ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި: ޕޮލިސް

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއިން 23 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިހާތަނަށް އޭގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މަޖީދީމަގުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރު ކުރި އެވެ. އަދި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ވަލީދާ ވަލީދާއި އެމްޑީޕީ އަންހެނުންގެ ރޫހުގެ ސެކްރެޓަރީ އައިޝަތު ވަހީދާ ވެސް ހައްޔަރު ކުރި އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވި ގޮތުގައި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ފުލުހުން ބުނީ "ސަރުކާރު ވައްޓާލުމަށް" މަޖީދީ މަގަށް އެއްވާ މީހުން، އާންމުންނަށް އުނދަގޫވާ ގޮތަށާއި ވިޔަފާރި ކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ގާނޫނާ ހިލާފަށް ކުރާ މުޒާހަރާތަކުގައި ބައިވެރިނުވާން ފުލުހުން އިލްތިމާސް ކުރެ އެވެ.

ފުލުހުން މިހެން ބުނި ކަމުގައިވިޔަސް، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުން ބޭނުން ކުރަނީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރު ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ވެސް މުޒާހަރާ އަށް މާލޭގެ މަގުތަކަށް ނުކުތީ، ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް، ނުވަ މީހަކު މިނިވަންކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލުމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޮޑު އެއްވުމަކަށް ތައްޔާރުވަމުން އަންނައިރު އެ މުޒާހަރާއަށް ވެސް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.