ޔާމީންގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް އެދި އެ އާއިލާ ބައެއް މެމްބަރުންނާއި ރަހުމަތްތެރިން ޕީޖީ ބިޝާމްއާ ބައްދަލުކުރެއްވުމަށް އެ އޮފީސް ކައިރީގައި މަޑުކޮށްލައިގެން.-
19 އެޕްރީލް 2018 - 18:44
ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ އާއިލާއިން މުއައްސަސާތަކުގައި މިއަދު އެދިއްޖެ އެވެ.
އެޕްރީލް، 23، 2017 ގައި ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، މިހާތަނަށް ހުރިހާ އަޑުއެހުމެއް ވެސް ބޭއްވީ ސިއްރުކޮށްގެންނެވެ.
ޔާމީންގެ އާއިލާގެ އިތުރުން އިންސާނީ ހައްގުތަކުގައި މަސައްކަތްކުރަމުން އަންނަ ބައެއް ޖަމިއްޔާތަކުގެ އިސްބޭފުޅުން މިއަދު ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް، އާއިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ބައްދަލުކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. އެ ދެ ބޭފުޅުންނާ މިއަދު ބައްދަލު ނުކުރެވުނު ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ޕީޖީއާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ޔާމީންގެ ޝަރީއަތް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ގޮވާލަމުން އަންނަ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ތޮލާލް ވިދާޅުވީ، ޔާމީންގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް އެދި އާއިލާއިންނާއި ރަހުމަތްތެރިން ފޮނުވި ސިޓީ ވެސް ފުލުހުން ބަލައި ނުގަތް ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކާކުގެ ހައްގެއް ހިމާޔަތް ކޮށްދިނުމަށްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާއިލާއިން ހުށަހެޅި ޕެޓިޝަނާއި ސިޓީތައް ބަލައެއް ނުގަތް. އަނެއްކާ ކޯޓަށް ފޮނުވައި މައްސަލައިގެ އަޑުއެހުންތައް ވެސް މި ވަނީ ސިއްރުކޮށްފައި. އާއިލާއަށް ވާނުވާއެއް ނޭނގޭ. ކާކުގެ ހައްގެއް ހިމާޔަތްކޮށްދޭންތޯ ޝަރީއަތް ސިއްރުކޮށްގެން މި ކުރިއަށްގެންދަނީ،" ތޮލާލް ވިދާޅުވި އެވެ.
ޔާމީންގެ އާއިލާ އަދި ރައްޓެހިން، އޭނާގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދާތީ، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން އެޗްއާރުސީއެމްގައި.-- ފޮޓޯ:
ޔާމީންގެ ޝަރީއަތާ ގުޅިގެން، އާއިލާ އާއި ރައްޓެހިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް އާމިނަތު އީނާސްއާ ވެސް ބައްދަލުކޮށްފަ އެވެ. އެ މައްސަލައިގައި އެ ކޮމިޝަނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެ ކަންކަމާ މަޝްވަރާކުރަން އަންނަ އާދިއްތަ ދުވަހު އެޕޮއިންޓްމަންޓް ހަމަޖައްސާފައިވާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ސިއްރު ކުރަން އެދޭނީ ބައެއް އަޑުއެހުންތައް ކަމަށާއި މުޅި ޝަރީއަތް ސިއްރު ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ކުރިން ބުނެފަ އެވެ. އެ އޮފީހުން އޭރު ބުނީ އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ސިއްރު ކުރަން އެދުނީ މައްސަލައިގެ ބާވަތުންނެވެ. ނަމަވެސް މުޅި ޝަރީއަތް ސިއްރު ކުރަން ނޭދޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
20 April 2018
ދައުލަތުގެ ޤާނޫނުއަސާސީ ކޮށާކުދިކުދިކޮށް އަނިޔާވެރިކަން ހައްދުންބޭރުވެއްޖެ. . . އެއްބަޔަކުތެޅިފޮޅެނީ ފަޅުތަކާއިރަށްތަކާއި ބިންތައް އަމިއްލަކުރެވޭތޯ. . . ލިބުނުކޮންމެގޮތަކުންވިޔަސް އަނބިދަރިން ބޯހިޔާވަހިކުރާނެފްލެޓްގަޑެއް “ދަމައިގަންނާން” ބުނިކޮންމެ ކަމަކާއިރުހި ޤަބޫލުމީހުންގެ އަދަދުވެސްގިނަ. . . .ފާޅުގައި “ހަލާލެއް ހަރާމެއް ބެލުމެއްނެތި” ފައިސާ ކައިބޮއިހަދާނެކަމަށްބުނެ އަދި ދައުލަތްހިންގާންތިބިމީހުން ރައްޔިތުންގެފައިސާގައި ޖެހުންއާންމުކޮށްފި. . . ޝަރުއީކޯޓްތަކުން ހުކުމްކުރަނީ ކިހިނެއްކަންއިގޭއިރު “އަދުލުވެރި ހުކުމެއްކޮށްފިނަމަ” ފަނޑިޔާރުތޭރިތަކުގެ ފަހަތުގައި އެބަބަހައްޓާ. މިފަދަ ޤާތިލުންގެމައްސަލަ ތަކުގައިވެސް ކަންކުރަނީހަމަ މިގޮތަށް. . . އެކަމަކުވެސް “ދީނާއި ޤައުމަށްޓަކައި” ކަމަށްބުނެ ވާހަކަދައްކާ ޙައްޤުގެވާހަކަ މީހަކުދައްކައިފިނަމަ “ވަގުތުން އެމީހަކު ލާދީނީ” ވެދޭ. މިކަންކަމަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހޯދައި ތިމާގެ އީމާންތެރިކަން ﷲ އަށްޓަކައި ހާމަކުރަން ޖެހިލުންވާ މީހާ ދީނޭ ނުކިޔާ.
ޢަބްދުﷲނާފިޒް
19 April 2018
"މައްސަލައިގެ ބައެއް އަޑުއެހުންތައް ސިއްރު ކުރަން އެދުނީ މައްސަލައިގެ ބާވަތުންނެވެ". ޔާމީނު ރަޝީދުއަކީ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ފުރަތަމަ މީހާބާ! އަދި މިއީ ކޯޓުގަ ހިނގާ އެފަދަ ފުރަތަމަ މައްސަލަބާ! ނޫނީ މިމައްސަލައިގެ ޝަރީޢަތް ސިއްރު ނުކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވަނީބާ! މީ މަޖާކަމެއް..
ޖިންނިބޭ
19 April 2018
ތި ފޮޓޯގަ ތިބީ ކޮން ބައެއްކަން އަހަރުމެންނަށް އެބަ އެނގޭ
އިންސި
20 April 2018
ތިޔަދިނީ އިންޒާރެއްތަ އެމީހިންނަށް. އިންޒާރު ދިނަސް އިންސާފު ހޯދަން ކުރާ މަސައްކަތެއް ނުހުއްޓޫނެ. އަދި ތިހެން ފިލާތިބެ އިންޒާރުދޭ މީހުންވެސް ހޯދާނަން!
ގޮޅާ
19 April 2018
ޔާމީންގެ ރައްޓެހިންގެ ގޮތުގައި މުޅިންވެސް ތިފެންނަނީ އެއްކަހަލަ ބައެއް. މީ އިއްތިފާގެެއްބާ! ވަރަށްވާހަކަ...
ކެވެލި
19 April 2018
އެއްވެސް ވާހަކައެއްނޫން ތިޔަކީ! މީހެއްގެ ފުރާނަ ނުހައްގުން ދުއާވާލައިގެންވިއްޔަ މިއުލެނީ! އެހެންބަޔަކަށް އުޅެންނުކެރެންޏާ، ދެންއުލޭނީ ތިޔަބުނާޒާތުގެ އެއްކަހަލަ ބައެއްނޫންތަ؟ އެއްޗެކޭ ކިޔޭތޯ ބަލާތި!
ސައްޔިދު
20 April 2018
ވަރަށް ވާހަކައިގެ ގޮތުގައި ތިބުނެވުނީ ޔާމީން ރަޝީދަށް އިންސާފު ހޯދައިދެވޭތޯ މަސައްކަތްކުރަނީ ހިތްވަރުގަދަ ބަޔަކޭ.