ހިތަދޫ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ.
24 ފެބުރުއަރީ 2018 - 13:49
އައްޑޫގައި އިއްޔެ ހަވީރު އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހައްޔަރުކުރި ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފުސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ހިތަދޫގައި ބޭއްވި މުޒާހަރާ އަށް ފަހު، މަރަދު އަށް ދިޔަ މަގުމަތީގައި ފުލުހުން ހައްޔަރުކުރީ މަރަދޫ ފިތުރޯނުގޭ މުހައްމަދު ވަޖުދީ އާއި އެ އަވަށު ދޭލިގޭ އާސިމް ވަޖުދީ އެވެ. އެ ދެ މީހުން ވެސް ނިސްބަތް ވަނީ އެމްޑީޕީ އަށެވެ.
އާސިމާއި ވަޖުދީގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު މެންދުރު ފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުން އިއްޔެ އައްޑޫގައި މުޒާހަރާކުރީ ހައްޔަރުކޮށްފައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ދޫކޮށްލައި، މި މަހު 1 ގައި އެ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވައިލުމުގެ ގޮތުންނެވެ.
ނަމަވެސް އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދުގައި ބާއްވަން އުޅުނު އެއްވުން ރަޔަޓް ގިޔަރުގައި ފުލުހުން ނުކުމެ ރޫޅާލި އެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން އައްޑޫގައި އިއްޔެ ބޭއްވި ހަރަކާތް ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ދިނެވެ.
އެމްޑީޕީން ބުނީ މިއަދު ވެސް އައްޑޫގައި އެއްވުމަކަށް ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި އެކަން ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާބެއްޔަ
25 February 2018
އައްޑޫގަ ތިކުރި މުޒާހަރާ ބަލަން ހުރިން. ވިއްސަކަށް މީހުން ނިކުމެ މަގުމަތީގަ އަޑުގަދަކުރަމުން އުޅުނީ. ދެން ފުލުހުން އެ މީހުންނަށް ހުރަސްއެޅީމަ ވައްތަރުތަކެއް ޖައްސާ. މުޅު މަގުސަދު ފެންނަންއޮތީ ވަކި ވައްތަރެއްގެ ފޮޓޯކޮ ކޮޅެއް ނަގާލުން. އަދި އެއިގެ ތެރެއިން ބަޔަކު ބަންދުވުން. އެއީ ބޭރުގެ މީޑީޔާއަށް ކެއްކި ރިހަގަޑެއް
ކިނާން
24 February 2018
ސާބަހޭ ޕޮލިސް ތިޔަކުރައްވާ ގައުމީ ހިދުމަތައް ޝުކުރު ދަންނނަވަން
މާލޭ މީހާ
24 February 2018
ގާނޫނާ ޚިލާފް ވީމާ ގާނޫން އަރާހަމަކުރީ ، ދިވެހި ސިފައިންނާ ދިވެހި ފުލުހުންނަށް ސެލިއުޓް ކުރަން . ( އއ )
ސަރާއު
24 February 2018
ސަރުކާރު ސަޕޯޓަރުން ، "ގޭގަ އޮއްވަތަ ހައްޔަރުކުރީ؟" ގޭގަ އޮއްވަ ހައްޔަރު ކުރުމުން "މިސްކިތުގަ ސަޖިދައިގަ އޮއްވަތަ ހައްޔަރު ކުރީ؟" ސަޖިދައިގަ އޮއްވަ ހައްޔަރުކުރުމުން "ސަޖިދައިގަ އޮތީ ފުލުހުންތަ؟ އޭނަގެ މައްސަލައެއްދޯ ސަޖިދައިގަ އޮތީ؟" ހެޔޮނުވާނެ މި ގޮވެލިފަތި ހުއްޓާލާ! ގާނޫނާ އެއްގޮތަށް އުޅެމުން ދަނިކޮށް ކޮންމެ ތަނަކު ހުއްޓަސް އެގޮތަކަށް އަނިޔާވެރިކޮށް ނުގެންދެވޭނެ!