މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުގެ ދެކަނބަލުންނަށް، ރާއްޖޭގެ ރައީސް ޔާމީންގެ ދެކަނބަލުން މިއަދު މާލެއިން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2017 - 10:40
ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މާލެއިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވީ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ. އެއަށް ފަހު، ހަތަރު ބޭފުޅުން ވަނީ ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް ބައްލަވާލައްވައިފަ އެވެ.
ރައީސް ޔާމީނާއި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އަރުވައި ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށް ފަހު، މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އެމްއެންޑީއެފްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން މެލޭޝިއާގެ ބޮޑުވަޒީރަށް ތައާރަފްކޮށް އެރުވި އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސް ޔާމީނަށް ތައާރުފުކޮށް އެރުވި އެވެ.
ރަސްމީ ގޮތުން މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، މެލޭޝިއާގެ ބޮޑުވަޒީރު ރައީސް އޮފީހަށް ވަޑައިގެންނެވީ ހަތް ކޮޅުގަ އެވެ.
ރައީސް އޮފީހުން ބުނީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ރަސްމީ ބައްދަލުވުންތައް ބޭއްވެވުމުގެ އިތުރުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 December 2017
މީވެސް، ކޮރައްޝަންގެ، ތުހުމަތު، ކުރެވޭ، ބޭފުޅެއް، ސައުދީން، ދިން، އެތައް، ބައިވަރު، ފައިސާއެއް، އަމިއްލަ، އެކައުންޓައް، ޖަމާކޮއްލީ
ޙަސަން އަޙްމަދު
20 December 2017
އެނބުރި ގައުމަށް ވަޑައިގަންނަވާ ތަނުން ނަވާޒު ޝަރީފަށް ޖެހުނު ދަތުރު ނުޖެހިއްޖެންޏާ ރަނގަޅު