ރައީސް ޔާމީން، ރިޔާސީ ބަޔާން އިއްވެވުމަށް ދަރުބާރުގޭގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 މާޗް 2018 - 16:42
އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބައެއް ގައުމުތަކުން ބަލައިގެންފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމާއި އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން އިތުރަށް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ބައެއް ގާނޫނުތަކަށް ބަދަލު ގެނެސް، އެ ގާނޫނުތަކަށް ދަނީ އަމަލު ކުރަމުންނެވެ. އަދި އެކި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރެއްވުމަކީ ވެސް، ސަރުކާރުން ސަމާލުކަން ދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެކަމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ތައުލީމީ އަންހެން ބޭފުޅުންގެ ބައިވެރިވެވަޑައިގަތުން ގައުމީ ތަރައްގީގައި އިތުރުކުރުމެވެ. އަދި އެ ބޭފުޅުންނަކީ ވެސް ގައުމުގެ ކުރިއެރުމުގައި މުހިއްމު ބައެއް ކަމުގެ ޔަގީންކަން އެރުވުމެވެ،" ރައީސް ޔާމީންގެ ހިތާބުގައިވެ އެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ހަމަޖައްސަނީ ވެސް އެ ސަބަބަށްޓަކައި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިކަން ހިނގާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ،"
މީގެ އިތުރުން ސަރުކާރުން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކޮށް، އެއްވެސް ތަފާތު ކުރުމެއް ނެތި ދަރިވަރުންނަށް ތަރުބަވީ ތައުލީމުގެ ތެރެއިން ރަނގަޅު ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އަންހެން ކުދިންނަށް ތައުލީމީ ރޮނގުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ތަފާތު ފުރުސަތުތައް ހުޅުވާލުމުން، އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުން އާންމުކޮށް ނޫޅޭ ބާވަތުގެ މަސައްކަތުން ޒުވާން އަންހެނުން ފެންނަމުންދާ ކަމީ، ގައުމުގެ ކުރިމަގު އުޖާލާވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ވެސް އެ މަނިކުފާނުގެ ހިތާބުގައިވެ އެވެ.
ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސްގެ ހިތާބުގައި ވަނީ އަންހެނުންގެ މަސައްކަތަށް ހިތްވަރު ދެއްވައި، އެ މީހުންނަށް އޯގާތެރިކަމާއެކު ކަމޭހިތައިގެން މަސައްކަތް ކުރާ ހުރިހާ ފިރިހެނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
08 March 2018
މިގޮތުން ޖިލްބާބުން ނިވާވި އެތަށް ޓީޗަރުންނެއްވަނީ ވަޒީފާއިން ވަކި ކުރެވިފަ
ބޯގޯސް
08 March 2018
ލޮބުވެތި އުޙްތުނެވެ. ބާރުވެރި ވުމަކީ ގަޔައް ބާރު ފޭރާންތަކެއް ލުމެއް ނޫނެވެ. އެއީ ތިމާގެ ބާރުވެރިކަން ނެތި ބައެއްގެ ބާރުވެތިކަމުގައި އުޅޭ ކަމުގެ ޙެއްކެކެވެ.
ދަލޭ
08 March 2018
އެކަން މިއަދު ސާބިތުކޮށްދީފީ, ފުލުހުން ފޮނުވައިގެން, އަންހެނުންގެ ހިނގާލުން ހުއްޓުވައި,
ކަލޯ333
08 March 2018
ކޮން ޤައުމުތަކަކުންތޯ ބަލައިގަންނަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރާކަން؟ ސައުދީއާއި މިސުރުތޯ؟ އެއީ ކޮންކަމެއްކޮށްގެންތޯ؟ ޖުޑީޝަރީގައި ތިބި ހުރިހާ އަންހެނުން ބޭރުކޮށްލީމަތޯ؟