މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޖުލައި 2016 - 10:35
ރާއްޖެ އަށް ވުރެ ބޮޑަށް ސިޔާސީ ހަރަކާތްތަކަށް ހުޅުވާލެވިފައިވާ އެހެން ގައުމެއް ދުނިޔޭގައި ވެސް ވަކި ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށް ބުނެ ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތެވެ. ސިޔާސީ ހަރަކާތް މަނާ ކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ރާއްޖޭގައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ އޮތް ފުރުސަތުގެ ތެރޭގައި، ގާނޫނުގެ ތެރެއިން، ގަވާއިދުތަކުގެ ތެރޭގައި ހުރިހާ ކަމެއް ކުރަން ރާއްޖެއަކީ ވަރަށް ފްރީކޮށް ކުރެވޭ ގައުމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު ކުރި އަށް ގެންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވިދާޅުވި އެވެ.
އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު
އެހެން ނަމަވެސް، އާއްމުންނަށް އުދަނގޫ ވާ ގޮތަށާއި ސަލާމަތީ ސަބަބުތަކަށް ބަންދުކޮށް، އެއްވުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް މިނިސްޓަރު ތަރުކާރުކޮށް ވިދާޅުވި އެވެ. އެ ފަދަ ތަންތަނުގައި ސިޔާސީ އެއްވުންތައް ބާއްވަން ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ވެސް ހުއްދަ ނުދޭނެކަން ޝައިނީ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ އެ ފަދަ ވާހަކަތަކަށް ސަރުކާރުން ސަމާލުވެ، ހޭލާ އޮތް ކަމަށެވެ. އަދި ގަދަ ބާރުން ކަންކަން ނުކުރެވޭނެ ކަމުގެ އިންޒާރު ވެސް ޝައިނީ ދެއްވި އެވެ.
"އެހެންވީމަ، އެހެން ބަޔަކު އަދި އެއްޗެއް ވިދާޅުވިޔަސް އަދި [ސަރުކާރު] އެހެންނެއް ނުދާނެ،" ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުން ސަރުކާރުން ވަނީ މުޅިން މަނާކޮށްފަ އެވެ. އެކަމަކު، އާއްމު ތަންތަނުގައި ވެސް ޖަލްސާ ބާއްވަން ހުއްދައެއް ނުދެ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާ ބާއްވަން ތިން ތަނެއް ހޯދަން ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ.
އެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. ޖަލްސާ ބާއްވަން ހުއްދަ ދިނުމަށް ފަހު ހައުސިން މިނިސްޓްރީން ވަނީ ފަހުން އެ ހުއްދަ ބާތިލްކޮށްފަ އެވެ. ޖަލްސާ އަށް އެ ތަން ތައްޔާރު ކުރަމުން ދަނިކޮށް، ފުލުހުން ގޮސް ވަނީ އެކަން ހުއްޓުވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯލި
18 September 2016
ރާޖެއައްވުރެއް ގިނައިން މަސްވެރިންނާ ދަނޑުވެރިންނައް ލާރިދޭ ގައުމެއް ނުއޮންނާނެ.....
މަންސޫރު
25 August 2016
ހީހީ ބަނޑުގައި ރިއްސަ މި ޝައިނީ އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު!
ުހުސަންބޭ
21 July 2016
މި މީހުން، މިކޮމެންޓްތައް ކިޔާލާފައި މި މީހުންނަށް މިދެއްކޭ ވާހަކައާ މެދު ވިސްނާލަން ވެއްޖެއެވެ. ތިމާމެންނަށް ކުރިއަށް މިދެވެނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ވިސްނައި ފިކުރުކޮށް، ޙަޤީޤަތަށް ވާހަކަ ދައްކަން އެބަޖެހެއެވެ. އަނގައިގަ ދޫ އޮތީމަ، ވަކި މީހަކު ރުއްސަން ވާހަކަ ދެއްކުމަށްވުރެ، ތިމާގެ ޤަދަރާއި އިޙްތިރާމް އެހެން މީހުންގެ ކުރިމަތީގައި ވައްޓާލުމަކީ ބުއްދި ހަމަޖެހޭ މީހަކު ކުރާނެކަމެއްނޫނެވެ.
އަހްމަދު
20 July 2016
އަދި ރަގަޅުވާނެ އިރާދަކުރެއްވިއްޔާ..މިކުދިންނަށް އަދި ނުވިސްނެނީ.
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
20 July 2016
މަސްވެރިންގެ ވަޒީރު ކެޔޮޅު މުހައްމަދު ޝައިނީ ދެކެވިވާހަކަ އަހަރުމެން ހިތުގެ އަޑިން ޤަބޫލު ކޮށްފިން. އެހެންވީމާ އަޅުގަނޑުމެން ''ޖަލު ހުކުމުމް ސަލާމަތް ވާނެ'' އެހެން ނޫންތޯ ؟ މިއީ ތިދެންނެވި ސިޔާސީ މިނިވަންކަން އޮތްގޮތް. . . ރާއްޖެ އާއި އެއްފެންވަރަށް މުޅި ދުނިޔޭގައި ވެސް ޝައިނީ ވިދާޅުވާފަދަ މިނިވަންކަން އޮތް ޤައުމު ތަކުގެ ކުރީގައި ދެން އޮންނާނީ އުތުރު ކޮރެއާ އާއި ޒިމްބާބްއޭ އަދި ކިއުބާ. . . އެކަމަކު ތިޔަ ވިދާޅުވި އެއްޗެއްގެ ހަޤީގީ މާނަ އަކީ ދިމާ އިދިކޮޅު ކަމަށް ބުނާ މީހުން ދައްކާ މިސާލަކީ ''ތިކުދިންގެ ރައީސް މީގެ ކުރިން ދެއްކި މިސާލު'' ތައް ކަމަށް އެމީހުން ބުނޭ. އެގޮތުން ޙާލިދު ބިން ވަލީދު ކަމަށް ސިފަކުރެއްވެވި މީގާ ''ރަތްލާޖެހި ވަގަގަށް'' ވެގެން ދިއުމާއި ސިޔާސީ ކުށްވެރިން ނާއި ޓެރަރިސްޓުން ނެތްކަމަށް ބުނެފައި ރާއްޖޭގެ އެތައް ރައްޔިތުންގެ މައްޗަށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުވާކޮަށް ޖަލުހުކުމް އިއްވި އިއްވުން ފުދޭ. / މިނިވަންކަން ، އައްޑޫ ސިޓީ
ައ ލ ޤ
20 July 2016
މީހާޔާއި އެކަށީގެން ނުވާ ވާހަކަ ނުދައްކާށެވެ. ބޮޑު ވާހަކަ ދައްކާއިރު ޑިމޮކްރަސީ އެނގިލައްވާތޯއެވެ؟
އިބުނު ޢަލީ
19 July 2016
ޕިނޯކިޔޯ ކާޓޫނުގަ ވާގޮތަށް މިވެރިންނަށް ވާނަމަ މިމީހުންގެ ނޭފަތާހެދި ނޫޅެވޭނެ.
ޢަބްދުﷲނާފިޒު
19 July 2016
ރާއްޖެ އަށް ވުރެ ބޮޑަށް ސިޔާސީ މިނިވަންކަން އޮތް ގައުމެއް ނެތް: ޝައިނީ. ރާއްޖެ އަށް ވުރެ ބޮޑަށް ދައުލަތުގެ ބޭތުލްމާލު އެމީހަކު ބޭނުންމިންވަރަކަށް ހައްދެއްނެތި ބޭނުންކުރުމުގެ މިނިވަންކަން އޮތް ޤައުމެއްވެސް ނެތް: ރައްޔިތު މީހާ، މީހަކު ބީތާވެދާނެ.
މާލީ
19 July 2016
ޝައިނީ ހަމަ ކުޑަކޮށްވެސް ކަށްވަޅުގެ އަޒާބަށާއި ނަރަކައިގެ އަޒާބާދޭތެރޭގަ ނުވިސްނަމުތަ؟؟ ހަމަޔަގީނުންވެސް މަރުން ސަލާމާތްކުރާކަށް ޔާމީނެއް ނާންނާނެ.. އަދި ސަލާމާތް ނުވެސްކުރެވޭނެ.. އެހެންވީމަ ތިހާ ދޮގު ނަހަދާ އަވަހައް ތައުބާވޭ...
ލަބީބް
19 July 2016
ތިވިދާޅުވީ ނޯތް ކޮރެޔާއަށް ވުރެވެސް ރާއްޖޭގަ ސިޔާސީ މިނިވަންކަން އޮތްވާހަކަތޯ؟