ރޭގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަސުރުމާ
24 ފެބުރުއަރީ 2018 - 23:59
އިދިކޮޅު ހަތަރު ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ އެކަނި ވެސް ވާދަކޮށްނުލެއްވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
"މި ޖީލުގެ އަޑު" ނަމުގައި ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އިޝާރާތްކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ އެ ބޭފުޅުންނަށް މެޑަމް ފާތުންނާ އެކަނި ވެސް ވާދަކޮށް ނުލެއްވޭނެ ކަމަށެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ. ޕީޖީ ގުރޫޕު ބަހައްޓަވާ، އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ބަހައްޓަވާ. ހަމައެކަނި މެޑަމްއާ ވެސް މިބޭފުޅުންނާ ވާދަނުކޮށްލެވޭނެ،" ޕޯޑިއަމްތަކުގައި ރައީސް ޔާމީނާއި މެޑަމް ފާތުންނަށް އާންމުކޮށް ތައުރީފު ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވެވިއިރު ރައީސް ޔާމީން ހުންނަވާނީ ވަރަށް "ޓެންޝަން"ގައި ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ކުރި ކަމަށާއި ނަމަވެސް އެ ބަޔާން ވެގެން ދިޔައީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ބަޔާނަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލައްވާއިރު ތިން "ތަނބެއް" ބިނާ ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އިސްލާމް ދީން ހިމާޔަތް ކުރެއްވުމެވެ. ދެ ވަނަ ކަމަކަށް ފާހަގަ ކުރެއްވީ 25 ބުރިއަށް އިމާރާތްކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލެވެ. ބައްޔެއް ވުމުން އަވައްޓެރި ގައުމަކަށް ދާން ޖެހޭއިރު އެ ހޮސްޕިޓަލަކީ މިނިވަން ކަމުގެ އެއް ތަނބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތިން ވަނަ ކަމަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށް ތަރައްގީ ކުރަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އޭރުގެ ސަރުކާރުން އަބުރު ކަތިލުމަކީ ފެޝަނެއް ކަމަށެވެ. އޭރު ދޭތެރެ ދޭތެރެއިން ބަޣާވާތްތައް ގެންނައިރު އެކަމުގެ އަޑީގައި ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމަނިކުފާނުގެ އާއިލާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދު މިއަދު އެކައްޗަކަށް ވެފައިވާއިރު އެ ދެ ބޭފުޅުންގެ ސަބަބުން ގެއްލުނު ރައްޔިތުންގެ ހައްގުތައް ކޮބައިތޯ މިނިސްޓަރު ސުވާލު ކުރެއްވި އެވެ.
"30 އަހަރު ރައްޔިތުންގެ ހައްގު ކޮބައިހޭ؟ ދެ އަހަރު ބައިގެ ރައްޔިތުންގެ ހައްގު ކޮބައިހޭ؟ މުޅި ގައުމު ވިއްކާލީ. މިއަށްވުރެ ބޮޑު ދެ އަނިޔާވެރިން ތިބޭނެތޯ؟"
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚީލާ
25 February 2018
އައްދެ! މެޑަމް ހާދަދަށްކޮށްލީތި
ކުޑަކަތީބް
25 February 2018
ތެދުވާހަކަ އެއް! އެފެންވަރުގެ ކާރަކާ އަނގޮޓިއެއް ކޮންމެ ކޮންމެ މީހަކައް ނުދެވޭނެ އަދި މަނިކުފާނަށް ރަނގަޅައް އެނގިވަޑައި ގަންނަވާނެ މޯޅިވެފަ ހުރި ފިނިފެންމަލެއް ދީގެން ތިކުރަން އުޅޭ ކަމެއް ނުވާނެކަން!
ޢަލިބެއްޔާގެ އިބުރާހީމު
25 February 2018
ތިޔަކިޔަނީ ސުވަރުގެއިން ގޯތިދީ ކަޑަޖަހާފައި ގަނޑުވަރުތައް ބިނާކޮށްފައިވާ މީހެއްގެ ވާހަކަ. ކުޅެދޭމީހުން ނުކުޅެދޭ މީހުންނަށް ހަދާ ކަނބަލެއްގެ ވާހަކަ. އެވަރުގެ މީހަކާ ހަތަރު ޅީޑަރުންނެއްނޫން ދުނިޔޭގެ އެންމެން ކުރިމަތިލިޔަސް ބަލިނުކުރެވޭނެ.
ބޫމް
25 February 2018
މެޑަމްގެ ހުރިވަރެއް އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. އެހެންވީމާ ތީ ތެދަކަށްވެސް ވެދާނެ.
އަލީ
25 February 2018
އައްޗީޑި.. ތިނޫން އެއްޗެއް ބުނިނަމަ ޤަބޫލް ކުރެވުނީސް ... ތިބުނާ މެޑަމްއަކީ ވަރަށް ވަރަށް ވަރަށް ވަރަށް ފޫހިމީހެއް ...
ފެންކުޅިފިނިފެން
25 February 2018
ފިނިފެންމާ ސަޢީދު ދޯ.. ހެހެ
އަމާން
25 February 2018
ސާބަހޭ. މަ ވޯޓު ދޭނީ ތިމަނިކުފާނަށް
އައިސް
25 February 2018
ސައީދުއެވެ .ސައީދުގެ ދެފައިބަނދެފައި ދެއަތުގައި ބިޑިއަޅުވާފައި ބާއްވާފައި ސައީދުއާ ބައޫޖަހާ ބޭބީއަކާ ވާދަކޮއްލަމާ ކާކުތޯ ކުރިން ދުވެފައި ގޮސް ރޭސްނިންމަނީ ! ސައީދުއަށް ބޭބީއަކާވެސް ވާދަނުކޮއްލެވޭނޭ ސައީދޫ އަހަރެމެންނަށްވެސް ތިކަހަލަ މޮޅެތިވާހަކަ ހަދަންއިނގޭ
ސައްފާ
25 February 2018
ސައީދޫ އަދީބުވެއް ތިޔަގޮތަށް އުޅުނު މިހާރުކޮބާ؟ ތިޔަ ބައިގަނޑަކީ މެޑަމުގެވެސް ހަލާކޭ.
ޜާކަނި ސައްތާރު
25 February 2018
2018 ގައި ބޮޑުތަނުން ބަލި ވާތަން ދެކެން މަމެން ތިބޭނޫއެވެ.