ރައީސް ޔާމީން:
25 އެޕްރީލް 2018 - 12:30
މާލެ އަކީ ތޮއްޖެހިފައިވާ ތަނެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާ އެއްފަދަ އެތައް އިމާރާތެއް އަދި މާލެ އިން ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ތައްޔާރު ކޮށްފައިވާ "ރަށްވެހި ތަރައްގީ ފޮތް" އިފްތިތާހު ކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ "ކުރު މުއްދަތުގެ ތެރޭގައި ﷲގެ ރަހުމަތާ އެކު ހާދަ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ" އެ ފޮތް ހުޅުވާލުމުން ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން ބޭނުންވެފައިވާ ކަންކަމާއި ތަރައްގީގެ ގޮތުން ލިބުނު ކުރިއެރުންތަކުގެ ހެއްކަކަށް އެ ފޮތް ފުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އެކި މުއައްސަސާތަކުން މައުލޫމާތު ހޯދައިގެން، ތައްޔާރު ކޮށްފައިވާ ފޮތުގައި ސިއްހީ ދާއިރާ އާއި އިގްތިސާދީ ދާއިރާ އަދި އިޖުތިމާއީ ދާއިރާ އިން ރައްޔިތުންނަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ހެޔޮ ބަދަލުތަކުގެ މައުލޫމާތު ހިމަނާފައި ވެ އެވެ. ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާ އެކު ސިއްހީ ދާއިރާ އަށް އަންނާނެ އިންގިލާބީ ބަދަލުތަކާއި މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުން ރައްޔިތުންނަށް ލިބޭނެ ލުއި ފަސޭހަތަކާއި އިގުތިސާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައުލޫމާތު އޭގައި ވެ އެވެ.
އެއާއެކު، ބަނދަރު ހެދުމާއި ނަރުދަމާގެ މަޝްރޫއުތަކާއި ތައުލީމީ ދާއިރާ އިން އަންނަ ކުރިއެރުންތަކާއި އިގުތިސާދީ އެތައް މަޝްރޫއުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ފަސޭހަތަކަށް ވެސް އެ ފޮތުގައި ބަލާލާފައިވެ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރެއްގައި ތަސައްވަރެއް އޮވެ، ތަންފީޒު ކުރުމުގެ ގާބިލަކަން ވެސް އޮންނަން ޖެހޭނެ ކަން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުން ސާފުވާ ކަމަށެވެ. އެމަނިކުފާނު ހިންގަވާ ތަރައްގީގެ މަޝްރޫއުތަކުގެ މިސާލު ނެންގެވީ މާލެ އިންނެވެ.
"ރަށްވެހި ތަރައްގީ" ފޮތް ރައީސް ޔާމީން ނެރެދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ފުރިބާރުވެ، ތޮއްޖެހިފައިވާ ތަނެއް ކަމަށް ބުނަމުން، އެންމެން ވެސް ގަބޫލުކުރަނީ މާލެ އަކީ އުއްމީދެއް، ނެތް ދިރުމެއް ނެތް ތަނެއްގެ ގޮތުގަ އެވެ.
މާލޭގައި އިތުރުވަމުން އަންނަ އާބާދީއާ އެކު ތަހައްމަލްކުރަން ޖެހެނީ އިތުރުވަމުން އަންނަ ޓްރެފިކާއި ދުއްވާއެއްޗީގެ ނުރައްކާތެރި ދުން ކަމަށް އެތައް ބަޔަކު ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތަރައްގީއާ އެކު މިއަށް ހައްލުތަކެއް އަންނަން ޖެހޭ. އެހެންވެ ކުނިގޮނޑުގެ މައްސަލަ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ،" ރައީސް ވިދާޅުވި އެވެ.
"މާލެ އަކީ ފުރިބާރުވެފައި އޮތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރިން. މާލެ އަކީ އޭގެ ޒާތުގައި އުއްމީދެއް ދިރުމެއް ނެތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރިން. އެހެން ނަމަވެސް މާލެ އަށް ބަދަލުތައް އަންނަ އައުމަކީ ތަސައްވުރަކާ އެކުގައި އައުމުން އަޅުގަނޑުމެންނަށް ކުރަން މަޖުބޫރުވި ކަމެއް. މާލޭގެ ކުނިގަނޑު މިއަދު އެބައޮތްތޯ؟ މާލޭގައި ބިން ނެތިގެން މިއަދު އެބައުޅެންތޯ؟"
މާލެ އަކީ ބިން ފުރިފައިވާ ރަށެއް ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން އެކަނިތޯ 25 ބުރީގެ އިމާރާތް މާލޭގައި ހަދަން ޖެހެނީ؟ އަމިއްލަ ފަރާތްތަކަށް 25 ބުރީގެ އިމާރާތްތައް މިއަދު ވެސް ހެދޭނެ. އެ ވަރުގެ ފުޓްޕްރިންޓެއް ހިފައިގެން އައިސްފި ކަަމަށް ވަންޏާ މިއަދު ވެސް 25 ބުރީގެ އިމާރާތްތައް، އަމިއްލަ ފަރާތްތަކުން ހެދުމުގެ ހުއްދަ އެބައޮތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ހުޅުވާލި އެ ހުއްދައާ އެކު މާލޭގައި 25 ބުރީގެ އެތައް އިމާރާތްތަކެއް ހަދާ މަންޒަރު ފެންނާނެ ކަމަށެވެ. އެ އިމާރާތްތަކަށް ޖާގަ އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާލެ އަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށާއި މާލޭގައި ދިރިއުޅެން ޖެހެނީ ހަމައެކަނި މާލެ އަށް ނިސްބަތްވާ މީހުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖާގައިގެ ދަތިކަމަށް ހޯދުނު ހައްލާ އެކު، ޓްރެފިކް މައްސަލަ އަށް ވެސް ހައްލު ހޯދަން ޖެހެ އެވެ. އެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެއީވެސް ހައްލުކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
މާލޭގައި ދިރިއުޅޭ އާބާދީގެ 75 ޕަސެންޓް މީހުންނަކީ 35 އަހަރުން ދަށުގެ މީހުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށެވެ. ދުޅަހެޔޮ ސިއްހަތަކަށް އެ ކުދިންނަށް އެންމެ މުހިއްމީ ނަފުސާނީ ސިއްހަތު ސަލާމަތުން ހުރުމާއި މިނިވަންކަމާއި ރައްކާތެރިކަމާ އެކު އެ ކުދިންނަށް އުޅޭވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަކީ ވެސް މި ސަރުކާރުން ކުރާނެ ކަމެކެވެ.
އެ ނަޒަރިއްޔާ އިން ދުވަސްވީ މީހުންނަށް ވެސް ހިތްފަސޭހަކަމާއި އަރާމުކަމާ އެކު ދިރިއުޅެވޭނެ މަގު ތަނަވަސްވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ސަރުކާރުން ކޮށްދޭނެ ކަމެއް ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވެވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
"އެހެންވީމަ މިއަދު، މާލެ އަކީ ޖާގަ ފުރިފައި އޮތް ތަނެއް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. މި ތަރައްގީ މާލެ އަށް އަންނައިރު ހަމަ މިފަދަ ތަރައްގީ މާލެ ނޫން އެހެން ބޮޑެތި ސިޓީތަކަށް ވެސް އަންނަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
އެ ތަފްސީލުތައް އެމަނިކުފާނަށް ނުދެންނެވުނު ނަމަވެސް މިއަދު އިފްތިތާހް ކުރި ފޮތުން، އަތޮޅަކަށް ނުވަތަ ރަށަކަށް ތަރައްގީ އާއި ކުރިއެރުން އަދި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރު އެނގޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ފޮތަކީ، ސަރުކާރަށް ފާޑުވިދާޅުވާ އަދި ތަރައްގީގެ މަޝްރޫއުތައް ނުފެންނަ ސިޔާސީ ލީޑަރުން ވެސް ބައްލަވާލައްވަން ޖެހޭ ފޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
26 April 2018
މާލެއަށް ނިސްބަތް ނުވާ ނުވަތަ އަލަށް މާލެއަށް އަންނަ ގިނަ މީހުން އުޅެންޖެހޭނީ ހަމަގައިމުވެސް ބޮޑުކުލި ދައްކައިގެން އަނގަޔާ އަތާ ދިމާނުވެގެން. އެމީހުން އައުމުން އެންމެ ބޮޑަށް ފައިދާކުރަނީވެސް މާލެއަށް ނިސްބަތްވާ މީހުންނަށް. މާލޭ މީހުންނަށް އެލިބޭ މަންފާ ކުޑަވެދާނެތީ ކަންބޮޑުވާ މިންވަރު އެންމެފަހުން މާލެއިން ފްލެޓް ދޫކުރިގޮތަށް ވިސްނާލީމާ ޔަގީންވޭ. އެހެންވީމާ މާލެއަކީ ހަމަ މާލެއަށް ނިސްބަތްވާ މީހުންގެ ތަނެއް. އެހެން މީހުން އަންނަންޖެހެނީ ވެސް އެމީހުންގެ ފައިދާއަށް. އެހެންނޫނީ މާލެއާ އެއްފެންވަރަށް އަތޮޅުތަކުގައިވެސް މަދު ރަށްތަކެއްނަމަވެސް ތަރައްޤީކުރީސް.
މަޑޭ
26 April 2018
އުމަރުގެ ސުންބުލި ވިއްޔާ މިއީ.
ސިއްތިމާވާ
26 April 2018
ތިޔަތާތިބި 6 ކަ މީހުން އިރު ދައްކާފަ އެހުރީ ސާދަވިލޭރޭ ހަނދޭ ބުނީމަވެސް އަތްޖަހާނެ އެކަމް ދިވެހި ރާއްޖޭގެ އާބާދީގެ %90 މީހުން ދައްކަނީ ހަމަޖެހޭ ވާހަކަ ކަމަކަށް ޤަބޫލެއް ނުކުރޭ ނުވެސް ކުރެވޭނެތާ މިވަރުވީމަ
ގެދޮރު ނެތް މާލެ މީހާ
26 April 2018
މަންމަ ގެ ގޭގައި 315 އަކަފޫޓު. މަންމަގެ 4 ދަރިން މީހުނާ އިނދެގެން ކޮންމެ މީހެއްގެ އެބަތިބި 2 ދަރީން. ފުލެޓެއް ބިމެއް ނުލިބޭ. ކަލޭމެން މިތަނާ ހިފާ. މަ ދާނީ އަންހެނުން ރަށަށް.
ޝަނީފް
26 April 2018
ވަރަށް ރަނގަޅު ވާހަކައެއް ތިޔައީ. އަހަންނަށް ވެސް ޖެހިގެން މިއުޅެނީ ހަމަ ތިޔަ ހާލު. ތަފާތަކީ އަހަރެންގެ އަންހެނުންނަކީވެސް މާލެ އުފަން މީހަކަށްވެފަ އޭނަގެ އާއިލާގަ އެބަތިބި 13 މީހުން. ގޯއްޗަކީ 700 އަހަފޫޓުގެ ގޯއްޗެއް. ބަހާލެވޭނެ ގޮތެއްނެތް. އެއްކޮށް ހެދޭނެ ގޮތެއްނެތް. އަންހެނުން ގޮވައިގެން ދާނެ ރަށެއްވެސް ނެތް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
26 April 2018
ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއިން ވެރިކަން ލިބިވަޑައިގަތުމުން ޤާނޫނު އަސާސީ ކޮށާލާ އެފޮތުގައި ބުނެ އަމުރު ކޮށްފައިވާ ލާމަރުކަޒީ އުސޫލު ބޮލާލާ ޖެހުމަށްފަހު “ކުލީ އަޅުން އިތުރު ކުރާން” އިސްކަމްދިން މީހާ މިއަދު “މާލެ އަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށާއި މާލޭގައި ދިރިއުޅެން ޖެހެނީ ހަމައެކަނި މާލެ އަށް ނިސްބަތްވާ މީހުން ނޫން ކަމަށް” ބުނާއިރު އަމަލީގޮތުން އެކަން ދައްކަމުންދަނީ އެހެންތޯ؟ . . . ދައުލަތުގެ ހަޒާނާއިން ނުވަތަ ދައުލަތް ދަރަނިކޮށްފައި ނަގާ ލޯނުން އަޅާ “ފްލެޓްތަކުގެ ވަސްދުވާ ހިސާބަށްވެސް މާލޭ މީހަކަށް ނޫނީ ކާރިނުވެވޭ” ގޮތަށް ހަދާފައިވަނީ އެހެންވެތޯ؟ . . .. މަކަރުވެރި “ހިޔަޅު ވާހަކަ” ދައްކާނެ ކަމެއްނެތް. “އަހަރުމެންނަކީ މާލޭ އަދި މާލެ އަކީ އަހަރުމެންގެ ރަށެއްނޫން” ކުލީ އަޅުންގެ ގޮތުގައި އިތުރަކަށް ނުގެންގުޅެވޭނެ. . . . ލާމަރުކަޒީ އުސޫލުން ދައުލަތްހިންގުމަށް ދެކޮޅުހަދާނަމަ “އެހެންގޮތެއް” ހޯދައިގެންވިޔަސް ހިތްއެދޭ ހައްޤުމިންވަރު ހޯދަން ޤުރުބާންވެ އަންނާންއޮތް ޖީލު ސަލާމަތް ކުރާނަން.
ޑާޑާޑާޑާޑާ
25 April 2018
"ކުރު މުއްދަތުގެ ތެރޭގަ ރައްޔިތުންގެ ހާދަ ގިނަ ފައިސާއެއް................. ކުރެވިއްޖެއޭ" ދެއްތޮ
ކަސްބެ
25 April 2018
މާލެ ތޮއްޖެހިފައި ނެތްކަން އެނގޭނީ މަގުމައްޗަށް ނިކުތުމުން! ސައިކަލް ފާކްކޮށްލާނެ ޖާގައެއް ނުހުރޭ! ދުއްވާ އެއްޗެތިން މަގުމަތި ފުރިބާރުވެފައި! އަދިވެސް ތިޔައުޅެނީ އިތުރަށް ބާރުބޮޑުކުރަން! ތިޔައީ ފީކަޅާޕްލޭނެތް! ރާއްޖެތެރޭގެ ބޮޑެތި ރަށްރަށް ތަރައްގީ ކުރިއްޔާ މާރަނގަޅުވާނެ!
ބޯގޯސް
26 April 2018
ނުކުރާނެ. އޭރުން މާލެ މީހުންގެ ކިހިނެތް ބޮޑުއަގުގައި އެމީހުންގެ ބިލްޑިންގް ކުލިޔައް ދީފަ އަޗާތަޅާނީ.
ރުޅި
25 April 2018
އާއޭރުންތާ ރިއަލްއެސްޓޭޓް ހަބޭހަށް ޖެއްސޭނީ. އަދި ޕިޒާހަޓާ ބުލޫޖިންސް ފަދަ ވިޔަފާރި ފުޅާކުރެވޭނީ. ދޮގެެއް އެކަކުވެސް ނާންނާތި.
ޙުސެން
25 April 2018
ދެން އަތްޖަހާ...ހަހަހަ
ހުކުމް
25 April 2018
އަސްލްވެސް މާލެ ނެއިތޮއްޖެހިފައެއް އެވިދާޅުވީ ވ.ބޮޑުތެދުފުޅެއް ގެދޮރުގެ ގޮތުން ތޮއްޖެހުންކަމައްވާނީ ހިގާނޭމަގެއް ނެތި 1ގެއިން ޢަނެއްގެއައް ގޭގެ ތެރެއިން ހިގާބިގާ އުޅޭގޮތައް ހުރީމަ މިގޮތައް ހުރިއްޔާާ ޔާގީން 100% ގެރެންޓީ އެހެރީ މާލެ ތޮއްޖެހިބާރުވެފަަ!!!!!!