ރިޕޯޓް / ޕީޕީއެމް

އަނދަމުންދާ ޕީޕީއެމް، އެޕިސޯޑް 2: ލޭގެ ގުޅުން

މިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނާ ސަލާމްކުރައްވަނީ --ފޮޓޯ:ރައީސް އޮފީސް

އެކުގައި ވަރަށް ގުޅިގެން ކުރި މަސައްކަތުން އިންތިހާބު ކާމިޔާބުވެ ވެރިކަން ވެސް ލިބުނެވެ. އެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔަ އިރު، އެ ގުޅުން ހީނަރުވާން ފެށި އެވެ. ތިން އަހަރު ފުރެން ދާއިރު، ޕާޓީގެ ރައީސާއި ޕާޓީގެ މުސްތަޝާރާ ދެމެދު ގުޅުން މި އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މަޝްވަރާ ކުރައްވަން ޕާޓީގެ ރައީސް އެދިވަޑައިގަންނަވާތާ އެތައް މަހެއް ވީ އިރު ވެސް، ގައުމުގެ ރައީސް "ކަހާ ތަން ހިރުވާ ވެސް ނުލައްވަ" އެވެ. މި ދައްކަނީ ދުރު ދެ މީހެއްގެ ވާހަކައެއް ނޫނެވެ. އެއްބަފާ ދެބެންގެ ވާހަކަ އެވެ.

ދެ ބޭފުޅުންގެ ދެމެދުގައި މިއަދު އޮތީ ވަރަށް ބޮޑު ބީރައްޓެހި ކަމެއް އުފެދިފައި ކަން، ދެ ބޭފުޅުން ވިދާޅު ނުވިޔަސް މިއަދު އެންމެނަށް އެނގެ އެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ، ރިއާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްޓަކައި ޕާޓީގެ ޓިކެޓް ދެއްވާތޯ ކޮއްކޯފުޅު އެދިވަޑައިގަތުމުން، ބޭބޭފުޅު އެކަމަށް ތާއީދު ނުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ގެންދެވުމެވެ. އެއާ އެކު ޕާޓީގެ އެންމެ މުހިންމު ގުނަން ކަމުގައިވާ ގައުމީ މަޖިލިސް (ކައުންސިލް)ގެ ބައެއް މެންބަރުން ރައީސް މައުމޫންގެ ކޮޅަށް އެރުއްވި އިރު އަނެއް ބަޔަކު ތިބީ ރައީސް ޔާމީނާ އެކުގަ އެވެ.

އެއީ ޕީޕީއެމްގެ ފުރަތަމަ އެޕިސޯޑެވެ. ދެން އޮތީ ދެ ވަނަ އެޕިސޯޑެވެ. ޕާޓީ މިހާރު އޮތް ހާލަތުން ފެށިގެން ގޮސް 2018ގެ ރިއާސީ އިންތިހާބާ ހަމައަށް ކަން ހިނގައިގެންދާނެ ގޮތެވެ. މިއީ ކިހިނެއް ކޮން ގޮތަކަށް ހިނގައިފާނެ ކަމެއް ކަމަށް އަންދާޒާ ކޮށްލަން ވެސް އުނދަގުލެވެ. ނަމަވެސް ސިޔާސީ ލަފާ ކުރުންތަކެއް އެބަ ހުއްޓެވެ.

ސިޔާސީ ބޭފުޅުން ބޮޑަށް ބުރަވާ ގޮތުގައި ޑީއާރްޕީ ބައިބައިވެ ޒެޑް-ޑީއާރްޕީ އުފެދުނު ގޮތަށް ޕީޕީއެމްގެ ބަޔަކު ގޮވައިގެން ރައީސް މައުމޫން އެހެން ޕާޓީއެއް އުފެއްދެވުމުގެ ފުރުސަތު ކުޑަ އެވެ. އަދި ޑީއާރްޕީގެ ތެރެއިން ވަކިވެގެން ޕީއޭ އުފެއްދި ގޮތަށް، ރައީސް ޔާމީން އެހެން ޕާޓީއެއް އުފެއްދެވުމަކީ ވެސް ދުރު ކަމެކެވެ. ނަމަވެސް މިއިން ކޮންމެ ކަމެއް ވެސް ވެދާނެ އެވެ.

"މި ހާލަތުގައި މައުމޫން އެހެން ޕާޓީއެއް އުފައްދަވާނެ ހެން ވަރަށް ހީނުވޭ. އެ ފުރުސަތު ވަރަށް ކުޑައޭ ދަންނަވާނީ. އޭގެ ބަދަލުގައި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޕީޕީއެމްގެ ތެރޭގައި އޮތް މައްސަލަ ހައްލު ނުވެއްޖެ ނަމަ، އެންމެ ބޮޑު ވަރަކަށް ވެސް މައުމޫން ކުރައްވާނެ ހެން ހީވާ ކަމަކީ، ކުރިން އެ މަނިކުފާނު އުފެއްދެވި ޑީއާރްޕީއާ ގުޅިވަޑައިގަތުން. މިހާރު ޑީއާރްޕީ ގޮވައިގެން އުޅުއްވާ ކާނަލް ވަރަށް ބޭނުންވާ ކަމެއް އެއީ،" ޑީއާރްޕީގެ ހަރަކާތްތަކުގައި އިސް ސަފުގައި އުޅުއްވުމަށް ފަހު މިހާރު ޖުމްހޫރީ ޕާޓީގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

ޕީޕީއެމް ކައުންސިލް ބައްދަލުވުމަށް ފަހު، ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.

"އާ ޕާޓީއެއް ރާއްޖޭގެ މާހައުލުގައި ހަދާކަށް މައުމޫންގެ އެނާޖީ މިހާރު ހުރިހެނެއް ހިޔެއް ނުވޭ. ވަރަށް އުމުރުން ވެސް ދުވަސް ވެފައި، ވަރަށް މަސައްކަތް ވެސް ކުރައްވައިފި، ހިދުމަތް ވެސް ކުރައްވައިފި. އެހެންނެއް ނޫން، މިހާރު ވެސް އޮތް ޕާޓީއެއް ނަގައި ކޮޅަށް ޖެހުމުގައި، މައުމޫނާ ބައިވެރިވާ ބަޔަކާ އެކުގައި ކޮންމެވެސް ކާމިޔާބެއް ލިބިދާނެ. އެހާ ހިސާބަށް ދިޔައިމަ ޑީއާރްޕީ ނެގުމުގެ މަސައްކަތެއް ކުރައްވަފާނެ ކަންނޭނގެ. އެ ގޮތަށް ބޮޑަށް ބެލެވެނީ،" އަމީން ވިދާޅުވި އެވެ.

ޕީޕީއެމް މިހާރު އޮތް ހާލަތާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު، ޕާޓީ ދެ ބައި ކޮށްލުމަކީ ރައީސް ޔާމީނަށް ވެސް އަދި ރައީސް މައުމޫނަށް ވެސް މަސްލަހަތު ހުރި ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކީ ޕާޓީގެ މުހިންމު ގުނަންތަކުގައި ތިބި މެންބަރުންގެ ފިކުރަށް ބަލާއިރު، ސިޔާސީ ޝަހުސެއްގެ ގޮތުގައި ޕީޕީއެމް ލިބޭނީ ރައީސް ޔާމީނަށެވެ. ނަމަވެސް އާންމު މެމްބަރުންގެ ފިކުރަށް ބަލާއިރު، ގިނައީ މައުމޫންގެ ސަޕޯޓަރުންނެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެވެ.

މިދިޔަ ބުދަ ވިލޭރޭ އޮތް ކައުންސިލް ބައްދަލުވުމަށް ފަހު ރައީސް މައުމޫން ނުކުމެވަޑައިގެން ސަޕޯޓަރުންނަށް ސަލާމް ކޮށްލައްވަަނީ

އެހެންކަމުން މައުމޫން ނުހިމެނޭ ގޮތަށް އާ ޕާޓީއެއް އުފައްދަވާ ހާލަތުގައި ވެސް، ރައީސް ޔާމީނަށްޓަކައި އެ ޕާޓީއާ ގުޅެން ތިބީ ކިހާ މީހުންނެއްތޯ ސުވާލުކޮށްލަން ޖެހެ އެވެ. އެއީ ރާއްޖޭގައި އޮތީ ސިޔާސީ މައިގަނޑު ދެ ފިކުރު ކަމަށް ވާތީ އެވެ. އެއީ މައުމޫންގެ ފިކުރާއި ކުރީގެ ރައީސް ނަޝީދުގެ އެމްޑީޕީ ފިކުރެވެ.

"މައުމޫން އަތުން ޕާޓީ އަތުލަން ބޭނުމިއްޔާ ޔާމީނަށް އެކަން ކުރެއްވިދާނެ. ޔާމީން ނަންގަވާނީ ވަރަށް ވަރުގަދަ ޑިސިޝަންތަކެއް. އެ ޑިސިޝަންތަކާ އެކު ޕާޓީ އަތުލެވިދާނެ. އެކަމަކު ޕާޓީގެ މެމްބަރުންނެއް ޔާމީނަކަށް ނުހޯދޭނެ. ގާނޫނީ ގޮތުން ޕާޓީ އަތުލެވިދާނެޔޭ ޔާމީނަށް، އެކަމަކު ޕާޓީގެ މެމްބަރުންނެއް ޔާމީނަކަށް ނުގެންދެވޭނެޔޭ. އެއީ ކައުންސިލްގެ މެޖޯރިޓީ އޮތުމުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނެއް ފާސްކޮށްގެން ވެސް އެކަން ކޮށްފާނެ،" އަމީން ވިދާޅުވި އެވެ.

އެންމެ ގޯސް ހާލަތަކަށް ވާނީ، މައުމޫންގެ ތާއީދާ ނުލައި ރައީސް ޔާމީން ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތި ލެއްވުމެވެ. ވޭތުވެ ދިޔަ ދެ އިންތިހާބަށް ބަލާއިރު ވެސް، އަދި ރާއްޖޭގެ އާންމު ރައްޔިތުންގެ ސިޔާސީ ފިކުރު ބެހިފައިވާ ގޮތަށް ބަލާއިރު ވެސް، ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް ދުރު ކަމެކެވެ. އަދި އަމުދުން މައުމޫނާއި ގާސިމް އިބްރާހީމްގެ ތާއީދާ ނުލައި އިންތިހާބު ކާމިޔާބު ކުރުމަކީ މުސްތަހީލު ކަމެކޭ ވެސް ބުނެވިދާނެ އެވެ.

ދެ ވަނަ އެޕިސޯޑް ނިމުމަކަށް އަންނަ އިރު، ކުރިމަތިވާނީ ލޭގެ ގުޅުމެވެ. އެއީ ރައީސް ޔާމީނާއި މައުމޫންގެ އެއްބަފާކަމުގެ ގުޅުމެވެ. އެ ގުޅުމުގެ މެދަށް އެއްވެސް ކަމެއް ހުރަސްވާކަށް އޭގެ ތެރެއިން އެއްވެސް ބޭފުޅަކު ބޭނުންފުޅެއް ނުވާނެ އެވެ. ހަމަ ގައިމު ވެސް، ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އެއްކޮޅަށް އަރައި ރައީސް ޔާމީން ބަލިކޮށް ވެރިކަމުން ބޭރުކޮށްލާ ތަން ބަލަން ހުންނަވަން މައުމޫންގެ ލަގޮނޑި އަށް ކެތް ކުރެއްވޭނެ ބާވަ އެވެ؟

"ސިޔާސީ ކަންކަމުގައި އެންމެ ބޮޑު ކާމިޔާބަކީ އާއިލީ ގުޅުން. އެ ގުޅުން ބޮޑުވުން ފުޅާވުން. އާއިލާގެ ސަޕޯޓް ނުލިބި ސިޔާސީ ކަންތައްތަކުގައި ކާމިޔާބެއް ވަރަށް ނުލިބޭނެ. އެހެންވީމާ ޔާމީން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެ ހަމަ އެންމެ ފަހު މިނެޓަށް ވެސް މައުމޫންގެ އޮންބޯޑް ކުރައްވަން. އެހެންވީމާ ޔާމީންގެ ކޮޅަށް މައުމޫން ގެނައުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް،" އަމީން ވިދާޅުވި އެވެ.

"އެހެން ހުރިހާ ކަމަކަށް ވުރެ ވެސް އެކަށީގެންވާ ކަމެއް މައުމޫން، ޔާމީނަށް ތާއީދު ކުރެއްވުމަކީ. އެއީ ނުވާނެ ކަމެއް ނޫން. ކިތަންމެ ވަރަކަށް މިއަދު މި ހަނގުރާމަ ކުރިއަށް ދިޔަސް ހަމަ އެންމެ ފަހު މިނެޓްގައި ޔާމީނަށް މައުމޫން އެ ތާއީދު ނުދެއްވާނެ ކަމަކަށް ބަލައިގެން ނުވާނެ. ދެއްވުން ކައިރީ ވެސް، އެހެން މީހަކަށް މައުމޫން ތާއީދު ކުރެއްވުމަށް ވުރެ."

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި މައުމޫނާއި ބައެއް މެމްބަރުން.

މިހާރުގެ ހޫނުގަނޑު ޕީޕީއެމްގެ ފުރާޅު ދަށުން ހިހޫ ނުކުރެވި، މައުމޫނަށް ޔާމީނާ ގާތް ނުވެވޭ ދަރަޖަ އަށް ކަންތައް ހިނގައްޖެ ހާލަތެއްގައި ނޫނީ، ޔާމީން ވެރިކަމަށް ކުރިމަތިލައްވާ ހާލަތެއްގައި އެހެން މީހަކަށް މައުމޫން ތާއީދުކުރެއްވުމަކީ ނާދިރު ކަމެއް ކަމަށް އަމީން ގަބޫލު ކުރައްވަ އެވެ.

"އެ ހިސާބަށް ގޮސްގެން މައުމޫންގެ ތާއީދު އަނބުރާ ގެންނަވައިފާނެ. އެކަމަކީ އެއީ ވަރަށް ނާދިރު ކަމެއް. އެކަމަކު އެއީ ނުވާނެ ކަމެއް ވެސް ނޫން. ސިޔާސީ މައިދާނުގައި ނުވާނެ ކަމެއް ނުހުންނާނެ. އެކަމަކު މައުމޫންގެ ސަޕޯޓާ ނުލައި ޔާމީން އިންތިހާބެއް ކާމިޔާބު ކުރައްވަން ނުވިސްނަވާ، ނުވާނެ އެކަމެއް،" އަމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދެ ވަނަ ދައުރަކަށް ތާއީދު ނުކުރައްވާނެ ކަމަކަށް، މައުމޫން މިހާތަނަށް ވެސް ވިދާޅެއް ނުވެ އެވެ. ޚިޔާލު ތަފާތުވާ ހަމައެކަނި ހިސާބަކީ، ޕްރައިމަރީއަކާ ނުލައި އިންތިހާބީ ޓިކެޓް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތުމެވެ.

ޕާޓީގެ އުސޫލު އޮންނަ ގޮތުން ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާ ހާލަތުގައި، އެ މަގާމަށް ޕާޓީގެ ތެރެއިން ވާދަ ކުރާނެ އިތުރު މީހަކު ނެތިއްޔާ އެ މީހަކަށް ޓިކެޓް ލިބޭނެ އެވެ. ނަމަވެސް އިތުރު މީހަކު ރިއާސީ ޓިކެޓަށް ވާދަ ކުރަން ބޭނުންވާ ނަމަ، އެ ކަމާ މެދު ގޮތެއް ނިންމެން އޮތީ ޕާޓީގެ ކޮންގްރެސް އިންނެވެ.

"ކޮންގްރެސް ބާއްވާ އިރު، ރަށްރަށުން މަންދޫބުންގެ ގޮތުގައި މުޅިންހެން އަންނާނީ ރައީސް ޔާމީން ފަޅީގެ ބޭފުޅުން. އެއީ ރަށްރަށުގައި މިހާރު ސަރުކާރުގެ މަގާމުތަކާއި ޕާޓީގެ އިސް މަގާމުތަކުގައި ގިނަ އިން ތިބޭނީ ޔާމީން ފެކްޝަންގެ މީހުން. ފަސްޓް ލޭޑީ އެ ގެންދަވަނީ ވަރަށް މޮޅަށް އެބައި ބަލަހައްޓަވަމުން. މެޑަމް ފާތުންގެ ގުޅުން ވަރަށް ބޮޑުވާނެ ރަށްރަށުގެ އިސް މީހުންނާ،" ރައީސް މައުމޫނާ އެކު ޑީއާރްޕީގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

"އެ ގޮތަށް ބަލާއިރު، ކޮންގްރެސްގެ ވެސް މެޖޯރިޓީ އޮންނާނެ ކަމަށް ބެލެވެނީ، ޔާމީންގެ ފެކްޝަނަށް. އެހެންވީމާ، ކޮންގްރެސްއާ ހަމައަށް ހިނގައްޖެއްޔާ، ޕްރައިމަރީއަކާ ނުލައި ޔާމީނަށް ޓިކެޓް ލިބިދާނެ."

މައުމޫން ގެންގުޅުއްވާ ހަމަތަކާއި ޑިޕްލޮމެޓިކް އުސޫލުތަކަށް ބަލާއިރު، ޕާޓީގެ ކޮންގްރެސް އިން ރައީސް ޔާމީނަށް ޓިކެޓް ދޭން ފާސްކޮށްފި ނަމަ، އެކަމާ ދެކޮޅު ހައްދަވައި ޔާމީނާ ދެކޮޅަށް ތެދުވެވަޑައިގެންފާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ކިތަންމެ ނުފޫޒަކާ ހުރެ ވިޔަސް، ކޮންގްރެސް އިން ވަކި ގޮތަކަށް ނިންމައިފި ނަމަ، އެ ގޮތަކަށް މައުމޫން ތާއީދު ކުރައްވާނެ ކަމަށް ބައެއް މީހުން މިހާރު ވެސް ގަބޫލުކުރެ އެވެ.

އެހެންވެއްޖެ ނަމަ ދެން ފެންނާނީ ދެ ބޭފުޅުންގެ ލޭގެ ގުޅުމަކީ ކާލާ މަންނަ އަށް ވުރެ ވެސް ވަރުގަދަ އެއްޗެއްގެ ގޮތުގަ އެވެ.

36 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 8%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިކޮލޮޖިސްޓް

21 July 2016

މައުމޫން ޔާމީނަށް ވެރިކަން ހޯދާދީފަ އެހެރީ ކުޑަކުއްޖަކަށް ލަވާ ކާންދޭ އުސޫލުން. ކުޑަކުދިންވެސް ކާ އެއްޗެހި މީރިއްޔާ ދިރުވާލާނެ. މާބޮޑު ކަމެއް ކުރާކަށް ނުޖެހުނީސް.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

21 July 2016

ކޮންމެއަކަސް މީ ވަރަށް ދެކެން ބޭނުންވި ދުވަހެކެވެ، އހ.

The name is already taken The name is available. Register?

ފަޅުވެރިން

21 July 2016

ރައީސް މައުމޫނުގެ ތާއީދުގެ ވާހަކަ މިހާރު ދެން މާދިގުކޮށް ދެކެވެނީ. ނަމަވެސް އެތާއީދު އެއްވެސް މީހަކަށް މިންކުރެވިދާނެބާ؟ އެއީ 100 ވޯޓުބާ، 1000 ވޯޓުބާ، 10000 ވޯޓުބާ، 20000 ވޯޓުބާ، 30000 ވޯޓުބާ، 50000 ވޯޓުބާ، ނޫނީ އެއްލައްކަ ވޯޓުބާ؟ މިކަން އެއްވެސް މީހަކަށް ކަނޑައެޅިދާނެބާ؟ ފަރުދީ ކަންމިނަކުން، އަދި ޢަމްދުން ޤައުމީ ކަންމިނަކުން ބަލާއިރު، ރައީސް ޔާމީނަށް ތާއީދުކުރެއްވުމަކީ ރައީސް މައުމޫނުގެ މައްޗަށް ލާޒިމް ކަމެއް. ޤައުމެއްގައި ވިއްޔާ ޒިންމާދާރު، ހެޔޮރަނގަޅު ވެރިއަކު ހުންނަންޖެހޭ. ހެޔޮރަނގަޅު ވެރިއަކު އިންތިޚާބު ކުރުމުގައި ކޮންމެ ރައްޔިތެއްގެވެސް ޒިންމާ އެބައޮތް. އަދި ޢަމްދުން ރައީސް މައުމޫން ފަދަ ބޭފުޅުންގެ ޒިންމާ މާބޮޑުވާނެ. ސަރުކާރުން ތިންލައްކަ ރުފިޔާގެ ޢިނާޔަތް އެމަނިކުފާނަށް އަރުވާ. މީގެ އިތުރަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ އަރުވާ. އަދި އެމަނިކުފާނާއި އަނބިކަނބަލުންނަށް ބޭނުންފުޅު ފެންވަރެއްގައި ބޭސްކޮޅު ކުރެއްވުމުގެ ފުރުޞަތު އޮވޭ. މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ލިބިވަޑައިގަތް މުސާރަފުޅާއި ޢަދަދު ނުކުރެވޭހާ ގިނަގުނަ ޢިނާޔަތްތަކުގެ އިތުރަށް. އެމަނިކުފާނުގެ ބޭފުޅުން ދުނިޔޭގެ ތަނަކުން ލިބެންއޮތް އެންމެ މަތީ ފެންވަރުގެ ތަޢުލީމް ޙާޞިލު ކުރައްވާފައިވަނީ ދިވެހި ދައުލަތުގެ ޚަރަދުގައި. އެހެންވީމާ ރައީސް މައުމޫންގެ ޒިންމާތައް ވަރަށް ބޮޑު. މިހާރުދެން ޢުމަރު ނަޞީރުގެ ދަލުގައި ޖެހިވަޑައިގެން ރައީސް މައުމޫން އެއުޅުއްވާ ގޮތްކޮޅުން މަތީ ފެންވަރުގެ ޢިލްމާއި، ތަޖުރިބާގެ މާނައަކީ ކޮބައިބާވައޭ ހިތަށްއަރާ؟ ސަހަރޯ މިއޮތްވާ ޤައުމެއް!! ހަމަ ކޮންމެ ސިޔާސީ މީހަކު އަމިއްލަ އެދުމާއިގެން ތެޅި މަރުވަނީ!! ވެރިކަން ކުރުން ނޫން އެހެން އެއްޗެއް އެމީހުންގެ ކުރިމައްޗަކު ނެތް!!

The name is already taken The name is available. Register?

ސެލްފީޑާންސް

21 July 2016

ސެލްފީއެކެވެ. ޕީޕީއެމްގެ ރައީސް މައުމޫނު އާއި އަދި ރައީސް ޔާމީން ސަލާމް ކުރައްވަނީ ހިނިތުން ވުމާއި އެކު އުފަލާއި ހިތް ހަމަޖެހިގެންނެވެ. ޕީޕީއެމް އަށް 2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުން ދެ ރައީސުން ވެސް ސަލާމް ކޮށް ފައި އެކަކު އަނެކަކަށް ގްރީޓް ކުރައްވަނީ އެވެ. ހެދުނާ ތެދުވި ތަނުން މިހާރު ނިއުސް އިން މި ސެލްފީ ފެނުމުން ބްލޫ ސްކައި ފެންނާން ފަށައިފިއެވެ. ހެދުނާއް ގޭތެރެ ކުނި ކަހާ ނިންމާ ނުވަ ގަޑި ސައި ހެދުމަށް ފަހު ޕީޕީއެމް ހުރިހާ ކުދިން ވެސް ތިއްތި ވެގެން އަންނަންވީ ސެލްފީ އާއި އެކު މައިކަލް ޑާންސް ކޮށްލާ ތަން ބަލާލަން ކޮޑަކް ތިއޭޓަރަށް. ފެނިގެން މިދަނީ ޕީޕީއެމް ބޯއިސްް އެން ގާރލްސް އަށެކާއި ޖެހި އަށެއް އަޅާ ފަރި ގޮތަކަށް ހިނގަމުން އައިސް ސެލްފީ އާއި އެކު މައިކަލް ލަވަކިޔާލާ ޑާންސް ކޮށްލާ ތަން ބަލަން ކެތް މަދުވެފައި މަޑުކޮށްގެން ތިބި ތަނެވެ.. ޕީޕީއެމް ގެ ހުރިހާ ރަންކަމަނާ ތައް އަވަހަށް އައިސް ސްޓޭޖް ކުރިމަތީގެ ފުރަތަމަ ރޯގައި މަޑުކޮށްލަނީ އެވެ. ރަންކަމަނާ މަޑުކޮށްލާ، މަޑުކޮށްލާ، މަބުނީ މަޑުކޮށްލާށޭ، މަޑުކޮށްލާށޭ، ޔޭއް، ޔޭއް، ޔޭއް، އަތްޖަހާލާ، ނަށާލާ، ނަށާލާ، ނަށާލާ، މޫވް ޔުއަރ ފީޓް ލައިކް މައިކަލް... ޑާންސް ޑާންސް ކީޕް ޑާންސިންގް..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

21 July 2016

ޑާންސް ކުރަމުންގޮސް ތިޖޫރިއަށް ފުއްމާލާތީ ރައްޔިތުން މިތިބީ ރަތަށް އަރާފަ.

The name is already taken The name is available. Register?

ހަސަނު

21 July 2016

ޕީޕީއެމް އެނދިޔަދީ.. އޭގެން ގައުމަށް ފައިދާއެއް އޮތީ...

The name is already taken The name is available. Register?

މިޔާނޯ

21 July 2016

ހުރިހާ ދެބަސްވުމެއް ފެއްޓިގެން މިއަންނަނީ މައުމޫނާ ހަމައިން. ޑީއާރުޕީ ޒަމާނުގައިވެސް މިހާރު ޕީޕީއެމް އިންވެސް. އާ ލީޑާރޝިޕް އަކާ ހަވާލުވުމަކީ މައުމޫނު ހިންއެދޭހުރިހާ ގޮތެއް ހެދުމެއް ނޫން. މައުމޫން ދޭ ލަފަޔަކީ ކަންކަން ކުރަންވީ ގޮތުގެ ފަހު ނިންމުމަކަށް ވާކަށް ނުޖެހޭނެ. ޑީއާރުޕީގައިވެސް އަދި މިހާރު ޕީޕީއެމް އިންވެސް މައުމޫންއަށް ވަނީ މަތިވެރި ޝަރަފާ އިޒަތްތުގައި ހުންނެވުމުގެ ފުރުސަތު ދީފައި. ނަމަވެސް ހިއްޕުޅާ ހަމަނުވަނީ އެދޭ ހުރިހާ ގޮތަކަށް ކަންކަން ނުދިއުމުން. މިފަދައިން ކަންކަން ހިނގަމުން ދާތީވެ މައުމޫން އަށް އޮތް ސަޕޯޓު މިހާރު ކޮބައިތޯ؟ 2008 %40 2013 %25 . ރާއްޖޭގައި އޮތީ ދެފިކުރޭ ބުނެވޭނެ ޖާގައެއް މިހާރަކު ނެތް. ރަގަޅު ގޮތަކީ އެމްޑީޕީގެ ފިކުރާ އެފިކުރާ އިދިކޮޅު އެހެން ފިކުރުތަކެއް އަދިހުރުން. ވެރިކަން މިލިބެނީ އެމްޑީޕީ އާއި އިދިކޮޅު ހުރިހާ ފިކުރުތަކެއް ގުޅުމުން. 2013 ގާސިމް އަށް ލިބުނު %24 އަކީ އެމްޑީޕީ އާއި ޕީޕީއެމްއާ ދެކޮޅަށް ނިކުތް ނަތީޖާ. އެހެންވުމުން ޕީޕީއެމް އިން ހަމައެކަނި މައުމޫނު ކާޑު ހިފައިން ނިކުތުން އެއީ ބުއްދިވެރި ގޮތަކަށް ނުވާނެ.

The name is already taken The name is available. Register?

ޗެޓް

21 July 2016

ޕީޕީއެމްގެ އަދަމުން ދާ އެޕިސޯޑް ދޭއް ނިއްވާލެވޭނެ ޕީޕީއެމް ގެ ރައީސް އާއި އަދި ރާއްޖޭގެ ރައީސް މިދެބޭފުޅުން ވެސް އެކުވެރި ވާން ވިސްނުމުން. މާ ބޮޑަށް 2018 އާއި މެދު ވިސްނަން ފަށައިފިނަމަ 2018 ސިކް ވެސް ވެދާނެއެވެ. އެކަން ވެސް މިވަގުތަށް މަޑުޖައްސަންވީ އަދި ޕްރައިމަރީގެ ވާހަކަ ވެސް ނުދައްކަންވީ ސަރުކާރުން އިސްވެ އޮވެ. އެކުވެރިކަން ފުރަތަމަ ނެރެ ރަނގަޅަށް އެންމެން އެކުވެރި ވުމުން އެނބުރި ބަލާލާއިރު މިދެންނެވުނު ހުރިހާ ކަމެއް ހުންނާނީ ސަރުކާރުން ބޭނުންވި މިންވަރަށް ވުރެން ފުރިހަމަ އަށް ކުރެވިފައެވެ. އިޓްސް ބިއުޓިފުލް ޓު ޓޯކް.. ހޭވް އަ ޗެޓް ރާދަރ ދޭން އަ ބައިޓް...

The name is already taken The name is available. Register?

ތުއްތޮންބެ

21 July 2016

"ތަދުބީރުގެ ކުރިމަތީ ތަގުދީރު ހީލަ ހީލަ ހުރެޔޭ" ބުނާތަން މި ފެންނަނީ. މަޖިލިސްގެ މެޖޯރިޓީ އާ ފުލުހުންނާ ސިފައިންނާ ފަނޑިޔާރުން "އެއް ކޮޅެއްގަ" ތިއްބަސް "ނިމުމުގެ ރަނގަބީލު" ޖެހުމުން ދެކަންފަތުގަ އަތްއަޅައިގެން ތިބުންނޫން އެއްކަމެއްވެސް ނުކުރެވޭނެ. މިއީ ދުނިޔެ ދައްކާފަވާ އަދި ދައްކަމުންދާ ހަގީގަތް.

The name is already taken The name is available. Register?

އަލީ

21 July 2016

އެޕިސޯޑުގެ ކުރިޔައްއޮތްބައި ފެންނަނީ ވަރައް އަދިރިކޮއް. ޔާމީނުގެ އަމަލުތަކުން ފެންނަނީ ޔާމީނައް މައުމޫނުގެ ތާއީދުކޮންމެހެން ހޯދަންބޭނުންނުވާކަން. ޔަގީންކަމަކީ މައުމޫނުގެ ތާއީދާނުލާ ޔާމީނައް ރައްޔިތުންގެ އިންސާފުވެރި ވޯޓަކުން ވެރިކަން ނުލިބޭނެކަން އެހެންވިޔަސް ޔާމީނު މިހާރުވެސްހުރީ 2018އައް ކުރިމަތިލައިގެން. ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލްއޮތީ ޔާމީންގެ އަތުގަ، ރައްޔިތުންގެ ތާއީދުނެތިދެން ވެރިކަންހޯދުމައް ކުރާނެކަންތައްތަކަކީ މުޅިގައުމަށާ ރައްޔިތުންނައްވެސް ބިރުވެރި ކަންތައްތަކަކައްވާނެކަމައް ބެލެވޭ.

The name is already taken The name is available. Register?

ޥަލިޔުލްވގ

21 July 2016

މަޢުމޫނަށް ޖެހި ވަޑައިގަންނަވާނީ ލުއިދޭން އެހެންނޫނީ މުސްކުޅިވީ ދުވަހު ތީމްގެ ރިޕޯޓްގައިވާ ކަންތަކާވިދިގެން ޖަލަށް ދާން ޖެހިލައްވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454