ހުޅުމާލޭގެ ބަނދަރުގައި އަޅާފައިވާ ސަފާރީ އުޅަނދުތަކެެއް: މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަފާރީ އިންޑަސްޓްރީ ދިވެހިންގެ އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރު ބޮޑު. ފޮޓޯ: ލޭމް
11 ޑިސެމްބަރ 2017 - 23:22
ރާއްޖެ އާއި ޗައިނާއިން މިދިޔަ ހަފުތާގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން، ސަފާރީ ޓޫރިޒަމްގެ ތެރެއަށް ޗައިނާ މީހުން ވަދެ އަތްގަދަކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގައި ދުއްވާ ސަފާރީ އުޅަނދުތައް ތަމްސީލްކުރާ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް ހަމީދު (އިއްސެ) މިރޭ ވިދާޅުވީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އޮތީ 144 ސަފާރީ ކަމަށާއި އެއް އަހަރު ތެރޭގައި 1،000 ސަފާރީ އަށް ބަދަލުވުމުން ސަޕްލައި ގިނަވެ މާކެޓް ފްލަޑްވާނެ ކަމަށެވެ. އަދި އެއާއެކު ސަފާރީ އިންޑަސްޓްރީގެ ކޮލިޓީ ވެސް ވެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސާޅީސް އަހަރުވެފައިވާ ސަފާރީ އިންޑަސްޓްރީ އަށް ޗައިނާ އުޅަނދު އޮޕަރޭޓް ކުރުމުގެ ހުއްދަ ލިބުމުން އިންޑަސްޓްރީ ހަލާކުވާނެ. މި ހުރިހާ ދުވަހު ގާނޫނީ ގޮތުން 40 އެނދުން ދަށުގެ އުޅަނދު އަމިއްލަކޮށް އޮޕަރޭޓްކުރެވޭނީ ހަމައެކަނި ދިވެހިންނަށް،" އިއްސެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ސަފަރީ އުޅަނދުތައް ބޭރު މީހުންނަށް ކުއްޔަށްދީފައި ހުންނަ ކަމަށާއި އެކަމަކު ހިންގުމުގެ ހުއްދަ އޮންނަނީ ދިވެހިންގެ އަތުގައި ކަމަށެވެ. އަދި ސަފާރީ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ގަވައިދުގައިވާ ގޮތުން އުޅަނދުތަކުގެ ކެޕްޓަންކަން ކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނެއްކަމަކީ ޑައިވް ސައިޓްތަކާއި ސަފާރީ ބްރޭކްތައް މިހާރު ހުރި ވަރުން ވެސް މިއޮތީ ތޮއްޖެހިފައި. އުޅަނދުތައް އިތުރުވާ އިރު ޓޫރިޒަމްގެ ކޮލިޓީ އޮންނަން ޖެހޭނެ. ޔުނިކް [ހާއްސަ ތަފާތު] ޑެސްޓިނޭޝަން [މަންޒިލް]އަކަށް ވާން ޖެހޭނެ،" އިއްސެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޗައިނާ މީހުން ސަފާރީ އިންޑަސްޓްރީ އަށް ވަދެއްޖެ ނަމަ އަގުތައް ވެއްޓި، ސަޕްލައި ބޮޑުވެގެން މާކެޓް ހަލާކުވެދާނެ އެއެވެ
"އަޅުގަނޑުމެން އުއްމީދުކުރަނީ ސަރުކާރުން މި ކަމާ ބެހޭ ގަވައިދުތައް ހަދާއިރު އަޅުގަނޑުމެން އެންމެންނަށާއި އިންޑަސްޓްރީ އަށް ފައިދާވާނެ ގޮތަށް ވިސްނާނެ ކަމަށް،" އިއްސެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ދިވެހިންނާ ނުލައި ޗައިނާ މީހުންނަށް ސަފާރީތައް އަމިއްލަކޮށް ހިންގުމުގެ ހުއްދަ ލިބޭނެތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ. އަދި ޕާޓްނާޝިޕް އުސޫލުންކުރާ ނަމަ މަދުވެގެން އެނދު ހުންނަން ޖެހޭ އަދަދާއި ދިވެހިން ހިއްސާވާނެ މިންވަރު ވެސް އެނގެން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަމުގައި އަހަރަކަށް ވަކި މިންވަރެއްގެ ކޯޓާއެއް އޮވޭތޯ އާއި ބޭރު މީހުންނަށް ފަޅުވެރިންގެ ގޮތުގަ އާއި ކެޕްޓަންކުރެވޭނެތޯ އާއި އަދި އެކަމަށް ހުއްދަ ދޭނެ މިންވަރެއް ކަނޑައަޅާފައިވާނެތޯ ބަލަން ބޭނުންވޭ. އަދި އޭގެ އިތުރުން ބޭރުގެ ސަފާރީ އުޅަނދުތައް ޓެކްސްއާ ނުލައި ގެނެސް ލޯކަލް ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެތޯ ވެސް ބަލަން ބޭނުންވޭ،" އިއްސެ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައިދަރު
13 December 2017
ގެއްލޭނީ ވިޔަފާރީގެ މިނިވަންކަން އެކަންޏެއް ވެސް ނޫން. ޤައުމުގެ މިނިވަންކަންވެސް ގެއްލިގެންދާނެ. ޢެމަންޒަރު ކޮންމެވެސް އެއްބަޔަކު ދެކޭނެ. މިއަދު އާކުކުޅަށް ރަންބިހެއް އެޅިގެން އަތްޖެއްސަސް މާދަމާ ކަރުނައަޅައި ރޯންޖެހޭނެ.
ޢަލީހް
12 December 2017
މިހާރު ޗައިނާ މީހުންނައް ކިއްލިވެސް ވިއްކޭނެ ރާއްޖޭގަ . މިނިވަން ވިޔަފާރި.ހަހަހަހަހަހަ
ވަޓް
12 December 2017
މި އެގްރީމަންޓް ބަލަން ލިބޭނީ ކޮންތާކުން.. ފްރީ ޓްރޭޑް އެގްރީމަންޓްސް އެފެކްޓް ކުރަނީ އިމްޕޯރޓް އެކްސްޕޯޓްސް އަށް ދޯ.... ގައުމުގަ ވިޔަފާރި ކުރުމުގެ ހުއްދައެއްނޫނެއްނު އެއީ
ޙަސަން
12 December 2017
ހާސް ނުވޭ ކުރިއަށް އޮތް ދެއަަހަރުގެ ތެރޭގަ ޗައިނާ ގެ އިޤްތިޞާދު ދިވެހިން ހިސާރުކުރާނެ.... ޗައިނާ މީހުން ޖެހޭނީ ބޮލި ހިލަންދާން .. މިނިސްޓަރު ސައީދު އެބުނަނީނު ރާއްޖެއަކީ އޭޝިޔާގެ ސުވިސޭ ..
ކުރިބޮކި
12 December 2017
ދުނިޔޭގެ ގިނަ ޗާޓުތަކުގަ ނުވެސް އޮވޭ ދިވެހިރާއްޖެ، ގައުމުގަ ނެޗުރަލް ރިސޯސްއަކަށް އޮތީ ބޭރުމީހުން ގެނެސްގެން ނިންދަވާ އެމީހުނަށް ގުލާނުކޮށްދިނުން، ގައުމުގަ ޓެކްނޮލޮޖީގެ ގޮތުން އެންމެ މޮޅުކަމަކަށް ކުރަނީ ތިލޭރުކަން، އެކަމަކު އެވަރު ނޭގި ޖޭމްސް ބޮންޑް ފިލްމު ބަލާފަ ދުބާއީއަށްވުރެ ކުރީގަ އުޅެން ބޭނުންވީމަ ތިހުރިހާ ކަމެއްވެސް ދިމާވާނެ.
ސައްތާރު / މހއ
12 December 2017
ތިޔަކަމަކީ ސުވާލުއުފެދެންޖެހޭ ކަމެއްނޫން. އެގްރިމަންޓްގައި އެބަބުނޭ ދިވެހިރާއްޖޭގައި ދިވެހިންކޮންއުޅޭ ހުރިހާ ކަމެއް މި އެގްރިމެންޓްގެ ދަށުން ޗައިނާ ގެ ރައްޔިތުންނަށް ދިވެހިރާއްޖޭގައި ކުރެވޭނެ ކަމަށް.
އަލިފުތާ
12 December 2017
ދެން އެންމެ ފަހުން މިގައުމު ލޯކުޑަމީހުން ޓެކްސް ނުދައްކާ ވިޔަފާރިތައް ހިންގާ ޓައުނަކަށް މިގައުމު ބަދަލުވާނީ ، އޭރުން ދިވެހިން ވަންނާނީ ދެވިހިފާ ޑްރަގް ވިޔަފާރިތެރެއަށް ، ދެން ވާނެގޮތަކީ މަސްތުވާތަކެތިނަގާމީހުންނާއި ކުށްވެރިން ކަށިމަސްމަހުގެ ކައްޓަށްވުރެގިނަވާނެ... އެދެންވާނީ ދިވެހިންގެ އިންޑަސްޓްރީއަށް... މަށަށްހީވަނީ އަހަރަމެންގެ ރަށުންވެސް އަހަރެން ފައިބަންޖެހިދާނެހެން ސަބަބަކީ އެވެސް ދެންވާނީ ޗައިނާމީހުންނަށް ވިޔަފާރި ހިންގަންދީފައި އޮތްރަށަކަށް... އަހަރެންބޭނުންވަނީ އަވަސްބަދަލަކަށް ގައުމު އެއްކޮށް ނުވިއްކަނީސް...
މަރީ
12 December 2017
މިސަރުކާރުގެ ސިޔާސަތަކީ ދިވެހި ވިޔަފާރިތައް އިނދަޖައްސާލަ ވަޒީފާތައް ގެއްލުވާލާ މުޅި ގައުމު ބޭރުމީހުންގެ އަތްދަށުކޮށް އޭގެން ސަރުކާރުގެ ބޮޑުންނަށް ލިބެންހުރި ފައިދާ ހޯދައިގެން އޭގެން އެމީހުން އަރާމު ދިރިއުޅުމެއް އުޅުން. މިހާރުވެސް ރާއްޖޭގެ އިގްތިސޯދު މިއޮތޫ ވަރަށް ބޮޑަށް އަޑިއަޅާފަ، ބަލާލީމަ ފެންނާނެ ވިޔަފާރިތައް އުޅޭ ހާލު. މިމީހުން މީހަމަ އަހަރުމެންގެ ހަލާކު!
2222
12 December 2017
ރާޢްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ކޮންޓްރޯލް އޮތީ ބޭރުގައި. ގާތްގަޑަކަށް ގައުމު ވަނީ އަޅުވެތިވެ ނިމިފައި. ޔާމީން އެޖަހަނީ އެންމެ ފަހު މޮހޮރު. ޝުކުރިއްޔާ ރައީސް.
2589654
12 December 2017
ތީ ސައްހަ އެއްޗެއްނޫން. މަޖިލީހުގައި މެޖޯރިޓީއެއް ނެތް. އެންމެން އަތުގައި ބިޑިއަޅުވާ މަޖިލީހަށް ވަނަނުދީ ރަބަރު ތައްގަދު ޖެހި އެއްޗެއް ސައްހަ އެއްނުވާނެ. އަހަރެމެން މިތަން ސާފުކޮށް ތީތި ކޯޓަށް ލާ ނިއުޅާނަން. މިކަން ވީ އަވަސްކުރަން.