ރިޕޯޓް

އެންމެ ބޮޑު ކުށް، ސިޔާސީ ވުން!

މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ

އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެއް ރޫޅާލުން ފުލުހުންނަށް މާ ބޮޑު ކަމަކަށެއް ނުވެ އެވެ. ނަމަވެސް ދެތިން މީހުންގެ ގުރޫޕަކުން ނުކުމެ މާރާމާރީ ހިންގުން ހުއްޓުވައެއް ނުލެވެ އެވެ. ސިޔާސީ މީހެއް ނަމަ ހެކި ހޯދަން ވެސް ވަރަށް ފަސޭހަ އެވެ. ބަންދު ކުރެވޭލެއް އެއަށް ވުރެ އަވަހެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅޭ އެތައް ބަޔަކު ތިބީ ދޫވެފަ އެވެ.

މި މުޖުތަމައުގައި އިޖުތިމާއީ މައްސަލަތައް އިންތިހާ އެވެ. ޒުވާން ޖީލު އެކި ވަބާތަކުގައި ޖެހި ހަފުސް ވަނީ އެވެ. އާބާދީއާ ބަލާއިރު ކުށްކުރުން އިތުރެވެ. އާއިލީ މައްސަލަތައް ގިނަ އެވެ. ނިކަމެތިން ނިކަމެތިކަމުގައި ތިއްބާ ނުހައްގުން މުއްސަނދިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ވަނީ އިތުރެވެ. ގައުމުގެ އަމާންކަން ނެތި ގޮސް ކުށުގެ ހާއްޔަކަށް ބަދަލުވަމުން ދާއިރު އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވެ އެވެ.

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކަށް ވިޔަސް އެ ހައްގު ބޭނުންކުރަން ޖެހިލުންވެ އެވެ. ސަރުކާރާ އިދިކޮޅު މީހެއް ނަމަ ރެއެއް ދުވާލެއް ނެތި ކޮންމެ ތަނެއްގައި ހުއްޓަސް ހައްޔަރު ކުރަނީ އެވެ. އޭނާ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މާ ދުރާލާ އޮންނަނީ ލިބިފަ އެވެ. ތަހުގީގު ފަށާތާ ގިނަ ދުވަހެއް ނުވެ އެވެ. ދައުވާ އުފުލަ އެވެ. ހެކި ހޯދަނީ ފޮށިފޮށިންނާއި ދަބަހުންނާއި ޕެންޑުރައިވްތަކުންނެވެ. ހުކުމް ކޮށްލަން ވެސް އެހާ އަވަހެވެ.

.

ފުލުހުން މުޒާހަރާއެއް ރޫޅާލަން ތައްޔާރުވެ ކުރިއަށް ދަނީ: އަބަދުވެސް އުޅެނީ ސިޔާސީ މީހުންގެ ފަހަތުން -- ފޮޓޯ:މިހާރު

މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި ހަ މީހަކު މަރާލި އެވެ. ވޭތުވެދިޔަ 16 އަހަރު ތެރޭ 63 ގަތުލެވެ. ގިނަ އަދަދެއްގެ މައްސަލަތަކަށް އިންސާފު ނުލިބޭއިރު މީހުން މެރުމުގެ ލާއިންސާނީ އަމަލު ހުއްޓުވޭ ތަނެއް ވެސް ނުފެނެ އެވެ. ދޭތެރެ ދޭތެރެއިން ނުކުމެ މީހަކު މަރާލަނީ އެވެ. އެ މީހުން ހުއްޓުވަން އިއްވި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތެވެ.

މިދިޔަ އަހަރު އެކަނި ވެސް މަސްތުވާތަކެތީގެ 2000 އަށް ވުރެ ގިނަ މައްސަލަ ފުލުހުން ބަލާފައިވެ އެވެ. އެއީ ކުށުގެ "މަންމަ" ކަމަށް ވާއިރު ބިއްޖެހިފައިވާ ޒުވާނުން އިންތިހާ އެވެ. އެތަކެތި އެތެރެކުރާ މީހުން އެކަން ކުރަނީ އެވެ. ކުށް ސާބިތުވެ ހުކުމް އިއްވިޔަސް ކޮންމެވެސް ގޮތަކުން އޭގެ ތެރެއިން ބައެއް މީހުން ދޫވެ އެވެ.

ނުރައްކާތެރި މުޖުރިމުންނަށް ފިޔަވަޅު އަޅަން ޓެރަރިޒަމްގެ ގާނޫނު ފަދަ ހަރުކަށި ގާނޫނުތައް އެބަ ހުއްޓެވެ. ނަމަވެސް މުޖުރިމުން ދޫކޮށް އެ ގާނޫނު ވެސް ބޭނުންކުރާތަން ފެންނަނީ ސިޔާސީ މީހުންނަށް އަދަބު ދިނުމަށެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ހިމެނޭ ގޮތަށް މިހާރު ވެސް ނުވަ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެބޭފުޅުން ތިބީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގަ އެވެ. ނަމަވެސް ބޮޑެތި ލާއިންސާނީ ކުށްތައް ކޮށްފައިވާ އެތައް ބަޔަކު އުޅެނީ މިނިވަންކޮށެވެ.

"ޓެރަރިޒަމުގެ ގާނޫނުގައި އެބަހުރި އެޅޭނެ ގިނަ ފިޔަވަޅުތަކެއް. ދެވޭނެ ބޮޑެތި އަދަބުތަކެއް. އެކަމަކު އެ ބާރުތައް ވެސް ބޭނުން ކުރަނީ ސިޔާސީ ބޭނުމަށް ދެއްތޯ؟،" ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.

ސިޔާސީ އެއްވުމެއް ނަމަ އެކަން އެކަން ކުރަނީ ކޮން މަގުސަދަކަށް، ކޮން ބައެއް އިސްކޮން ތިބެ ކިހާ އިރަކުންކަން ފުލުހުންގެ އިންޓެލިޖެންސަށް ވަރަށް ސާފެވެ. އަދި މާ ދުރާލާ އެކަންކަން އިއުލާން ކުރެ އެވެ. ނަމަވެސް މީހުން މަރާ، މީހުންގެ މުދާ ފޭރެމުން ދާއިރު އެކަން ދުރާލާ ހުއްޓުވޭ ތަނެއް ނުފެނެ އެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސަށް ފާޑުކިޔުން އަމާޒުވާ މައިގަނޑު އެއް ސަބަބެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ކުށް މަދު ކުރުމަށް ވުރެ ބޮޑަށް ފުލުހުންގެ ރިސޯސްތައް ބޭނުންކުރާތަން ފެންނަނީ ސިޔާސީ ކަންކަން ހުއްޓުވުމާއި އެފަދަ މައްސަލަތައް ބެލުމަށެވެ. ސިޔާސީ މީހުންގެ ކަންކަން ބެލުމަށް ދޭ އިސްކަމުގެ ސަބަބުން ހަގީގީ މައްސަލަތަކަށް ފުލުހުންނަށް ވަގުތު ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައި: ސިޔާސީ ހަރަކާތުގެ ގިނަ ބަޔަކު ހައްޔަރުކުރޭ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ފުލުހުން އަބަދު އުޅެން ޖެހެނީ މުޒާހަރާއިން ހައްޔަރު ކުރާ މީހުން ނޫނީ ސަރުކާރުން އެކިއެކި ގޮތްގޮތަށް ހައްޔަރުކުރާ މީހުންގެ ކަންކަމުގައި. ވޭތުވެދިޔަ ދެ ތިން އަހަރު ފެނުނީ އެމަންޒަރު،" ޝަމީމް ވިދާޅުވި އެވެ.

"ފުލުހުން މަގުމަތި ބަލަހައްޓައިފިއްޔާ ކުށް މަދުވާނެ. އެކަމަކު ޑިއުޓީއަށް ހުންނަ ފުލުސް މީހާ މި ޖެހެނީ މީހުން ހައްޔަރުކުރަން ނޫނީ ހައްޔަރީން ބަލަހައްޓަން. އެހެންވީމަ ކުށް މަދުކުރަން ޑިއުޓީ ކުރާނެ މީހަކު ނުހުރޭ."

ސިޔާސީ މީހުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އެކަންކަމަށް ރައްދު ދިނުމަކީ އެންމެ ޕްރޮފެޝަނަލް ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ސަރުކާރު ނިސްބަތްވާ ޕާޓީ ޕީޕީއެމުން ގަބޫލްކުރާ ގޮތުގައި ކުށް މަދުކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ފުލުހުން ކުރެ އެވެ. ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުށްކުރުން މަދުވެފައިވާ ކަމަށާއި އެއީ ކުށް މަދުކުރުމަށް ފުލުހުން އެކަށޭނަ މަސައްކަތްތަކެއް ކުރާކަން ޔަގީންވާ ކަމެއް ކަމަށެވެ.

ސިޔާސީ މީހުންގެ ފަހަތުން ފުލުހުން އަބަދު އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނިހާން ވިދާޅުވީ އެއީ ވަކި ކަހަލަ މައްސަލަތަކެއް ބެލުމަށް ނުވަތަ ވަކި ބަޔަކު ހައްޔަރު ކުރުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތެއް ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކެކޭ އެއްގޮތަށް އެހެނިހެން ބޮޑެތި މައްސަލަތައް ބެލުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށާއި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނަށް ކޮންމެ ކޮންމެ ކަމެއް ކުރަން ފަސޭހައެއް ނޫން. ދަތިތަކެއް އެބަހުރި ކޮންމެ ކޮންމެ ކަމަކަށް އެޓެންޑުވުމުގައި. ގޯތިގެދޮރަށް ވަނުމަށް ކޯޓު ދަތިތައް އެބަހުރި. ސިސްޓަމް ތެރޭ ރަނގަޅުކުރަން ޖެހޭ މައްސަލަތައް އެބަހުރި،" ނިހާން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނީ ގޮތުން ފުލުހުންނަށް ލިބެން ޖެހޭ ބާރުތަކެއް ނުލިބުމަކީ ވެސް ކުށްތައް ހުއްޓުވަން އޮތް ހުރަހެކެވެ.

ސިޔާސީ އެކި ބޭނުމަށް އެންމެ ދުވަހަކުން ވެސް ގާނޫނުތަކަށް ބޮޑެތި އިސްލާހުތައް ގެނެ އެވެ. ކުށްކުރުން މަދުކުރުމަށް ފާސްކުރަން ޖެހޭ ގާނޫނުތައް ފާސްނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ މަޖިލިސް މެދުވެރިކޮށް ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގެ ސަބަބުން އެމަސައްކަތްތައް ހުރީ ނުކުރެވި ކަމަށެވެ.

"ބޮޑެތި މަސައްކަތެއް ނުކުރެވޭނެ އެ އަދަދަށް މެމްބަރުން ނެތިއެއް. ވެރިކަން ވައްޓަން އުޅުމަށް ވުރެ މާ މުހިންމު މަސައްކަތްތައް އެބަހުރި މަޖިލީހުގެ ތެރެއިން މެމްބަރުން ކުރަން ޖެހޭ،" ނިހާން ވިދާޅުވި އެވެ.

ކުށް މަދު ކުރަން އިހުލާސްތެރިކަމެއް ބޭނުން

ޝަމީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ތިން މީހަކަށް ފުލުހެއް ހުންނައިރު ކުށް މަދުކުރުމަކީ ރާއްޖޭގައި ފަސޭހަ ކަމެއް ކަމަށެވެ. ކުށުގެ ތަފާސްހިސާބުތަކަށް ބަލައި ދިރާސާތައްކޮށް އެކަންކަމަށް އަމާޒުކުރާ ނަމަ ކުށް މަދު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ރޯދަ މަހު ފުލުހުންނަށް އެބަ އިނގޭ ހެނދުނު ގަޑީގައި ވައްކަން އިތުރުކަން. އެހެން އެ އެނގެނީ ތަފާސްހިސާބަށް ބަލައި އަމަލު ކުރާތީ. ރާއްޖޭގެ އެކަކު އަނެކަކީ އެނގޭ މީހުން. އެހެންވީމަ ކުށް ކުރާނެ މީހުންނާ ކުށް ކޮށްފައި ހުރި މީހުން ކުށަށް އަރައި ގަންނާނެ ކަމަށް ލަފާކުރެވޭނެ ތަފާސްހިސާބުތަކަށް ބެލުމުން. އެކަންކަމަށް ފޯކަސް ކުރީމަ ކުށް މަދުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

އެކަމަކު ފުލުހުންނަށް އެހެން ކަމެއް ކުރެވޭނީ ސިޔާސީ މީހުންގެ ފަހަތުން ދުވުން ވެސް މަދުކޮށްގެންނެވެ. ސިޔާސީ ހަތިޔާރަކަށް ފުލުހުން ހެދުމުން އެ މުއައްސަސާގެ ފޯކަސް ވަނީ ގެއްލިފަ އެވެ. އެހެންކަމުން މި ފެންނަނީ ސިޔާސީ ތަހުގީގުތައް ކޮންމެ ކަހަލަ ތުހުމަތެއް އަޅުވައިގެން ނަމަވެސް ކުރިއަށް ގެންދާ ތަނެވެ.

47 ކޮމެންޓް, 141 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 87%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތުގައި

25 March 2018

މިވެރިކަން ކޮޅަށްހުރީ މުއައްސަސާތައް މުޑިތަކެއްހެން ވިއްދައިގެން, ބުޑުފީވާއިރަށް އަރިއަޅާލާނެ!

The name is already taken The name is available. Register?

ސަލީމު

25 March 2018

ގޮތްދޫނުކުރާ ވެރިކަން ނިމިގެންދާނީ ހިތިގޮތަކަށް ރަނގަޅަށް ކަރުބުޑުގައި ހިތިރަހަލައިގެން.

The name is already taken The name is available. Register?

އަސްލު

25 March 2018

ހުރިހާ މުއައްސަސާއެއް އެކަކުގެ މުށުތެރެއަށް ލައިގެން ފުށްގަނޑެއް މޮޑޭހެން މިފެންނަނީ, އެކުގެ މިނަށް ހުރިހާ ގުޅައެއް މިވަށަނީ! މީވެރިކަމެއްތަ? މުސީބާތެއްތަ?

The name is already taken The name is available. Register?

ނަދީމާ

25 March 2018

އަނިޔާވެރިންގެ ނިމުން ހިތިވާނެ, ތާއަބަދު އަނިޔާވެރިކަމުގައި ނުތިބެވޭނެ!

The name is already taken The name is available. Register?

މޭސަ

25 March 2018

ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަމެއްމީ, ޔާ ﷲ އަނިޔާވެރިކަމުން ދާދި އަވަށް މިންޖުކުރައްވާނދޭވެ!

The name is already taken The name is available. Register?

މުނާ

25 March 2018

މިއީ އަނިޔާވެރިކަމެއް, ރައްޔިގުންނަށް އެއްވެސް އިންސާފެއްނެތް ވެރިކަމެއް, ދުޢާއަކީ, އަވަހަށް މި އަނިޔާވެރިކަން ނިމުން ﷲއިންޝާ

The name is already taken The name is available. Register?

ސިއާ

25 March 2018

މީ ވަރަށް ނުބައި އަނިޔާވެރިކަމެއް, މަގުނަތީހުންނަ މީހަކަށްވެސް ޔަގީންކަނެއްނެތް ގެންގޮސް ތުހުމަތެއްކޮށް ޖަލަށް ނުލާނެކަމުގެ, އެކަން ވަރަށް ރަނގަޅަށް ފެނުނު 16 ގައި ބޭއްވި މުޒާހަރާއިން, ތިޔަ ފެންނަ މީހަކީ މާދުރުގައި ހުރި މީހެއް, އެކަމަކުވެސް އޯޑަރ އައުމުން ކަމާ ނުބެހޭ ހިސާބު ދުރުގައި ހުރި މީހާވެސް, ހިފައިގަނެގެން ގެންދިޔަތަން ސާފުކޮށް ފެންނާނެ, މިހިސާބަށް ކަންތައްދިއުން މީބޮޑުވަރު, އިންސާފޭ މިކިޔާ އެއްޗެއް ކުޑަކޮށްވެސް ނެތް, ބާރު އޮތީމަ އޭގެ ފައިދާ ނާޖާއިޒްގޮތުގައި ބޭނުންކުރަމުންދަނީ ތަނެއްދޮރެއް ނުބަލައި, ރައްޔިތުންގެ މައްޗަށް އަދުލުވެރިވުމަކީ ހާކިމާގެ މައްޗަށް ވާޖިބެއް,

The name is already taken The name is available. Register?

ހަސަނި

25 March 2018

ފުލުހުންނަށް ފާޑުކިޔުން އަމާޒުވަނީ ކަމެއްވެގެން. އާދައިގެ ކުޑަކުޑަ ރަށެއްގައި ވެސް އަމާންކަން ނުބެލެހެއްޓޭ . މިސާލަކަށް ބަލާބަލަ އައްޑޫ ފޭދޫގައި ދުވާލެއް ރޭގަނޑެއް ބަލާނެކަމެއް ނެތް. ޑީލްތައް ކޮށްލަނީ ހާމަކަން ބޮޑުކޮށް . މަގުމަތިން ފުލުހުންނެއް ނުފެންނާނެ . އެކަމަކު އެމީހުން ތިބޭނެ އޮފީސްތެރޭ ފިލްމް ބަލަން

The name is already taken The name is available. Register?

އަނުޅޯ

25 March 2018

"އެންމެ ބޮޑު ކުށް، ސިޔާސީ ވުން!" މިއީ ކާކަށް ކޮން އެއްޗެއް ބުނެދޭން އުލޭ މީހެއް. ސިޔާސީ މީހުން ދުނިޔޭގެ އެކި ހިސާބުގައި ވަރަށް ގިނައިން އެބަ އުޅޭ. އަދި ސިޔާސީ މަސައްކަތްވެސް ކުރޭ. ރާއްޖޭގައި އުޅޭ މި އާޓިކަލްގައި ތިޔަ ސިފަކުރާ މީހުންނަކީ ސިޔާސީ މީހުންނެއްނޫން. އަދި ސިޔާސީ ވުމަކީ ކުށަކަށް ނުވާކަން ދުނިޔޭގެ އެކި ދިމަދިމާއިންނާއި، ރާއްޖެއިންވެސް ވަރަށް ސާފުކޮށް ފެންނާނެ. އެކަމަކު އެއީ ހަތަރު ފަރާތާއި، މައްޗާއި، ތިރި ބަލައި ވިސްނައި ފިކުރުކުރާ މީހަކަށް. ހަމަ އެކަނި ތިމާ އެދޭ ދިމާ ބަލާ މީހަކަށް މިކަމެއް ނުފެންނާނެ. "އެންމެ ބޮޑު ކުށް، ލަދު ހަޔާތް ކެނޑުން، ގޮތެއް ފޮތެއްނެތުން" ވަރަށް ސަލާމް.

The name is already taken The name is available. Register?

ޢަހުމަދު

25 March 2018

ކޮންލަދުހަޔާތެއް އޮންނަންވީ. ތިމާހިމާޔަތްކޮށްދޭށޭ ކިޔާއައިސް ތިމާގެ ގޭ އޮޅިތަޅާލީމަ.

The name is already taken The name is available. Register?

ހެޕެނިންގް

25 March 2018

އެންމެ ބޮޑު ކުށް، ސިޔާސީ ވުން ކަމަށް ލޭބަލް ކޮށް ޕްރޮޕެގެންޑާ ފަތުރަނީ އެއީ އިދިކޮޅު ގައި އުޅޭ ޕޮލިޓިޝަނުން ރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމެއް ވައްޓާލުމުގެ ނިޔަތުގައި މަކަރާއި ހީލަތް ހަދާ އޮޅުވާލަން ވެގެން. މަމެންނާއި ރައްޔިތުން ވެރިކަން ހަވާލުކުރީ 2013 ވަނަ އަހަރުން ފެށިގެން 5 އަހަރުގެ މުއްދަތަށް. އެއީ ދައުރުގެ މެދުތެރޭން އިންތިޚާބެއް ބާއްވާ ގޮތަށް ނޫން. އެކަމަކު 2015 ވަނަ އަހަރު ކެނެރީގެ ނަޝީދު އެބަހުއްޓޭ އާންމު މީޑިއާ ތަކުގައި ބުނެފައި މާލޭ ވޯޓަރ ކްރައިސިސް ތެރޭގައި ރައީސް ޔާމީން އިސްތިއުފާ ދީފައި ގާސިމް އިބްރާހިމް އާއި ވެރިކަން ހަވާލު ކުރަން. މިއޮތީ ފުރަތަމަ ޕޮލިޓިޝަނުން ގާނޫނުން ބޭރުވެފައި އެމެން ދައުލަތުގެ ޚަޒާނާ ތެރެއަށް ފާވާން ބޭނުންވާ ވަރު ބޮޑު ކަން އަންގައި ދެމުން. ކެނެރީގެ ނަޝީދަކީ އެއީ އަމިއްލަ އަތުން ފައިން ދުވަހަކުވެސް މަސައްކަތެއް ކުރި މީހެއް ނޫން ދެން އޭނާ އަށް ވެރިކަން ލިބުމުން އޭނާ ކްރޭޒީވީ ފައިސާ ގަނޑު ފެނި..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454