަންނަވަން