އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
16 މާޗް 2018 - 16:29
އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވާ "ބޮޑު މުޒާހަރާ"ގައި، ރައްޔިތުންގެ އަޑު ރައީސް އަބްދުﷲ ޔާމީނަށް އިއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
"ހުއްޓުވާ" ނަމުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާ ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގަ އެވެ. ފަހަކަށް، އައިސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކުހެން، އެ ސަރަހައްދުގައި މުޒާހަރާތައް ބޭއްވި ނަމަވެސް، ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އަދި މިއަދު ބާއްވާ ބޮޑު މުޒާހަރާއަށް ވެސް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިގްތިސާދު އިނދަޖެހި، ފައިސާގެ ދަހިވެތިކަމުގައި ބޭރުގެ ގައުމުތަކުގެ އުނގަށް ދައުލަތް ވައްޓާލާފައިވާ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަނީ އެތައް މިލިއަން ޑޮލަރެއް އަގުބޮޑުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ކުރެވޭއިރު، އެކަން ބެލޭނެ މިނިވަން މުއައްސަސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ހުއްޓުވަން ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި ގައުމު ވެރި މީހާގެ މުށުތެރެއަށް ލަމުންދާތީ، އެކަން ހުއްޓުވަން ރައްޔިތުން ނިކުންނަން ޖެހޭނީ އާ ހިތްވަރަކާއެކުގަ އެވެ. އަދި މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު ރަށްތަކުން އައިސްފައިވާ ކަމަށާއި މި މުޒާހަރާ ވަރުގަދަ ވާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
"މިރެއަކީ ދިވެހި ރައްޔިތުންގެ އަޑު ޔާމީނަށް އިއްވާނެ ރެއެއް، ދިވެހި ރައްޔިތުން އެދޭ އެދުންތަކުގެ ވާހަކަތައް ޔާމީނާ ހަމައަށް ފޯރުކޮށްދޭނަން. ޔާމީނަށް މަޖުބޫރުވާނެ މި އަޑުތައް އައްސަވަން،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަޑު އަހަން ރައީސް ޔާމީނަށް މަޖުބޫރުވެ ވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޔާމީން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ޔާމީން ވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއަށާއި ރައްޔިތުންގެ ފަރުދީ ހައްގުތަކާއި ބައިތުލްމާލަށް އެންމެ ބޮޑު އުދުވާނަށް ކަމަށެވެ. އެހެންވެ، ރައީސް ޔާމީން ހުއްޓުވަން ނިކުންނަން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ދައުލަތް ސަލާމަތް ކުރުމަށް، އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަށް، ގާނޫނުއަސާސީ ރައްކާތެރިކުރުމަށް ރައީސް ޔާމީން ހުއްޓުވުމަކީ ވާޖިބެއް ކަން އެންމެން ގަބޫލުކުރާ ހިސާބަށް ގޮސްފި،" އިމްތިޔާޒް ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ މީހަކު ދައްކާހާ ބިރަކަށް ރައްޔިތުން ބިރުގަންނަން ނުޖެހޭ ކަމަށާއި ދައްކާ ބިރަށް ފަހަތަށް ޖެހޭނަމަ، ގައުމު އޮޔާ ދާނެ ކަމަށެވެ. މިއީ ވަކި ބައެއްގެ ގައުމެއް ނޫން ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްގެދަރި
17 March 2018
އިދިކޮޅުގަ ތިބި ހުރިހާ މީހުންނަކީ އަގުވެއްޓި އިތުބާރު ގެއްލިފައިވާ ބައެއް. ބަލަގަ އިމްތިޔާޒޫ ކަލެއައްވުރެ ބޮޑު މޮޔަޔަކު އަހަރުމެން ނުދެކެން.
ސޮކްތެރެޕީ
17 March 2018
މިމީހުންނަކަ މިކަމެއްނުވާނެ.
ޣައްދާރު
16 March 2018
ގައުމައް ގައްދާރުވަނޭކޮންބައެއްކަންއެގޭނެ.
ހުސޭނު
16 March 2018
މަށަށް ވެސް މި އުޅެނީ ތިކިޔާ އެއްޗެއް ސާފު ނުވެގެން. އެއް ފަހަރު ބުނާނެ ކޮރަޕްޝަން އާ ދެކޮޅަށޭ. ދެން އިވޭނެ އަދީބު އާ އަލީ ހަމިދު ދޫކޮށްލާށޭ. ވައްކަން ކުރިކަން އިގޭއިރު ވަގު ދޫކޮށްލާގެން ފަރުޖެހޭތަ؟ އެކަން ކުރަން ބުނި މީހާ އާ ރޭވިމިހާ ހޯދަން ބޭނުންވާނަމަ ވެސް ވަގު ދޫކޮށްލެވިގެން ނުވާނެ. އެމް.ޑީ.ޕީ މީހުން ކަލޭމެން ތި ހާވާ ހަޑީގަ ބައިވެރި ނުވަނީ އެހެން ވެގެން.
ދަރުހޮވާ
16 March 2018
އެއް ކަމެއްވެސް ނުކުރެވޭނެއޭ ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ރަންރީނދޫ ޓްވިޓަރޭ މެން އެއުޅެނީ ތަނެއް ކަހާތީތޭ މަމެން ގެ ވެރިކަން ވައްޓާލަން ނުވާނެ ތިޔާ ކަމެއް ތަމެން ތިޔާ ކަން ހުއްޓާލުމަށްފަހު ދަގަ ވަލަށް ދަރުހޮވަން. ދަރުހޮވާ ދޯ.
ޢިބްރާހިމް
16 March 2018
ބޭނުމެއް ނޫން އަބަދު ވެރިކަންވައްޓާ ގައުމަކަށް ދިވެހިންވާކަށް . 12 މެންބަރާ ހެދި މިހާރު ވަރަށް ބޮޑު އުދަނގުލަކަށް ވެއްޖެ .
ޛނނޖހބ
16 March 2018
ނިކަން އިއްވާލަބަލަ.
ކާޅު ސޮރު
16 March 2018
ރައީސް ޔާމިނައް ތިއަޑު ނީވިގެންނެއް ނޫޅެއެވެ މައްސަލަޔަކީ އަޑު އިއްވަންތި މީހުންގެ އިހުލާސްތެރިކަމާ ދޭތެރޭގަ އޮންނަ އިތުބާރެވެ
މުރާސިލް
16 March 2018
ޤައުމށް ޣައްދާރުވަމީހުން އަޑެއް ރައީސް ޔާމިނަަކަށް ނިވޭނެއެވެ. ޢަދި އެފަދަ މިހުން އަޑެއް އެމަނިކުފާނު ނުވެސް އައްސަވާނެއެވެ.
ޙުސެން
16 March 2018
އަޑުނީވޭ ޝަރުތު ހަމަނުވާ މީހުން ވެރިކަމު ނުބޭތިއްބޭނެ.
ބާބު
16 March 2018
ސަބަހޭ ؟