އައިއެސްގެ ކޮމާންޑަރު އުމަރު ޝީޝާނީ: އޭނާގެ ބޮލަށް އެމެރިކާ އިން ވަނީ ފަސް މިލިއަން ޑޮލަރު ހުށަހަޅާފައި. --ފޮޓޯ:އޭއެފްޕީ
14 ޖުލައި 2016 - 09:43
ބަޣުދާދު (ޖުލައި 14) - މުހިންމު ކޮމާންޑަރެއް ކަމަށްވާ އުމަރު ޝީޝާނީ މަރާލާފައިވާ ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ނިއުސް އެޖެންސީއަކުން ބުނެފި އެވެ.
އައުމާގު ނިއުސް އެޖެންސީން ބުނީ ޝީޝާނީ މަރާލާފައި ވަނީ މޮސޫލްގެ ދެކުނުން އޮންނަ ޝިރްގާތު ޓައުނުން ކަމަށެވެ. އެކަމަކު އެމެރިކާ އިން މާޗު މަހު ވަނީ ޝީޝާނީ މަރާލާފައިވާ ކަމަށް ބުނެފަ އެވެ. ޕެންޓަގަނުން ބުނީ ޝީޝާނީ މަރާލީ ސީރިއާގެ އިރު އުތުރަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ.
ޝީޝާނީގެ އަސްލު ނަމަކީ ތުރުޚާން ބަތިރަޝްވިލީ އެވެ. އޭނާ އަށް އުމަރު ދަ ޗެޗަންގެ ނަމުން ވެސް މުޚާތަބު ކުރެ އެވެ. ރަތް ތުނބުޅިލާފައި ހުންނަ ޝީޝާނީ އަކީ އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ އެންމެ ގާތް އަސްކަރީ މުޝީރު ވެސް މެ އެވެ.
އައިއެސްގެ ޚަބަރުތައް އާއްމުކުރާ އައުމާގު ނިއުސް އެޖެންސީން ބުނީ ޝީޝާނީ މަރުވީ މޮސޫލް ހިފުމަށް ހަނގުރާމަކުރާ ސިފައިންގެ ހަމަލާތައް ދިފާއު ކުރަން އުޅެނިކޮށް ކަމަށެވެ. ޝީޝާނީ މަރާލި އިރެއް އައުމާގު ނިއުސް އެޖެންސީން ނުބުނެ އެވެ. ނަމަވެސް އެމެރިކާ އިން މާޗު މަހު ފެތުރި ޚަބަރާ ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް އެބަހުއްޓެވެ.
އެމެެރިކާ އިން މިދިޔަ އަހަރު ވަނީ ޝީޝާގެ ބޮލަށް ފަސް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ޝީޝާނީ ވަނީ އައިއެސްގެ އަސްކަރިއްޔާގައި ސީނިއާ މަގާމުތައް ފުރައިފަ އެވެ. އޭގެ ތެރޭގައި ހަނގުރާމައާ ބެހޭ ވަޒީރުކަން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy