ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފަކު، ޓޫރިސްޓަކަށް ހިދުމަތް ދެނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
07 ފެބުރުއަރީ 2018 - 14:14
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ބަނގުރާ އެތެރެކުރަން ސަރުކާރުން ވަގުތީ ގޮތުން ދިން މުއްދަތު ހަމަވެ، އެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ ގޮތަށް އަނެއްކާ ވެސް ހުއްދަ ހިފަހައްޓައިފި އެވެ.
ސަރުކާރުން ދިން ވަގުތީ ހުއްދައިގެ ދަށުން، އޫރު މަހާއި ބަނގުރާ އެތެރެކުރެވުނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށެވެ. ވިލާގެ އަނެއް ހަތަރު ރިސޯޓަށް އެ ތަކެތި އެތެރެ ނުކުރެވެ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ރޯޔަލް އައިލެންޑް ރިސޯޓަށް ރާ އެތެރެކުރެވޭ ގޮތަށް ސަރުކާރުން ދިން ހުއްދަ އިއްޔެ ހަމަވެފައިވާ ކަމަށެވެ.
އެހެންކަމުން މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާގެ ރިސޯޓުތަކަށް އެ ތަކެތި އެތެރެކުރުމުގެ ހުއްދަތައް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ އިން ބުނީ ހުއްދަ ހިފެހެއްޓުމުގެ ސަބަބުން، ރޯޔަލްގެ އިތުރުން ޕެރެޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ރާ އެތެރެ ނުކުރެވޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތަކާ މެދު ވަކީލުންނާ އެކު މަޝްވަރާ ކުރާ ކަމަށް ވިލާ އިން ބުންޏެވެ.
ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވައި، ގާސިމްގެ ހަތަރު ރިސޯޓުން ބަނގުރާގެ ބައެއް ބާވަތްތައް ވަނީ ހުސްވެފަ އެވެ. އަދި ބަނގުރާ ހުސްވަމުންދާތީ ޓޫރިސްޓުން ކަންބޮޑުވެފައިވާ ކަމަށް ވިލާ އިން ބުންޏެވެ.
ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، ގާސިމްގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ މިދިޔަ މަހު އެވެ. ސަރުކާރުން ހުއްދަ ހިފެހެއްޓުމަށް ފަހު، ޓޫރިޒަމް އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، ރަލާއި އޫރުމަސް އެތެރެކުރަން ސަރުކާރުން ވިލާ އަށް ދިން 14 ދުވަހުގެ ލައިސަންސެއް ދިނެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އިން ބައެއް ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސަންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ.
އެ ކުންފުނީގައި ރަނގަޅު ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
08 February 2018
ރަލާއި އޫރުމަސް އެތެރެ ނުކުރެވުނަސް ޓޫރިޒަމް ހިންގޭނެ ! މައްސަލައަކީ އެހެން ރިސޯރޓް ތަކަށް މިތަކެތި އެތެރެ ކުރެވެންޏާ ހުލިވާނީ ވިލާގެ ރެސޯރޓް ތައް ! މިސަރުކާރުގެ ބޭނުމަކީވެސް އެއީ ! ޤާސިމް އިދަޖައްސާލުން ! ބާރުގެ ބޭނުންކޮށްގެން އެކަން ކުރާނެ !
އަލީ ސަލީމް
08 February 2018
ހަމަ ބަރާބަރު ކަމެއް ތިކުރީ! މި ރާއްޖޭގަ އެންމެ ގިނައިން ލާރި އަޅައިގެން ވޯޓު ހޯދަން މަސައްކަތް ކޮއް، ރާއްޖެ ހަލާކު ކުރި އެކަކު މިއީ. ހަގީގަތަކީ، 15މ ޑޮލަރ ވޯޓައް، ނޫނީ ގައުމު ކޮރަޕްްޓް ކުރަން ހޭދަކޮއްގެންވެސް މީނައައް ވާނީ ފައިދާ، ސަރުކާރައް ދައްކަންއެތައް ސަތޭކަ މިލިއަން ނުދައްކާ ވާނެ ގޮތެއް ހޯދިއްޖިއްޔާ! ކޮންމެ ފަހަރަކު، ސަރުކާރު ވައްޓާލާފަ، ވަލުދޮރާށިން ވަދެ ގަރާރެއްގައި ސޮއި ކުރަނީ ދައްކަންޖެހޭ ލާރި ތައް މާފު ކޮއްފީމޭ ކިޔާފަ! މިއީ ގައުމު ފުނޑާލި އެކަކު!
މެންޓަލިސްޓް
07 February 2018
އާދެ ގާސިމައަކާއި އަޅައިގަނެގެން ހުރިހާ ސިޔާސީ ވެރިން އަބަދުވެސް އުޅޭ ،،،، އެއީ މުދާވެރިން ސިޔާސީކަންކަމުގައި އުޅުނީމައި ވާގޮތަކީ ،،،، ގާސިމްއަކީ އެކިޒަމާނުގައި އެކިވެރިންގެ އަދުއްވެއްކަމަށް ވެފައިވަނީ ،، މިސާލަކަށް ރައީސްމައުމޫންގެ އަދުއްވަކަށް ބަދަލުވި ،،، އޭގެފަހުން ރައީސްނަޝީދުގެ އަދުއްވަކަށްބަދަލުވި ،،، ދެންމިހާރު ޔާމިންގެ އަދުއްވަކަށް ބަދަލުވެގެން އެދިއައީ ،،،، މާނައަކީ ތިނެސްކަން ހަމަވީއޭ ،،،، އެހެންވީމައި ވަރަށްނުރައްކާ ބޮޑުވާނެ ،،، ޔާމިންގެ ވެރިކަން ނުނިމިއްޖިއްޔާމުން ގާސިމް ބަދަލުވެގެންދާނީ ޖީޓީމަނިކަށް ،،،، ހުރިހާ މުދަލެއް ސަރުކާރަށް ނަގާނެކަމީ ޝައްކެއްއޮތްކަމެއްނޫން ،،،، މައައްސަލާމާ
އަހޫ
07 February 2018
ރަލާނުލައި ރިސޯޓްހިންގޭނެކަން ދައްކާލަބަލަ. ރާ އިޒް ޙަރާމް.
އެކްސް
07 February 2018
އަވަހަށް އިސްލާމިކް ޓުއަރިޒަމަށް ބަދަލުކޮށް، ރަލާ އޫރުމަހާ ނުލާވެސް ރިޒޯޓު ހިންގޭނެކަން އަންގާލާ.
ފަޅާއެރީ އޭ
07 February 2018
ޤާސިމް އުޅުނީ ޓެކްސް ނުދައްކާ އެލާރިން ބަޤާވާތް ކުރަން ތިބި އެންމެނަށް ދޭން އަދި ރާއްޖެ އަޅުވެތިކޮށްލަން
ސިންތިލީ ވޫމް
07 February 2018
ހާދަ ވަރަކައް ރާ ދެކެ ރުޅިޔެއް ތިޔަ އަން ނައްނީ؟
ކޭމާޓް
07 February 2018
ކަލޭ ގަދަ އިނގޭ! ފަން އައިލެންޑުން ގެންދިޔަ އެތިކޮޅަށް ކިހިނެއް ހެދީ... ބޭނުން ކޮށްލީތަ؟