އަރީފް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ އަށް ގެންދަނީ. ޓެރަރިޒަމްގެ ތުހުމަތުގައި އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި.--މިހާރު ފޮޓޯ/ނިޝާން އަލީ
29 މާޗް 2018 - 19:03
ހައްގަކާއި ނުލައި މީހުން ހައްޔަރުކޮށް، ބޭއިންސާފުން އަދަބު ނުދިނުމަށް ކުރީގެ ޕޮލިސް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ފުލުހުންނަށް މިއަދު ނަސޭހަތް ދެއްވައިފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ އަރީފް ފުލުހުންނަށް ނަސޭހަތް ދެއްވީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާއްމު ކުރެއްވި ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި އަރީފް ވިދާޅުވީ އިސްލާމް ދީނުގައި، ކުށްވެރިންނަށް އަދަބު ދިނުމުގެ މަގްސަދު މަފްހޫމަކަށް ވެފައި ވަނީ ކުށްތަކުން އެ ބަޔަކު ދުރުކުރުމަށާއި މުޖުތަމައު އެކުށެއްގެ ވަބާ އިން މިންޖު ކުރަން ކަމަށެވެ. އެހެންކަމުން، ހައްގަކާ ނުލައި މީހުން ހައްޔަރުކޮށް، ބޭ އިންސާފުން އަދަބު ދީގެން ނުވާނެ ކަމަށް އަރީފް ވިދާޅުވި އެވެ.
އަރީފް ވިދާޅުވި ގޮތުގައި ގާނޫނުން ލިބިފައިވާ ބާރާއި އިހްތިޔާރުތަކުގެ ތެރޭގައި ފުލުހުން އަބަދުވެސް ތިބެން ޖެހޭނީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ ގާނޫނުއަސާސީ ނެގެހެއްޓުމަށެވެ. ގާނޫނުއަސާސީގައި ދައުލަތުގެ ވަކިވަކި ބާރުތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އަރީފް ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުރި އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ފުލުހުންގެ މުއައްސަސާ އިން ތަންފީޒު ކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އަރީފަށް ކުރެ އެވެ. އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
އަރީފް ވިދާޅުވީ ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތީ މުއުއައްސަސާތަކުގައި އެއިރެއްގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ އިހުލާސްތެރި މަސައްކަތްތަކުން ކަމަށެވެ. އަދި އެ ވާޖިބު އަދާކުރުމުގައި އަމާނާތްތެރިކަން އިސްކުރުމަށް ފުލުހުންނަށް އޭނާ އެދިވަޑައިގެންނެވި އެވެ.
މަގާމާއި އިހުތިޔާރަކީ ރައްޔިތުންގެ ފަރާތުން ހަވާލުވެވޭ އަމާނާތެއް ކަން އަބަދުވެސް ދަންނަން ޖެހޭ ކަމަށް އަރީފް ވިދާޅުވި އެވެ. އެ އަމާނާތް ހަވާލުކުރެވޭ ކޮންމެ މީހަކީ އެ އަމާނާތާ މެދު ޒިންމާވާން ޖެހޭނެ މީހެއްކަން ދަންނަން ޖެހޭނެ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.
"ރައްޔިތުންގެ ފަރާތުން ކަންކަމާއި ހަވާލުވެ ހުންނަ ކޮންމެ މީހަކީ އެމީހެއްގެ ވާޖިބު އަދާކުރި ގޮތާއި މެދު ރައްޔިތުންގެ ކުރިމަތީގައި ޒިންމާ ވާންޖެހޭނެ މީހެކެވެ. މިއީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅޭ މީހުން ފެށިގެން އެންމެ މަތީ ރޭންކު ތަކުގައި ތިއްބެވެވި ބޭކަލުންނާއި އެ ބޭކަލުންގެ ބަދަލުވެރި ފަރާތްތައްވެސް ހިމެނޭ ގޮތަށެވެ،" އަރީފް ނެރުއްވި ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނީ، ސިޔާސީ ނުފޫޒު ތަކުން ފުލުހުން އެއްފަރާތްވެ މިނިވަންކަމާއި އަމިއްލަ ބާރުގައި ކަންކަން ކަނޑައެޅުމުގެ އިހުތިޔާރާއި ބާރު ފުލުހުންނަށް އޮވެގެންނެވެ.
އެ އިހުތިޔާރާއި ބާރު ގެއްލިފައިވާ ނަމަ މާޒީގެ އިބުރަތްތެރި ފިލާވަޅުތަކުން ފިލާވަޅު ލިބިގެން ކަންކަން އިސްލާހު ކުރުމަށް ތިބޭނީ މިއަދު ފުލުހުންގެ ވަޒީފާގައި ތިބި މީހުން ކަމަށްވެސް އަރީފް ވިދާޅުވި އެވެ. އަދި ފުލުހުންގެ ޔުނީފޯމުގެ ޒިންމާ އުފުލުމުގައި ފަސްޖެހިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް، އެހެން މީހުންގެ މިނިވަންކަމާއި އެހެން މީހެއްގެ ހައްގެއް ނުބަލާ އެ ބަޔަކު ކުރިޔަށް ދާއިރު ފައިސާގެ ތަނަވަސްކަން ދަނީ ހޯދަމުން. އަތުޖެހުނު ގޮތަކަށް އެ ތަނަވަސްކަން ހޯދާއިރު ދީނަކަށް ގައުމަކަށް އަދި މުޖުތަމައަކަށް ބެލުމެއް ނެތި. މިކަންކަން ހަމަ މަގަަށް އެޅުވުމުގެ ފުރިހަމަ އިހުތިޔާރާއި ބާރުވެރިކަން ލިބިފައިވާ ފަރާތްތަކުން ޒިންމާ ނުނަގާނަމަ ހަޑިވެގެން ކިލަނބުވެގެންދާނީ ތިޔަބޭކަލުންގެ ސާފު ޔުނީފޯމުކަން މިއަދު ހަނދާން ބަހައްޓަން ޖެހޭނެ،" އަރީފް ނެރުއްވި ބަޔާނުގައިވެ އެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން އަރީފް ވަނީ ހުރިހާ ފުލުހުންނަށާއި އެމީހުންގެ އާއިލާތަކަށް ތަހްނިޔާ ފޮނުއްވައިފަ އެވެ. އަރީފް ވިދާޅުވީ މި ވަގުތު އޭނާ އާއި އޭނާގެ އާއިލާ އުނދަގޫ އަދި ދަތި ކަންތައްތަކެއްގެ ތެރޭގައި އުޅެން ޖެހުނު ނަމަވެސް ފުލުހުންގެ މުވައްސަސާގެ ކުރިއެރުމަށް އެދޭ ކަމަށެވެ.
ކޮންމެ އިންސާނީ މުޖުތަމައުއެއްގައި ވެސް އަދުލު އިންސާފު ގާއިމު ކުރުމަކީ އެ މުޖުތަމައުއެއްގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް އެންމެ މުހިންމު ކަންތައްކަން ފާހަގަކޮށް އޭނާ ވަނީ ކޮންމެ ފުލަހަކު ވެސް ހަވާލުވެފައިވާ އަމާނާތަށް ރައްކާތެރިވުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
30 March 2018
އަހުމަދު އަރީފް، ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެގެން ހުރިއިރު ތިވާހަކަތައް ނުދެއްކީ ކީވެތަ.
ނަމެއް
30 March 2018
ދައްކަން އުޅުނީމަ ވާނެގޮތް ނުފެނޭތަ؟ ލޮލް.
އިހުސާނު
30 March 2018
ހައްގާއި އަދުލު އިންސާފު ރޭކާލީ އަދި ކިރިޔާ. ތި ބޭފުޅާގެ ދުވަސްވަރު ހައްޔަރު ކުރީ ކިތައް މީހުން؟ ތިވަރު ވީކަންވެސް ރަގަޅު. މިހާރު ތި ފެންނަނީ މަގާމުގެ ބޭނުމުގައި ތިބޭފުޅާއަށް ކުރެވުނު ކުށްތަކުގެ ނަތީޖާ ކަމަށް ބަލާ. ދެން ކެތްކޮށްލާ
އަޙްމަދް.
30 March 2018
ކޮއްމެ މީހަކުވެސް ހައްޔަރު ކުރެވުނީމަ ދެންހަނދާވަނީ އަދުލާއި އިންސާފު! ޙައްގާއި ބާޠިލް! ރަޙްމާއި ހަމްދަރުދީ! ޙައްޔަރެއް ނުވާއިރު މިފާޑުގެ ކޮއްމެ މީހަކުގެވެސް އުަޅުން ހަމަ އެހާ ވިޔާނުދޭ
ޒިންދަގީ
29 March 2018
ދިރިއުޅޭގޭތެރޭން ފާރިސް ހައްޔަރުކުރީ.. މިއަދު ޖަލަށްލީމަ ތިކަހަލަ ވާހަކަ ދެއްކެވީމަ އައިބުދެއްތޯ!!!
ފަސްކުޅަނދު
29 March 2018
މަޖުބޫރު ހިތެއްގެ ހިޔާލަށް ގެއްލި ގެނބެމުންދާ މޫނެއްގެ މާޔޫސްކަން - ފުލުހުންގެ މަޖުބޫރީ ހާލަތަށް ދެރަހީވަން - އުއްމީދަކީ އަވަހަށް ދިވެހިން އެދޭފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން!
ހުސޭނުބޭ
29 March 2018
ކަމިޝަނަރު ކަމުގައި ހުރެގެން ބަޣާވާތް ކުރަން ރޭވިއިރު ތިކަން ހިތައް ގެނައިނަމަ ރަގަނޅު!!! އަރީފު މީހުން ހައްޔަރުކުރި ބީދައިން މިހާރުވެސް ފުލުހުން މީހުން ހައްޔަރުކުރަމުންދަނީ!! ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖްރާތުތައް ފުރިހަމަކުރުމަށްފަހު!! ބަޣާވާތްކުރަން މަގުފަހިވާގޮތައް ތަންތަނަށް “އައުވާނުން” ވެރިންގެގޮތުގައި ލަމުން އައީ!!! އެކަމާ އިދިކޮޅު ހަދާނެހެން ހީވާ މީހުން މަގާމުތަކުން ދުރުކޮށް ބައެއް މީހުން އަތޮޅުތަކަށް ފޮނުވާ އަނެއްބަޔަކު ޒިންމާދަށްކޮށް ބިރު ދައްކާ އިންޒާރުގެ ބަޔާންތަކުގައި ސޮއިކުރުވާ ހަދާފައިވޭ!! އަނެއްބަޔަކު ހިތުހުރި ގޮތަކަށް ޑީމޯޓްކޮށް ޑިމޮރޮލައިޒްކޮށްފައިވޭ!! މިހާރު އަރީފް ތިގޮތަށް ވާހަކަ ދައްކާ ބަޔާންނެރޭތީ ހިތާމަކުރަން!!!
1828
29 March 2018
އަރީފް ހައްގުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭ ތޯ؟ ހައްގު ފެށެނީ ހައްޔަރު ކުރާ ހިސާބަކުން ނޫން. އަހަރެންނަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑްގެ ޗެއަރއަކަށް އަރީފް ހުރެ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް. އަހުލާގީ ކުލަ ދެބުރަށް ލިބިފައިވަނީ. އެކަމަކު ހަމަ އަހުލާގީ މައްސަލައެކޭ ކިޔާފައި ކަނޑާލީ. އަދި އެއީ އަހަރެންގެ ފުރަަތަމަ މައްސަލަ ޕްރޮފެޝަނަލް ސްޓޭޑާން ކޮމާންޑަށް ހުށަހެޅި. 11 އަހަރު އިހްލާސްތެރިކަމާ، ހަމަ ކަމާ އެކު މަސައްކަތްކޮށްދީފައިވަނިކޮށް ކަނޑާލީ. ދެން އަރީފް ދައްކަން އޮންނާނީ ކޮންހައްގެއްގެ ވާހަކަ ތޯ؟ އަރީފް ލަދުގެ ކަންފުޅެއްވެސް ހަމަ ނެތީ ތޯ؟ ހަމަ ހައްޔަރު ކުރާއިރަށް ގާނޫނު އަސާސީއޭ، ގަނޫނޭ ގަވައިދޭ ކިޔުމުގެ ބޭނުމެއް ނެތް. އަރީފް ހައްޔަރު ކުރީ ހައްގަކާ ނުލައިކަަމަށް ވާނަމަަ އަހަރެންވެސް ހަމަ ހައްޔަރު ކުރަންވީނު. ހައްޔަރު ކުރީމައި ތިޔަ އަނގަ ފަޅަނީ. ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން ޖެހުނު ވަގުތުގައި ހުރީ ހަނު. އަރީފަށް ވަރަށް ވެދުން.
އަހުލާގު
30 March 2018
ބޭފުޅާ 12 ފަހަރު އަޙްލާގީ ކުލަ ލިބުނަސް، ކުރެވޭ އެންމެ ކަމަކުންވެސް މީހަކީ އަހުލާގެއް ނެތް މީހަކަށް ވެދާނެ!
1828
30 March 2018
ހުންނާނެ ތިބުނާ ފަދަ ކުށް. ނަމަވެސް ހައްގަށް، އިންސާފަށް މަސައްކަތް ކުރުމުންނާއި، ވާހަކަ ދެއްކުމުން ދޭން ޖެހޭނެ އިދާރީ އަދަބެއް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ނޯނާނެ.
ޕުރައިވެޓު ޔާމިނު
29 March 2018
ކަލޭމެން އެނަސޭހަތް އަޑު އަހަންވީ
އައިންތު
29 March 2018
އަރީފު މޮޔަނުގޮވާ ! ތިކަހަލަ ވާހަކަ ދެއްކީމަ ރައްޔިތުންވެސް ފުލުހުންވެސް ކުރާނީ މަލާމާތް ! ތިހާ ގަޓުހުރިއްޔާ އަރީފުގެ ދައުރުގައި ނުހައްގުން ހިފައި ހައްޔަރުކޮށް ޖަލަށްލެވި އަދި ސިޔާސި ބޭނުނުގައި ނިގުޅައިގަނެވުނު އެތައް ބައެއްގެ ހައްގުތަކެއްގެ ބަދަލުގައި އެއެންމެގެ ފަރާތުން މައާފަށް އެދި އެގޮތަށް ހައްޔަރު ކުރެވުނު ފަރާތްތަކުގެ މައުލޫމާތު ހާމަކުރަންވީނު. މިހާރު ދެން އަރީފްވެސް ކުންޏަށްވެ ނިމުނީ.
ގުނބޯ
29 March 2018
ނަސޭހަތްދޭންވީ ވަގުތު ނަސޭހަތްނުދީ ދެންމިހާރު ދޭނަސޭހަތަކުން ކުރާނެ ފައިދާއެއްނެތް ތިތަނަށް އަންނަ ކޮންމެމީހާކުވެސް ތިބެނީ ސިޔާސީވެ ތަތްތެޅިފަ ބޮނޑިއެއް ލިބުނީމަ ދެން ނުކުމެ ކޮންމެ މީހަކުވެސް މޮޅެތިވާހަކަދައްކަނީ
ހައްޔަރުކުރީ
29 March 2018
ހަމަ ހައްޔަރުކުރީ، ބޮޑު ލެގެންޑަކަށް ބަދަލުވީ، ނޫނީ ސިޔާސީ ސަޙްސިއްޔަތަކައްވީ، އަޖއއިބެއްމީ