ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު
28 މާޗް 2018 - 18:36
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ޖެހޭނެ ކަމަށް އިންޓަ ޕާލަމެންޓްރީ ޔުނިއަން (އައިޕީޔޫ) އިން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ މެމްބަރުން ތަމްސީލްކުރާ ޖަމިއްޔާ އިން ސްވިޒަލޭންޑްގެ ޖެނީވާގައިި މިދިޔަ އާދީއްތަ ދުވަހު ފެށި 138 ވަނަ ޖަލްސާގައި މިއަދު ރާއްޖެއާ ބެހޭ ގޮތުން ނިންމި ނިންމުމުގައި ބުނެފައި ވަނީ 12 މެމްބަރަކު ވަކިވި ކަމަށް ނިންމި މައްސަލައާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ކަމަށެވެ.
އެ ޖަމާއަތުގެ ވަފުދެއް މިމަހުގެ 19ން 21 އަށް ރާއްޖެ އަށް ކުރި ދަތުރާ ބެހޭ ގޮތުން އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހިންގާ ކަންތައްތަކާއި އަލަށް ފާހަގަކުރެވުނު ކަންބޮޑުވުންތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ގޮތުން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އައިޕީޔޫ އިން ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީ ބަދަލުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ވަނީ، ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމް އިން ވަކިވި 12 މެމްބަރުން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ޖުލައި 13، 2017ގައި ހުކުމް ކުރިތާ އެންމެ ތިން ދުވަސް ވެސް ނުވަނީސް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އޭރު އޮތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހުށަހަޅާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
އައިޕީޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުން މަނާ ކުރުމުގެ ކުރިން، ޕީޕީއެމުން ވަކިވިކަން އަންގައި އެ ޕާޓީ އަށް ފޮނުވި ލިޔުންތައް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އައިޕީޔޫއާ ހިއްސާކުރެއްވި ކަމަށެވެ. އަދި އޭގެ އިތުރުން ދާދި ފަހުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު ފާސްކުރީ، ފަހުން އެކަން ކުރުމުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން ވެސް ޕާޓީ ބަދަލުކުރި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ޖަމާއަތުން ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ޖުލައި 24، 2017ގައި ހުށަހެޅި މައްސަލަ ބޭރުކޮށްލި ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުން މެމްބަރުން ގަދަބާރުން ބޭރުކުރި މައްސަލައާ މެދު ވެސް ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.
އައިޕީޔޫ އިން ބުނީ މަޖިލީހުގެ އިދާރާއަކީ މެމްބަރުންނަށް ހުރިހާ ވަގުތެއްގައި ވެސް ވަދެނިކުމެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާ އަށް ވަންނަން މަސައްކަތް ކުރި މެމްބަރުންތަކަކާ މެދު ގާނޫނީ ފިޔަވަޅު އަޅާތީ ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މައްސަލަތައް އަނބުރާ ގެންދަން ވެސް ގޮވާލާފައިވެ އެވެ.
އެ ޖަމާއަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ މެމްބަރުންތަކެއް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރު ވެސް ތިން މެމްބަރަކު ހައްޔަރުކޮށްފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވާކަން ހާމަކޮށްފައިވެ އެވެ.
އައިޕީޔޫއިން ބުނެފައި ވަނީ ބަންދުގައި ތިބި މެމްބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އެ ޖަމާއަތުގެ މަންދޫބުންނަށް ނުދިނުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރޭ
29 March 2018
އަނެއްކާ އަނެއް ކަންތައް. ކޮން އައި ޕީ ޔޫ އެއް ސީ ޕީ ޔޫ އެއް ކިޔާކަށް. މިޤައުމު ހިންގާނީ މުށި ކުލައިގަ ތިބި ދިވެހިން. ދޮން ހޯނު ކުލައިގެ ފަރަންޖީން ނެއް ނޫން
އުމަރު
29 March 2018
ދެން ޕީޕީއެމުން ނިންމާނީ އައިޕީޔޫއިން ބޭރުވުމަށް، އެނޫން ހައްލެއް އެމީހުންނަށް ނުފެންނާނެ، އައިޕީޔޫއިން ބޭރުވެގެންވެސް އެމީހުން ބަލާނީ ރައީސް ޔާމީނު އާއި މަސީހް ސަލާމަތްކުރެވޭތޯ، ޤާނޫނު ހަދާ މީހުން ގާނޫނު ހަދާގެއިން ނަގައި ބޭރަށް އެއްލައި ނުލެވޭނެ ކޯޓުގެ އަމުރެއްނެތި، އަދި އެމީހުންގެ ގަޔަށް އަތްވެސް ނުލެވޭނެ އެހެންކަމުން އެކަންކުރި މީހުންނާއި ސިފައިންނާއި ފުލުހުންގެ ގިނަ ބަޔަކުގެ މައްޗަށް ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންނަށް ދައުވާކުރެވޭނެ
ދަލޭ
29 March 2018
ފުތާ, ތިންބާރު ވަކިކުރެވިފައިވާ އެއްބާރު ރައްޔިތުންގެ މަޖިލީހަކީ, ސަރުކާރުގެ އޮފީއެއްނޫން, ބޭނުންއިރަކު މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަދެވެޖެހޭނެ, އެހެންނަމަވެސް ވެރިކަންކުރާ ބާރުން މިއޮތީ މަޖިލީސް ހިސޯރުކޮށްފައި, ޕީޕީއެމަށް އެހެން ޕާޓީތަކުން ބަދަލުވި މެމްބަރުންގެ ގޮނޑި ނުގެއްލިފައި, 13 ޖުލައި 2017 ގެ ކުރިން ޕީޕީއެމުން ކެނޑިފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ އެއްވެސް ގޮތެއް ގާނޫނީ ހަމަޔަކުން ބެލިއަސް ފެންނާކަށްނެތް, މޫސަ, އެމްޑީޕީ އިން ޕީޕީއެމަށް އައީ ކީއްވެތޯ މޫސަގެ ގޮނޑި ނުގެއްލެނީ, އިންސާފާ ހަމަބުއްދިން ވާހަކަދެއްކުން ރަނގަޅުވާނެ, ކަމުގެ ދެކޮޅުބަލާފައި,
ހޯރަ
29 March 2018
ތިގޮވުމަކުން މިސަރުކާރު ނުގުޑާނެ ގަދަބަދަވި ފިޔަވަޅުއަޅާ! އޭރުންހުންނާނީ ރަނގަޅުވެފައި ވަރަށްސަލާމް.
ފުތާ
29 March 2018
ސަރުކާރުގެ އިދާރާތަކަކީ އެފުތުމެން ބޭނުންހާއިރަކު ވަދެ މަސައްކަތެއް ނުކުރެވޭ. ރަސްމީގަޑިފިއަވައި އެހެންގަދިތަކުގައި އެތަނެއްގެ ވެރިއެއްގެ ހުއްދަހޯދަންޖެހޭކަން އެފުތާމެނަށް ނޭގެނީތަ.
މަގޭ ހިޔާލު
29 March 2018
ރިޝްވަތުގެ ނަޖިސް މުޅި މޫނުގައި އުނގުޅާފައި ތިބި ބައެއްގެ ހައްގު ހޯދަން ހާދަވަރަކަށް ނޫސްތަކުން މަސައްކަތް ކުރޭ ދޯ.
ބެއްޔާ
29 March 2018
ރިޝްވަތުގެ ނަޖިހަށް ވީ ވަކިޕާޓީއަކަށް ވީމާތޯ...؟ ގޯނިބެހިމީހުންވެސް އަދި ހަމަތިބީ...
މެންޓަލިސްޓް
29 March 2018
ތިޔަ 12 ގޮނޑިއަކުންވެސް ޔާމިންއެއް ސަލާމަތެއްނުވިތާ ،،،،، އަދި ސްޕްރީމްކޯޓްގެ އުއްތަމަ ފަނޑިޔާރާއި އަލީހަމީދުގެ ފަރާތުންވެސް ސަލާމަތެއްނުވިތާ ،،،، މިހާރު އެހުންނެވީ ސައިވެފައި ،،،، ސައިފުލުވޭނެ ގޮތެއްނެތް ،،،، އަރާނޭ ގޮޅިއެއްނެތް ،،،، ދެންވާނީ ކިހިނެއްބާ ؟؟ ބުއްދީގެ އަހްލްވެރީންބުނަނީ ސަލާމަތްވުމަށް ރާއްޖެދޫކޮއް ދިއުންކަމަށް އެންމެބުއްދިވެރީ އެހެންނޫނީ ތޭރިތަކުގެ ތެރެއަށް ވަނުމަކީ ނިކަން ގާތްކަމެށްކަމަށް ވަނީ ،،،، މައައްސަލާމާ
ޢަބްދުﷲނާފިޒް
29 March 2018
ރ ޔާމީނުގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގަ އައިޕީޔޫގެ މައްޗަށް ޓެރަރިޒަމްގެ ދަޢިވާ ނުކޮށްފިއްޔާ ނަސީބު، ކޮށްފާނެހަމަ މީ ވަރަށް ޒާތަކަށް ހިންގާ ސަރުކާރެއްވިއްޔަ، ލަދު ނުގަންނަކަން އުތަ.
ފުނަދޫ އަޒީ
28 March 2018
ތިޔަ އައިޕީޔޫ އަކީ އެމްޑީޕީ ގުރޫޕަަކަށް ވާނީ . އެމްޑީޕީ ގުރޫޕުތައް ބޭރުގަ ހާދަ ގިނައޭ .
ޙަސަން
28 March 2018
މާގިނަދުވަހެއް ނުވެ އަޑުއިވޭނެ އައިޕީޔޫ އިން ވަކިވާން ނިންމި ޚަބަރު