ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ "ސަރަހައްދީ މުސީބާތަކަށް" މިއަދު ވެފައިވާ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމަނިކުފާނަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ބޭޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ތިން އަހަރު ވަންދެން ވެރިކަން ކުރެއްވި ނަޝީދަކީ މިއަދު ގައުމީ މައްސަލައަކަށް ވުރެ ބޮޑަށް ސަރަހައްދީ މުސީބާތަކަށް ވެފައިވާ ކަމަށެވެ.

"ބޮޑެތި ގައުމުތައް ހަނގުރާމައަކަށް ވައްޓާލާ މުސީބާތަކަށް [ނަޝީދު] ވެފައި މިވަނީ،" ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް އަވަށްޓެރި އިންޑިއާ ވެއްދުމަށް އެކި ގޮތްގޮތުން މަސައްކަތްޕުޅު ކުރެއްވި ނަޝީދާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި އެ ވެރިކަމަކާ ދެކޮޅަށް ބަޣާވާތް ކޮށްފައިވާ ކަމަށާއި އެއިން ކޮންމެ ފަހަރަކު ވެސް ބަޣާވާތް ގެނެސްފައި ވަނީ ނަޝީދުގެ އާއިލާ އިން ކަމަށެވެ.

"އެހެންވީމާ މިއީ ބޮޑު މުސީބާތެއް ގާއިމް ކުރަން އުޅޭ ބައެއް،" ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވި އެވެ.

ނަޝީދު ސްރީ ލަންކާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ/ސޯޝަލްމީޑިއާ
ނަޝީދު ސްރީ ލަންކާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ/ސޯޝަލްމީޑިއާ

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސަކީ ނަޝީދު ކަމަށް ދައްކާ ވާހަކަ އަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ބުހުތާން ދޮގެއް ކަމަށެވެ. ސައީދު ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ހުރިހާ ރައީސުން ވެސް ވެރިކަން ކުރެއްވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންޚާބުވެވަޑައިގަތުމަށް ފަހު ކަމަށެވެ. އަދި އެކަމަށް އެއްވެސް މީހަކަށް ގޮންޖަހާ ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކޮންމެ ޒަމާނެއްގައި ވެސް އެކި ބޭބޭފުޅުން ވެރިކަން ކުރެއްވީ އެ ޒަމާނަކަށް އެންމެ އެކަށީގެންވާ ނިޒާމެއްގެ ތެރޭގައި ކަމަށާއި އެ ބޭފުޅުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ވާހަކަފުޅު ދެއްކެވުމުގެ ހައްގު ނަޝީދަކަށް ނޯންނާނެ ކަމަށެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސައީދުގެ ވާހަކައިގައި ނަޝީދުގެ އިތުރުން، 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ މައުމޫނާއި ގާސިމްގެ ނަން ދިވެހި ތާރީޚުގައި މިހާރު ލިޔެވޭނީ ޑިމޮކްރެޓިކް ނިޒާމު ފުނޑާލި ބޭފުޅުންގެ ގޮތުގައި ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު، އިދިކޮޅު ހަރަކާތުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: އެއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލި ބޭފުޅުން ކަމަށް މިނިސްޓަރު ސައީދު ރޭ ވިދާޅުވި.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިދިޔަ އަހަރުގެ ޖުލައި މަހު، އިދިކޮޅު ހަރަކާތުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: އެއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލި ބޭފުޅުން ކަމަށް މިނިސްޓަރު ސައީދު ރޭ ވިދާޅުވި.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެކަމަކު މިކަން މަތި ކުރުވީ ވަރަށް މަކަރުވެރިކަމާއެކު ރައީސް ނަޝީދު އަޑީގައި ހުރެގެން، މި ދެ ބޭފުޅުން [މައުމޫނާއި ގާސިމް] ލައްވައި. އާޚިރުގައި މީގެ ނަތީޖާ އަކީ އަޅުގަނޑުމެން ދިވެހިންނަށް ދުވަހަކު ވެސް ހަމަނޭވާ ނުލެވޭނެ ވަރުގެ ބިރުވެރިކަމެއް ތެރެއަށް މި ގައުމު ވައްޓާލައި، މި ގައުމަކީ ވަރަށް މުއްސަނދި ތަނެއް ކަމަށް ﷲ ގެ އިރާދަފުޅުން ވާނެ ތަނެއް ކަން ދެނެހުރެ އެކަން ބޭރުގެ ފަރާތްތަކަށް ތަބަކަކަށް ލާފައި ހަދިޔާ ކުރަނީ. މިއޮތީއޭ ހަޒާނާ. މީގެ މައްޗަށް ވެރިވާށޭ،" ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގެ ތަހުގީގަށް މިހާރު ޖަލަށް ލާފައިވާ މައުމޫން އަދި ޖަރުމަނުގައި އުޅުއްވާ ގާސިމާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުމޫނާއި ގާސިމް އަދި އިދިކޮޅު ފަރާތްތަކުން ހިންގަނީ މުސްތަގުބަލުގައި ރާއްޖޭގެ އެތައް ބަޔަކު ހިތާމަކުރާ ކުރާނެ ޖަރީމާ އެކެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބު [2013 ގެ އިންތިޚާބު] ގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ގާސިމްގެ އަރިހުގައި ހުންނެ ސައީދު ވިދާޅުވީ، އެ ފަހަރު ގާސިމް ވެރިކަމަށް ގެންނަން، އެ ޕާޓީގެ މިހާރުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ދެކޮޅު ހެއްދެވި ކަމަށެވެ.

ގާސިމާއި ރިޔާޒް ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ގާސިމާއި ރިޔާޒް ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މި ގައުމުގައި މިހާރު ކުރިމަތިލާފައި ތިއްބެވި ފަރާތްތަކުގެ ތެރެއިން އޭރުގެ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވައި މި ގައުމުގެ ވެރިކަން ކުރެވޭނެ އެއްވެސް ފަރާތެއް ނެތޭ. އަބްދުﷲ ރިޔާޒް ވިދާޅުވީ އަޅުގަނޑުގެ ކައިރީގައި. ﷲ ހެކިވާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު ވެސް ނަޝީދަށް ވެރިކަން ލިބިދާނެތީ ބައެއް ބޭފުޅުން ތިއްބެވީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދެެއްވާތޯ ބައެއް މީހުން ދެ ރަކްއަތް ނަމާދު ކުރައްވައި ދުއާ ވެސް ކުރެއްވި ކަމަށެވެ.

އެކަމަކު އޭރު ވެސް 99 ޕަސެންޓް މީހުން އިއްތިފާގުވި އެއް ކަމަކީ ސައީދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އިސްލާމްދީނާއި ގައުމިއްޔަތުގެ ދިފާއުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ އެވެ.

"އަޅުގަނޑުމެން ސިޔާސީ ގޮތުން [އޭރު] އާ. އެކަމަކު މި ފިލާވަޅު އަޅުގަނޑުމެންނަށް ނަގައިދިނީ އޭރުގެ ސިޔާސީ ވެރިން. އޭރުގެ ސިޔާސީ ވެރިން ނަގައިދިން ފިލާވަޅުގެ ތެރޭގައި މާތް ﷲ ގަންދީ ހުވާކޮށްގެން އަޅުގަނޑުމެން މިއަދު ވަޒީރުންގެ ގޮތުގައި މި ތިބީ ރައީސުލްޖުމްހޫރިއްޔާ އާއި މި ގައުމުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން. އެއީ އަޅުގަނޑުމެން ގިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ ކަމަކީ. ދެން ކޮން ބިރެއްތޯ އިތުރަށް އަޅުގަނޑުމެން ގަންނަ ޖެހެނީ؟،" ސައީދު ވިދާޅުވި އެވެ.